بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 18 މާޗް 2011 ވީ ހުކުރު ދުވަސް. މިދިޔަ ހުކުރު ދުވަހު ޖަޕާނަށް އައި ބާރުގަދަ ބިންހެލުމާއި، އަދި އެ ބިންހެލުމާ ގުޅިގެން އުފެދުނު ސުނާމީއާ ގުޅިގެން އެ ޤައުމުގެ އެތައް ބަޔަކުވަނީ މަރުވެފައި. ރައްޔިތުންވަނީ ކަންބޮޑުވުމެއްގެ ތެރޭގައި. ޢިމާރާތްތަކާއި ގެދޮރާއި މުދަލަށްވެސް ބޮޑެތި ގެއްލުންތަކެއްވަނީ ލިބިފައި. ޖަޕާނަކީ ވަރަށް ކުރިއްސުރެ ފެށިގެން ރާއްޖެއާ ވަރަށް ގާތް ގުޅުމެއް އޮންނަ އަދި ރާއްޖޭގެ ތަރައްޤީގައި ވަރަށް މުހިންމު ދައުރެއް އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ޤައުމެއް. ޖަޕާނުން ރާއްޖެއަށް އެހީތައް ވެދެއްވާފައިވާ ދާއިރާތައް ވަރަށް ގިނަ. ރާއްޖެއަށް ދިމާވާ ކޮންމެ ބޮޑު ކަމެއްގައިވެސް އެންމެ ފުރަތަމަ އެހީތެރިވެދޭ ޤައުމުތަކުގެ ތެރޭގައި ޖަޕާނު ހިމެނޭ. ސުނާމީ ކާރިސާގައި ޖަޕާނުން ރާއްޖެއަށް ވެދިން އެހީތަކަކީވެސް، މިފަދަ ފުރުޞަތެއްގައި ހަނދާންކޮށްލަންޖެހޭ އެހީތަކެއް.

ޖަޕާނަށް މި ދިމާވި ބޮޑު ހިތާމައިގައި ދިވެހި ސަރުކާރާއި ރައްޔިތުން މިދަނީ ބައިވެރިވަމުން. މިކަމުގެ ހިތާމައިގައި، މިދިޔަ ބުދަ ދުވަހުން ފެށިގެން ތިން ދުވަސް ވަންދެން، ދިވެހި ޤައުމީ ދިދަ ވަނީ ބައިދަނޑިއަށް ތިރިކުރެވިފައި. އަދި ވަޒީރުންގެ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުގައިވެސް 1 މިނެޓުގެ ސުކޫތެއް ވަނީ ގެނެވިފައި.

ޖަޕާނަށް އެހީވުމުގެ ގޮތުން، މިއަދު، މީގެ އިރުކޮޅެއްފަހުން ވަރަށް ޚާއްޞަ ހަރަކާތެއް އެބަ ފެށޭ. މާލޭ ސިޓީ ކައުންސިލުގެ އިސް ނެންގެވުމުގެ މަތިން، "ޖަޕާނާއެކު ދިވެހިން" މި ޝިޢާރުގެ ދަށުން ޖަޕާނު ރައްޔިތުންނާއެކު ދިވެހި ރައްޔިތުންނާއި ދިވެހި ޤައުމު އޮތްކަން އަންގައިދިނުމަށްޓަކައި ހިންގާ މި ހަރަކާތަކީ، ޖަޕާނުގެ ރައްޔިތުންނަށް ދިވެހި ރައްޔިތުންގެ ފަރާތުން ވެދެވެން އޮތް އެހީއެއްވުމަށް ހިންގާ ހަރަކާތެއް. ރާއްޖެއަކީ ކުޑަ ޤައުމެއް. ނަމަވެސް، މި ހާލަތުގައި ޖަޕާނު ރައްޔިތުންނަށް ދިވެހި ރައްޔިތުންގެ ފަރާތުން ވެދެވެން އޮތް އެހީއެއް ވެދިނުމަކީ، އަޅުގަނޑު ދެކޭގޮތުގައި ވަރަށް މުހިންމު ކަމެއް. އެހެންކަމުން، މި ހަރަކާތުގައި ރާއްޖޭގެ ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެވަޑައިގެން ދެއްވުމަކީ، އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ 10,000 ހައުސިންގ ޔުނިޓު އެޅުމުގެ މަޝްރޫޢުގެ މަސައްކަތްތައް މިހާރު ގޮސްފައިވާ ހިސާބާބެހޭގޮތުން މިއަދުގެ ރޭޑިޔޯ ޚިޠާބުގައި އެއްޗެއް ދަންނަވާލުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް.

