ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީ، މޮރިޝަސްއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މެންދުރުފަހު މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މޮރިޝަސްއަށް ކުރެއްވި ދަތުރުފުޅަކީ، އެ ޤައުމުގެ ޤައުމީ ދުވަހުގެ ރަސްމީ އިޙްތިފާލުތަކުގެ ޝަރަފްވެރި މެހްމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވުމަށް، އެ ޤައުމުގެ ބޮޑުވަޒީރު ޑޮކްޓަރ ނަވިންޗަންދްރަ ރާމްގޫލާމް ދެއްވި ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، މޮރިޝަސްއިންވަނީ، އެ ޤައުމުން އަރުވާ އެންމެ މަތީ ޝަރަފް ކަމުގައިވާ "ގްރޭންޑް ކޮމާންޑަރ އޮފް ދި އޯޑަރ އޮފް ދަ ސްޓާރ އެންޑް ކީ އޮފް ދި އިންޑިއަން އޯޝަން" (ޖީ.ސީ.އެސް.ކޭ.)، ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައެވެ. މި ޝަރަފް އެ މަނިކުފާނަށް އެރުވީ، މޮރިޝަސްގެ ރައީސް ސަރ އަނުރޫދް ޖަގްނައުތެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ، މޮރިޝަސްގެ ރައީސާއި ބޮޑުވަޒީރާއި އަދި އެ ޤައުމުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ރާއްޖެއާއި މޮރިޝަސްއާ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުންވަނީ މަޝްވަރާކުރައްވާފައެވެ.

މޮރިޝަސްގެ ބޮޑުވަޒީރާ ބައްދަލުކުރައްވައި، އިންޑިޔާ ކަނޑުގެ ޤައުމުތަކުން ގުޅިގެން ތަރައްޤީއަށް މަސައްކަތް ކުރުމަށާއި، ބައިނަލްއަޤްވާމީ މައިދާނުގައި އެކުގައި އަޑުއުފުލުމަށް، އިންޑިޔާ ކަނޑުގެ ޖަޒީރާ ޤައުމުތަކުގެ މެދުގައި ސާކް ފަދަ ޖަމާޢަތެއް އުފެއްދުމަށް ރައީސުލްޖުމްހޫރިއްޔާވަނީ ހުށަހަޅުއްވާފައެވެ.