ދިވެހިރާއްޖޭގައި ގޭންގް ކުށްތައް އިންތިހާއަށް އިތުރުވެ، އެކިއެކި ގޭންގްތަކަށް ނިސްބަތްވާ މީސްމީހުންގެ ފަރާތުން މުޖްތަމަޢުގެ ޢާންމު މަޞްލަޙަތާއި އަމާންކަން ނަގާލައި، ރައްޔިތުންގެ މުދާ ފޭރި، މީހުންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ކުށްތައް ހުއްޓުވުމަށްޓަކައި ރާއްޖޭގެ ފުލުހުންނަށް ލެސް ލީތަލް ހަތިޔާރު ބޭނުންކުރުމުގެ ހުއްދަ ދެއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ، މިކަމާ ބެހޭގޮތުން ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ އޮފީހުން ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

މިއަދުގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި، މިފަދަ ކުށް ކުރުން ހުއްޓުވުމަށްޓަކައި ފުލުހުން މިހާރު ބޭނުންކުރާ ބާރުތަކަކީ، ކުށްކުރާ މީހުން ބޭނުންކުރަމުންދާ ހަތިޔާރުތަކަށް ބަލާއިރު، މިހާރުގެ ޙާލަތަށް އެކަށޭނަ މިންވަރެއް ނޫންކަން ފާހަގަކުރެއްވިއެވެ. ފުލުހުންނަކީ، ޤައުމުގެ އެތެރޭގެ ސަލާމަތަށާއި ރައްކާތެރި ކަމަށާއި، ދިވެހިރާއްޖޭގެ އިޤްތިޞާދު ސަލާމަތްކޮށް ދެމެހެއްޓުމަށް ޤާނޫނީ ޒިންމާތަކެއް އަދާކުރަންޖެހޭ ބަޔަކަށްވީހިނދު، ޤާނޫނީ އިމުގެ ތެރެއިން ފުލުހުންނަށް ލިބިދީފައިވާ ބާރުތައް ބޭނުންކުރަންޖެހޭ ޙާލަތްތަކުގައި، އެފަދަ ބާރުތައް ބޭނުންކުރުމުގެ ޤާބިލުކަން ޑިމޮކްރެޓިކް އުޞޫލުތަކުން ވެރިކަން ހިންގާ ޤައުމުތަކުގައި ފުލުހުންނަށް ލިބިދިނުމަކީ، ޤައުމީ ސަލާމަތަށްޓަކައި ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްކަންވެސް މެންބަރުން ފާހަގަކުރެއްވިއެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މާލޭގައި މީހުން ދިރިއުޅުމަށް ޢިމާރާތް ކުރަން ފަށާފައި، ނުނިމިހުރި ޢިމާރާތްތައް ނިންމުމަށް ސަރުކާރުން ކަނޑައަޅުއްވާ އުޞޫލަކުން ދައުލަތުގެ ގެރެންޓީއެއް ދެއްވުމަށްވެސް ނިންމެވިއެވެ. މިކަން މިގޮތަށް ނިންމެވީ، މާލޭގައި ވަރަށްގިނަ ގޭގެ، އަމިއްލަ ފަރާތްތަކުން ޢިމާރާތް ކުރަމުންދާއިރު، ބައެއް ޢިމާރާތްތަކަށް މާލީގޮތުން ދިމާވެފައިވާ ދަތިތަކާހެދި، މި ޢިމާރާތްތައް ނުނިމި، އިޖްތިމާޢީ ވަރަށްގިނަ މައްސަލަތައް ކުރިމަތިވަމުންދާކަން މިއަދުގެ ޖަލްސާގައި މެންބަރުން ފާހަގަކުރެއްވުމަށްފަހުގައެވެ. އަދި ސަރުކާރުގެ މައިގަނޑު 5 ވަޢުދުގެ ތެރެއިން އެންމެ މުހިންމު އެއް ވަޢުދަކީ، އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުވައިދިނުން ކަމަށްވުމާއެކު، ގެދޮރު ޢިމާރާތް ކުރަން ހުއްދަ ނަގައި، ކުރީގެ ޢިމާރާތް ތަޅާލައި، ޢިމާރާތް ކުރަން ފަށާފައިވީނަމަވެސް، އެތަނަވަސްކަން ނެތުމުގެ ސަބަބުން، ނުނިމިހުރި ގެތަކުގެ ވެރިފަރާތްތަކަށް ސަރުކާރުން އެހީތެރިކަން ފޯރުއްވައިދެއްވުމަކީ، ވަރަށް މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި މަޖިލީހުގެ މެންބަރުން ވިދާޅުވިއެވެ.

މާލެއަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމަށް ފަހިމަގެއް ހޯއްދަވައިދެއްވުމުގެ ގޮތުން، އެފަދަ ފަރާތްތަކަށް ސަރުކާރުން ލޯން ގެރެންޓީ ކޮށްދެއްވާ ގޮތަށް ހަމަޖެއްސެވުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވުމާ ގުޅިގެން، މިކަމުގައި ޢަމަލުކުރައްވާ އުޞޫލު، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓުން ޢާންމުކޮށް އިޢްލާނު ކުރެއްވުމަށްވެސް މިއަދުގެ ޖަލްސާއިން ނިންމެވީއެވެ.

ރާއްޖެއަށް އިމްޕޯޓްކުރާ ދުންފަތާއި، ރަލާއި، އޫރުމަހުގެ ބާވަތްތަކުންނާއި، ޕްލާސްޓިކްގެ ބައެއް ބާވަތްތަކުން ސަރުކާރުން ނަންގަވާ ޑިއުޓީގެ ރޭޓް ބޮޑުކުރެއްވުމާ ބެހޭގޮތުންވެސް މިއަދުގެ ޖަލްސާގައި މެންބަރުން ވާހަކަފުޅު ދެއްކެވިއެވެ. މިކަމާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވުމަށްފަހު، ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީގެ ރޭޓް، ދުއިސައްތަ އިންސައްތައިން އިތުރުކުރެއްވުމަށާއި، ޕްލާސްޓިކްގެ ބައެއް ބާވަތްތަކުން ނަގާ ޑިއުޓީގެ ރޭޓް، ސަތޭކަ އިންސައްތައިން އިތުރުކުރެއްވުމަށާއި، ރާއްޖެއަށް އެތެރެކުރާ އޫރުމަހާއި، އޫރުގެ ކާން ބޭނުންކުރާ ބައިތަކަށް ނަގާ ޑިއުޓީ، ސަތޭކަ ޕަސެންޓް ބޮޑުކުރެއްވުމަށާއި، ރާއްޖެއަށް އެތެރެކުރާ ބަނގުރަލާއި، ބަނގުރާ އެކުލެވޭ ބާވަތްތަކުން ނަގާ ޑިއުޓީ، ސަތޭކަ ޕަސެންޓް ބޮޑުކުރުމަށް ފެނިވަޑައިގަންނަވާ ކަމަށް ނިންމެވިއެވެ. އަދި ކިރުގެ ބާވަތްތަކުން ނަންގަވާ ޑިއުޓީ، ފަނަރަ އިންސައްތަ ކުޑަކުރެއްވުމަށްވެސް ފެނިވަޑައިގަންނަވާ ކަމަށް ނިންމެވިއެވެ. ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް، މި އިޞްލާޙުތައް ގެންނެވުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށްވެސް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ނިންމެވިއެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ވަޒީފާދޭ ފަރާތްތަކާއި، ވަޒީފާ އަދާކުރާ ފަރާތްތަކާ ދެމެދު އުފެދޭ ދެބަސްވުން ޙައްލު ކުރުމުގައި، މުޢާމަލާތް ކުރުމަށްޓަކައި މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސް އިން ތައްޔާރު ކުރައްވާފައިވާ ގަވާއިދަކާ ބެހޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.

މި ގަވާއިދާ ބެހޭގޮތުން މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހު، ގަވާއިދަށް ގެންނަވަން ފެނިވަޑައިގަންނަވާ އިޞްލާޙުތައް ގެންނަވައި، މި ގަވާއިދު ވަރަށް އަވަހަށް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރެއްވުމަށް މިއަދުގެ ޖަލްސާއިން ނިންމެވިއެވެ.

މިކަންކަމުގެ އިތުރުން، އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންގައި ރާއްޖެއިން ބައިވެރިވުމަށްވެސް މިއަދުގެ ޖަލްސާއިން ނިންމެވިއެވެ.