بســم اللّـه الرّحمـن الرّحيــم

السّــلام عليــكم

އާދެ! ކުޑަކުދިން ޙިމާޔަތް ކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ ދާއިރާތަކެއް ބައިވެރިވާ ގޮތުން، މި މަހާސިންތާ ބޭއްވި ކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން. އަދި އެކަމުގައި އިސްނަންގަވައިގެން، ޚާއްޞަ ގޮތެއްގައި، މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީގެ ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސްގެ ފަރާތުން ކުރެއްވި މަސައްކަތަށް އަޅުގަނޑު ވަރަށް ބޮޑަށް މަރްޙަބާ ދަންނަވަން. އަދި ހަމައެއާއެކީގައި، މި ކޮންފަރެންސް ބޭއްވުމަށްޓަކައި ޚާއްޞަ ގޮތެއްގައި، ޔުނިސެފްގެ ފަރާތުން އެހީވެވަޑައިގެންދެއްވި ކަމަށްޓަކައިވެސް އަޅުގަނޑު ޔުނިސެފްގެ އެންމެހާ ބޭފުޅުންނަށް، ވަކިން ޚާއްޞަކޮށް، ޔުނިސެފްގެ ރެޕްރެޒެންޓެޓިވް ބަރޓީ މެންޑިސްއަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އަޅުގަނޑު ވަރަށް އުފާކޮށްފިން، މިއަދު ދެކަމަކަށް. އެއްކަމަކީ، ތިޔަ ހުރިހާ ބޭފުޅުން މިތަނަށް ވަޑައިގެން، އެކީގައި މިކަމާ ދޭތެރޭގައި ޚިޔާލު ކުރައްވައި މަސައްކަތް ކުރެއްވީތީ. މިކަމަކީ މިއީ، ކުރަންވެފައި އޮންނަތާ ހަމަ ވަރަށްގިނަ ދުވަސްވެފައި އޮތް ކަމެއް. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑު ވަރަށް އުފާކުރަން. ދެވަނަ ކަމަކަށް އަޅުގަނޑު އެންމެ ބޮޑަށް އުފާ މިކުރަނީ، މިއަދު ތިޔަބޭފުޅުން ތިޔަ އިޢްލާނު ކުރެއްވި ޤަރާރު. އެ ޤަރާރުގައި އެބަހުރި، އަޅުގަނޑު ދަންނަވާނީ، މިހާރު އަޅުގަނޑުމެން މިކަމުގައި ކަންބޮޑުވާންޖެހޭ ހުރިހާ ކަންތަކަކާ ބެހޭގޮތުން އެކިއެކި ފިޔަވަޅު އަޅުއްވަން ޤަޞްދު ކުރައްވައި އެކަން ފާހަގަކުރައްވާފައި. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން.

