بســم اللّـه الرّحمـن الرّحيــم

الحمـد للـه ربّ العـالمـين ، والصّـلاة والسّـلام علـى محـمّد وعلى آلـه وصحـبه أجمعـين.

ޢިއްޒަތްތެރި މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީ އަދި އެމިނިސްޓްރީގެ އިސްބޭފުޅުން، ރާއްޖޭގެ ފިލްމީ ދުނިޔޭގެ ވަރަށް ކުލަގަދަ ތަރިންތައް އަދި މިތަނަށް ޙާޒިރުވެ ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދު ފަރިވާ ފިލްމްސްގެ ފަރާތުން އިސްނަންގަވައިގެން އަދި ޚާއްޞަކޮށް ޙުސައިން އަންވަރާއި ނިޢުމާ އިސްނަންގަވައިގެން މި މުހިންމު ޙަފްލާ ރޭއްވެވި ކަމަށްޓަކައި އެފަރާތްތަކަށް އަޅުގަނޑު ވަރަށްބޮޑަށް ޝުކުރު ދަންނަވަން. އަދި ހަމައެހެން، މިޙަފްލާގައި ވާހަކަދައްކާލުމުގެ ފުރުސަތު އަޅުގަނޑަށްވެސް ދެއްވިކަމަށްޓަކައި ޝުކުރު އަދާކުރަން.

އާދެ! ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ރޭވިފައިވާ އެކިއެކި ޖަލްސާތަކާއި ޙަފްލާތައް ރާއްޖޭގައި ކުރިއަށް އެބަދޭ. އެގޮތުން އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މިއީވެސް، އެމުނާސަބަތާ ގުޅިފައިވާ ޙަފްލާއެއް. އަދި އެނގިވަޑައިގަންނަވާނެ ފަދައިން މިއަހަރަކީ ވަރަށް ޚާއްޞަ އަހަރެއް. ސަބަބަކީ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރާތާ 100 އަހަރު ފުރުނު އަހަރު މިއަހަރު މިއީ. އަދި އެނގިވަޑައިގަންނަވާނެ ފަދައިން ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހެއް މީގެ 100 އަހަރު ކުރިން ފާހަގަކުރަން ޖެހުނު ސަބަބަކީ، އަންހެނުންގެ ޙައްޤުތައް ލިބިގަތުމަށްޓަކައި ޚާއްޞަކޮށް މަސައްކަތްކުރާ އަންހެނުންނަށް އަންހެނުންގެ ޙައްޤުތައް ލިބިދިނުމަށްޓަކައި ކުރަން ފެށި މަސައްކަތެއް. ނަމަވެސް، މިއަދާ ހަމައަށް އައިއިރުގައިވެސް އަދިވެސް އަޅުގަނޑު ދަންނަވާނީ، ދުނިޔޭގެ ވަރަށް ގިނަ ތަންތާނގައި އެޙައްޤުތައް ފުރިހަމައެއްކޮށް އަންހެނުންނަކަށް ނުލިބެޔޭ.

އަންހެނުންނަށް ދިމާވާ އަނިޔާތަކުގެ ތެރޭގައި ދެންމެ ނިޢުމާ އެ ދެއްކެވީ، ޖިސްމާނީ ގޮތުންނާއި އަދި ނަފްސާނީ ގޮތުން ދިމާވާ ބޮޑެތި އަނިޔާތަކުގެ ވާހަކަ. އޭގެ އިތުރުން، މަސައްކަތުގެ ދުނިޔޭގައިވެސް، މަސައްކަތުގެ ދާއިރާގައިވެސް ދިމާވާ ވަރަށްގިނަ އުނދަގޫތަކާއި އަނިޔާތައް ހުރޭ. އެގޮތުން އަންހެނުންނާ ފޮށުމާއި، އަންހެނުންނާ ދިމާކުރުމާއި، އެކިއެކި ގޯނާތައް ކުރުން އެއީ، ދުނިޔޭގެ ވަރަށްގިނަ ތަންތާނގައި ހިނގަމުންދާ ކަންތައްތައް. އެހެންވީމާ، އެކަންތައްތައް ހުއްޓުވައި އަންހެނުންނަކީވެސް ފިރިހެނުންނާ އެއް ހަމައެއްގައި އެއް ޙައްޤުތަކެއް ލިބިފައިވާ ބަޔަކަށް ހެދުމަށްޓަކައި ކުރާ މަސައްކަތުގެ ތެރެއިން ކޮންމެ އަހަރަކުވެސް ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހެއް ފާހަގަކުރެވެމުން މިދަނީ.

