ދިވެހިރާއްޖޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން ތަފާތު ގުރޫޕްތަކާއި ގޭންގުތަކުން މާރާމާރީ ހިންގުމާއި، ވައްކަމާއި، ފޭރުމާއި މީހުން މެރުން ޢާންމުވެ، ދިވެހި ރައްޔިތުންނަށާއި ރާއްޖޭގައި ދިރިއުޅޭ އެންމެހާ ފަރާތްތަކަށް އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ބިރުވެރިކަން ލިބި ޤައުމުގެ އިޤްތިޞާދަށް ހުރަސްއެޅި ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރަމުންދާތީ، އެޙާލަތުން މިޤައުމު ސަލާމަތްކޮށް މިޤައުމަކީ ރައްކާތެރި އަމާންތަނަކަށް ހެދުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އެންގެވުމުގެ މަތިން ޤައުމީ ސަލާމަތާބެހޭ އެޑްވައިޒަރގެ ފަރާތްޕުޅުން ޚާއްޞަ މަސައްކަތްޕުޅުތަކެއް ކުރެއްވުމަށް ނިންމަވައި، އެކަމާ ގުޅިގެން ޚާއްޞަ ކަރުދާހެއް ވަޒީރުންގެ މަޖިލީހަށްވަނީ ހުށަހަޅުއްވާފައެވެ. ޤައުމީ ސަލާމަތާބެހޭ އެޑްވައިޒަރ ހުށަހެޅުއްވި މިކަރުދާހާމެދު ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރައްވައި، މިކަން ވިލަރެސް ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުވަނީ 15 މާރޗް 2011 ވަނަދުވަހު ކޮމިޓީއެއް އެކުލަވާލައްވާފައެވެ. މިކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ:

  1. ޤައުމީ ސަލާމަތާބެހޭ އެޑްވައިޒަރ އަމީން ފައިޞަލް
  2. މިނިސްޓަރ އޮފް ހޯމް އެފެއާޒް ޙަސަން ޢަފީފު
  3. އެޓަރނީޖެނެރަލް އަލްއުސްތާޛް ޢަބްދުﷲ މުޢިއްޒު
  4. މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ މުޙައްމަދު މުޢިއްޒު ޢަދުނާނު
  5. ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު އަޙްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި މިކޮމިޓީ، މިއަދު މެންދުރު 1.00 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބައްދަލުކުރައްވައި މިކަމާގުޅޭގޮތުން މުހިންމު ނިންމެވުންތަކެއްވަނީ ނިންމަވާފައެވެ. އަދި މިކަމަކީ ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި ރައްޔިތުން ގުޅިގެން ކުރަންޖެހޭ މަސައްކަތެއްކަމަށްވުމާއެކު މިހުރިހާ ފަރާތްތަކެއް ގުޅިގެން މިމަސައްކަތް ކުރިޔަށް ގެންދިޔުމަށްވެސް ނިންމެވިއެވެ.

މިގޮތުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދާއި، ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާބެހޭ ކޮމިޓީއާއި، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ފާއިޒާއި، ސްޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުން މިހަފްތާގެ ތެރޭގައި މަޝްވަރާ ކުރައްވައި ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް ގުޅިގެން މިކަމަށް މަސައްކަތް ކުރަން ފެށުމަށް މިކޮމިޓީންވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި މިކޮމިޓީން މިއަދުވަނީ މިކަން ހަރުދަނާކޮށް ގެންދިޔުމަށްޓަކައި ސީރިއަސް އޮގަނައިޒްޑް ކްރައިމް ޓާސްކް ފޯހެއް އެކުލަވާލައްވަންވެސް ނިންމަވާފައެވެ.

މި ޓާސްކް ފޯސްގެ ލީޑް އެޖެންސީއަކަށް ހަމަޖައްސަވާފައިވަނީ، މޯލްޑިވްސް ޕޮލިސް ސަރވިސް އެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އެހީތެރިވުމަށްޓަކައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއާއި، ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަރވިސްއާއި، އެޓަރނީ ޖެނެރަލްގެ އޮފީހާއި، ކޯޓުތަކާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި، މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީއާއި، މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް ޔޫތު އެންޑް ސްޕޯޓްސްއާއި، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އަދި ލޯކަލް ގަވަރންމަންޓް އޮތޯރިޓީގެ ބޭފުޅުން މިޓާސްކް ފޯސްގައި ހިމެނުއްވުމަށްވެސްވަނީ ނިންމަވާފައެވެ.

