بســم اللّـه الرّحمـن الرّحيــم

މި ވަރކްޝޮޕްގެ އެންމެހާ ބައިވެރިން، މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީ އޮނަރަބްލް ޑޮކްޓަރ އާމިނަތު ޖަމީލު، އަދި ވަރކްޝޮޕް ރާވައި ދެއްވި ހުރިހާ ފަރާތްތައް.

السّــلام عليــكم ورحمـةالله وبركا تـه.

އާދެ! މިއީ ވަރަށް އުފާވެރި ދުވަހެއް. އެއީ، މިހާ ގިނަ އަދަދެއްގެ ބެލެނިވެރިންނާއި ޓީޗަރުން މިފަދަ ވަރކްޝޮޕެއްގައި ބައިވެރިވެ މިކަމުގައި ވަރަށް ބޮޑަށް ޝައުޤުވެރިކަމާއެކީގައި މަސައްކަތް ކުރައްވާތަން ފެނުން. ދެން މިވަރކްޝޮޕްގައި މިއަދު މެންދުރުފަހުން ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކުޑަކުދިން ރައްކާތެރިކޮށް، ޙިމާޔަތްތެރިކޮށް، ކުޑަކުދިންނަށް އެހީތެރިވެދިނުމަށްޓަކައި ކަންތައް ކުރަންވާ ގޮތާބެހޭގޮތުން މަޢުލޫމާތު ހުންނާނީ ލިބިވަޑައިގެންފައި. އެހެންވީމާ، އެމަޢުލޫމާތަކީ ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ބޭނުންތެރި އެއްޗެއް ކަމަށް ވާނެކަމަށް އަޅުގަނޑު އުންމީދު ކުރަން.

އާދެ! ދުނިޔޭގެ ހުރިހާ ޤައުމުތަކުގައިވެސް ހިނގާ ކަމެއް، ކުޑަކުދިންނަށް ގޯނާ ކުރުމަކީ. އެހެންނަމަވެސް، ދިވެހިރާއްޖެއަކީ، ސަތޭކައިން ސަތޭކަ މުސްލިމު ޤައުމެއް. މުސްލިމު ޤައުމެއްގައި އެކަން ހިނގާ ވަރަށްވުރެ ބޮޑަށް، ރާއްޖޭގައި އެކަން ހިނގަމުންދާކަމަށް އަޅުގަނޑުމެންނަށް މަޢްލޫމާތު ލިބެމުންދަނީ. ޗައިލްޑް އެބިއުސް އެއީ، އަޅުގަނޑު މާނަކުރާ ގޮތުގައި ނަހަމަ ގޮތުގައި، ޞައްޙަނޫން ގޮތުގައި ކުޑަކުދިންނާ މުޢާމަލާތުކުރުން. އެގޮތުން ވަރަށްގިނަ ގޮތްގޮތުން ކުޑަކުދިންނަށް އޭގެ އަސަރު ފެނިގެން ހިނގައިދާނެ. އެންމެ ކުޑަމިނުންނޭ ދަންނަވާކަށް ނެތިން. އެހެންނަމަވެސް، ބައެއްފަހަރަށް ހީވާ ގޮތުގައި ކުޑަމިނުން ކަމަށް ބެލެވިދާނެ. އެހެންނަމަވެސް، ނަފްސާނީގޮތުން ކުދިންނަށް ލިބޭ އަނިޔާއަކީވެސް ހަމަ އެހާމެ މުހިންމު ކަމެއް. ގިނަ ފަހަރަށް ޖިސްމާނީގޮތުން ލިބޭ އަނިޔާއެއްގެ ތެރޭގައި ނަފްސާނީގޮތުން ލިބޭ އަނިޔާވެސް ހިމެނިގެންދާނެ. އެއީ، ކުއްޖެއްގެ ގައިގައި ޖެހުން ނުވަތަ ކުއްޖަކަށް ޖިންސީ އަނިޔާއެއް، ގޯނާއެއް ކުރުމުން، އޭގެ ސަބަބުން އެކުއްޖަކަށް ޖިސްމާނީ ގޮތުން ލިބޭ ގެއްލުމަށްވުރެ އެތައް ގުނައެއް އިތުރަށް ނަފްސާނީ ގޮތުން ލިބޭ ގެއްލުން ބޮޑުކަމަށް އަޅުގަނޑުމެންނަށް އެނގިފައި މިއޮންނަނީ.