އަޅުގަނޑަށްވެސް ހަމަ ވަރަށް ބޮޑަށް ރާއްޖޭގައި އަންހެނުންނަށް ދިމާވާ އަނިޔާތަކާ ބެހޭގޮތުން މަޢްލޫމާތު ލިބެމުން އެބަދޭ. އަދި ދެންމެ އެވިދާޅުވި ތަފާސް ހިސާބުވެސް ވަރަށްގިނަ ބަޔަކަށް މިހާރު އެނގޭ. އަޅުގަނޑު ދަންނަވާނީ މިކަން ހުއްޓުވުމަށްޓަކައި ވަރަށްގިނަ ފަރާތްތަކުން މިހާރު މަސައްކަތް ކުރައްވަމުން އެބަ ގެންދަވައޭ. އެގޮތުން ޚާއްޞަ ގޮތެއްގައި އަޅުގަނޑު ފާހަގަކުރަން، މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ބިލް. އެއީ ގޭތެރޭގައި އަންހެނުންނަށް ދެވޭ އަނިޔާތައް ހުއްޓުވުމަށްޓަކައި ހުށަހެޅިފައިވާ ބިލެއް. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން، ދާދި އަވަހަށް ރައްޔިތުންގެ މަޖިލީހުގެ ފަރާތުން އެ ބިލް ފާސްކުރައްވާނެ ކަމަށް. އަދި އަންހެނުންގެ ޙައްޤުތައް ލިބިދިނުމުގައި ދައުލަތުގެ ހުރިހާވެސް މުއައްސަސާތަކަކުން ވަރަށް ވަރުގަދަ އެއްބާރުލުމެއް ދީގެން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް.

އާދެ! އަންހެނުންގެ ޙައްޤުތައް ލިބިދިނުމަށްޓަކައި އަޅުގަނޑު ގަބޫލުކުރާގޮތުގައި ކުރަންޖެހޭ އެންމެބޮޑު އެއްކަމަކީ އަންހެނުން ބާރުވެރިކުރުވުން. އަންހެނުން ބާރުވެރިކުރުވުމަށްޓަކައި ކުރަންޖެހޭ ކަމެއް، އަންހެނުންނަކީ އާމްދަނީ ލިބޭ ބަޔަކަށް ހެދުން. އާމްދަނީ ލިބި އަމިއްލަ ފައިމައްޗަށް ތެދުވެވޭ، ބާރުވެރި ބަޔަކަށް ހެދުމަކީ އެއީ، ވަރަށް މުހިންމު ކަމެއް ކަމަށް އަޅުގަނޑު ގަބޫލު ކުރަން. އޭރުން ޒަވާޖީ ޙަޔާތުގައިވެސް ދެމަފިރިންނަކީ އާމްދަނީ ލިބި، އެކެއްގެ މައްޗަށް އަނެކަކު މާބޮޑަށް ބަރޯސާނުވެ އުޅެވޭވަރުގެ މިނިވަންކަމެއް އޮތް މީހެއްކަމަށްވާނަމަ، ޢާއިލާގެ ތެރޭގައިވެސް އަންހެނުންގެ ބާރު އިތުރުވެގެންދާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ.

