ޖަޕާނުގެ ފުކުޝީމާ ޑައިޗީ ނިއުކްލިއަރ ޕަވަރ ޕްލާންޓަށް ލިބިފައިވާ ގެއްލުމާ ގުޅިގެން ބޭރުވި ރޭޑިއޭޝަންގެ އެއްވެސް ނުރައްކަލެއް މިވަގުތަށް ރާއްޖެއަށް ނެތްކަމަށް ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ އޮފީހުން ވިދާޅުވެއްޖެއެވެ. ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ އޮފީހުން މިހެން ވިދާޅުވީ، މިކަމާ ގުޅިގެން އެ އޮފީހުން މިއަދު ނެރުއްވި ބަޔާނުގައެވެ. މި ދަންނަވާލަނީ އެބަޔާނެވެ.

"ޖަޕާނުގެ ފުކުޝީމާ ޑައިޗީ ނިއުކްލިއަރ ޕަވަރ ޕްލާންޓަށް ލިބިފައިވާ ގެއްލުމާ ގުޅިގެން ބޭރުވި ރޭޑިއޭޝަންގެ އެއްވެސް ނުރައްކަލެއް ރާއްޖެއަށް ކުރިމަތިވެދާނެތޯ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދުވަނީ އަންގަވާފައެވެ. މިގޮތުން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތް، މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަމަންޓް އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ އޮފީސް ހިމެނޭގޮތަށް ކޮމިޓީއެއް އެކުލަވާލެވި، މިއަދު މެންދުރުގެ ވަގުތެއްގައި ބައްދަލުވުމެއްވަނީ ބާއްވަވާފައެވެ.

މިބައްދަލުވުމުގައި ޖަޕާނުގެ ފުކުޝީމާ ޑައިޗީ ނިއުކްލިއަރ ޕަވަރ ޕްލާންޓަށް ލިބިފައިވާ ގެއްލުމާ ގުޅިގެން ބޭރުވި ރޭޑިއޭޝަންގެ އެއްވެސް ނުރައްކަލެއް ރާއްޖެއަށް ކުރިމަތިވެދާނެތޯ ބެލިބެލުމުން ރައްޔިތުން ކަންބޮޑުވާންޖެހޭ އެފަދަ އެއްވެސް ނުރައްކަލެއް މިވަގުތަށް ރާއްޖެއަށް ނެތްކަން ފާހަގަކުރަމެވެ. މީގެއިތުރުން، މިހާދިސާއާ ގުޅިގެން ކުރިއަށްއޮތްތަނުގައި ރާއްޖެއަށް ކުރިމަތިވެދާނެ ނުރައްކާތައް ދެނެގަތުމަށާއި ހާލަތު ވަޒަން ކުރުމަށް ކޮމިޓީންވަނީ މަސައްކަތް ފަށާފައެވެ.

މިހާދިސާއާ ގުޅިގެން ކޮމިޓީން މި ގެންދަނީ އިންޓަނޭޝަނަލް އެޓޮމިކް އެނަރޖީ އެޖެންސީ (އައިއޭއީއޭ) ގެ ލަފަޔާ އިރުޝާދު ހޯދަމުންނެވެ. އަދި ވަރލްޑް ހެލްތް އޮގަނައިޒޭޝަން (ޑަބްލިޔޫ.އެޗް.އޯ) ގެ ލަފަޔާ އިރުޝާދުވެސް މި ގެންދަނީ ހޯދަމުންނެވެ. މިގޮތުން މިހާތަން މިހާދިސާގައި ރޭޑިއޭޝަންގެ އަސަރު ކޮށްފައިވަނީ ހަމައެކަނި ޖަޕާނުގެ އެސަރަޙައްދަށެވެ. އަދި އައި.އޭ.އީ.އޭ.އިން ގަޑިއަކު އެއްފަހަރު މި ހާދިސާ މޮނިޓަރ ކުރައްވާ ކަމަށާއި އެމަޢުލޫމާތު ރާއްޖެއަށް ފޯރުވައިދެއްވަމުން ގެންދަވާނެކަމަށްވެސް އެފަރާތުންވަނީ އަންގަވާފައެވެ.

ވީމާ، ރައްޔިތުންގެ ތެރޭގައި ހާސްކަމާއި ބިރުވެރިކަން އުފެދޭގޮތަށް މިހާދިސާގެ މައުލޫމާތު ނުފެތުރުމަށް އެންމެހާ ފަރާތްތަކަށް ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ އޮފީހުން އިލްތިމާސް ކުރަމެވެ."