އާދެ! މި ކޮންފަރެންސްގެ މަސައްކަތް، އިއްޔެ ފެށުނުއިރު އަޅުގަނޑު މިތާނގައި ކުޑައިރުކޮޅަކު އިނީމު. އެހެން ނަމަވެސް، ކޮންމެވެސް ވަރަކަށް މަސައްކަތްދިޔަގޮތް އަޅުގަނޑަށް އެނގިފައި އޮތީ. އަޅުގަނޑަށް އިޙްސާސް ކުރެވުނު، ޗައިލްޑް ޕްރޮޓެކްޝަންގެ ނިޒާމަކީ، މިއީ ވަރަށް ފުޅާ ދާއިރާއެއްގައި، ވަރަށްގިނަ ތަފާތު އޭޖެންސީތައް ބައިވެރިވެގެން، ވަރަށްގިނަ ތަފާތު ކަންތައްތައް ކުރެވިގެން ކުރެވޭ ކަމެއްކަން. ކުޑަކުދިން ޙިމާޔަތް ކުރުމަކީ، އެއީ އެއް އޭޖެންސީއަކުން، އެއްފަރާތަކުން ކުރެވޭނެ ކަމެއް ނޫން. އަދި އެއްކަމެއް ކޮށްގެންވެސް ކުރެވޭ ކަމެއް ނޫން. އެތައް ބައިވަރު ކަންތައްތަކެއް ކޮށްގެން، އެކަންކަން އައިސް ގުޅިގެން، ކުދިން މި ޙިމާޔަތް ކޮށްދެވެނީ. އެހެން ނަމަވެސް، އިއްޔެއާއި މިއަދާ ތިޔަބޭފުޅުން ތިޔަދެއްކެވި ވާހަކަފުޅުން ވަރަށް ސާފުކޮށް އެބަ އެނގޭ، އަދިވެސް ކުރަންހުރި ކިތަންމެ ކަންތައްތަކެއް އެބަހުރިކަން. ޚާއްޞަ ގޮތެއްގައި، އެކިއެކި ޢާއިލާތަކަށް އަޅުގަނޑުމެންގެ އެހީ އެބަ ފޯރުކޮށްދޭންޖެހޭ. ޢާއިލާއާ ހަމައަށް އަޅުގަނޑުމެން އެބަ ދާންޖެހޭ. އަދި ޢާއިލާތަކުގެ ތެރޭގައި ތިބި ނިކަމެތި ކުދިން ދެނެގަންނަން އެބަޖެހޭ. އެކުދިންނަށް ދޭންޖެހޭ އެހީތެރިކަން އެބަ ދޭންޖެހޭ. އަދި ހަމަ އެހެން، ކުޑަކުދިންނަށް ދިމާވާ އެކިއެކި ނުރައްކާތައް ދިމާވާގޮތާއި، އެކަން ވާނުވާގޮތުގެ މަޢްލޫމާތު، ގިނަ ބަޔަކަށް އެބަ އެނގެންޖެހޭ. އެކަން ހުއްޓުވުމަށްޓަކައި، އެކަމުން ކުދިން ޙިމާޔަތް ކުރުމަށްޓަކައި ކުރަންޖެހޭ ޕަބްލިކް އެވެއަރނަސް، މީހުންގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ކުރަންޖެހޭ ކިތަންމެ ކަންތައްތަކެއް އެބަހުރި. އެކަންކަންވެސް އަޅުގަނޑުމެން ހިތްހަމަޖެހޭވަރަކަށް އަދި ކުރެވެމުން ނުދެއޭ ދެންނެވޭނީ.

ދެން އަދި މިއަދު ތިބޭފުޅުން އަޅުގަނޑު ލައްވައި ތިޔަ ލޯންޗް ކުރުވި ކޯޑް އޮފް ކޮންޑަކްޓް، ސޯޝަލް ވަރކަރސް، އެއީވެސް ވަރަށް މުހިންމު ކަމެއް. އެއީ، ސޯޝަލް ވަރކަރސް ނެތިއެއް، ޗައިލްޑް ޕްރޮޓެކްޝަން ޕްރޮގްރާމެއް ހިންގާކަށް، ކުޑަކުދިން ޙިމާޔަތް ކުރަން މަސައްކަތް ކުރާކަށް ފަސޭހައެއްނުވާނެ. އެއީ، ކުދިން ތިބި ތަނަކަށް އެބަދާންޖެހޭ. ގޮސް އެކުދިންނަށް އެބަ އެހީތެރިވެދޭންޖެހޭ. މިހާތަނަށްވެސް އަޅުގަނޑުމެންނަށް މިކުރެވިފައި ހުރި މަސައްކަތް، މިއަށްވުރެން ކުރިއަށް ނުގެންދެވިގެން އުޅޭ އެއްސަބަބެއް ކަމަށް އަޅުގަނޑުމެން މިފާހަގަކުރީ، މިކަމުގައި ޝާމިލުވާ ތަފާތު އޭޖެންސީތައް އެކީގައި މަސައްކަތް ކުރަންވީ ވަރަށް މަސައްކަތް ނުކުރެވުން. އެހެންވީމާ، އަޅުގަނޑު ވަރަށް އުފާކުރަން، މިއަދު ތިޔަ ނެރުއްވި ޑެކްލަރޭޝަންގައި، އެކަމަށްޓަކައި ކޮމިޓީއެއް ހައްދަވައި އަދި ވަރަށް ކައިރި މުސްތަޤްބަލެއްގައި އެއީ، ރަސްމީ ކޮމިޓީއަކަށް ހައްދަވަން ހުށަހެޅުއްވީތީ.

