بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 1 އޭޕްރިލް 2011 ވީ ހުކުރު ދުވަސް. ބޫޓާންގެ ބޮޑުވަޒީރު ރަސްމީ ދަތުރުފުޅެއްގައި އިއްޔެވަނީ ރާއްޖެ ވަޑައިގެންފައި. ދެ ޤައުމުގެ ރަސްމީ ވާހަކަތައް ރައީސް އޮފީހުގައި އިއްޔެވަނީ ބޭއްވިފައި. މި ދަތުރުފުޅުގެ އެންމެ މުހިންމު ބޭނުމަކީ، މިއަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާކް ސަމިޓާބެހޭގޮތުން މަޝްވަރާތައް ކުރެއްވުން. އިއްޔެގެ ވާހަކަތަކުގައި ސާކް ސަމިޓަށް ރާއްޖެއިން ވަމުންދާ ތައްޔާރީތަކާ ބެހޭގޮތުންނާއި އަދި މި ސަމިޓުގައި މައިގަނޑު ގޮތެއްގައި ވާހަކަދެކެވޭނެ ކަންތައްތަކާބެހޭގޮތުން މަޝްވަރާ ކުރެވުނު. އިރާދަކުރެއްވިއްޔާ މި ސަމިޓަކީ ވަރަށް ކާމިޔާބު ސަމިޓަކަށް ވެގެންދާނެ.

މިއަދު އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުން، މިލަދުންމަޑުލު އުތުރުބުރީގެ މަރުކަޒީ ރަށަކީ ފުނަދޫކަމަށާއި، މިލަދުންމަޑުލު އުތުރުބުރީ ކައުންސިލްގެ އިދާރާ ޤާއިމުވެފައި ހުންނަންޖެހޭ ތަނަކީ ފުނަދޫގައި ހުރި އަތޮޅު އޮފީސް ހިންގިތަންކަމަށް ކަނޑައަޅުއްވައިދެއްވުމަށް އެދި އެ ކައުންސިލުން ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި، އެ ކޯޓުން އިއްޔެ މިވަނީ ގޮތެއް ނިންމާފައި.

އެ ކޯޓުން މިވަނީ، ށ.އަތޮޅުގެ އިދާރީ ދާއިރާގެ މަރުކަޒީ ރަށަކީ ފުނަދޫކަމަށާއި، އެ އަތޮޅު ކައުންސިލްގެ އިދާރާއަކީ 7 އޯގަސްޓް 2008 ގައި ޤާނޫނުއަސާސީއަށް ޢަމަލުކުރަންފެށިއިރު ށ.ފުނަދޫގައި ހުރި އަތޮޅު އޮފީސް ކަމުގައި ބަލަމުންއައި ތަން ކަމަށް ކަނޑައަޅުއްވައި މައްސަލަ ނިންމަވާފައި.

މި މައްސަލައާ ގުޅިގެން ސަރުކާރުން ފާހަގަ ކޮށްފައިވާނެ، ލާމަރުކަޒީ ޤާނޫނުގައި އަތޮޅު ކައުންސިލްގެ އިދާރާ ކަނޑައެޅުމުގެ އެއްވެސް ބާރެއް ކައުންސިލަށް ލިބިދީފައި ނުވާކަން. އަދި އެޤާނޫނުގެ 127 ވަނަ މާއްދާގެ ދަށުން، ކައުންސިލްގެ އިދާރާ ކަނޑައެޅުމުގެ ބާރު މުޠުލަޤު ގޮތެއްގައި ލިބިދީފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށްކަން.