ކުޑަކުއްޖަކަށް ޅަފަތުގައި ކުރެވޭ ގޯނާއެއްގެ ސަބަބުން އޭގެ އަސަރު އެކުއްޖަކު ބޮޑުވެ، ބޮޑުމީހަކަށްވާއިރުގައިވެސް އޭގެ އަސަރު އެބަ ދެމިހުރޭ. އަދި އޭގެ ސަބަބުން، އެކުއްޖެއްގެ މުޅި އުމުރު އެކަމުގައި ހޭދަ ކުރަންވެސް އެބަޖެހޭ. އޭގެ ނުތަނަވަސް ކަމުގެ ތެރޭގައި. އޭގެ ސަބަބުން ލިބުނު ގެއްލުމެއްގެ ތެރޭގައި. އެހެންވީމާ، މިއީ ވަރަށް ސީރިއަސް މައްސަލައެއް. މިކަމުގައި މިއަދު ތިޔަބޭފުޅުން ތިޔަ ދަސްކުރެއްވި އެކިއެކި ހުނަރުތައް ބޭނުންކުރައްވައިގެން މިކަން ހުއްޓުވުމަށްޓަކައި އަޅުގަނޑުމެންގެ ޢާއިލާތަކުގެ ތެރޭގައިވެސް އަދި އަޅުގަނޑުމެންގެ ރައްޓެހިންނާއި ރަޙްމަތްތެރިންގެ ޢާއިލާތަކުގެ ތެރޭގައިވެސް އަޅުގަނޑުމެންނަށް ވެވުނު ވަރަކުން އެހީވެ ދިނުމަކީ އެއީ، ވަރަށް މުހިންމު ކަމެއް. ބައެއްފަހަރަށް އަޅުގަނޑުމެންގެ އަމިއްލަ ދަރިންނާ އެއްވަރަށް ހަމަ އެހެން މީހުންގެ ކުދިންނަށްވެސް، ޚާއްޞަކޮށް ރަޙްމަތްތެރިންގެ ކުދިން، ގެއަށް އައިސް އުޅޭ އެހެން ކުދިންނަށް އެކަހަލަ ކަމެއް ދިމާވާ ކަމަށް ހީކުރެވިއްޖިއްޔާ އެކަމުގައި އެހީތެރިވާން ފަސޭހަވެސް ވެދާނެ.

މިކަމުގައި ބޭނުންތެރި މަޢްލޫމާތެއް، މިއަދު ޕޮލިސްގެ ފަރާތުންވެސް އަދި ސްވޯޑްގެ ފަރާތުންވެސް ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ ފަރާތުންވެސް ލިބިވަޑައިގެންފައި އޮންނާނީ. ކަމަކީ މިއީ، ދިވެހި މުޖުތަމަޢުގައިވެސް އަޅުގަނޑުމެން މިކަން ހުއްޓުވޭތޯ މަސައްކަތްތަކެއް ކުރެވިފައިވާ ކަމެއް. އޭގެ ނަތީޖާއެއްގެ ގޮތުން އެކަމާބެހޭގޮތުން ހަދަންޖެހޭ ޤާނޫނުތަކާއި ގަވާއިދުތައް ހެދިފައިވަނީ. ދެން އެއަށް ގެންނަން ޖެހޭ އިތުރު ފުރިހަމަކަމެއް ނެތެކޭ ނޫން، އަޅުގަނޑު މި ދަންނަވަނީ. އެހެން ނަމަވެސް އަސާސީ ޤާނޫނުތަކާއި ގަވާއިދުތައް ހުރީ ހެދިފައި. އެހެންވީމާ، އެއީކީއެއް އެއްގޮތަކަށްވެސް ހުއްދަކުރެވޭ ކަންތައްތަކެއް ނޫން. އެކަންކަން މަނާކުރުމަށްޓަކައި އަދި ހުއްޓުވުމަށްޓަކައި ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅޭނެގޮތް އެބަހުރި.

