ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިލަދުންމަޑުލު އުތުރުބުރީގެ ތިން ރަށަކަށް އިއްޔެ ފެށްޓެވި ދަތުރުފުޅުގައި، އެއަތޮޅު މިލަންދުއަށް ވަޑައިގެން، އެރަށުގެ ތަރައްޤީއަށް ސަރުކާރުން ހިންގަވަމުން ގެންދަވާ އަދި ހިންގެވުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކާ ބެހޭގޮތުން، މިލަންދޫ ރަށު ކައުންސިލާއެކު މަޝްވަރާ ބަދަލުކުރައްވައިފިއެވެ.

މިލަންދޫ ރަށު ކައުންސިލާއެކު މިއަދު ހެނދުނު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ރަށުގެ ތަރައްޤީއަށް ރޭވިފައިވާ ޕްރޮގްރާމްތަކާއި، މިކަންކަން މިހާރު ގޮސްފައިވާ ހިސާބާއި، ދެން ކަންކަން ކުރިއަށް ގެންދަން އޮތްގޮތާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ މަޝްވަރާ ކުރެއްވިއެވެ.

މިގޮތުން، ރަށުގެ ބަނދަރުގެ ހެދުމުގެ މަސައްކަތް ކުރިއަށްދާގޮތާ ބެހޭގޮތުންވެސް ކައުންސިލާއެކު ރައީސުލްޖުމްހޫރިއްޔާ މަޝްވަރާ ކުރެއްވިއެވެ. މިލަންދޫގައި ހަދާ 750 ފޫޓު 250 ފޫޓުގެ ބަނދަރުގައި މިހާރު ކުރިއަށްދަނީ ބަނދަރުގެ ކީވޯލް ހެދުމުގެ މަސައްކަތެވެ. އަދި ބަނދަރުގެ މަސައްކަތް، ކުރިއަށް އޮތް ދޮޅުމަސް ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ލަފާކުރެވެއެވެ. ބަނދަރުގެ މަސައްކަތް ނިމުމާއެކު، ބަނދަރުމަތީ ބާޒާރު ތަރައްޤީ ކުރެއްވުމުގެ ޕްރޮގްރާމްގެ ދަށުން، މިލަންދޫ ބަނދަރުމަތި ތަރައްޤީ ކުރައްވައި، މި ބަނދަރަކީ، ވިޔަފާރިއާއި، ދަތުރުފަތުރަށް މަގުފަހިކޮށްދޭ ފުރިހަމަ ވިޔަފާރި ބަނދަރަކަށް ހެއްދެވުމަށް ބޭނުންވާ ވަސީލަތްތައް ތަރައްޤީ ކުރެއްވުމާ ބެހޭގޮތުން ރަށު ކައުންސިލާ މަޝްވަރާ ކުރެއްވިއެވެ.

މިލަންދޫ ސްކޫލުގެ ހޯލް ބޮޑުކުރުމަށް، ސްކޫލުން ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުމާއި، އަދި ހޯލް ބޮޑުކުރެއްވުމަށް ހަމަޖައްސަވާފައިވާ ގޮތުގެ ކުރެހުންތައްވެސް، ރައީސުލްޖުމްހޫރިއްޔާ، ރަށު ކައުންސިލާ ޙިއްސާ ކުރެއްވިއެވެ. މިލަންދޫ ސްކޫލަކީ، 2010 ވަނަ އަހަރު 8 ކްލާސް ރޫމް އިތުރުކުރެވި، މިހާރު އެއްދަންފަޅިއަށް ކިޔަވައިދޭ ސްކޫލެކެވެ.