ރަށު ކައުންސިލްގެ އިދާރާ ބަހައްޓާނެ ތަނަކާއި، ނުވަތަ ރަށު ކައުންސިލް ބައްދަލުވާނީ ކޮންތަނެއްގައިތޯ، އަތޮޅު ކައުންސިލް ބައްދަލުވާނީ ކޮންތަނެއްގައިތޯ، އެ މައުޟޫޢުގައި ޝަރުޢީ ނިޒާމުގެ ތެރެއިން ފުނަދޫ ކޯޓުން ނިންމަވާފައިވާ ނިންމުން، ދައުލަތުގެ ބަންޑާރަ ނައިބުގެ އޮފީހުން މިހާރު ގެންދަވަނީ ދިރާސާ ކުރައްވަމުން. އަދި އެއަށްފަހު، އެ ނިންމެވި ނިންމުން އެއީ، ދައުލަތަށް ނުރަނގަޅު ނިންމުމެއް ކަމުގައިވަނީނަމަ އިސްތިއުނާފަށް ހުށަހެޅޭނެ. ހައިކޯޓަށްވެސް ހުށަހެޅޭނެ. އަދި ސްޕްރީމް ކޯޓަށްވެސް ހުށަހެޅޭނެ. މި އެންމެހާ ކޯޓުތަކުން ސަރުކާރުން ސާފުކުރަން، އޮޅުން ފިލުވާން މިބޭނުންވަނީ، ލާމަރުކަޒީ ޤާނޫނާއި، ޤާނޫނުއަސާސީގައ ލާމަރުކަޒީ އުޞޫލުން ރާއްޖޭގެ ރަށްތަކާއި، ސަރަޙައްދުތައް ހިންގުމުގައި ކަނޑައަޅާފައި މިއޮތް އުޞޫލުތައް، ކަނޑައަޅާފައި މިއޮތް މިންގަނޑުތައް ތަންފީޒުވެގެން ދާއިރުގައި އެކިއެކި ފަރާތްތަކުގެ ބާރު ވެރިކަން ހުންނަން ޖެހޭނީ ކޮންގޮތަކަށްތޯ އަޅުގަނޑުމެންނަށް އެނގުން. ޝަރީޢަތުން ނިންމަވާ ފަހުގެ ހުކުމަކީ މި ޤާނޫނަށްޓަކައި، މި ނިޒާމަށްޓަކައި، އަދި މިކަން ހިންގުމަށްޓަކައި، ވަރަށް ބޭނުންތެރިކަމެއް.

މީގެ އިތުރުން، އަޅުގަނޑު ހަމަ މިއަދު ފާހަގަކޮށްލަން ބޭނުން، މާލޭގައި މީހުން ދިރިއުޅުމަށް ޢިމާރާތް ކުރަން ފަށާފައި، ނުނިމިހުރި ޢިމާރާތްތައް ނިންމުމަށް އެހީތެރިވުމުގެ ގޮތުން، ސަރުކާރުން ގެރެންޓީއެއް ދިނުމަށް މިދިޔަ ހަފްތާގައި ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައި.

ސަރުކާރުން މިހާތަނަށް ބެލި ބެލުމުގައި މާލެއިން 2008 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ދިރިއުޅުމަށްޓަކައި، 1500 ގޯތީގައި ޢިމާރާތްކުރުމުގެ ހުއްދަ ސަރުކާރުނވަނީ އެކި ފަރާތްތަކަށް ދީފައި. މި ގެތައް ޢިމާރާތްކުރުމުގެ މަސައްކަތް ކުރިޔަށް ގޮސްފައިވާ މިންވަރު ބެލުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަމަންޓުން ކުރިއަށް އެބަ ގެންދަވާ. މި މަސައްކަތުން މިހާތަނަށް ފާހަގަވެފައި މިވަނީ، ހުއްދަ ދީފައިވާ 1500 ގޭގެ ތެރެއިން %47 ގޭގެ މަސައްކަތް އެއްގޮތަކަށްވެސް ނުފެށޭ ކަމަށް. އަދި %20 ގެއަކީ މަސައްކަތް ފަށައި، ކުރިއަށް ނުގެންދެވި ހުއްޓިފައިވާ ގޭގެ. މިހާތަނަށް ނިމިފައި މިވަނީ %33 ގޭގެ މަސައްކަތް.

މަސައްކަތް ފަށައި، ނަމަވެސް ޢިމާރާތްކޮށް ނުނިމިވާ %20 ޢިމާރާތުގެ މަސައްކަތް ހުއްޓިފައިވާ މައިގަނޑު ސަބަބެއް ކަމުގައިވަނީ، އެ ފަރާތްތަކަށް ޢިމާރާތް ފުރިހަމަ ކުރުމަށްޓަކައި ބޭނުންވާ ފައިސާ ނުލިބުން. ގެދޮރު ޢިމާރާތްކުރުމަށްޓަކައި ފައިސާ ލިބި، މި ހުރިހާ ގޭގެ މަސައްކަތް ނިމިއްޖެނަމަ، މާލޭގެ ގެދޮރުގެ ދަތިކަމަށް ވަރަށް ބޮޑު ޙައްލެއް ލިބިގެންދާނެކަމަށް ސަރުކާރަށް ފެނޭ.
އެހެންކަމުން، ސަރުކާރުން މިހާރު ނިންމާފައިވަނީ، ވަޒީރުންގެ މަޖިލީހުން ލަފާ އަރުވާފައިވާ ގޮތުގެ މަތިން، މާލޭގައި ގެދޮރުގެ ޢިމާރާތްކުރުމުގެ މަސައްކަތް ފަށާފައިވާ، ނަމަވެސް ފައިސާގެ ދަތިކަމުގެ ސަބަބުން ގެދޮރު ޢިމާރާތްނުކުރެވި ތިބި ފަރާތްތަކަށް، ސަރުކާރުގެ ގެރެންޓީއެއްގެ ދަށުން މިފަދަ ގެތަކުގެ މަސައްކަތް ނިންމުމަށްޓަކައި ލޯނު ލިބޭނެ މަގު ފަހިކޮށްދިނުން.