ހަމައެއާ އެއްވަރަށް އެހާ މުހިންމު ކަމެއް، އަޅުގަނޑުމެން ޢާއިލީ ފެންވަރެއްގައި އެކުދިންނަށް ބަހައްޓާ އަޅާލުންތެރިކަންވެސް. ދެންމެ އަޅުގަނޑު މިތަނަށް އައިއިރުގައިވެސް، މައިންބަފައިންނާއި ބެލެނިވެރިންނާއި ކުދިންނާ ދޭތެރޭގައި އޮންނަންޖެހޭ މުވާޞަލާތުގެ ވާހަކަ ދެކެވެމުން ދިޔަ އަޑު އަޅުގަނޑުމެންނަށް އިވިގެން ދިޔައީ. އަޅުގަނޑު ދެކޭގޮތުގައި އެންމެ މުހިންމު އެއްކަމަކީ ކުދިންނާ ދޭތެރޭގައި ގާތް ގުޅުމެއް އޮވެ، މައިންބަފައިން ކުދިންނާ މުވާޞަލާތުކޮށް، ވާހަކަ ދައްކައި، ކުދިންގެ ހާލު ދެނެގަތުން.

ކުއްޖަކު ބޮޑުކުރުމަށްޓަކައި އެންމެ މުހިންމު އެއްކަމަކީ، ކުއްޖާ ދެނެގަތުން. އެކުއްޖާއަށް ބޭނުންވާ ކަންތައްތަކާއި ދިމާވާ ދަތިތަކާއި، ހުރަސްތަކާއި، އެކުއްޖާގެ އިޙްސާސްތައް، ބެލެނިވެރިން ދެނެގަތުން އެއީ، ކުއްޖާ ބޮޑުވުމަށްޓަކައި އެންމެ ބޮޑު އެހީތެރިކަމެއް ބޭނުންވާކަމަކީ. އަޅުގަނޑަށް އެނގޭ، އަޅުގަނޑުމެންގެ މުޖުތަމަޢުގައި ޚާއްޞަކޮށް ކުދިން ބޮޑެތިވަމުން އަންނައިރުގައި މައިންބަފައިންނަށް، ގިނަ ބަޔަކަށް ހީވާ ކަހަލަ، ދެން މިހާރު ތިމަންނަމެންނަށް އަޅާލެވޭ ވަރަށްވުރެ ކުދިން އެތިބީ ބޮޑެތިވެފައޭ. އަނެއްކާ އެކުދިންވެސް އެގޮތަށް ޢަމަލުކުރާނެ. ބައެއްފަހަރު މައިންބަފައިންނާ ކަންކަމުގައި ވާހަކަނުދައްކާ، ނުވެސް ބައްސާ، ބޭރަށްދިޔަސް ނުވެސް ބުނެ، މިހެން ކުދިން އުޅޭނެ. އެހެންނަމަވެސް، ކިތަންމެ އިސްކޮޅުން ބޮޑުވިޔަސް އަދި ކިތަންމެ މަތީ ގްރޭޑެއްގައި އުޅުނަސް، އަޅުގަނޑުމެންގެ ދަރިން ހަމަވާނީ އަޅުގަނޑުމެންގެ ދަރިންނަށް. އެހެންވީމާ، އެކުދިންގެ ކަންތައްތައް އަޅުގަނޑުމެން ޖެހޭ ބަލަން. އަދި އެކުދިންނާ ބެހޭގޮތުން ގޭތެރޭގައިވެސް ހެދިފައި ހުންނަ ގަވާއިދުތަކާ އެއްޗެހިވެސް ހުންނަންޖެހޭ. ހަމަ ބޭނުންގޮތަކަށް އުޅެން ދޫކޮށްލެވިގެން ނުވާނެ.

