ސާކްގެ މިދައުރުގެ ޗެއަރމަންގެ ޙައިސިއްޔަތުން ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، ބޫޓާނުގެ ބޮޑުވަޒީރު ލިޔޮންޗޮން ޖިގްމީ ޔޮއެޒަރ ތިންލޭ މިއަދު ހަވީރު މާލެ ވަޑައިގަތުމުން، މާލެއިން އެމަނިކުފާނަށް ވަރަށް ހޫނު މަރްޙަބާއެއް ދަންނަވައިފިއެވެ. މާލެއަށް އެމަނިކުފާނު ފައިބާވަޑައިގަތުމާއެކު، އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ، މާލޭގެ މޭޔަރ އާދަމް މަނިކެވެ. އަދި މާލެއަށް ފައިބާވަޑައިގަތުމާއެކު، ބިއުގަލް ކޯލެއް އެރުވުނެވެ. ރަސްމީ ފާލަމުން ބޫޓާނުގެ ބޮޑުވަޒީރަށް މަރްޙަބާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދެވެ.

ރަސްމީ ފާލަމުގެ ކުރިމަތީގައި އޮތް މަރްޙަބާ ދެންނެވުމުގެ މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާއާއި ބޫޓާނުގެ ބޮޑުވަޒީރު ޑަޔަސްއަށް އަރާވަޑައިގަތުމާއެކު، 7 ބަޑީގެ ސަލާމެއް އެރުވުނެވެ. އަދި ދިވެހިރާއްޖެއާއި ބޫޓާނާ ދެޤައުމުގެ ޤައުމީ ސަލާމް ކުޅުނެވެ. އެއަށްފަހު، ބޫޓާނުގެ ބޮޑުވަޒީރުގެ ޝަރަފްގައި ބޭއްވުނު އޮނަރގާޑެއް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ.

މިރަސްމިއްޔާތަށްފަހު، ބޫޓާނުގެ ބޮޑުވަޒީރު ރަސްމީ ފާލަމުން ހިންގަވާފައި ވަޑައިގަތީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. އަރިހުގައި ރައީސުލްޖުމްހޫރިއްޔާވެސް ވަޑައިގެންނެވިއެވެ.