އާދެ! މިފަދަ ކޮމިޓީއެއް އޮންނަންޖެހޭނެ ކަމަށް، 2007 ވަނަ އަހަރުން ފެށިގެން ވާހަކަ ދެކެވެމުން އެބައާދޭ. އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި، ޗައިލްޑް ރައިޓްސް ކޮމިޓީ، ކޮމިޓީ އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް، މީގެ 45 ވަނަ ސެޝަންގައި ރާއްޖެ ހުށަހެޅި ރިޕޯޓަށް، އެތަނުން ދެއްވާފައި އޮތް ކޮންކްލޫޑިންގ އޮބްޒަރވޭޝަންތަކުގައިވެސް އެބައޮތް، ކަނޑައެޅިގެން ބުނެފައި، އޭރުގައި ހުރި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ ވަރުގަދަ ކުރުމާއި، އަދި އެކިއެކި އިދާރާތައް ގުޅިގެން މަސައްކަތް ކުރުމަށްޓަކައި، އެކަން ވިލަރެސްކޮށް، އެކަންދާގޮތް ބެލުމަށްޓަކައި ކޮމިޓީއެއް ހަދަންޖެހޭނެ ކަމަށް. އެއީ 2007 ވަނަ އަހަރު. މިއަދުވެސް އަޅުގަނޑުމެން މިދައްކަނީ ހަމަ އެވާހަކަ. އެހެންވީމާ، ހުރިހާ އޭޖެންސީތައް މިތާނގައި އަޅުގަނޑު ދަންނަވާނީ، މިހާރު މިކަމުގައި ކަމެއް ކުރެވެން އޮތް ބައެއްވިއްޔާ، މިތާނގައި އެބަ ތިއްބެވިއޭ، މި ޖަލްސާގައި. އެހެންވީމާ، ތިހުރިހާ ބޭފުޅުން އެކުގައި މަސައްކަތް ކުރެއްވީމާ، މިކަން ޙައްލު ކުރެވޭނެކަމާމެދު އަޅުގަނޑުގެ ހަމަ އެއްވެސް ޝައްކެއްނެތް.

އާދެ! އިއްޔެ ހެނދުނުގެ ސެޝަން އަޅުގަނޑު އަޑުއެހިއިރުގައި، އެންމެ މުހިންމު ކަމެއް ކަމުގައި ފާހަގަކުރައްވައި ވާހަކަފުޅު ދެއްކެވީ، ޕްރައިމަރީ ޕްރިވެންޝަންގެ ވާހަކަ. އެއީ ކުދިންނަށް އަނިޔާ ލިބުމުގެ ކުރިން، އެކުދިން ޙިމާޔަތް ކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކުގެ ވާހަކަ. އެހެން ނަމަވެސް، ހުރިހާ ދާއިރާއަކަށް ވިސްނިޔަސް، މިގޮތުން ކުރަންޖެހޭ މަސައްކަތް އަދިވެސް ވަރަށް ކުޑަކޮށް ކުރެވެމުންދަނީ. އަނެއްކާ ސަރުކާރުގެ ބަޖެޓްގައި އެކަމަށް ކަނޑައެޅިފައި ހުރި ފައިސާވެސް ހުންނަނީ ވަރަށް ބަހާލެވިފައި އެކިތަންތަނަށް. އެހެންވީމާ، އެކި ތަންތަނުން އެމަސައްކަތް ކުރަމުން ގެންދާއިރުގައި، އެއްބަޔަކު އަނެއްބަޔަކާ ވާހަކަ ނުދައްކައި، އެކަން ކުރީމާ ވާގޮތަކީ، އެއިން ނުކުންނަންޖެހޭ ނަތީޖާއެއް ނުނުކުމޭ. ދެން ހަމަ އެހެން، ކުޑަކުދިންނަށް ލިބޭ އަނިޔާތަކުގެ ސަބަބުން، އެކުދިންނަށާއި، އެކުދިންގެ ޢާއިލާތަކަށް އަދި މުޖްތަމަޢަށް އެލިބޭ ގެއްލުން ލިބެނީ ކިހާވަރަކަށްތޯ ބަލައި، އެ މަޢްލޫމާތު ޢާންމުކޮށް އެބަ ފަތުރަންޖެހޭ.