10,000 ހައުސިންގ ޔުނިޓުގެ މަޝްރޫޢުގެ ދަށުން މިހާރު ޢަމަލީ މަސައްކަތްތައް ކުރިއަށްދާ ރަށްރަށަކީ ގދ. ތިނަދޫއާއި، ސ.ފޭދޫއާއި، ގއ. ކޮލަމާފުށްޓާއި، ހދ. ކުޅުދުއްފުށްޓާއި، ޅ. ނައިފަރު. މިއިން ކޮންމެ ރަށެއްގައި 25 ހައުސިންގ ޔުނިޓު އެޅޭނެ. މިއިން ކޮންމެ ރަށެއްގައި އަޅާ ހައުސިންގ ޔުނިޓްތަކުގެ %40 ވަނީ ނިމިފައި. ނ. މަނަދޫގައި 25 ހައުސިންގ ޔުނިޓު އެޅުމަށްޓަކައި ނ.މަނަދޫގެ ސައިޓް ސާފުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ.

މާލޭގައި ކުރިއަށް ގެންދާ ހައުސިންގ މަޝްރޫޢަށް ބަލާއިރު، 500 ހައުސިންގ ޔުނިޓް އެޅުމަށް ކަރުގަވާލާއެކު ވަނީ ކޮންޓްރެކްޓްގައި ސޮއިކުރެވިފައި. އޭގެތެރެއިން ފޭސް 1 ގައި އެޅުމަށް ހަމަޖެހިފައިވާ 350 ހައުސިންގ ޔުނިޓުގެ ތެރެއިން ޢަރަބިއްޔާ ހުރި ތާނގަޔާއި އަދި ގާ ކޮށީގައި އެޅުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓްތަކުގެ ސްޓްރަކްޗަރ މަސައްކަތް އަންނަ އޭޕްރިލް މަހުގެ ތެރޭގައި ފެށުމަށްވަނީ ހަމަޖެހިފައި. މިހާރު މާލޭގެ ސައިޓުތައް ތެޅުމުގެ މަސައްކަތާއި ކޮނުމުގެ މަސައްކަތް ކުރިއަށް އެބަދޭ.

ހުޅުމާލޭގައި ކުރިއަށް ގެންދާ މަޝްރޫޢުތަކަށް ބަލާއިރު، ކޮރަލް ވިލްގެ 1120 ހައުސިންގ ޔުނިޓުގެ ތެރެއިން ފޭސް 1 ގެ ދަށުން ކުރިއަށްގެންދާ 180 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތުގެ %35 މިހާރުވަނީ ނިމިފައި. 6 އިމާރާތުގެ ފައުންޑޭޝަން މަސައްކަތްވަނީ ނިމިފައި. 2 އިމާރާތެއްގެ ކޮންކްރީޓް މަސައްކަތް ނިމި، މިހާރު ކުރެވެމުންދަނީ ނިންމުމުގެ މަސައްކަތް. ސީމެކުން ހުޅުމާލޭގައި 1000 ހައުސިންގ ޔުނިޓް އެޅުމަށް ނިންމާފައިވާ ބިން ކޮނެ ނިމި، ސްޓްރަކްޗަރަލް މަސައްކަތްވަނީ ފަށާފައި.

