އޯޓިޒަމް ބަލީގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް، ރާއްޖޭގެ މީޑިއާތަކުން މުހިންމު މަސައްކަތްތަކެއް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އިލްތިމާސް ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސް ކުރެއްވީ، މިއަދު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި މާދަމާއަކީ، އޯޓިޒަމާ ބެހޭގޮތުން ހޭލުންތެރިކަން އުފެއްދުމަށް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ދުވަސްކަމަށްވާތީ، އެ ބަލީގެ ހޭލުންތެރިކަން އިތުރުކުރުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، މި ބަލި އިޙްސާސް ކުރަމުންދާ އަދި މި ބަލީގެ ސަބަބުން އޭގެ ހިތާމަތައް ތަޙައްމުލް ކުރަމުންދާ ވަރަށް ގިނަ ޢާއިލާތަކާ ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުން އެމަނިކުފާނާ ބައްދަލުވާ ކަމަށް ވިދާޅުވިއެވެ. އަދި މި ޢާއިލާތަކުގެ ހިތާމައިގައި، ވީހާވެސް ގިނަ ބަޔަކު މިއަދު ބައިވެރިވުމަކީ، އެމަނިކުފާނުގެ ވަރަށް ބޮޑު އެދިވަޑައިގަތުމެއް ކަމުގައި ވިދާޅުވިއެވެ.

އޯޓިޒަމްގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ އަދަދު ނިސްބަތުން މަދުކަމުގައިވިޔަސް، އެކުދިންނަށް އަޅާލުންދޭ މިންވަރަށް އެއްވެސް ބަދަލެއް އައިސްގެނެއް ނުވާނެ ކަމަށާއި، އެކުދިންނާ އަޅާލުމަކީ، އަޅުގަނޑުމެން ކޮންމެ މީހަކުމެ، އިންސާނިއްޔަތަށް ދޭ އަހަންމިއްޔަތުގެ ރަމްޒެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، އޯޓިޒަމަށް ޚާއްޞަ ކުރެވިގެން ހިންގާ އަމިއްލަ ޖަމްޢިއްޔާތައް އުފެދި އަދި ތަފާތު ނުކުޅެދުންތެރިކަމަށް އަޅާލުމަށް އުފައްދާފައިވާ އަމިއްލަ ޖަމްޢިއްޔާތަކުންނާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން، އޯޓިޒަމްގެ ޝިކާރައަކަށްވެފައިވާ އަޅުގަނޑުމެންގެ ޅަދަރީންނަށް އެހީތެރިވެދިނުމުގެ ތަފާތު މަސައްކަތްތައް ކުރަމުން ގެންދާކަން ފާހަގަކުރެއްވިއެވެ. މިގޮތުން، މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނާއި، އެސޯސިއޭޝަން ފޮރ ޑިސްއެބިލިޓީސް އެންޑް ޑިވެލޮޕްމެންޓް އަދި ކެއަރ ސޮސައިޓީގެ ނަން، ޚާއްޞަ ގޮތެއްގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އޯޓިޒަމްގެ އަސަރު ކުޑަކޮށް ނަމަވެސް ހުރި ކުދިންނާއި، އެކުދިންގެ މައިންބަފައިން ތަޙައްމުލް ކުރަމުންދާ ހިތާމައިގައި، ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން، މި ނުކުޅެދުންތެރިކަން ރެޔާއި ދުވާލު ތަޙައްމުލް ކުރަމުންދާ އެންމެންނަށް، އެމަނިކުފާނުގެ ހެޔޮ ދުޢާ ރައްދުކުރެއްވިއެވެ.

އޯޓިޒަމްއަކީ، އެ ބަލި ހުންނަ ކުއްޖެއްގެ އިޖުތިމާޢީ އަދި މުވާޞަލާތީ ނުކުޅެދުންތެރިކަމެކެވެ. އެ ބަލީގެ ސަބަބުން، ވާހަކަ ދެއްކުމަށާއި ތިމާގެ މާޙައުލާއި އެހެން މީހުންގެ އިޙްސާސްތައް ދެނެގަތުމަށް ނުކުޅެދުންތެރި ކުރުވައެވެ. ކުއްޖާއަށް ފެނި، އިވި، އިޙްސާސް ކުރެވުނު ކަމުގައި ވިޔަސް، އޭނާގެ ސިކުނޑިއަށް އޭނާއަށް ފެންނަ، އިވޭ އަދި އިޙްސާސް ކުރެވޭ ކަންތައްތައް ނަގައިގަންނަން އުނދަގޫވެއެވެ. އަދި އޭނާގެ ދިރިއުޅުމަށް މީގެ ނޭދެވޭ އަސަރުކުރެއެވެ.

މި ބައްޔަށް މިހާ ހިސާބަށް ހޯދިފައިވާ ޙައްލަކީ ނުވަތަ ފަރުވާއަކީ، ޠަބީޢީ ގޮތުން އާދައިގެ ކުއްޖަކު ދަސްކުރާ ކަންތައްތައް މިފަދަ ކުދިންނަށް ޚާއްޞަ ގޮތަކަށް އުނގަންނައިދީގެން އެކަންކަމަށް އަހުލުވެރިކުރުވުމެވެ. ޚާއްޞަ ގޮތެއްގައި ޅަފަތުގައި މިކަން ދެނެގަނެ ފަރުވާދޭން ފެށުމާއި، ދިރިއުޅޭ މާޙައުލާއި، ސްކޫލް އަދި ސްކޫލް ކަރިކިއުލަމް، މިފަދަ ނުކުޅެދުންތެރިންނާއި ރައްޓެހިގޮތަކަށް ބައްޓަންކުރުމުގެ މުހިންމުކަމުގެ މައްޗަށް ކަމާބެހޭ މާހިރުން ވަރަށް ބޮޑަށް ބާރު އަޅުއްވައެވެ.