އާދެ! އެކަމާ ދޭތެރޭގައި ވިސްނާލާއިރުގައި ޝައްކެއްނެތް ކުރިއާ އަޅާބަލާއިރުގައި ގިނައަދަދެއްގެ ޚާއްޞަކޮށް ޒުވާން އަންހެނުން މިހާރު ވަޒީފާ އަދާކުރަމުން ގެންދޭ. ނަމަވެސް ހިތާމއަކީ، އަދިވެސް އުމުރުން 16 އަހަރުން މަތީގެ ވަރަށް ގިނަ އަންހެން ކުދިންނާއި އަންހެނުންނަކީ މާބޮޑު ކަމެއްނެތި ތިބޭ ބައެއް. އާދެ! އުމުރުން 16 އަހަރުގައި ސްކޫލް ދައުރު އެބަ ނިމޭ ވަރަށްގިނަ ކުދިންނަށް. މި ދުވަސްވަރުގައި އިތުރު ތަޢްލީމީ ފުރުސަތެއް ނެތި، އިތުރު ތަމްރީނެއް ނެތި ވަރަށްގިނަ ކުދިންތަކެއް އެބަ ގޭގައި ތިބޭ. އަދި ހަމައެހެންމެ 18 އަހަރުވުމަށްފަހުގައިވެސް، އަންހެނުންނަށް ވަޒީފާ ލިބުނު މިންވަރުން އަދިވެސް ހަމަ ވަރަށްމަދު ބައެއް، މަސައްކަތުގެ ދާއިރާއަށް މިނުކުންނަނީ. ހަމަ ގިނަ ޒުވާން އަންހެނުންނަކީ އަދިވެސް ހަމަ ޢާއލާގެ ފިރިހެނުންނަށް ލިބޭ އާމްދަނީގެ މައްޗަށް ބުރަވެގެން ތިބޭ ބައެއް.

މިއަދު ޚާއްޞަކޮށް ތަޢްލީމީ، ޒަމާނީ ދުވަސްވަރެއްގައި އަޅުގަނޑުމެން އެބަ ގަބޫލުކުރަންޖެހޭ ޢާއިލާގެ ދިރުމަށްޓަކައި ޤައުމުގެ ތަރައްޤީއަށްޓަކައި އަންހެނުންނާއި ފިރިހެނުންނަކީ އެއްވަރަކަށް ޙިއްޞާ ކުރާ ބަޔަކަށްވުން. އެކަމަކީ މުހިންމު ކަމެއްކަމުގައި އަޅުގަނޑުމެން އެންމެން އެބަ ދެކެންޖެހޭ. އަޅުގަނޑުމެން، ޚާއްޞަކޮށް ފިރިހެނުން އެބަ ގަބޫލުކުރަންޖެހޭ، އަންހެނުންނަކީ އަޅުގަނޑުމެންނާ ހަމަ އެއްވަރަށް ޙައްޤުތަކެއް ލިބިގެންވާ ބައެއްކަން. މިއަދު އަޅުގަނޑުމެންނަށް އެއްވެސް ޙާލަތެއްގައި ގަބޫލުކުރެވޭކަށް ނެތް، އަންހެނުންނަކީ އަޅުގަނޑުމެން ފިރިހެނުންނަށްވުރެ ނިކަމެތި ދެރަ ބައެއްގެ ގޮތުގައި ބެލެވޭކަށް ނެތް. އާދެ! މުޅި ދުނިޔެ ގަބޫލުކުރާ މުޢާހަދާތަކާއި އެކިއެކި އެއްބަސްވުންތަކުގައި ދިވެހިރާއްޖެ މިވަނީ މިދުނިޔޭގެ މެންބަރެއްގެ ގޮތުގައި ސޮއިކޮށް އެއްބަސްވެފައި. އެގޮތުން އިންސާނީ ޙައްޤުތަކާބެހޭ ބޮޑެތި މުޢާހަދާތަކުގައިވަނީ ދިވެހިރާއްޖެ ސޮއިކޮށްފައި. ޚާއްޞަ ގޮތެއްގައި އަންހެނުންނަށް ދެވޭ އެކިބާވަތްބާވަތުގެ އަނިޔާތަކުން އެމީހުން ޙިމާޔަތް ކުރުމަށްޓަކައި ހެދިފައިވާ ކޮންވެންޝަން "ސީޑޯ" ގައި އަޅުގަނޑުމެންވަނީ ސޮއިކޮށްފައި. އަދި ހަމައެހެން، ކުޑަކުދިންނަށްވެސް އަޅުގަނޑު މިވާހަކަ މި ދަންނަވަނީ، މިއަދު އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ކުޑަކުދިންނަށް ލިބޭ ޙައްޤުތަކާބެހޭގޮތުންވެސް ކޮންމެވެސް ވަރަކަށް މިޖަލްސާގައި އަލިއަޅުވާލައްވަން ގަސްދުކުރައްވާފައިވާތީ.

