ދަނޑުވެރިން ހައްދާ ތަކެތި ވަކި އަގެއްގައި ސަރުކާރުން ބައްލަވައިގަތުމަށް ގަސްދު ކުރައްވާކަން ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އިޢުލާން ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން އިޢްލާން ކުރެއްވީ، އެމަނިކުފާނު މިލަދުންމަޑުލު އުތުރުބުރީގެ ތިން ރަށަކަށް މިއަދު ހަވީރު ފެށްޓެވި ދަތުރުފުޅުގައި، އެ އަތޮޅު ފީވަކަށް ޒިޔާރަތް ކުރައްވައި، ފީވަކު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ރާއްޖެއަށް އެތެރެ ކުރާ ކާބޯތަކެތީގެ މިންވަރު 20 ޕަސެންޓުން ދަށްކުރެއްވުން އެއީ، ސަރުކާރުގެ އެއް ވަޢުދެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ސަރުކާރުގެ ވިސްނުންފުޅަކީ، ދަނޑުވެރިކަން ތަރައްޤީ ކުރެއްވުމަށްޓަކައި، ރަށްރަށުގައި ހައްދާ ތަކެތި، ސަރުކާރުން ބައްލަވައިގަނެ، ސަރުކާރުގެ ކުންފުންޏެއް، ނުވަތަ އެގްރިކަލްޗަރ ކޯޕަރޭޝަނެއް މެދުވެރިކުރައްވައިގެން، އެތަކެތި އެހެން ތަންތަނަށް ގެންދެވުމާއި، އެހެން ގޮތްގޮތަށް ވިއްކެވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ރަށްވެރި ކަމަށާއި، ރަށްރަށުގެ ކަންކަން ހިންގުމުގެ ނިޒާމަށް މިހާރު ވަރަށް ބޮޑެތި އިންޤީލާބީ ބަދަލުތަކެއް އަންނަމުންދާކަން ފާހަގަކުރެއްވިއެވެ. މި ބަދަލުތަކުގެ ތެރެއިން، ރައްޔިތުންގެ ބައިވެރިވުމާއެކު، ރަށްރަށް ހިންގުމަށްޓަކައި، ރަށްރަށުގެ ކައުންސިލްތައް މިހާރު ވަނީ ވަރަށް ފުރިހަމައަށް އިންތިޚާބު ކުރެވިފައި ކަމުގައި ވިދާޅުވެ، ކައުންސިލަށް އިންތިޚާބުވެ ވަޑައިގެންފައިވާ ހުރިހާ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިންތިޚާބުގެ ތެރޭގައި ޕާޓީގެ ވާދަވެރިކަން އޮންނާނެ ކަމަށާއި، ނަމަވެސް، އިންތިޚާބު ނިމުނީމާ އެންމެންގެ މަސައްކަތަކަށް ވާންޖެހޭނީ ރަށުގެ ތަރައްޤީ ކަމުގައި ވިދާޅުވިއެވެ. މިގޮތުން، ސަރުކާރުގެ ބޭނުންފުޅަކީ، އެ އިންތިޚާބެއް ކާމިޔާބު ކުރެއްވި ބޭފުޅުންނާއެކީގައި، އެ ރަށެއްގެ ތަރައްޤީއަށް މަސައްކަތް ކުރެއްވުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، ސަރުކާރުގެ އަބަދުގެވެސް މަސައްކަތަކީ، ސަރުކާރުން ރައްޔިތުންނަށް ކޮށްދެއްވަން ޖެހިވަޑައިގަންނަވާ ކަންކަން ކުރެއްވޭނެ ގޮތްތަކެއް ހޯއްދަވައި، އެކަންކަން ކުރެއްވުމަށް ބޭނުންވާ އިންތިޒާމްތައް ވީހާވެސް ފުރިހަމައަކަށް ހަމަޖެއްސެވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ފީވަކުގައި މިހާރުން މިހާރަށް ކުރައްވަން ޖެހިވަޑައިގެންފައިވާ ވަރަށް ގިނަ ކަންކަން ހުރިކަން ފާހަގަކުރައްވަމުން، ރަށުގެ ބަނދަރަށް ބޭނުންވާ މަރާމާތުގެ މަސައްކަތް ވަރަށް އަވަހަށް ފަށްޓަވައި ކުރިއަށް އޮތް ދެ ތިން މަހެއްގެ ތެރޭގައި ނިންމަވާލައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ފީވަކުގެ މިސްކިތުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ކުރެއްވުމަކީވެސް ސަރުކާރުގެ އަމާޒެއްކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ފީވަކަކީ ދަނޑުވެރިކަމުގައި، ވަރަށް މުހިންމު ރަށެއްކަން ފާހަގަކުރައްވަމުން، ރަށުގެ ދަނޑުވެރިކަން ތަރައްޤީ ކުރުމަށް ބޭނުންވާ ޕްރޮގްރާމްތައް ހިންގެވުމަށް ސަރުކާރުން ބާރުއަޅުއްވައި، އެހީތެރިވެދެއްވަން ބޭނުންފުޅުވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރައްޔިތުން، ކައުންސިލާ މަޝްވަރާ ކުރެއްވުމަށްފަހު، ދަނޑުވެރިކަން ތަރައްޤީ ކުރެއްވުމަށް ބޭނުންވާ ކަމެއް ފާހަގަކުރެއްވުމުން، ސަރުކާރުން އެކަމަކަށް އެހީތެރިވެދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ފީވަކަށް ކުރެއްވި ދަތުރުފުޅުގައި، އެ ރަށު ކައުންސިލާ ބައްދަލުކުރައްވައި، ކައުންސިލްގެ ހިންގެވުމާއި، ރަށުގެ ތަރައްޤީއާ ގުޅޭ ކަންކަމާ ބެހޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.