ސިންގަޕޫރު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޗުއާ ޔޮންގ ހައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ސިންގަފޫރާ ދެޤައުމުގެ ދެމެދުގައި އޮންނަ ގާތް ރަޙްމަތްތެރި ގުޅުމާއި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ސިންގަޕޫރު ސަފީރާ ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސިންގަޕޫރަކީ ނަމޫނާ ޤައުމެއްގެ ގޮތުގައި ރާއްޖެ ދެކޭ ޤައުމެއް ކަމަށާއި، އަދި، ސިންގަޕޫރަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއް ކަމުގައި ވިދާޅުވިއެވެ. ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި ސިންގަޕޫރުގެ 20 ދަރިވަރަކު ރާއްޖެއަށް މިހާރު ޒިޔާރަތް ކުރަމުންގެންދާތީ، މިދަތުރުގެ ސަބަބުންވެސް ދެ ޤައުމުގެ ގުޅުން ބަދަހިވެގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ސިންގަޕޫރު ސަފީރު ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ދުނިޔޭގައި ހިނގާ ބަޙުޘްތަކާއި، މިކަމަށް ޙައްލެއް ހޯދުމަށް ދުނިޔޭގައި ކުރެވޭ މަސައްކަތްތަކުގައި، ރާއްޖެއިން އަދާކުރަމުންގެންދާ ދައުރު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީއާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަޙްމަދު ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ.