ސިޔާސީ ޕާޓީއެއްގެ ހަރަކާތްތެރިކަން ވަޒަން ކުރުމުގައި، އެ ސިޔާސީ ޕާޓީއެއްގެ އިސް ސަފުގައި އަންހެނުން ހަރަކާތްތެރިވުމާއި، އެ ޕާޓީއެއްގެ ފަރާތުން އިންތިޚާބުތަކުގައި ވާދަކޮށް ކާމިޔާބު ކުރުމުގެ ފުރުޞަތު އަންހެނުންނަށް އޮންނަ މިންވަރުގެ މައްޗަށް ބަލަން ޖެހޭނެ ކަމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޔޫ.އެން.ޑީ.ޕީ.ގެ ފަރާތުން ތައްޔާރުކުރި "ވިމެން އިން ޕަބްލިކް ލައިފް އިން ދަ މޯލްޑިވްސް" ރިޕޯޓާއި، "ސްޓްރައިޑްސް" ޑޮކިއުމެންޓްރީ ނެރުމަށް ޓްރޭޑަރސް ހޮޓެލްގައި ރޭ ބޭއްވެވި ޙަފްލާގައި، ޤައުމީ ޙަޔާތުގައި އަންހެނުންގެ ދައުރު އިތުރުކުރުމަށް މިހާރުން މިހާރަށް ކުރަންޖެހޭކަންކަން ފާހަގަކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރޮނގުން ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ޤައުމީ ޙަޔާތުގައި އަންހެނުންގެ ދައުރު އިތުރުކުރުމަށްޓަކައި، ސިޔާސީ މައިދާނުގައި އަންހެނުންގެ ހަރަކާތްތެރިކަން އިތުރުކުރަންޖެހޭ ކަމުގައި ވިދާޅުވިއެވެ. އަދި މިކަމުގައި، ސިޔާސީ ޕާޓީތަކުގެ ދައުރަށް ބައްލަވާލައްވަމުން، ސިޔާސީ ޕާޓީތަކުގެ އިސްސަފުގައާއި، ޕާޓީގެ އެތެރެއާއި ބޭރުގެ އިންތިޚާބުތަކުގެ ވާދަކޮށް ކާމިޔާބު ކުރުމުގެ ފުރުޞަތު އަންހެނުންނަށް އޮންނަން ޖެހޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ޤައުމީ ޙަޔާތުގައި، އަންހެނުންގެ ދައުރު ފުޅާ ކުރުމަށް ކުރަންޖެހޭ އިތުރު ކަންކަމުގެ މައްޗަށް ނައިބު ރައީސް ބައްލަވާލައްވަމުން، ޢާންމު ވަޒީފާތަކަށާއި، ސިޔާސީ މަގާމުތަކަށް މީހުން ހަމަޖެއްސުމުގައި، އަންހެނުންނަށް އިސްކަންދޭނެ ޓާގެޓެއް ކަނޑައެޅުމުގެ މުހިންމުކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. މިގޮތުން، ވަޒީފާތަކަށް މީހުން ހަމަޖެއްސުމުގައި، އަންހެނުންނަށް ވަޒީފާ ދޭނެ ވަކި އަދަދެއް ނުވަތަ ނިސްބަތެއް ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ޚާއްޞަގޮތެއްގައި، އިޤްތިޞާދީ އަދި ވިޔަފާރީގެ ދާއިރާގައި އަންހެނުންގެ ހަރަކާތްތެރިކަމާއި އަންހެނުންގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި، ތަޢުލީމާއި ތަމްރީނުގެ ޕްރޮގްރާމްތައް އެކުލަވާލައި ހިންގުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ޤައުމީ ޙަޔާތުގައި، އަންހެނުންގެ ހަރަކާތްތެރިކަން އިތުރުކުރުމަށްޓަކައި، އަންނަ އަހަރުން ފެށިގެން، ރައްޔިތުންގެ މަޖިލީހުން ދައުލަތުގެ ބަޖެޓް ދިރާސާ ކުރުމުގައި، ޖެންޑަރ އޮޑިޓެއް ހެދުމަށް ނައިބު ރައީސް އެދިވަޑައިގެންނެވިއެވެ. ޖެންޑަރ އޮޑިޓަކީ، ބަޖެޓުގައި، އަންހެނުންނާ ގުޅޭ ކަންކަން ހިންގުމަށާއި، ބަޖެޓުގައި ކުރުމަށް ކަނޑައަޅާފައިވާ ކަންކަމުގެ ސަބަބުން އަންހެނުންނަށް ކުރާނެ ފައިދާ ނުވަތަ ގެއްލުން ދެނެގަތުމަށް ހިންގޭ ހަރަކާތެކެވެ.

ޔޫ.އެން.ޑީ.ޕީ.އިން ރޭ ނެރުނު "ވިމެން އިން ޕަބްލިކް ލައިފް އޮފް ދަ މޯލްޑިވްސް" ރިޕޯޓަކީ، ރާއްޖޭގެ ޤައުމީ ޙަޔާތުގައި އަންހެނުންގެ ބައިވެރިވުމާއި، އިސް މަގާމުތަކުގައި އަންހެނުން ހަރަކާތްތެރިކަން ހުރި މިންވަރާއި، އަންހެނުން ހަރަކާތްތެރިވުމުގައި ހުރި ސިޔާސީ، އިޤްތިޞާދީ އަދި އިޖްތިމާޢީ ހުރަސްތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ ދިރާސާ ރިޕޯޓެކެވެ.

"ސްޓްރައިޑްސް" ޑޮކިއުމެންޓްރީއަކީ، ޔޫ.އެން.ޑީ.ޕީ.އާއި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި، ސްވިސް އެމްބަސީ ގުޅިގެން، ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމުގެ ބައިވެރިވުމާއެކު ފުޓްބޯޅަ މެދުވެރިކޮށް އަންހެނުންނާއި އަންހެންކުދިން ބާރުވެރިކުރުވުމުގެ މަޤްޞަދުގައި ތައްޔާރު ކޮށްފައިވާ ޑޮކިއުމެންޓްރީއެކެވެ.