އިއްޔެ މާރިޔާގެ ވާހަކަފުޅުގައި، ޢާއިލާއެއްގެ ވާހަކަ ދެއްކެވި. އެ ޢާއިލާއަށް ޚަރަދުވާވަރާއި، މިހާތަނަށް ޚަރަދުވި ވަރާއި، މިވާހަކަ ދެއްކެވި. އަޅުގަނޑަށް ވަރަށް ބޮޑަށް އެއްޗެއް އެނގިގެންދިޔަ އެއިން. އަޅުގަނޑަށް ހީވަނީ ޢާންމުކޮށް އެބާވަތުގެ މަޢްލޫމާތު އެބަ އެނގެންޖެހޭހެން. މިހާރު މިފަދަ ޕްރޮގްރާމްތަކަށް އިންވެސްޓް ކުރެވޭ ފައިސާއަކީ، އެއްގޮތަކަށްވެސް ބޭކާރުވާ އެއްޗެއް ނޫންކަން ޢާންމުކޮށް ރައްޔިތުންނަށްވެސް އެބަ އެނގެންޖެހޭ. އަދި ސަރުކާރުގެ ބަޖެޓް ކަނޑައަޅުއްވާ އެކިއެކި ދާއިރާތަކުގައި ތިއްބަވާ ބޭފުޅުންނަށްވެސް އެކަން ވިސްނިވަޑައިގަންނަވަން އެބަޖެހޭ. އަޅުގަނޑުމެންނަށް އެނގޭ، މިސާލަކަށް ދަންނަވަނީނަމަ، ތުއްތު ކުދިންގެ ތަރުބިއްޔަތަށް އިންވެސްޓްކުރާ އެންމެ ޑޮލަރެއްގެ ނަތީޖާ، 7 ގުނައަށް އިތުރުވެގެންދާކަން. އޭގެ ރިސަރޗް ހެދިފައި ހުރީ. އެ ސޭވިންގްސް އެލިބެނީ އެކުދިން ބޮޑުވެ، ސްކޫލްގައި ނުކެނޑި ތިބޭތީ. ވަޒީފާ ލިބޭތީ. ނޫނީ ރަނގަޅު ޞިއްޙަތެއްގައި އުޅެވޭތީ. ނޫނީ ޖަލަށް ނުވަދެ ސަލާމަތުން ތިބޭތީ. ސަލާމަތްވާ ފައިސާތަކެއްގެ ވާހަކަ މިދެންނެވީ. ހަމަ މިމޭރުމުން، ތުއްތު ކުދިންނަށް ލިބޭ ގެއްލުމުގެ ސަބަބުން، އޭގެ ވަރަށްބޮޑު ޚަރަދެއް އެބަ އެޅޭ ކޮމިއުނިޓީގެ ކޮނޑުގައި. ކޮމިއުނިޓީގެ ފަރާތުން، ޤައުމުގެ ފަރާތުން ވަރަށް ބޮޑެތި އިތުރު ޚަރަދުތަކެއް ކުރަން ޖެހިގެންދޭ، ތުއްތު ކުދިންނަށް ޅަފަތުގައި އަނިޔާ ލިބުމުގެ ސަބަބުން. އެހެންވީމާ، މިބާވަތުގެ ބައެއް ދިރާސާތަކެއްވެސްކޮށް، އެކަން އެބަ ޢާންމުކޮށް އެނގެންޖެހޭ. އަދި ހަމަ އެހެން އަޅުގަނޑު ކުރިން ދެންނެވިހެން، އެ ސީ.އާރު.ސީ. ގައި 2007 ވަނަ އަހަރު ފާހަގަކުރި ކަމެއް، ސަރުކާރުން އެބަޖެހޭ އަމިއްލަ ފަރާތްތަކާ އެކީގައި މަސައްކަތް ކުރަން. ނޮން ގަވަރންމަންޓަލް އެކިއެކި އޯގަނައިޒޭޝަންތަކާއެކީގައި، ހިލޭ ސާބަހަށް މަސައްކަތް ކުރާ އޯގަނައިޒޭޝަންތަކާއެކީގައި އެބަ މަސައްކަތް ކުރަންޖެހޭ.

