ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިލަދުންމަޑުލު އުތުރުބުރީގެ ތިން ރަށަކަށް އިއްޔެ ފެށްޓެވި ދަތުރުފުޅުގެ އެންމެފަހު މަންޒިލެއްގެ ގޮތުން، މިއަދު އެއަތޮޅު ނަރުދުއަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ނަރުދުއަށް ކުރެއްވި ދަތުރުފުޅުގައި، ނަރުދޫ ރަށު ކައުންސިލާ ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިހާރު މިވަނީ ރަށު ކައުންސިލް އިންތިޚާބުވެފައި ކަމަށާއި، އިންތިޚާބުގެ ތެރޭގައި، ޚާއްޞަ ގޮތެއްގައި ޕާޓީތަކުގެ މެދުގައި ވާދަވެރިކަން އޮންނާނެ ކަމަށާއި، ނަމަވެސް، އިންތިޚާބު ނިމުމުން، ހުރިހާ ފަރާތްތަކުން އިސްކަން ދެއްވަންޖެހޭނީ، ރަށުގެ ތަރައްޤީއަށް ކަމުގައި ވިދާޅުވިއެވެ. އަދި ސަރުކާރާއި، އެ ސަރަޙައްދުގެ ޤައުމީ އިދާރާއާ ގުޅިވަޑައިގެން، ރަށުގެ ތަރައްޤީއަށް މަސައްކަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ސަރުކާރުގެ އަމާޒަކީ، ރަށުގެ ބަޖެޓް، އެކަމުގައި ފުރިހަމަ ކުރައްވަންޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކުރެއްވުމާއެކު ކައުންސިލާ ޙަވާލުކުރެއްވުން ކަމަށާއި، ރަށުގެ އިދާރީ ހިންގުމުގެ ބަޖެޓް މިހާރު ރަށު ކައުންސިލާ ޙަވާލުކުރައްވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެއިތުރުން، ޕަބްލިކް ހެލްތްގެ މަސައްކަތް މިހާރު ލާމަރުކަޒު ކުރެވިފައިވާ ކަމަށާއި، ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ، ހެލްތް މިނިސްޓްރީއާއި، އެޑިއުކޭޝަންގެ މަސައްކަތް، ވީހާވެސް އަވަހަކަށް ލާމަރުކަޒު ކުރެއްވުމަށްކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ސަރުކާރުގެ ބޭނުންފުޅަކީ، ނަރުދޫގެ ތަރައްޤީއަށް ސަރުކާރުން ރާއްވަވާފައިވާ ޕްރޮގްރާމްތައް ފުރިހަމަ ކުރައްވަމުން ގެންދެވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން، ނަރުދޫގެ ތަރައްޤީއަށް ސަރުކާރުން ހިންގެވުމަށް ރާއްވަވާފައިވާ ޕްރޮގްރާމްތަކާއި، އެ ޕްރޮގްރާމްތައް މިހާރު ކުރިއަށް ގޮސްފައިވާ ހިސާބާއި، އަދި އިތުރަށް ކުރިއަށް ގެންދަވަން ކުރައްވަންޖެހޭ ކަންކަމާ ބެހޭގޮތުން ރަށު ކައުންސިލާއެކު، ރައީސުލްޖުމްހޫރިއްޔާ މަޝްވަރާ ބަދަލުކުރެއްވިއެވެ.

މިގޮތުން، ނަރުދޫގެ ބަނދަރު ހެދުމުގެ މަސައްކަތް، މިއަހަރު ޖެނުއަރީމަހު ނިމިފައިވާ ކަމަށާއި، ބަނދަރު އިތުރަށް ފުރިހަމަ ކުރުމަށް، ކުރަންހުރި ކަންކަމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ، ކައުންސިލްގެ ޚިޔާލު ހޯއްދެވިއެވެ. އަދި ކައުންސިލްގެ ހިންގުމާއި، ރަށުގެ ތަރައްޤީއަށް ކައުންސިލުން ހަރުދަނާ ކަމާއެކު މަސައްކަތް ކުރެއްވުމާ ބެހޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ. އަދި ކައުންސިލްގެ އިދާރީ މަސައްކަތް ހަރުދަނާ ގޮތުގައި ކުރެއްވުމަށް ބޭނުންވާ އިންތިޒާމްތައް ހަމަޖެއްސެވުމުގައި އެހީތެރިކަން ފޯރުއްވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ނަރުދުއަށް ކުރެއްވި ދަތުރުފުޅުގައި، ނަރުދޫ ސްކޫލަށްވެސް ޒިޔާރަތް ކުރެއްވިއެވެ. ނަރުދޫ ސްކޫލަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޒިޔާރަތުގައި، އެ ސްކޫލް އެއްދަންފަޅިއަށް ހެއްދެވުމަށް ކުރައްވަންޖެހޭ ކަންކަމާ ބެހޭގޮތުން ސްކޫލްގެ އިސްވެރިންނާ މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިލަދުންމަޑުލު އުތުރުބުރީ ތިން ރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު މެންދުރުފަހު ވަނީ މާލެ ވަޑައިގެންފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ނަރުދޫގެ އިތުރުން، އެ އަތޮޅު ފީވަކަށާއި، މިލަންދުއަށް ވަޑައިގެންނެވިއެވެ.