ތަރައްޤީ އަބަދުވެސް މިނާން ޖެހޭނީ، އިންސާނީ ވަސީލަތްތައް ތަރައްޤީވާ މިންވަރެއްގެ މައްޗަށް ބިނާކޮށްގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ޅ.އަތޮޅު މަދަރުސާގެ ރިހިޔޫބީލް ފާހަގަކުރެއްވުމަށްޓަކައި އެ ސްކޫލުގައި މިއަދު ހެނދުނު ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކުރެންދޫގެ ތަރައްޤީގެ ނާރެހަކީ، ޅ.އަތޮޅު މަދަރުސާކަން ފާހަގަކުރައްވަމުން، ކުރެންދޫ މިހާރަށްވުރެ ބާރަށް ކުރިއަރުވައި، ކުރެންދޫގެ ރައްޔިތުންނަށް ރަނގަޅުގޮތެއް ނުވަތަ އިތުރު ތަނަވަސްކަމެއް ހޯދައިދިނުމަށް އެދެނީނަމަ މަސައްކަތް ކުރާން ޖެހޭނީ އެ މަދަރުސާ ރަނގަޅު ކުރުމަށް ކަމުގައި ވިދާޅުވިއެވެ. އެހެންކަމުން، ސަރުކާރާއި، ރަށު ކައުންސިލާއި، ޤައުމީ އިދާރާއާއި، ސްކޫލް ބޯޑާއި، މަދަރުސާގެ މެނެޖްމަންޓާއި، ޓީޗަރުންނާއި، ރަށުގެ ރައްޔިތުންގެ މަސައްކަތަކަށްވާންވީ ދަރިވަރުން އިމްތިޙާނުން ހޯދާ ނަތީޖާ ރަނގަޅުކޮށް، ސްކޫލް ރަނގަޅު ކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އަޅުގަނޑުމެންގެ މަސައްކަތުގެ އަމާޒު އަބަދުވެސް އޮންނަން ޖެހޭނީ މަދަރުސާއާ ދިމާއަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިދުވަސްވަރަކީ، ރާއްޖޭގެ ރަށްވެހި ތަރައްޤީގައި މުހިންމު ބަދަލުތަކެއް އަންނަމުންދާ ދުވަސްވަރެއްކަން ފާހަގަކުރައްވަމުން، ރަށު ކައުންސިލްތައް މިހާރު އިންތިޚާބު ކުރެވިފައިވުމާއެކު، މިހާރު ކައުންސިލަށާއި، ރަށުގެ އެހެން މުއައްސަސާތަކަށް، މި މަދަރުސާ ބޭނުންކޮށްގެން ލަނޑުދަނޑިތައް ޙާޞިލު ކުރެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކައުންސިލް އިންތިޚާބުކޮށް، ކައުންސިލް މެދުވެރިކޮށް، ރަށުގެ ކަންކަން ރައްޔިތުންނާ ގާތުން ހިންގުމުގެ އުޞޫލެއް ޤާއިމް ކުރެއްވީ، އެކަމަކީ، ޤައުމީ ތަރައްޤީއަށް ކޮންމެހެން މުހިންމު ކަމެއް ކަމަށް ދެކޭތީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިވަގުތު ރާއްޖޭގެ ހުރިހާ ރަށެއްގެ ހުރިހާ މުދަލަކީ، ރާއްޖޭގެ ޚަޒާނާގައި ރެޖިސްޓްރީ ކުރެވިފައިވާ މުދާކަމަށާއި، ސަރުކާރުގެ ބޭނުމަކީ، ވަކި ހަމަތަކެއްގެ ތެރެއިން، އެކަމަކަށް އެ ބޭނުންވާ އިންތިޒާމްތައް ހަމަޖައްސަވައިގެން ކޮންމެ ރަށުކައުންސިލަކަށް ބޭނުންވާ ހުރިހާ އެއްޗެއް އެ ރަށެއްގެ ކައުންސިލަށް ބަދަލުކުރަމުން ގެންދެވުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ސަރުކާރުން ގެންދަވާ ތަރުތީބުގެ ތެރެއިން، ކަމާބެހޭ ހިސާބުތައް ބެލެހެއްޓި، ޤާނޫނީ ހަމަ ހިފެހެއްޓިގެން އެތަކެތި ބަދަލުވާންޖެހޭ ކައުންސިލަކަށް އެތަކެތި ބަދަލުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޅ.އަތޮޅު މަދަރުސާ އެއްދަންފަޅިއަށް ބަދަލު ކުރުމަށްބޭނުންވާ އިތުރު ކްލާސްރޫމްތައް ބިނާކޮށްނިމި، އަންނަ އަހަރުގެ މެދާ ހިސާބުން ފެށިގެން އެ މަދަރުސާ، އެއްދަންފަޅިއަށް ބަދަލުވާނެކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. ސްކޫލް އެއްދަންފަޅިއަށް ބަދަލުކުރަނީ، ފަސް މާއްދާއިން ފާސްވާ ކުދިންގެ ޢަދަދު އިތުރުކޮށް، ނަތީޖާ ރަނގަޅު ކުރުމަށް ކަމަށާއި، ސްކޫލް އެއް ދަންފަޅިއަށް ބަދަލުވުމުން، ރަށުގެ ނަތީޖާ މިހާރަށްވުރެ ރަނގަޅުވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ޅ.އަތޮޅު މަދަރުސާގެ ރިހިޔޫބީލް ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް، އެ ސްކޫލަށް ކުރެއްވި ޒިޔާރަތުގައި، ސްކޫލްގެ ސައެންސް ލެބޯރެޓަރީ ހުޅުއްވައިދެއްވައި، އެ ސްކޫލްގެ ރިހިޔޫބީލްގެ ހަނދާނީ ބިނާ އިފްތިތާޙް ކޮށްދެއްވިއެވެ.

މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ، ކުރެންދުއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން، ކުރެންދޫ ބަނދަރު ހެދުމުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ކުރެންދުއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވީ މިއަދު ހަވީރުއެވެ.