ކުދިން، ޚާއްޞަކޮށް ރޭގަނޑު ބޭރަށް ދިޔުމުގައި މައިންބަފައިން ވަރަށް ބޮޑަށް ބަލަހައްޓަން އެބަޖެހޭ. އެއީ، މިހާރު އަޅުގަނޑުމެންގެ މުޖުތަމަޢަކީ އެހާ އަމާން ތަނެއް ނޫން. އެހެންވީމާ، ގެއަށް ވަދެ، ނިދުމުގެ އާދަކާދަވެސް ތަންކޮޅެއް އަވަހަށް އެކަން ރޭވިފައި އޮތުމަކީ އެއީ، މުހިންމު ކަމެއް. ރޭގަނޑު ފިލާވަޅު ދަސްކުރުމާއި، ފިލާވަޅު ދަސްކުރުމަށްފަހުގައި ކުދިން ނިދަން ދިޔުން އެއީ، ވަރަށް މުހިންމު ކަމެއް. ދަންވަންދެން ބޭރުގައި ކުދިން އުޅުމަކީ އެއީ، އެއްގޮތަކަށްވެސް ކުދިންނަށް އޭގެ ސަބަބުން އެއްވެސް ފައިދާއެއްވާނެ ކަމެއް ކަމަކަށް އަޅުގަނޑަކަށް ނުވިސްނޭ. އެހެންވީމާ، މިކަހަލަ ކަންކަމުގައި ގޭތެރޭގައިވެސް ރަނގަޅު ހަރުދަނާ ގަވާއިދުތައް ހެދި، ކުޑައިރުއްސުރެ ކުދިންނަށް އެ އާދަކާދަ ދަސްކޮށްދިނުމަކީ އެއީ، އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންގެ މުސްތަޤްބަލަށްޓަކައި، އެކުދިންގެ މުސްތަޤްބަލަށްޓަކައި އެޅޭ ވަރަށް މުހިންމު ބިންގަލެއްހެން.

އާދެ! ކުދިން ބެލުމަކީ، ކުދިން ދެނެގަތުމަކީވެސް އެއީ ފަސޭހަ ކަމެއްނޫން. އެހެންވީމާ، މިކަހަލަ އިންތިޒާމެއް ރާއްވަވައިގެން "ކެޕްސް"ގެ ފަރާތުން ޚާއްޞަކޮށް ޕޭރެންޓަލް އެޑިޔުކޭޝަން، ޕޭރެންޓަލް އެވެއަރނަސް ވާރކްޝޮޕެއް ބޭއްވިކަން އެއީ، ވަރަށް އުފާކުރަންޖެހޭ ކަމެއް. ކުޑަކުދިން ތަރުބިއްޔަތުވަމުން އަންނައިރުގައި، އެކުދިން ބޮޑުވަމުން އަންނައިރުގައި، އެކިއެކި މަރުހަލާތަކުން ބޮޑުވަމުން މިއަންނަނީ. އެކިއެކި އުމުރުފުރާގައި. އެހެންވީމާ، އެއް އުމުރުފުރައެއްގައި އެކުދިންނަށް ދިމާވާ އެކިއެކި މައްސަލަތަކާއި، އެކުދިންނަށް އެނގެންޖެހޭ އެއްޗިއްސާއި އެކުދިން އުޅުމުގައި ގެންގުޅޭ އާދަކާދަތަކާއި، އަޚްލާޤީ މިންގަނޑުތަކާއި، އެކުދިން ޖިސްމާނީގޮތުން ބޮޑުވުމުގައި އެކުއްޖެއް އިސްކޮޅާއި އެކުއްޖެއްގެ ބުރަދަނާ، މިހުރިހާ އެއްޗެއް ހިމެނޭ ގޮތުން ކުއްޖާގެ ތަރައްޤީއާބެހޭ ތަފާތު މިންގަނޑުތައްވެސް މިހާރު ވަރަށްގިނަ ޤައުމުތަކުގައިވަނީ ކަނޑައެޅިފައި. ޚާއްޞަކޮށް ޅަފަތުގައި އަދި އެއަށްވުރެ ބޮޑުވަމުން އަންނައިރުގައިވެސް. ބެލެނިވެރިންނަށް، މިހާރު ބޭރުގެ ޤައުމުތަކުގައިވެސް އެންމެ އުދަނގޫ ފައްތަރަކީ، އަޅުގަނޑު ދެކޭގޮތުގައި ކުއްޖާ ޒުވާނަކަށް ވެގެން އަންނައިރުގައި ދެން އެކުއްޖާއަށް އެހީވެދޭނެ ގޮތްތައް.

