ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ބޫޓާނުގެ ބޮޑުވަޒީރު ލިޔޮންޗޮން ޖިގްމީ ޔޮއެޒަރ ތިންލޭއާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި ދަތުރުފުޅު ކުރެއްވި ކަމަށްޓަކައި ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި ބޮޑުވަޒީރު ޖިގްމީ ތިންލޭއަށް މަރުޙަބާ ވިދާޅުވިއެވެ.

ބޫޓާނުގެ ބޮޑުވަޒީރު ޖިގްމީ ތިންލޭ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވުމަކީ އެމަނިކުފާނަށް ވަރަށް ބޮޑު އުފާފުޅެއް ލިބިވަޑައިގަންނަވާ ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި، ބޫޓާނާއި ރާއްޖެއާ ދެމެދު ވަރަށް ގިނަ އެއްގޮތް ކަންތައްތަކެއް އެބަހުރި ފާހަގަކުރައްވައި، ރާއްޖެއާއި ބޫޓާނ ދެ ޤައުމަކީވެސް އަލަށް ޑިމޮކްރަސީ ޤާއިމު ކުރެވި، ޑިމޮކްރަސީ ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުންދާ ދެ ޤައުމުކަމުގައި ވިދާޅުވިއެވެ. މިގޮތުން، ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ކުރެވެމުންދާ މަސައްކަތުން ބޫޓާނަށް ހޯދޭނެ ވަރަށް ގިނަ ފިލާވަޅުތައް އެބަހުރި ކަމުގައި ބޮޑުވަޒީރު ތިންލޭ ވިދާޅުވިއެވެ.

މީގެއިތުރުން، ދެ ޤައުމުގެ މިހާރުގެ ސިޔާސީ މަސްްރަޙާއި، އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއާ ބެހޭގޮތުންނާއި، ޑިމޮކްރަސީ ހަރުދަނާ ކުރުމުގައި، ދެ ޤައުމުގެ ދެމެދުގައި ތަޖުރިބާ ބަދަލުކުރެއްވުމާބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރ ާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާއާއި ބޫޓާނުގެ ބޮޑުވަޒީރު ވަކިން ބައްދަލުކުރެއްވުމަށްފަހު، ރާއްޖެއާއި ބޫޓާނާ ދެ ޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބޭއްވެވިއެވެ.

މި ވާހަކަފުޅުތައް މައިގަނޑުގޮތެއްގައި އަމާޒުކުރައްވާފައިވަނީ، ދެޤައުމުގެ ދެމެދުގައިވާ ގުޅުމާއި، މިގުޅުން އިތުރަށް ބަދަހިކުރެއްވިދާނެ ދާއިރާތަކުގެ މައްޗަށެވެ. މިގޮތުން، ޓުއަރިޒަމްގެ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި އެއްބާރުލުން އިތުރުކުރެއްވުމާއި، ދެ ޤައުމުގެ ދެމެދުގައި އިޤްތިޞާދީ ގޮތުން އިތުރަށް ގުޅުން ބަދަހިކުރެއްވުމާބެހޭގޮތުންވެސް ރަސްމީ ވާހަކަފުޅުތަކުގައި މަޝްވަރާ ކުރެއްވިއެވެ.

މީގެއިތުރުން، މިއަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާކް ސަމިޓާއި، މި ސަމިޓަށޓަކައި ރާއްޖެއިން ވަމުންދާ ތައްޔާރތަކާބެހޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދެއްކެވިއެވެ. މިގޮތުން، ސާކުގެ މިހާރުގެ ސެކްރެޓެރީ ޖެނެރަލަކީ ރާއްޖޭގެ ބޭފުޅަކަށްވުމާއިއެކު، ރާއްޖޭގެ ރިޔާސަތުގެ ދަށުގައި، ސާކަށް އިތުރު ކުރިއެރުން ލިބިގެންދާނެކަމަށް ޔަޤީން ކުރައްވާ ކަމުގައި ބޫޓާނުގެ ބޮޑުވަޒީރު ވިދާޅުވިއެވެ.

ބޫޓާނުގެ ބޮޑުވަޒީރު ޖިގްމީ ތިންލޭ ރާއްޖެއަށް މި ކުރައްވާ ދަތުރުފުޅަކީ، ސާކްގެ މިދައުރުގެ ޗެއަރމަންގެ ހައިސިއްޔަތުން ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.