ކުޑަކުދިން ޙިމާޔަތް ކުރުމަށްޓަކައި، އެކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމަށްޓަކައި ހެދިފައިވާ ކޮންވެންޝަނެއްވެސް އެބައޮވޭ. ކޮންވެންޝަން އޮފް ދަ ރައިޓްސް އޮފް ދަ ޗައިލްޑް. މިމުޢާހަދާއަކީ މިހާތަނަށް ދުނިޔޭގައި އެންމެގިނަ އަދަދެއްގެ ޤައުމުތައް ސޮއިކޮށްފައިވާ މުޢާހަދާ. މިމުޢާހަދާތަކުގައި އެކުލެވިފައިވަނީ ދުނިޔޭގެ އާބާދީގެ ގިނަ ބަޔަކު ގަބޫލުކުރާ އުޞޫލުތަކެއް. ގަބޫލުކުރާ ކަންތައްތަކެއް. އެހެންވީމާ، މި 21 ވަނަ ޤަރުނުގެ ދުނިޔޭގެ މުޖުތަމަޢުގައި އަޅުގަނޑުމެން އެހެން މީހުންނާ ފައި އެއްވަރުކޮށް ހިނގަން ބޭނުންވާ ކަމަށްވާނަމަ އަޅުގަނޑުމެން އެބަޖެހޭ، އެއެއްބަސްވުންތަކުގައި ހުރި ކަންތައްތަކަށް އަޅުގަނޑުމެން ފަރުވާ ބަހައްޓައިގެން އެގޮތަށް އަޅުގަނޑުމެންގެ ކަންތައްތައްވެސް ރާވައި، އެފެންވަރަށް ހިންގޭތޯ ބަލަން.