މިކަމަކީ މިއީ ސަރުކާރު އެކަނި ކުރެވޭވަރުގެ ކަމެއް ނޫނޭ. އެހެން ނަމަވެސް، މިއަދު އަޅުގަނޑުމެން ބަލައިލިޔަސް، ސަރުކާރުގެ ބަޖެޓުގައިވެސް ވަރަށް މަދު ތަނެއްގައި ނޫނިއްޔަކާ އަޅުގަނޑަކަށް ހިއެއްނުވޭ، ހިލޭ ސާބަހަށް މަސައްކަތްކުރާ މަދަނީ ޖަމްޢިއްޔާއަކަށް އެއްވެސް އެއްޗެއްދީގެން، އެއްވެސް ބަޖެޓެއްދީގެން ކަމެއް ކުރުވާ ގޮތަށް ހަމަޖެހިފައި އޮންނާނެހެނެއް. ހަމަ އަބަދުވެސް އަޅުގަނޑުމެން އަމިއްލައަށް، ސަރުކާރުން އެކަނި ކަންތައްކުރާ ކަހަލަ ގޮތަކަށް، ބަޖެޓް ބައްލަވައިލައްވައިފިއްޔާ ފެންނަން އޮންނާނީ. އަޅުގަނޑަކަށް ހިއެއްނުވޭ، އަޅުގަނޑުމެން މިކުރަން އުޅޭ ކަންތައް އެގޮތަކަށް ކާމިޔާބު ކުރެވޭނެހެނެއް. އެހެންވީމާ، މިހާރު މިއަހަރުގެ ބަޖެޓް އަޅުގަނޑުމެން ކަނޑައަޅާފައި މިއޮތީ ޕްރޮގްރާމް ބަޖެޓެއްގެ ގޮތުގައި. އެހެންވީމާ، ކޮންމެ ތަނެއްގައި، ކޮންމެ ވުޒާރާއެއްގައި ފައިސާހުރި ކަމުގައިވީ ނަމަވެސް، އެ ފައިސާ ބޭނުންކުރައްވާ ޕްރޮގްރާމްގެ ލަނޑުދަނޑިއެއް ޙާޞިލު ކުރެއްވުމަށްޓަކައި، އެ ދޭންޖެހޭ ބަޔަކަށްދީގެން، އެއީ މަދަނީ ޖަމްޢިއްޔާއެއް ކަމުގައިވީ ނަމަވެސް، އަމިއްލަ ކުންފުންޏެއް ކަމުގައިވީނަމަވެސް، ނޫނީ އަމިއްލަ ފަރުދެއް ކަމުގައިވީނަމަވެސް، އެ ދޭންޖެހޭ ފަރާތަކަށްދީގެން، ނެރެން ބޭނުންވާ ނަތީޖާ ނެރެވޭތޯ މަސައްކަތް ކޮށްދެއްވުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން.

އާދެ! ދެން މިއަދު މިހާރު އަޅުގަނޑުމެން މި ކޯޑް މިނެރުނީ. ނެރުނުއިރުގައި އަޅުގަނޑުގެ ހިތަށްއަރަނީ، މި ކޯޑް ބޭނުންކުރާނީ ކިތައް މީހުންބާއޭ. އެއީ، ސޯޝަލް ވަރކްގެ ދާއިރާގައި މަސައްކަތްކުރާ މީހުން ވަރަށްމަދު. އެ ދާއިރާއަށް ކުރިމަތިލާން ބޭނުންވާ މީހުންވެސް ވަރަށް ނެތް. އޭގެ ސަބަބު ނޫންތޯ، އަޅުގަނޑަށް ޚަބަރު ލިބިފައިވާ ގޮތުގައި، ޔުނިވަރސިޓީ އުފެދިގެންދިޔައިރުގައި، ޔުނިވަރސިޓީގައިދޭ ސޯޝަލް ވަރކް ކޯހުގައި މިއަހަރު ބައިވެރިވީ އެންމެ 6 ކުދިން. އެހެންވީމާ، އެންމެ 6 ކުދިން، ޔުނިވަރސިޓީގެ މިކޯހުގައި ބައިވެރިވެގެން، ޔުނިވަރސިޓީގެ ކޯސް ނުވެސް ހިންގޭނެ ފުރަތަމަ. ދެން މިއޮތީ އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތް. އަޅުގަނޑުމެންގެ ރައްޔިތުންގެ ނިކަމެތިންނާ ހަމައަށް އަޅުގަނޑުމެން ދިޔުމަށްޓަކައި ތައްޔާރުކުރާ ބައެއް ސޯޝަލް ވަރކަރުންނަށް. އެހެންވީމާ، އެބައިމީހުން ތައްޔާރުނުކޮށް، އެމީހުންނަށް ދޭންޖެހޭ ތަމްރީނުނުދީ، ބަޔަކު އެކަމަށް ކުރިމަތިނުލާ، އަޅުގަނޑުމެންނަކަށް މިކަމެއްވާކަށް ނޯންނާނެ. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި، ގިނަ ޒުވާނުންތަކެއް ސޯޝަލް ވަރކް، މި ކުރިއަށް ދާން އޮތް މަގެއް ކަމުގައި ދެކިގެން، އެކަމަށް ތަމްރީނު ހޯދަން މަސައްކަތް ކުރާނެ ކަމަށް.

