ޖަޕާނަށް އައި ބާރުގަދަ ބިންހެލުމާއި ސުނާމީއާ ގުޅިގެން، ވަރަށްގިނަ ބަޔަކު މަރުވުމާއި އަދި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، އެކަމުގެ ހިތާމައިގައި، މާދަމާއިން ފެށިގެން ތިން ދުވަސް ވަންދެން، ދިވެހި ޤައުމީ ދިދަ، ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ. މިކަން މިގޮތަށް ހަމަޖެއްސެވީ، ޖަޕާނަކީ ރާއްޖެއާ ވަރަށް ގާތް ގުޅުމެއް އޮންނަ އަދި ރާއްޖޭގެ ތަރައްޤީގައި ވަރަށް މުހިންމު ދައުރެއް އަދާކޮށްފައިވާ ޤައުމަކަށްވާތީ، ޖަޕާނަށް މިކުރިމަތިވި ބޮޑު ހިތާމައިގައި، ދިވެހި ސަރުކާރާއި ރައްޔިތުން ބައިވެރިވުމުގެ ރަމްޒެއްގެ ގޮތުން، ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަކީ، ވަރަށް މުހިންމު ކަމެއް ކަމަށް ފެނިވަޑައިގެން، ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން އެގޮތަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުއްވުމާ ގުޅިގެންނެވެ.

ޖަޕާން ރައްޔިތުންގެ އިޙްސާސްތަކުގައި، ދިވެހި ރައްޔިތުން ބައިވެރިވުމުގެ ރަމްޒެއްގެ ގޮތުން، ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި 1 މިނިޓްގެ ސުކޫތެއްވެސް ވަނީ ގެންނަވާފައެވެ. މިސުކޫތު ގެންނެވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޖަޕާނަކީ ވަރަށް ދީލަތި އަދި ގިނަގުނަ އެހީތަކެއް ފޯރުވައިދޭ ޤައުމެއްކަމާއި، ރާއްޖެއަށް ޒިޔާރަތްކުރާ ޖަޕާނުގެ ރައްޔިތުންނަކީ، އެހާމެ ރަޙްމަތްތެރި ގުޅުންތަކެއް ދިވެހިންނާއެކު ދަމަހައްޓާ ބައެއްކަން ފާހަގަކުރެއްވިއެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ރާއްޖޭގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ދިހަހާސް ހައުސިންގ ޔުނިޓުގެ މަޝްރޫޢުގެ ދަށުން ހައުސިންގ ޔުނިޓް ޢިމާރާތް ކުރުމަށް ހުށަހަޅާ ފަރާތްތަކަށް ލަގްޒަރީވިލާ އެޅުމަށް ފަޅުރަށްރަށް ހަމަޖެއްސެވުމާ ބެހޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ. މިކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު، ލަގްޒަރީވިލާ އަޅާނެ ދެރަށެއް ކަނޑައެޅުއްވިއެވެ. މިގޮތުން ކަނޑައެޅުއްވި ދެރަށަކީ، ރ. ކޮތައިފަރާއި، ބ. ފިނޮޅަހެވެ.