އަޅުގަނޑު އެއްގޮތަކަށްވެސް ޤަބޫލެއް ނުކުރަން މިއަދު އެއްވެސް ތަނެއްގެ ޤާނޫނެއްގައި ޤަރާރެއްގައި އަންހެނުންނަށް އަދި ކުޑަކުދިންނަށް ގޯނާކޮށް، އަނިޔާކުރުން ހުއްދަ ކުރާކަމެއް. އަޅުގަނޑަކަށް ހަމަގައިމުވެސް ފެނިފައެއް ނެތް، އެފަދަ ހުއްދައެއްދޭ ޤާނޫނެއްވެސް ޤަރާރެއްވެސް. ހައްތަހާވެސް މިފެންނަނީ އެކަން މަނާކުރާ ކަންތައްތައް. އެހެންވީމާ، އެއްވެސް މީހަކަށް ނެތް މިއަދު ބުނެވޭކަށް، ތިމަންނައަށް ތިމަންނަ ފިރިއަކަށްވާތީ ނޫނީ ބައްޕައަކަށްވާތީ ނުވަތަ ބޭބެއަކަށްވާތީ ތިމަންނައަށް ތިމަންނަގެ އަންހެން ކޮއްކޮއަށް ނުވަތަ އަނބިމީހާއަށް މިބާވަތުގެ ކަމެއް ކުރެވިދާނެއެކޭ. އަޅުގަނޑުމެންނަށް އެބަ އިވޭ، ބައެއް ޤައުމުތަކުގައި ޢިއްޒަތް ހިފެހެއްޓުމަށްޓަކައި ބައްޕައިން އެމީހުންގެ އަންހެން ދަރިން ޤަތުލު ކުރާ ތަންވެސް. އިނގިރޭސިވިލާތުގައި މިހާރުވެސް އެބަ ހިނގާ މިބާވަތުގެ ކަންތައްތައް. އެމެރިކާގައިވެސް މިބާވަތުގެ ކަންތައްތައް މިހާރުވެސް އެބަ ހިނގާ. ނަމަވެސް އަޅުގަނޑު ދަންނަވާނީ މިއީކީ ތަހުޒީބީ، ޒަމާނީ، އަދި ތަޢްލީމީ ބައެއްގެ މެދުގައި ހިނގައިގެންވާނެ ކަންތައްތަކެއް ނޫން. އަޅުގަނޑުމެން ފަޚުރުވެރިވާންޖެހޭ، ދިވެހިރާއްޖޭގައި މިބާވަތުގެ އެކްސްޓްރީމް ކަންތައްތައް ނުހިނގާތީ. އެހެންވީމާ، ދިވެހިރާއްޖެއަކީ އަބަދުވެސް އަންހެނުންގެ ރޯލު މުޖުތަމަޢުގައި ވަރަށް ހަރުދަނާ ގޮތެއްގައި އޮންނަ ތަނެއް. ވަރަށްގިނަ ރަށްރަށުގައި އަންހެނުންނަކީ އިޙްތިރާމް ކުރެވޭ، އަންހެނުންނަކީ ޢާއިލާގެ ތެރޭގައި ބަސްބުނެވޭ ބައެއްގެ ގޮތުގައި އުޅޭ ބައެއް އަޅުގަނޑުމެންނަކީ. އަޅުގަނޑުމެންގެ ޢާއިލާތަކުގައި، އަޅުގަނޑުމެންގެ ޢާއިލާތަކުގައި އަޅުގަނޑުމެންގެ މާމައިން، މަންމައިންނަކީ ޢިއްޒަތްތެރި ބައެއް. އަޅުގަނޑުމެން އެމީހުންނަށް އިޙްތިރާމް ކުރާ ބައެއް. އަޅުގަނޑުމެން ވިސްނަންވީ އެއިން އެއްވެސް މީހަކަށް އެހެން މީހެއްގެގެ ފަރާތުން އަނިޔާ ލިބޭއިރުގައި އަޅުގަނޑުމެންނަށް ކޮންކަހަލަ އިހްސާސްތަކެއްތޯ ކުރާނީ.

އެހެންވީމާ، މިމުނާސަބަތުގައިވެސް އަޅުގަނޑުމެން އެބަ ޢަޒުމް ކަނޑައަޅަންޖެހޭ، މިހެން ހުރި ކަންކަން ރަނގަޅު ކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަންތައްތަކެއް ކުރަން. އެއީ، ދައުލަތުގެ ފަރާތުން ކުރަން ހުރި ކަންކަން ކަމުގައިވީނަމަވެސް އަދި އަމިއްލަ ފަރާތްތަކުން، އެކިއެކި ކުންފުނިތަކުންނާއި ޖަމްޢިއްޔާތަކުން ކުރަން ހުރި ކަންތައްތައް ކަމުގައިވީނަމަވެސް، މިކަންކަމަކީ އެއީ، އަޅުގަނޑުމެން ކުރަންޖެހޭނެ ކަންތައްތައް. އަދި އަޅުގަނޑުމެންގެ މުޖުތަމަޢުއަކީ، އަޅުގަނޑުމެންގެ ޢާއިލާތަކަކީ، އަންހެނުންނާއި ކުޑަކުދިންނަށް ރައްކާތެރި، އޯގާތެރި، ހިމާޔަތްދޭ ތަންތަން ކަމުގައި ހަދަން އަޅުގަނޑުމެން އެންމެން މަސައްކަތް ކުރަންޖެހޭ.