އާދެ! ދެން އިއްޔެގެ ވާހަކައިގައި ހަމަ ފާހަގަކުރެވުނު އަނެއް ކަމަކީ، އަދި މިއަދުވެސް، މިއަދުގެ ޑެކްލަރޭޝަންގައިވެސް، ޤަރާރުގައިވެސް ތިޔަ ވިދާޅުވީ، ދެން އެހެން ގޮތެއް ނެތިއްޔާ ނޫނިއްޔާ، އެއްވެސް ސަރުކާރުގެ ބެލުމުގެ ދަށަށް އިންސްޓިއުޝަނަކަށް ކުއްޖަކު ނުލާ ގޮތަކަށް. އެއީ، ޖަލެއް ކަމުގައިވީ ނަމަވެސް، ނޫނީވިއްޔާ ކުދިން ބަލާ ތަނެއް ކަމުގައިވީ ނަމަވެސް، އިންސްޓިޓިއުޝަނަކަށް ކުދިންލުން އެއީ، އެންމެފަހުގެ އޮޕްޝަން. އޭގެކުރިން ކުރަންހުރި ކިތަންމެ ކަންތައްތަކެއް އެބަހުރި. ކުރެވެންޖެހޭ ކިތަންމެ ކަންތައްތަކެއް އެބަހުރި. ހަމަ ޢާއިލާއެއްގެ ތެރޭގައި ކުދިންނަށް އެހާ ގިނައިން އަނިޔާ ލިބޭ ވާހަކަ މިދެކެވެނީ. އެންމެ ގިނައިން ކުދިންނަށް އަނިޔާ މިލިބެނީ ޢާއިލާއެއްގެ ތެރޭގައޭ ބުނާއިރުގައި، އަޅުގަނޑުމެންގެ ކޮން ޔަޤީންކަމެއްތޯ އޮތީ، ސަރުކާރުން ހިންގާ މަރްކަޒެއްގައި، ހަމަ އެ އަނިޔާ ނުލިބޭނެ ކަމުގެ. އެހެންވީމާ، އެއީ ކުއްޖާ ހުންނަ ތަނެއްގެ ސަބަބުންވާ ކަމެއްވެސް ނޫން. މުޅި މުޖްތަމަޢުގައި މިކަން އެބައޮތް. އެހެންވީމާ، ކުދިން ޙިމާޔަތް ކުރުމަށްޓަކައި މަސައްކަތްކުރާ ބަޔަކު އެބަ ތިބެންޖެހޭ. ކުދިން ޢާއިލާއެއްގައި ތިއްބަސް. ނޫނީ ސަރުކާރުގެ މަރްކަޒެއްގައި ތިބިނަމަވެސް. އެކަން ބަލާނެ ބަޔަކު އެބަ ތިބެންޖެހޭ. އެކަން ބަލައި، އެކަން ރަނގަޅު ކުރަން މަސައްކަތް ކުރާނެ ބަޔަކު އެބަ ތިބެންޖެހޭ.

ދެން އަދި ހަމައެހެން، މިއަދު ވަރަށްގިނަ ޢަދަދެއްގެ ޒުވާން ކުދިން އެބަ ކުށްކުރޭ. ޢުމުރުން 18 އަހަރުން ދަށުގެ ބައިވަރު ކުދިން އެބަ ކުށްކުރޭ. ކުށް ކޮށްގެން ދިޔައީމާ، އަޅުގަނޑުމެންގެ ޝަރުޢީ ނިޒާމް މިހުރީ އޮޓޯ ޑްރައިވްގައި. ކުއްޖަކަށް ބެލުމެއްނޯވޭ. އެ އޮންނަ ގޮތަކަށް އެކަން ގޮސް ނިމިގެން މިދަނީ. ދާއިރުގައި ޢުމުރުން 16 އަހަރުވީ ކުއްޖަކުވެސް، މިސާލަކަށް މަސްތުވާތަކެތި ބޭނުންކުރީ، ޢުމުރުން އެއްފަހަރު. ބޭނުންކުރިއިރުގައި، އޭގެތެރޭގައި ހުރީ ތަފާތު ހަތަރު ބާވަތުގެ ސަބްސްޓެންސް. އެހެންވެއްޖިއްޔާ، އެކުއްޖާއަށް އަންނަ ޙުކުމް އަތުވެދާނެ، 20 އަހަރު ދުވަހުގެ ޙުކުމެއް. މިއީ މިސާލަކަށް، ޢުމުރުން 16 އަހަރުގެ ކުއްޖަކު ފުރަތަމަފަހަރަށް މަސްތުވާތަކެތި ބޭނުންކުރިއިރުގައި، އޭގައި ހުރީ ހަތަރު ބާވަތެއް. އެކުއްޖާއަށްވެސް ހަމަ 20 އަހަރު އަތުވެދާނެ. 20 އަހަރު ދުވަހަށް އެކުއްޖާ ޖަލަށްލީމާ، ދެން ކޮންކަމެއްތޯ އަޅުގަނޑުމެންނަށް މިކުރެވުނީ.