މިދެންނެވި ޓާސްކް ފޯސްގެ މަސައްކަތް ބައްޓަން ކުރުމަށްޓަކައި ސީރިއަސް އޮގަނައިޒްޑް ކްރައިމް އިންޓަވެންޝަން ސްޓްރެޓެޖީއެއް ކަނޑައެޅުމަށްޓަކައި ތަޞައްވުރެއް މިއަދުވަނީ އެކަށައަޅުއްވާފައެވެ. މިއީ، އިޤްތިޞާދީ އަދި އިޖްތިމާޢީ ހަމަޖެހުމަށްޓަކައި، ދިވެހިރާއްޖެއަކީ ކުށުގެ ނުރައްކަލުން ސަލާމަތްވެފައިވާ ތަނަކަށް ހެދުމަށްޓަކައި މިހާރުން މިހާރަށް ކަންތައްތަކެއް ކުރަން ފެށުމަށް ކަނޑައެޅުއްވި ތަޞައްވުރެކެވެ. މި ތަޞައްވުރުގެ ދަށުން މަސައްކަތް ކުރުމަށްޓަކައި އެކުލަވައިލެވޭ ޓާސްކް ފޯސްގެ މަޤްޞަދަކަށްވަނީ:
 

  • ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ހޯދައިދީ، ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގާ މާރާމާރީއާއި، ވައްކަމާއި، ފޭރުމާއި، މީހުން މެރުމާއި ރޭޕްކުރުން ހުއްޓުވައި، ދިވެހި ޤައުމަށް އިޤްތިޞާދީ ގެއްލުން ލިބިދާނެފަދަ ބޮޑެތި ކުށްތައް ނައްތާލުން.
  • ފަތުރުވެރިކަމާއި އެހެނިހެން އިގްތިޞާދީ ހަރަކާތްތައް ރައްކާތެރިކަމާއެކު ހިންގޭނެފަދަ މުޖުތަމަޢެއް މިރާއްޖޭގައި ޤާއިމުކޮށްދިނުން.
  • މުޖުތަމަޢުގެ އަމާންކަން ގެއްލި، ޢާންމު މަޞްލަޙަތު ނެތިދާފަދަ ޢަމަލުތައް ހިންގާފަރާތްތައް ހައްޔަރުކޮށް، އެކަހެރިކޮށް، ދޭންޖެހޭ ޤާނޫނީ އަދަބުދިނުން.
  • ކުށްކުރާފަރާތްތަކަށް ކަނޑައެޅޭއަދަބު ތަންފީޒުކޮށް އެބައިމީހުން އިޞްލާޙުވެގެން، އަލުން އަނބުރާ މުޖުތަމަޢަށް އައުމުގެ ފުރުޞަތު ހޯދައިދީ އެކަމަށްޓަކައި މަސައްކަތް ކުރުން.

ކުރިމަގުގައި ދިވެހިރާއްޖެއަކީ ޞުލްޙަވެރި އަމާން ތަނަކަށް ހެދުމަށްޓަކައި ކަނޑައެޅުނު މި ސްޓްރެޓެޖީ އިމްޕްލިމެންޓް ކުރެވި، ސަރުކާރުން ޤައުމީ ފެންވަރެއްގައި މިކަން ހުއްޓުވުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރަމުން ގެންދާނެ ކަމުގެ ޔަޤީންކަން، ދިވެހި އެންމެހާ ރައްޔިތުންނަށް މިކޮމިޓީގެ ފަރާތުން ދެއްވައެވެ. މިހެންކަމުން ކުރިޔަށް އޮތް ދުވަސްތައް ވެގެންދާނީ، ސަރުކާރުން ދައުލަތުގެ އެންމެ އިސް ފަރާތްތަކާ ގުޅިގެން މިކަމަށް ހަރުދަނާ ޙައްލުތަކެއް ހޯދުމަށްޓަކައި، މަސައްކަތް ރާވައި ހިންގުމާއި، ތަންފީޒީ އިދާރާތަކުން ޢަމަލީ މައިދާނުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތް ކުރަން ފެށުން ކަމުގައިވެސް މިއަދު އުފެއްދެވި ކޮމިޓީންވަނީ ނިންމާފައެވެ.

އިސްވެ ދެންނެވުނު މަޤްޞަދު ޙާޞިލު ކުރުމަށްޓަކައި ރައީސުލްޖުމުހޫރިއްޔާ މުޙަންމަދު ނަޝީދުގެ އެންގެވުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދީގެން ކުރަމުންދާ ހުރިހާ މަސައްކަތެއް ރައްޔިތުންނާ ޙިއްޞާކުރުމަށް އިސްކަމެއް ދެއްވުމަށް މިކަމާބެހޭގޮތުން އެކުލަވައިލެއްވި ކޮމިޓީންވަނީ ނިންމަވާފައެވެ. މީގެ އިތުރުން، ޤައުމީ ފެންވަރުގައި މިއަދު މިކުރަންފެށޭ މަސައްކަތުގައި ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އިތުރުން ޢާންމު ފަރުދުންނާއި، ވިޔަފާރިވެރިންނާއި، މަދަނީ ޖަމްޢިއްޔާތަކާއި، ސިޔާސީ ޕާޓީތަކާއި އެހެނިހެން ހުރިހާ ފަރާތްތަކެއްގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ހޯއްދެވުމަށް ކެނޑިނޭޅި މަސައްކަތްޕުޅު ކުރައްވާނެ ކަމާއި، ކުރިއަށް އޮތް ޖީލުތަކަށް މިޤައުމު އަމާންކަމާއި ޞުލްޙަވެރިކަންމަތީ ފޯރުވައިދިނުމަށް މިއެންމެހާ ފަރާތްތައް ގުޅިގެން ޤައުމީ މަސައްކަތްޕުޅުތަކެއް ކުރައްވާނެކަމުގެ ޔަޤީންކަންވެސް މިކޮމިޓީންވަނީ ދެއްވާފައެވެ.

______________________