މީގެ އެންމެ ބޮޑު ރޯލެއް އަދާކުރަންޖެހެނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ފިރިހެނުން. އެއީ، ފިރިހެނުންގެ ފަރާތުން ގިނަ ފަހަރަށް އަންހެނުންނަށް އަދި ތުއްތުކުދިންނަށްވެސް އެކިއެކި ގޯނާތައް ކުރެވެމުން މިދަނީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި. އެހެންވީމާ، އަޅުގަނޑުމެން ފިރިހެނުން މިކަމުގައި އެބަޖެހޭ ވަރަށް ޚާއްޞަކޮށް ވިސްނަން، މިކަމާ ދޭތެރޭގައި އަޅުގަނޑުމެންގެ ދަރިން ބޮޑު ކުރުމުގައި ދޭ ތަރުބިއްޔަތުގެ ތެރެއަށް އަޅުގަނޑުމެން މި ވިސްނުން ގެންނަން. އަޅުގަނޑުމެންގެ ޚާއްޞަކޮށް ފިރިހެން ކުދިން، ބޮޑުވަމުން އަންނައިރުގައި އެކުދިންނަށް އެބަ ވިސްނައިދެވެންޖެހޭ އެކުދިންނަކީ ހަމަ ދެން ތިބި އަންހެން ކޮއްކޮއިން ނުވަތަ ދައްތައިންނާއި އެއްވަރުގެ ބައެއްކަން. އެމީހުންނަށް އޯގާތެރިކޮށް ހިތަންޖެހޭނެކަން. އަދި އަޅުގަނޑުމެން ގޭތެރޭގައި ޢަމަލުތައް ބަހައްޓާއިރުގައިވެސް، ފިރިހެންކުދިންނަށް ކަންކަމުގައި އިސްކަންނުދީ، ހުރހާ ކުދިންނަށްވެސް ހަމަހަމަކޮށް ކަންތައް ކުރެވޭތޯ މަސައްކަތް ކުރުމަކީ އެއީ، އަޅުގަނޑުމެން ބައްޕައިންގެ ގޮތުން، ބެލެނިވެރިއެއްގެ ގޮތުން އަޅުގަނޑުމެންނަށް ކުރެވިދާނެ ކަމެއް. އެހެންވީމާ، މިކަންކަން އެގޮތަށް ކުރައްވާނެ ކަމަށް އަޅުގަނޑު ހީކުރަން. އަޅުގަނޑުމެންގެ މުޖުތަމަޢަކީ، އުފާވެރި ތަނަކަށް ހެދޭނީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި ދިރިއުޅޭ އަންހެނުންނާއި ފިރިހެނުންނާއި ކުޑަކުދިންނާ އެންމެންނަކީވެސް، އުފަލުގައި ތިބި ބަޔަކަށް ހެދިގެން. އަޅުގަނޑުމެންގެ އާބާދީގެ ދެބައިކުޅަ އެއްބައި، އަންހެނުންނަކީ. އެހެންވީމާ، އަންހެނުންނަށް ނިކަމެތިވާ ގޮތަކަށް ކަންތައްތައް ހުރުމަކީ، އެއީ މުޅި މުޖުތަމަޢަށް، މުޅި ޤައުމަށް އޭގެ އަސަރު ނޭދެވޭ ގޮތުގައި ކުރާނެ ކަމެއްކަން ޔަޤީން.