މީގެއިތުރުން، މިލަންދޫގައި އެޅުމަށް ހަމަޖެހިފައިވާ އޮފީސް އިމާރާތް، މަލްޓި ޕަރޕަސް ބިލްޑިންގއަކަށް ބަދަލުކުރައްވައި، ކައުންސިލްގެ މަސައްކަތްތަކާއި، ރަށުގެ ތަރައްޤީއަށް ހިންގޭ އެހެން މަސައްކަތްތައް ހިންގޭނެ އިމާރާތެއްގެ ގޮތުގައި ބިނާކުރުމަށްވެސް ރައީސުލްޖުމްހޫރިއްޔާ، ކައުންސިލަށް ހުށަހެޅުއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، މިލަންދޫ ރަށު ކައުންސިލާ ބައްދަލުކުރެއްވުމުގެ އިތުރުން، މިލަންދޫ ރައްޔިތުންނާވެސް ރޭ ބައްދަލުކުރެއްވިއެވެ. މިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންގެ ވެރިކަން މިއަދު މިވަނީ ވަރަށް ރަނގަޅު ހަމަޖެހުމަކަށް ގެނެވިފައި ކަމަށާއި، ރަށްރަށް ތަރައްޤީ ކުރުމުގައި، ސީދާ ރަށްރަށާ ސަރުކާރަށް އަޅާލެވޭނެ ފުރްޞަތު، ލާމަރުކަޒީ އުޞޫލުން ވަނީ ވަރަށް ރަނގަޅަށް ލިބިދީފައި ކަމުގައި ވިދާޅުވިއެވެ.

އަދި، ރަށުގެ ތަރައްޤީ، ރަށަށް ގެނައުނައުމަށްޓަކައި، ވެރިކަމުގެ ބާރު އެކިގޮތްގޮތަށް ރަށަށް ފޯރުކޮށްދިނުމަށް ރާވާ އިދާރީ ރޭވުންތަކެއް ހުންނަ ކަމަށާއި، ނަމަވެސް، އަތޮޅުވެރިކަމަކީ، ލާމަރުކަޒީ އުޞޫލުގައި، ވެރިކަމުގެ ބާރު ފޯރުކޮށްދެވޭނެ އިންތިޒާމެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ލާމަރުކަޒީ އުޞޫލުން ކަންކަން ރަނގަޅަށް ހިނގަން ފެށުމުން، ޤައުމީ އިދާރާއަށް ރަށްރަށާ ސީދާ މުޢާމަލާތް ކުރުމަށް، ޤާނޫނު ވަރަށް ފަހިކޮށް ފުރްޞަތުދީފައި އޮތްއިރު، އަތޮޅު ކައުންސިލެއްގެ މުހިންމުކަން އަބަދުވެސް ލާމަރުކަޒީ އުޞޫލުގައި ކުޑަވެގެންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ.)އިން ރާއްޖެ، 7 ސަރަޙައްދަކަށް ބަހާލައި، 7 ސަރަޙައްދެއްގައި ސަރުކާރުގެ ހުރިހާ ވުޒާރާތަކެއް އިންތިޒާމް ކޮށްގެން ރަށްރަށަށް ޚިދްމަތް ދިނުމަށް، ވިސްނެވީ، މި ޙަޤީޤަތުގެ މައްޗަށް ތެދުވެ ތިއްބަވައިގެންކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

އެހެންކަމުން، ޕާޓީގެ ފަލްސަފާ ބިނާކުރައްވަމުން ގެންދެވީ، މުހިންމީ ރަށްތޯ، އަތޮޅުތޯ، ޤައުމީ އިދާރާތޯ، މަރުކަޒީ ރަށްތޯ، ނުވަތަ އަތޮޅު ކައުންސިލްގެ އިދާރާތޯ، މި ނުކުތާތަކުގެ މައްޗަކަށް ނޫން ކަމަށާއި، އެމް.ޑީ.ޕީ.އިން އަބަދުވެސް އަމާޒަކަށް ބައްލަވާފައިވަނީ، ރަށް ތަރައްޤީ ކުރެއްވުން ކަމުގައި ވިދާޅުވިއެވެ. އަދި ޕާޓީގެ ފަލްސަފާ ބިނާވެފައިވަނީ، އިންސާނާ ތަރައްޤީ ކުރެއްވުމަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.