އަމިއްލަ ފަރާތްތަކުން ހިންގާ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކަށް ދައުލަތުގެ ގެރެންޓީ ދޫކުރުމުގައި ޢަމަލުކުރާނެ އުޞޫލެއް، މާލިއްޔަތު ޤާނޫނުގެ ދަށުން، ވަޒީރުންގެ މަޖިލީހުން މިއަދު ކަނޑައަޅުއްވައިފިއެވެ. މިއުޞޫލު ކަނޑައެޅުއްވީ، ދައުލަތުން އަމިއްލަ ފަރާތްތަކަށް ގެރެންޓީ ދޫކުރުމުގައި ޢަމަލުކުރާނެ އުޞޫލަކާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއިން ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށް މިއަދުގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ. މި ކަރުދާހުގައި ހުށަހަޅުއްވާފައިވަނީ، ތަރައްޤީގެ މަޝްރޫޢުތަކުގައި، ޕްރައިވެޓް ސެކްޓަރުގެ ބައިވެރިވުން އިތުރުކުރެއްވުމަށް ސަރުކާރުން ނިންމަވާފައިވާ ސިޔާސަތުގެ ދަށުން ޕްރައިވެޓް ސެކްޓަރުން ހިންގަވާ ބޮޑެތި އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓްތަކަށް ފައިސާ ހޯދުމުގައި ލުޔެއް ހޯދައިދިނުމުގެ ގޮތުން، އަހަރަކު ސަތޭކަ ފަންސަވީސް މިލިއަން ރުފިޔާގެ ލިމިޓެއްގެ ތެރެއިން ޕްރައިވެޓް ސެކްޓަރުގެ ފަރާތްތަކަށް ސަރުކާރުން ގެރެންޓީއެއް ދެއްވުމަށެވެ. މިގޮތުން، ގެރެންޓީ ދިނުމުގައި، ޕްރައިވެޓް ސެކްޓަރުގައި ޙަރަކާތްތެރިވާ އަމިއްލަ ފަރުދެއްގެ ޙައިޘިއްޔަތުން މަސައްކަތްކުރާ ފަރާތްތަކެއް ނުހިމެނޭނެއެވެ.

މިކަމާ ބެހޭގޮތުން މިއަދުގެ ޖަލްސާގައި މަޝްވަރާ ކުރެއްވުމަށްފަހު، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ދައުލަތުގެ ބަޖެޓުގައި ހިމެނިފައިވާ ޚަރަދެއްނަމަ، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ލަފަޔާއެކު ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމުން، ރައީސުލްޖުމްހޫރިއްޔާ ގޮތެއް ކަނޑައެޅުއްވުމަށާއި، އަދި ދައުލަތުގެ ބަޖެޓްގައި ހިމެނިފައިނުވާ ޚަރަދެއްނަމަ، ގެރެންޓީ ދޫކުރެއްވުމާގުޅޭގޮތުން މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުއްވުމުން، ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިގެން އެކަން ނިންމެވުމަށް ކަނަޑައެޅުއްވިއެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ދިވެހިރާއްޖޭގައި ޤައުމީ ފުޑް އެންޑް ނިއުޓްރިޝަން ކައުންސިލެއް އުފެއްދެވުމަށްވެސް ނިންމެވިއެވެ. މި ކައުންސިލް އުފެއްދެވުމުގެ ބޭނުމަކީ، ރާއްޖޭގައި ކާބޯތަކެއްޗާއި ނިއުޓްރިޝާ ގުޅޭގޮތުން މަސައްކަތްކުރާ ދާއިރާތަކުން ކަނޑައަޅާ ސިޔާސަތުތަކާއި، ހިންގާ ޕްރޮގްރާމްތަކަކީ، ކަމާބެހޭ ދާއިރާތަކުގެ މެދުގައި މަޝްވަރާ ކުރެވިގެން، ރާއްޖޭގެ ނިއުޓްރިޝަނާއި، ފުޑް ސެކިއުރިޓީގެ ޤައުމީ ލަނޑުދަނޑިތައް ޙާޞިލް ކުރުމަށް މަގުފަހިކުރެއްވުމެވެ. މި ކައުންސިލްގެ ޗެއަރޕަރސަނަކަށް ހުންނަވާނީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ. މީގެއިތުރުން، ކައުންސިލްގެ މެންބަރުންގެ ގޮތުގައި ތިއްބަވާނީ، ކަމާބެހޭ ދާއިރާތަކުގެ ސިޔާސަތު ކަނޑައަޅުއްވާ ބޭފުޅުންނެވެ.

މިއަދުގެ ޖަލްސާގައި، އިންޓަރނޭޝަނަލް އޯގަނައިޒޭޝަން ފޮރ މައިގްރޭޝަން، އައި.އޯ.އެމް. ގައި ރާއްޖެއިން ބައިވެރިވުމަށްވެސް ނިންމެވިއެވެ. އަދި މި އޯގަނައިޒޭޝަންގައި ރާއްޖެ ބައިވެރިވުމަށްޓަކައި ކުރައްވަންޖެހޭ ކަންތައްތައް، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ކުރައްވަމުން ގެންދެވުމަށްވެސް ހަމަޖެއްސެވިއެވެ.