ހައުސިންގ ޔުނިޓް އެޅުމަށް ކޮންޓްރެކްޓްގައި ސޮއި ކުރެވިފައިވާ ރަށްރަށުގެ ތެރޭގައި ސ. ހިތަދޫ ހިމެނޭ. ހިތަދޫގައި 100 ހައުސިންގ ޔުނިޓް އެޅުމަށް ނިންމާފައިވޭ. އަދި ތިލަދުންމަތީ ބާރަށް، ކެލާ، ހޯރަފުށި، އިހަވަންދޫ، ދިއްދޫ، ހދ. ކުޅުދުއްފުށީގައި 500 ހައުސިންގ ޔުނިޓް އެޅުމަށްވެސްވަނީ ހަމަޖެހިފައި. ހުވަދުއަތޮޅު، ފުވައްމުލައް، އަދި އައްޑޫ ސިޓީގައި ޖުމްލަ 1500 ހައުސިންގ ޔުނިޓް އެޅުމުގެ އެއްބަސްވުމުގައި އިއްޔެވަނީ ޗައިނާ ކުންފުންޏަކާއެކު ސޮއި ކުރެވިފައި. ގުޅީފަޅުގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 2500 ހައުސިންގ ޔުނިޓު އެޅުމުގެ ކުރިން އެފަޅުން ހިއްކަންޖެހޭ ހިއްކުމުގެ މަސައްކަތް، އޭޕްރިލްމަހުގެ ތެރޭގައި ފަށައިގަނެވޭނެ.

ޖުމްލަކޮށް ބަލާއިރު މިއަދާ ހަމައަށް 4710 ހައުސިންގ ޔުނިޓް އެޅުމަށް ކޮންޓްރެކްޓް ކުރެވި، އޭގެތެރެއިން 1780 ހައުސިންގ ޔުނިޓް އެޅުމުގެ ޢަމަލީ މަސައްކަތް މިހާރު ހިނގަމުންދާ ވާހަކަ މިއަދު ވަރަށް އުފަލާއެކު އަޅުގަނޑު ދަންނަވާލަން.

"ވެށިފަހި" މާލެ ޕްރޮގްރާމުގެ ދަށުން ބޯހިޔާވަހިކަމަށް އެދޭ ފޯމު ބަލައިގަތުން އިއްޔެވަނީ ނިމިފައި. އަޅުގަނޑަށް މަޢްލޫމާތު ލިބިފައިވާ ގޮތުގައި އަށާރަހާހަށްވުރެ ގިނަ ފޯމުވަނީ ލިބިފައި. ކުރިންވެސް އިޢްލާންކޮށްފައިވާ އުސޫލުން ޕޮއިންޓް ދީ، ވެށިފަހި މާލެ ޕްރޮގްރާމުގެ ސްޓިއަރިންގ ކޮމިޓީން ކަނޑައަޅުއްވާ ގޮތެއްގެ މަތިން މި މަސައްކަތް ކުރިއަށް ގެންދާނެ. އިރާދަކުރެއްވިއްޔާ މި މަޝްރޫޢަކީ ކާމިޔާބު މަޝްރޫޢަކަށްވެގެންދާނެ.

އަޅުގަނޑު މިއަދު ހަމަ އިތުރަށް ދަންނަވާލަން ބޭނުން، 2012 ވަނައަހަރު ކުޅުމަށް ހަމަޖެހިފައިވާAFC ޗެލެންޖްކަޕްގައި ދިވެހިރާއްޖެ ހިމެނޭ ގްރޫޕްގެ މެޗްތައް އަންނަ ހޯމަދުވަހު ރާއްޖޭގައި ފެށޭއިރު، ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމަށް އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރި ހެޔޮއެދުންތައް ފޮނުވަން. އަދި އަޅުގަނޑުމެން ދިވެހި ހުރިހާ ރައްޔިތުން ޤައުމީ ޖޯޝާއި ފޯރިއާއެކު ދިވެހި ޤައުމީ ޓީމަށް ހިތްވަރުދެއްވައި ސަޕޯޓްކޮށްދެއްވުމަށް ހުރިހާ ދިވެހި ރައްޔިތުންނަށް އަޅުގަނޑު ދަންނަވަން. ޤައުމީ ޓީމުގެ ކުޅުންތެރިންނަށް ދަންނަވަން އޮތީ، އަޅުގަނޑުމެން މިތިބީ ޓީމުގެ ކުޅުންތެރިންނާ އެކުގައޭ. ދިވެހިޓީމު ކުޅޭ ކޮންމެ މެޗަކުންވެސް މޮޅުވެގެން ދަނޑުން ފައިބާތަން ފެނުމަކީ، އަޅުގަނޑާއި ދިވެހި ހުރިހާ ރައްޔިތުންގެވެސް އުންމީދު.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم.
______________________