އަޅުގަނޑުމެންގެ ތެރޭގައިވެސް ޒުވާނުންނަށް ކުދިން ވުމަށްފަހުގައި، ވެގެން އަންނައިރުގައި، ޚާއްޞަކޮށް ފުރާވަރަށް އަރައިގެން އަންނައިރުގައި ކުއްޖާއަށް އެދިމާވާ ކަންތައްތަކުގައި ބެލެނިވެރިންނަށް އެހީވެދެވޭނެ ހުނަރު، މިކަމާބެހޭ މަޢްލޫމާތު، ދެވޭނެގޮތް ހެދުމަކީ އެއީ، ވަރަށްވެސް މުހިންމު ކަމެއް. ވީމާ، މިބާވަތުގެ ވަރކްޝޮޕްތަކުން، ސެމިނާރތަކުން، ކުދިން ބޮޑުކުރުމަށްޓަކައި ބޭނުންވާ މަޢްލޫމާތުތައް، އެކުދިން ޙިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި ބޭނުންވާ މަޢްލޫމާތުތައް ގިނަގިނައިން ބެލެނިވެރިންނަށް ލިބިދިނުމަކީ ވަރަށް މުހިންމު ކަމެއް. އެކަމަށްޓަކައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަށް އަޅުގަނޑު ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ތަޢުރީފް ކުރަން.

އަޅުގަނޑު ނިންމާލުމުގެ ކުރިން، އަޅުގަނޑު ކުރިން ދެންނެވިހެން، ވަރަށްބޮޑަށް އަޅުގަނޑު އުފާވެއްޖެ، މިހާ ގިނަ އަދަދެއްގެ ބެލެނިވެރިންނާއި ޓީޗަރުން، މިއަދު މި ވަރކްޝޮޕްގައި ބައިވެރިވީތީ. އެއީ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ތިޔަބޭފުޅުން މިކަމުގައި ބަހައްޓަވާ ޚާއްޞަ އަހަންމިއްޔަތެއްގެ ވަރަށް ފުރިހަމަ ދަލީލެއް، ހުރިހާ ބޭފުޅުން ވަޑައިގެން މިއަދު މެންދުރުފަހުން މިކަމުގައި ބައިވެރިވެދެއްވިކަން. އަދި ކުރިއަށް އޮންނަ މިބާވަތުގެ ވަރކްޝޮޕްތަކުގައި ތިޔަބޭފުޅުންގެ ރަޙްމަތްތެރިންނާއި ރައްޓެހިންވެސް ބައިވެރިކުރުމަށްޓަކައި އިތުރު ހިތްވަރެއް ދެއްވައި މިކަމުގައި ބާރު އަޅުއްވައި ދެއްވުން އަޅުގަނޑު ވަރަށްބޮޑަށް އެދެން. އަދިވެސް އެއްފަހަރު ތިޔަހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި އަޅުގަނޑުގެ ދުޢާއަކީވެސް، އަޅުގަނޑުމެންގެ ހުރިހާ ކުދިންނަކީ ރައްކާތެރި މާޙައުލެއްގައި، ރަނގަޅު އަޚްލާޤެއްގައި ބޮޑުވަމުން އަންނަ ކުދިންތަކަކަށްވުން.

والســّلام عليــكم

_________________________