މިގޮތުން އެފަދަ ފަރާތްތަކަށް ފައިސާދޭނެ ނިޒާމެއް ކަނޑައަޅައި، މިކަން ކުރިޔަށްގެންދާނެ އުޞޫލުތައް އެކުލަވާލުމަށްޓަކައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާއި، ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންގެ ފަރާތުން ގެންދަވަނީ މަޝްވަރާ ކުރައްވަމުން. އަދި މި މަޝްވަރާގެ އަލީގައި ކުރިޔަށް އޮތް ހަފްތާގެ ތެރޭގައި މި އުޞޫލުތައް އެކުލަވާލައި ނިންމުމަށްފަހު، ގެދޮރު ޢިމާރާތްކޮށް ނުނިމި ހުރި ފަރާތްތަކަށް ލޯނުގެ އެހީ ފޯރުކޮށްދޭނެ ޕްރޮގްރާމް ހިންގާނެގޮތާއ ފައިސާ ދޫކުރާނެ އުޞޫލު އިޢުލާން ކުރެވޭނެ.

މާދަމާ، 2 އޭޕްރީލް ވާ ހޮނިހިރު ދުވަހަކީ، އޯޓިޒަމާ ބެހޭގޮތުން ހޭލުންތެރިކަން އުފެއްދުމަށް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ދުވަސް. އ.ދ. ގެ ޤަރާރަކުން މި ދުވަސް މި ގޮތަށް ފާހަގަކުރުމަށް ނިންމާފައިވަނީ، އޯޓިޒަމްއަކީ އޭގެ ޢަލާމާތްތައް ދެނެގަންނަން އުނދަގޫ ނުކުޅެދުންތެރި ކަމަކަށްވެފައި، އިންސާނުންގެ އުފެދުމުގައި ހުންނަ ނުވަތަ ޖެނެޓިކް އެކި ނުކުޅެދުންތެރިކަން ލުއިކޮށްދިނުމަށް މަސައްކަތް ކުރަމުންދާ މި ދުވަސްވަރު ވަރަށްބޮޑު އަހަންމިއްޔަތުކަމެއް ދޭން ޖެހިފައިވާ މުހިންމު ކަމެއް ކަމަށް ފާހަގަކުރެވިގެން.

އޯޓިޒަމްއަކީ، އެ ބަލި ހުންނަ ކުއްޖެއްގެ އިޖުތިމާޢީ އަދި މުވާޞަލާތީ ނުކުޅެދުންތެރިކަމެއް. އެ ބަލީގެ ސަބަބުން ވާހަކަ ދެއްކުމާއި ތިމާގެ މާޙައުލާއި އެހެން މީހުންގެ އިޙްސާސްތައް ދެނެގަތުމަށް ނުކުޅެދުންތެރި ކުރުވާ ބައްޔެއް. ކުއްޖާއަށް ފެނި، އިވި، އިޙްސާސް ކުރެވުނު ކަމުގައި ވިޔަސް، އޭނާގެ ސިކުނޑިއަށް އޭނާއަށް ފެންނަ، އިވޭ އަދި އިޙްސާސް ކުރެވޭ ކަންތައްތައް ނަގައިގަންނަން އުނދަގޫވޭ. ކުއްޖާއަށް ކަންތައްތައް ވިސްނުމުގައި އޭގެ ސަބަބުން ގިނަ ދަތިތައް ކުރިމަތިވޭ. އަދި އޭނާގެ ދިރިއުޅުމަށް މީގެ ނޭދެވޭ އަސަރުކުރޭ. އަދި އޭނާގެ އާއިލާވެސް އޭނާއާއެކު އެކަމުގެ ހިތާމައިގައި ދުވަސްތައް ހޭދަކުރަންޖެހޭ.

