ބަންގްލަދޭޝްގެ 40 ވަނަ މިނިވަން ދުވަހާއި ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން، ރާއްޖޭގައި ހުންނަ ބަންގްލަދޭޝް ހައިކޮމިޝަނުން ރޭ ދަރުބާރުގައި ބޭއްވި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބައިވެރިވެވަޑައިގެންފިއެވެ.

މި ޙަފްލާގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ބަންގްލަދޭޝާއި ދެމެދުގައިވާ ގާތް ރަޙްމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި ތަރައްޤީގައި މި ސަރަޙައްދުގެ ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ސާކް ޤައުމުތަކަށް އިތުރު ކުރިއެރުން ގެނައުމަށާއި ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދައިދިނުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝޭޚް ޙަސީނާ، ބައިނަލްއަޤްވާމީ ފެންވަރުގައި އެކި ރޮނގުތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށް ބައްލަވާލައްވަމުން، ޚާއްޞަކޮށް، ތިމާވެށީގެ ރޮނގުން ދެކުނު އޭޝިޔާގެ ޤައުމުތަކަށް އެކަމަނާ ހޯއްދަވައިދެއްވާފައިވާ ކުރިއެރުން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ބަންގްލަދޭޝްގެ މިނިވަން ދުވަހާއި ޤައުމީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ، ބަންގްލަދޭޝްގެ ބޮޑުވަޒީރަށާއި، ސަރުކާރަށާއި ރައްޔިތުންނަށް ފޮނުއްވިއެވެ.

ބަންގްލަދޭޝްގެ މިނިވަން ދުވަހާއި ޤައުމީ ދުވަސް ފާހަގަކުރަނީ މާޗް މަހުގެ 26 ވަނަ ދުވަހުއެވެ.