ތަޖުރިބާ ދަތުރެއްގައި ރާއްޖެއަށް މިހާރު ޒިޔާރަތް ކުރަމުންދާ އިނގިރޭސިވިލާތުގެ ޔަންގް މުސްލިމްސް އެޑްވައިޒަރީ ގްރޫޕާ، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ގްރޫޕް މިހާރުވަނީ ހދ. ކުޅުދުއްފުށްޓަށާއި، ހަނިމާދޫއަށާއި އަދި ސީ.އެޗް.އެސް.އީ.އަށް ޒިޔާރަތް ކޮށްފައެވެ. އަދި ބައެއް ވަޒީރުންނާވެސްވަނީ ބައްދަލުކޮށްފައެވެ. މުސްލިމް ޒުވާނުން މުޖްތަމަޢުގައި ހަރަކާތްތެރިވާ މިންވަރު އިތުރުކުރުމަށް މި ގްރޫޕްގެ ފަރާތުން އިސްނަގައިގެން ކުރަމުންދާ މަސައްކަތްތަކާއި، ރާއްޖެއަށް މި ކުރަމުން ގެންދާ ދަތުރުގެ ބޭނުމާއި، އަދި މިދަތުރުގައި މިހާތަނަށް ކުރެވިފައިވާ ތަޖުރިބާތައް މި ގްރޫޕުން ނައިބު ރައީސާ ޙިއްޞާ ކުރިއެވެ.

ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްޤީގައި އަންހެނުން އަދާކުރާ ދައުރުގެ މައްޗަށާއި ހުރި ބައެއް ހުރަސްތަކަށް ބައްލަވާލެއްވިއެވެ. އަދި ރާއްޖޭގައި އިސްލާމިކް ޑިމޮކްރަސީއެއްގެ ދައުރުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.