އާދެ! އަޅުގަނޑު އުންމީދު ކުރަން، ކުރިއަށްއޮތްތާނގައި ގިނަ އަދަދެއްގެ ޒުވާން އަންހެންކުދިންނަށް ވަޒީފާގެ ފުރުސަތުތައް ލިބޭނެ ދޮރުތައް ހުޅުވޭނެ ކަމަށް. އަދި ޚާއްޞަ ގޮތެއްގައި، ނިޢުމާ އެ ދެއްކެވި ކަހަލަ ތަޖުރިބާތައް ލިބޭ މީސްމީހުންނަށް ފުރިހަމަ ޤާނޫނީ ރައްކާތެރިކަން ލިބި ދައުލަތުގެ ފަރާތުން، ހުރިހާ މުއައްސަސާތަކަކުން، އެއީ، ފުލުހުން ކަމުގައިވީނަމަވެސް، ކޯޓުތައް ކަމުގައިވީނަމަވެސް، ޕްރޮސެކިއުޓަރ ޖެނެރަލް ކަމުގައިވީނަމަވެސް، ދޭންޖެހޭ ފުރިހަމަ ރައްކާތެރިކަން ދެއްވަމުން ގެންދަވާނެ ކަމަށް.

އާދެ! އަޅުގަނޑުގެ އެއްވެސް ޝައްކެއްނެތް. އަޅުގަނޑުމެންގެ ދިރިއުޅުމުގައި މިބާވަތުގެ ކަމެއް ކުރަން ޢަޒުމް ކަނޑައަޅައިގެން އެކަމަށްޓަކައި މަސައްކަތް ކުރާ ބައެއް ކަމަށްވާނަމަ، އެކަން އަޅުގަނޑުމެންނަށް ހާސިލު ކުރެވޭނެކަން. އަޅުގަނޑުމެންނަކީ ވަރަށް ފަސޭހައިން ރަނގަޅު ކަންތައްތައް ގަބޫލުކުރާ، ޒަމާނީ ގޮތްގޮތަށް ބަދަލުވާ ބައެއް. އެއްގޮތަކަށްވެސް ބޯދާ ކަންތައްތައް ގަބޫލުކޮށްގެން، ދުނިޔޭގެ އެހެން ބައެއް ނާތަހުޒީބީ، ރަށްފުށުގެ އަދި އެކިއެކި ޤަބީލާތަކުގެ އާދަކާދަތައް އަޅުގަނޑުމެންގެ ތެރެއަށް ގެނެސް، އެކަންކަން ގަބޫލުކުރާ ކަހަލަ ބައެއްނޫން އަޅުގަނޑުމެންނަކީ. ކޮންމެ ގޮތަކުން ވިސްނިޔަސްވެސް، ތަޢްލީމީ ގޮތުން ބެލިޔަސް، ޓެކްނޮލޮޖީގެ ގޮތުން ބެލިޔަސް، ސައިންސްގެ ގޮތުން ބެލިޔަސް އަޅުގަނޑުމެންނަކީ އަބަދުވެސް އެންމެ ޒަމާނީ ކަންކަން އަޅުގަނޑުމެންގެ ތެރެއަށް ގެންނަން ހުޅުވިގެން ތިބޭ ބައެއް. އެހެންވީމާ، މިގޮތުން އަޅުގަނޑު މިއަދު އިލްތިމާސް ކުރަން، އަޅުގަނޑުމެންގެ އިޖްތިމާޢީ ކަންކަން ރަނގަޅު ކުރުމުގައިވެސް، ދިރިއުޅުމުގައި ކަނޑައެޅިފައިވާ ރަނގަޅު އާދަކާދަތަކާއި ސްޓޭންޑަޑްތައް އަޅުގަނޑުމެން ގަބޫލު ކޮށްގެން އެކަން އަޅުގަނޑުމެންގެ ތެރެއަށް ތަޢާރަފް ކުރަން އަޅުގަނޑުމެން އެންމެންވެސް މަސައްކަތް ކުރާނެ ކަމަށް.

އާދެ! އަޅުގަނޑަށް މިފުރުސަތު ދެއްވި ކަމަށްޓަކައި އަޅުގަނޑު މިޙަފްލާ ރޭއްވެވި ފަރާތްތަކަށް، ޚާއްޞަކޮށް މުޙަންމާއަށާއި ޙުސައިންއަށް ވަރަށްބޮޑަށް ޝުކުރު ދަންނަވަން.

والســّلام عليــكم

_________________________