ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ދެކުނު ކޮރެއާގެ ރައީސް، ލީ މިޔުން ބަކްގެ ޚާއްޞަ މަންދޫބު ޑޮކްޓަރ ސޫޖިލް ޔަންގއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ދެކުނު ކޮރެއާގެ ރައީސްގެ ޚާއްޞަ މަންދޫބު، ޑޮކްޓަރ ސޫޖިލް ޔަންގ ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ، ޑިމޮކްރަސީއާއި، މޫސުމަށް އަންނަ ބަދަލުތަކުން އިންސާނީ ތަހުޒީބު ހިމާޔަތް ކުރެއްވުމަށާއި، ދެމެހެއްޓެނިވި ތަރައްޤީއަށް އިސްކަންދިނުމަށް ގޮވާލައްވައި ކެނޑިނޭޅި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް، ދެކުނު ކޮރެއާގެ ރައީސް ލީ ތަޢުރީފް ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި، ރާއްޖެއާއި ދެކުނު ކޮރެއާއާ ދެމެދުގައި އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަކީ، ރައީސް ލީ، ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމުގައިވެސް ޑޮކްޓަރ ސޫޖިލް ޔަންގ ވިދާޅުވިއެވެ. ޚާއްޞަގޮތެއްގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ދާއިރާގައި، ދިވެހި ސަރުކާރާ ގުޅިވަޑައިގެން، އިތުރަށް މަސައްކަތްޕުޅު ކުރައްވަން ދެކުނު ކޮރެއާ ރައީސް ދެއްވާ އަހަންމިއްޔަތު ފާހަގަކުރެއްވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު ކުޑަކޮށް، މި ބަދަލުތަކަށް ހޭނުމާއެކު، ތަރައްޤީގެ އާ ޒަމާނަކަށް، ރާއްޖެއާއި ދެކުނު ކޮރެއާގެ އިތުރުން، ދުނިޔެ ގެންދިޔުމުގައި، ދިވެހި ސަރުކަރާއެކު މަސައްކަތް ކުރެއްވުމަކީ، ރައީސް ލީ ވަރަށްބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމުގައިވެސް ޑޮކްޓަރ ސޫޖިލް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ދާއިރާގައި، ދެކުނު ކޮރެއާގެ ރައީސް އިސްނަންގަވައިގެން ހިންގަވާ ޕްރޮގްރާމްތަކުގެ މަޢުލޫމާތުވެސް، ކޮރެއާގެ ރައީސްގެ މަންދޫބު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާ ކުރެއްވިއެވެ. މިގޮތުން، ރައީސް ލީގެ އިސްނެންގެވުމާއެކު، ދެކުނު ކޮރެއާގައި ޤާއިމް ކުރެވިފައިވާ "ގްލޯބަލް ގްރީން ގްރޯތް އިންސްޓިޓިއުޓް"އާ ބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވިއެވެ.

"ގްލޯބަލް ގްރީން ގްރޯތް އިންސްޓިޓިއުޓް"އަކީ، އިޤްތިޞާދީ ތަރައްޤީ އާއި ޤައުމީ ތަރައްޤީ ޙާޞިލް ކުރުމުގައި، ޖައްވަށް ބޭރުވާ ކާބަން މަދުކޮށް، ދެމެހެއްޓެނިވި ތަރައްޤީއަށް އިސްކަން ދިނުމާއި، ތިމާވެށްޓަށް އަންނަ ބަދަލުތަކަށް ހޭނުމަށް މަސައްކަތް ކުރުމަށް އުފައްދާފައިވާ ބައިނަލްއަޤްވާމީ އިދާރާއެކެވެ. މި އިދާރާއާ ބެހޭގޮތުން، ޑޮކްޓަރ ޔަންގ ދެއްކެވި ވާހަކަފުޅުގައި، ތިމާވެށްޓާ ރަޙްމަތްތެރިގޮތަށް ޤައުމީ ތަރައްޤީ ބައްޓަން ކުރުމަށްޓަކައި، ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ޕްރޮގްރާމްތައް އެކުލަވާލުމުގައި އެހީތެރިވުމަކީ މި އިދާރާއިން ކުރާ އެއް މަސައްކަތް ކަމުގައި ވިދާޅުވިއެވެ. އަދި، ކިޔޯޓޯ ޕްރޮޓޮކޯލަށްފަހު، ދުނިޔޭގެ ޤައުމުތައް ބައިވެރިވާ މޫސުމާބެހޭ ބައިނަލްއަޤްވާމީ އެއްބަސްވުމެއް އެކުލަވާލުމަށް، ރާއްޖެއާއެކު މަސައްކަތް ކުރުމަށް، ދެކުނު ކޮރެއާއިން ބޭނުންވާކަން، ޑޮކްޓަރ ޔަންގ ހާމަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ތިމާވެށްޓާއި މޫސުމަށް އަންނަ ބަދަލުތަކަކީ، ރާއްޖޭގެ ތަރައްޤީއާއި މުސްތަޤްބަލާ އެންމެ ބޮޑަށް ގުޅިފައިވާ އެއް މައްސަލަކަން ފާހަގަކުރައްވަމުން، ރާއްޖޭގެ ތަރައްޤީއާއި، ޚާރިޖީ ސިޔާސަތުގެ އެންމެ މުހިންމު އެއް މަޤްޞަދަކީ، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި، ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހި ކުރެއްވުން ކަމުގައި ވިދާޅުވިއެވެ. މިދިޔަ އަހަރު ދެކުނު ކޮރެއާއަށް ކުރެއްވި ދަތުރުފުޅަށް ރައީސުލްޖުމްހޫރިއްޔާ އިޝާރާތް ކުރައްވަމުން، ދެމެހެއްޓެނިވި ތަރައްޤީއާއި، ތިމާވެށްޓާ ރަޙްމަތްތެރި ގޮތުގައި ތަރައްޤީ ޙާޞިލު ކުރުމުގައި އެޤައުމުން ހޯދާފައިވާ ކުރިއެރުން އެ ދަތުރުފުޅުން ފެނިވަޑައިގެންފައިވާ ކަމުގައި ވިދާޅުވިއެވެ. އަދި، މިދާއިރާއިން، ކޮރެއާގެ ރައީސާއި ކޮރެއާ ސަރުކާރާއެކު، ދުނިޔޭގެ ފެންވަރުގައި މަސައްކަތްތަކެއް ކުރެއްވުމަށް ބޭނުންފުޅުވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަޙްމަދު ނަސީމާއި، ރައީސުލްޖުމްހޫރިއްޔާގެ ފޮރިން ޕޮލިސީ އެޑްވައިޒަރ ޑޮކްޓަރ އަޙްމަދު ޝަހީދާއި، ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ އަމީން ފައިޞަލް އަދި އެޑްވައިޒަރ އޮން ޕޮލިޓިކަލް އެފެއާޒް މުޙަންމަދު ޝިހާބު ބައިވެރިވެ ވަޑައިގެންނެވިއެވެ.