ޖަޕާނަށް އައި ބާރުގަދަ ބިންހެލުމާއި ސުނާމީއާ ގުޅިގެން، ވަރަށްގިނަ ބަޔަކު މަރުވުމާއި، ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، ޖަޕާން ރައްޔިތުންގެ އިޙްސާސްތަކުގައި، ދިވެހި ރައްޔިތުން ބައިވެރިވުމުގެ ރަމްޒެއްގެ ގޮތުން ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، 1 މިނިޓްގެ ސުކޫތެއް ގެންނަވައިފިއެވެ. މި ސުކޫތު ގެންނެވީ، މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާ، ރައީސުލްޖުމްހޫރިއްޔާ ފަށްޓަވައި، އެކަން އިޢްލާނު ކުރެއްވުމަށްފަހުގައެވެ.

ސުކޫތު ގެންނެވުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާމެދު ޒަމާނުއްސުރެ އެކުވެރި ބަދަހި ގުޅުންތަކެއް އުފެދިފައިވާ އެއްޤައުމު ކަމުގައިވާ ޖަޕާނަށް މިދިޔަ ހުކުރު ދުވަހު މެދުވެރިވި ބިންހެލުމާއި ސުނާމީއިން އެޤައުމުގެ އެތައް ރައްޔިތުންނެއް މަރުވެ، އެތަކެއް ރައްޔިތުންނަށް އެކިބާވަތުގެ ޖިސްމާނީ އަދި ޞިއްޙީ މައްސަލަތައް ކުރިމަތިވެ، ޢިމާރާތްތަކާއި ގެދޮރާއި މުދަލަށް ނިސްބަތުން ބޮޑެތި ގެއްލުންތައް މެދުވެރިވެފައިވާތީ، އެކަންކަމުގެ ހިތާމަ، ކޮންމެ ދިވެއްސަކުވެސް ދާނީ މިއަދު ޙިއްޞާ ކުރަމުން ކަމުގައި ވިދާޅުވިއެވެ. އަދި ޖަޕާނަކީ ރާއްޖެއަށް ވަރަށް ދީލަތި އަދި ގިނަގުނަ އެހީތަކެއް ފޯރުވައިދޭ ޤައުމަކަށްވެފައި، ރާއްޖެއަށް ޒިޔާރަތްކުރާ ޖަޕާނުގެ ރައްޔިތުންނަކީ، އެހާމެ ރަޙްމަތްތެރި ގުޅުންތަކެއް އަޅުގަނޑުމެން ދިވެހިންނާއެކު ދަމަހައްޓާ ބަޔަކަށްވާކަމީ، އަޅުގަނޑުމެން އެންމެންގެ ހަމްދަރުދީ، އެޤައުމާމެދު އިތުރުވެގެންދާ މުހިންމު ސަބަބުތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.