ޕާކިސްތާނުގެ 71 ވަނަ މިނިވަންދުވަސް ފާހަގަކުރުމުގެ ގޮތުން، ޕާކިސްތާނުގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޚްތަރު އަލީ ސުލެޙްރީ، ރޭ ބޭއްވެވި ޙަފްލާއެއްގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބައިވެރިވެވަޑައިގެންފިއެވެ.

ރޭ ދަރުބާރުގޭގައި ބޭއްވެވި މި ޙަފްލާގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޕާކިސްތާނު މިނިވަންވުމުގައި އިސް ދައުރެއް އަދާކުރެއްވި މުޙަންމަދު ޢަލީ ޖިނާޙް ގެންގުޅުއްވި ވިސްނުންފުޅުގެ މައްޗަށް ބައްލަވާލައްވައި، އިސްލާމީ ދުނިޔޭގައި ޕާކިސްތާން އިސް ދައުރެއް އަދާކުރަން ބޭނުންފުޅުވާ ކަމުގައި ވިދާޅުވިއެވެ. އަދި ޕާކިސްތާނަކީ، އިސްލާމްދީނުގައި ޞުލްޙައާއި ޑިމޮކްރަސީއަށް ބާރުއަޅާ އުޞޫލުތަކަށް ހިތްވަރުދީ، އެހެން އިސްލާމް ޤައުމުތަކަށް ނަމޫނާ ޤައުމެއް ކަމުގައިވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖެއާއި ޕާކިސްތާނާ ދެޤައުމު ދެމެދުގައި ޒަމާނުއްސުރެ ވަރަށް އެއްގޮތް ކަންތައްތަކެއް އެބަހުރިކަން ފާހަގަކުރެއްވިއެވެ. ރާއްޖެއާއި ޕާކިސްތާނާ ދެމެދުގައިވާ ގާތް ގުޅުމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، ރާއްޖޭގައި ދިރިއުޅެމުންދާ ޕާކިސްތާނު ރައްޔިތުން، ދިވެހިންނާ ވަރަށް ގާތް ގުޅުމެއް ބަހައްޓަމުން ގެންދާ ކަމަށާއި، އެ ރައްޔިތުންނަކީވެސް، ރާއްޖޭގެ ތަރައްޤީގެ ބައިވެރިން ކަމުގައި ވިދާޅުވިއެވެ.

ޕާކިސްތާނުގެ މިނިވަން ދުވަހަކީ މާޗް މަހުގެ 23 ވަނަ ދުވަހެވެ.