މި އެޕްރީމް މަހު 3 ވަނަ ދުވަހު އިޓަލީގެ މިލާންގައި ފެށޭ "ތަރޑް ފޯރަމް އޮން އެކަޑަމިކް ސިސްޓަމް"ގައި ތަޤްރީރު ކުރެއްވުމަށް ލިބިވަޑައިގެންފައިވާ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ހެނދުނު އިޓަލީއަށް ފުރާވަޑައިގެންފިއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި، އިޓަލީގެ މިލާނޯ-ބިކޯކާ ޔުނިވަރސިޓީއަށް ޒިޔާރަތް ކުރައްވާނެއެވެ.

މިދަތުރުފުޅުގައި ފުރާވަޑައިގެންނެވުމުގެ ކުރިން، ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކާ ބައްދަލުކުރައްވައި، ދެއްކެވި ވާހަކަފުޅުގައި، ޔޫރަޕިއަން އެކަޑަމިކް ސްޕޭސްއާ ބެހޭގޮތުން މިލާންގައި މި ބޭއްވޭ ފޯރަމްގައި އެމަނިކުފާނު ކުރެއްވުމަށް ހަމަޖެހިފައިވާ ތަޤްރީރުގައި، ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށާއި، ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރެއްވުމަށް ކުރެވެމުންދާ މަސައްކަތުގެ ތަޖުރިބާ ހިއްސާ ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި، ޑިމޮކްރަސީ އިތުރަށް ފުރިހަމަކުރުމުގައި، ޒަމާނީ ޑިމޮކްރަސީއާ ގުޅޭ ދާއިރާތަކުން މަތީ ތަޢުލީމް ފޯރުކޮށްދިނުމުގެ މުހިންމުކަންވެސް މި ތަޤްރީރުގައި ފާހަގަކުރައްވާނެ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. މީގެއިތުރުން، މިލާނޯ-ބިކޯކާ ޔުނިވަރސިޓީއަށް ޒިޔާރަތް ކުރެއްވުމުގައި، އެ ޔުނިވަރސިޓީން ރާއްޖޭގައި ޤާއިމްކޮށްފައިވާ އެ ޔުނިވަރސިޓީގެ އައުޓްޕޯސްޓް އިތުރަށް ފުރިހަމަކުރުމަށް ކުރައްވަންޖެހޭ ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

"ތަރޑް ފޯރަމް އޮން އެކަޑަމިކް ސިސްޓަމް"އަކީ، އިޓަލީގެ ގާޑީނީ ފައުންޑޭޝަނާއި، ޖަރުމަނުގެ ޖާރމަން އެސޯސިއޭޝަން އޮފް ޔުނިވަރސިޓީ ޕްރޮފެސަރޒް އެންޑް ލެކްޗަރަރަޒް ގުޅިގެން، "ޔޫރަޕިއަން އެކަޑަމިކް ސްޕޭސް: ވިޝަން، ފިކްޝަން އޯ ރިއާލިޓީ: އަ ޕްރޮވިޝަނަލް ބެލެންސް" މި ސިލްސިލާގެ ދަށުން ބާއްވާ ފޯރަމްތަކުގެ އެންމެ ފަހު ފޯރަމެވެ.