އަޅުގަނޑަށް މި ހިތާމަވެރި ބަލި އިޙްސާސް ކުރަމުންދާ އަދި މި ބަލީގެ ސަބަބުން އޭގެ ހިތާމަތައް ތަޙައްމުލް ކުރަމުންދާ ވަރަށް ގިނަ ޢާއިލާތަކާ ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުން ދިމާވޭ. އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް އެއީ، މިދުވަހު މި ދެންނެވި އާއިލާތަކުގެ ހިތާމައިގައި، އުނދަގުލުގައި އަޅުގަނޑުމެން ވީހާވެސް ގިނަ ބައެއް ބައިވެރިވެވޭތޯ މަސައްކަތް ކުރުމަކީ.

އޯޓިޒަމްގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ އަދަދު ނިސްބަތުން މަދުކަމުގައިވިޔަސް، އެކުދިންނަށް އަޅުގަނޑުމެން އަޅާލުންދޭ މިންވަރަށް އެއްވެސް ބަދަލެއް އައިސްގެނެއް ނުވާނެ. އެކުދިންނާމެދު ފަރުވާކުޑަކޮށްލެވިގެނެއްވެސް ނުވާނެ. އެކުދިންނާ އަޅާލުމަކީ، އަޅުގަނޑުމެން ކޮންމެ މީހަކުމެ އިންސާނިއްޔަތަށް ދެވޭ އަހަންމިއްޔަތުގެ ރަމްޒެއްވެސްމެ.

މިކަމަށް، މިހާ ހިސާބަށް ހޯދިފައިވާ ޙައްލަކީ ނުވަތަ ފަރުވާއަކީ ޠަބީޢީ ގޮތުން އާދައިގެ ކުއްޖަކު ދަސްކުރާ ކަންތައްތައް މިފަދަ ކުދިންނަށް ޚާއްޞަ ގޮތަކަށް އުނގަންނައިދީގެން އެކަންކަމަށް އަހުލުވެރިވުން. ޚާއްޞަ ގޮތެއްގައި ޅަފަތުގައި މިކަން ދެނެގަނެ ފަރުވާދޭން ފެށުމާއި، ދިރިއުޅޭ މާޙައުލާއި، ސްކޫލް އަދި ސްކޫލް ކަރިކިއުލަމް، މިފަދަ ނުކުޅެދުންތެރިންނާއި ރައްޓެހިގޮތަކަށް ބައްޓަންކުރުމުގެ މުހިންމުކަމުގެ މައްޗަށް ކަމާބެހޭ މާހިރުން ވަރަށް ބޮޑަށް ބާރު އަޅުއްވާ.

އޯޓިޒަމަށް ޚާއްޞަ ކުރެވިގެން ހިންގާ އަމިއްލަ ޖަމްޢިއްޔާތައް އުފެދި އަދި ތަފާތު ނުކުޅެދުންތެރިކަމަށް އަޅާލުމަށް އުފައްދަވާފައިވާ އަމިއްލަ ޖަމްޢިއްޔާތަކުންނާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން، އޯޓިޒަމްގެ ޝިކާރައަކަށްވެފައިވާ އަޅުގަނޑުމެންގެ ޅަދަރީންނަށް އެހީތެރިވެދިނުމުގެ ތަފާތު މަސައްކަތްތައް ކުރަމުން ގެންދާކަން އަޅުގަނޑު އުފަލާއެކު ފާހަގަކުރަން. މިގޮތުން، މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނާއި، އެސޯސިއޭޝަން ފޮރ ޑިސްއެބިލިޓީސް އެންޑް ޑިވެލޮޕްމެންޓް އަދި ކެއަރ ސޮސައިޓީގެ ނަން، އަޅުގަނޑު ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަން. އޯޓިޒަމްގެ އަސަރު ކުޑަކޮށް ނަމަވެސް ހުރި ކުދިންނާއި، އެކުދިންގެ މައިންބަފައިން، އެ ތަޙައްމުލް ކުރަމުންދާ ހިތާމައިގައި، އަޅުގަނޑުމެން ބައިވެރިވަމު. އޭގެ ޢަލާމާތްތައް ދެނެގަންނަންދަތި، މި ނުކުޅެދުންތެރިކަން ރެޔާއި ދުވާލު ތަޙައްމުލް ކުރަމުންދާ އެންމެންނަށް، އަޅުގަނޑުގެ ހެޔޮ ދުޢާ ރައްދުކުރަން.

މި ފުރުޞަތުގައި، މި ބަލީގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް، ރާއްޖޭގެ މީޑިއާތަކުން މުހިންމު މަސައްކަތްތަކެއް ކޮށްދެއްވުމަށް އަޅުގަނޑު އިލްތިމާސް ކުރަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم.
______________________