އެހެންވީމާ، އަޅުގަނޑުމެން އެބަ ވިސްނަންޖެހޭ، ޢަދާލަތު އަޅުގަނޑުމެން ތަންފީޛުކުރާގޮތާ ދޭތެރޭގައިވެސް. މިހާރު އަޅުގަނޑުމެންނަށް އިވޭގޮތުގައި، ތަފާތު ބާވަތުގެ ޖަސްޓިސް ނިޒާމްތައް އެބަހުރޭ. އޭގެތެރެއިން ކުޑަކުދިންނާ ބެހޭގޮތުން ޚާއްޞަކޮށް، ރެސްޓޮރެޓިވް ޖަސްޓިސްއޭ ކިޔާ އެއްޗެއް އެބަހުރި. އެއީ، ކުދިންނަށް އިތުރު އަނިޔާއެއް ދިނުމުގެ ބަދަލުގައި، އެކުއްޖާއަށް އެހީތެރިވެދީގެން، އެކުއްޖާ އަނބުރާ ރަނގަޅު ކޮށްގެން މުޖްތަމަޢަށް ގެނެވޭނެގޮތަކަށް ޢަދާލަތުގެ ކަންތައްތައް ރާވައި ހިންގުން. އެހެންވީމާ، މިހެންހުރި ކަންތައްތައް އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުމެންގެ ޤައުމުގައި ރަނގަޅު ކުރަން. ދެން އަޅުގަނޑު ކުރިން ދެންނެވިހެން، މި ކޮންފަރެންސަށް ބަލައިލީމާ، އަޅުގަނޑަށް އެބަ އެނގޭ، މިކަން ކުރައްވަން ތިއްބެވި ހުރިހާ ބޭފުޅުންވެސް ތިއްބެވިކަން މިހާރު. އެހެންވީމާ، ތިބޭފުޅުން މިއަދު ތިއެއްބަސްވެވަޑައިގެން ޤަރާރާ އެއްގޮތްވާ ގޮތުގެ މަތިން މަސައްކަތް ކުރައްވައިފިއްޔާ، އަޅުގަނޑުގެ ޔަޤީންކަން އެބައޮތް، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިދައްކާ ވާހަކަތައް ރަނގަޅު ކުރެވި، ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައިހެން އަދި ހަމަ އެހެން ޤައުމުތަކަށް މިސާލެއް، ނަމޫނާއެއް ގޮތަށް އަޅުގަނޑުމެންގެ ރާއްޖޭގައި، އަޅުގަނޑުމެންގެ ލޮބުވެތި ތުއްތު ކުދިންނާ ދޭތެރޭގައި، ޙިމާޔަތުގެ ނިޒާމެއް ޤާއިމްކޮށްގެން، އަޅުގަނޑުމެންނަށް ހިންގޭނެ ކަމަށް.

އަޅުގަނޑު އަދިވެސް އެއްފަހަރު ތިޔަ ހުރިހާ ބޭފުޅުން މިކަމުގައި ބައިވެރިވެވަޑައިގަންނަވައިގެން، މިދެދުވަހުގެ ތެރޭގައި ތިޔަކޮށްދެއްވި މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި ހަމަ އެހެން، މިކަން ރާއްވަވައި ހިންގެވި ހުރިހާ ފަރާތްތަކަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި މީގައި ރިސޯސް ޕަރސަނެއްގެ ގޮތުގައި ރޮން ވަޑައިގެން ދެއްވި ކަމަށްޓަކައި އެބޭފުޅާއަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

والســّلام عليــكم
_________________________