ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ރައްޔިތުންގެ މަޖިލީސްގެ ރައީސް ދެއްކެވި ވާހަކަފުޅުގައި މަޖިލީހުން ކުރައްވަން ޖެހިވަޑައިގެންފައިވާ މަސައްކަތްޕުޅުތަކާއި، ހައްދަވަން ޖެހިވަޑައިގެންފައިވާ ޤާނޫނުތައް އެންމެ އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށް ގެންދެވޭނެ ގޮތްތައް ހޯއްދެވުމަށްޓަކައި ޕާޓީތަކާ މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމުގައި ވިދާޅުވިއެވެ. އަދި މަޖިލީހުގެ މިއަދުގެ ޖަލްސާ ހުއްޓަވާލައްވަން ޖެހިވަޑައިގެންނެވި މައްސަލައަށް ބައްލަވާލައްވަމުން، މަޖިލީހުގެ ޖަލްސާ މިގޮތަށް ހުއްޓަވާލައްވަން ޖެހިވަޑައިގެންނެވުމަކީ އެމަނިކުފާނު ހިތާމަ ކުރައްވާ ކަމެއްކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މަޖިލީހުން ކުރައްވަން ޖެހިވަޑައިގަންނަވާ ވަރަށް ގިނަ މަސައްކަތްތަކެއް ހުއްޓާ، މަޖިލީހުގެ މަސައްކަތް ކުރިއަށް ނުގެންދެވިގެން، ޢާންމުކޮށް މިގޮތަށް މަޖިލީހުގެ ޖަލްސާތައް ހުއްޓަވާލައްވަން ޖެހިވަޑައިގެންނެވުމަކީ އެމަނިކުފާނު ކަންބޮޑުވެވަޑައިގަންނަވާ ކަމެއްކަމުގައި ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، މަޖިލީހުގެ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދެވުމަށް، މަޖިލީހަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމުގެ ސަބަބުން ވަރަށް ބޮޑަށް ހުރަސްއެޅޭކަން ފާހަގަކުރެއްވިއެވެ. އަދި މަޖިލީހުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯއްދެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ތަފްޞީލު ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވިއެވެ.

މިކަމާ ގުޅޭގޮތުން، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންގެ މަޖިލީހުގެ ޖާގައިގެ ދަތިކަށް ޙައްލުކުރެއްވުމަށް މަޖިލީހުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގައި އެހީތެރިވެވަޑައިގެންދެއްވާނެ ކަމުގައި ވިދާޅުވިއެވެ.