ޖަޕާނަށް އިއްޔެ އައި ބާރުގަދަ ބިންހެލުމާ ގުޅިގެން، އުފެދުނު ސުނާމީގެ ސަބަބުން ހާލުގައި ޖެހިފައިވާ އެ ޤައުމުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުވައިދިނުމުގެ ގޮތުން، ރާއްޖެއިން ޖަޕާނަށް އެހީއެއް ދެއްވުމަށް ސަރުކާރުން ހަމަޖައްސަވައިފިއެވެ.

މިގޮތުން އެހީގެ ގޮތުގައި، ރާއްޖެއިން، ޖަޕާނަށް 1800 ކޭސް ދަޅުމަސް ދެއްވުމަށް ސަރުކާރުންވަނީ ހަމަޖައްސަވާފައެވެ. މިއީ 1.2 މިލިއަން ދިވެހި ރުފިޔާގެ އަގުހުރި އެހީއެކެވެ.

މިކަމާބެހޭގޮތުން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ވަގުތީގޮތުން ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި، މިނިސްޓަރ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓް މުޙަންމަދު އަސްލަމް ވިދާޅުވީ، ޖަޕާނަށް އެރި ސުނާމީގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް އެ ޤައުމުން ކުރަމުންދާ މަސައްކަތުގައި ބައިވެރިވުމަކީ، ރާއްޖެއިން ކުރަންޖެހޭނެ ކަމެއް ކަމުގައެވެ. އަދި، ޖަޕާނަކީ، ރާއްޖޭގެ އެންމެ ގާތް، އެކުވެރި، އެއް ޤައުމު ކަމާއި، އަދި ޖަޕާނަކީ، 2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީގައި ރާއްޖެއަށް އެހީތެރިވި އެއް ޤައުމުކަން ފާހަގަކުރައްވައި، ޖަޕާނަށް މި ކުރިމަތިވި ބޮޑު ހިތާމައިގެ ވަގުތުގައި، ރާއްޖެ އޮތީ އެ ޤައުމާއެކު ކަމުގައި މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

ދިވެހި ސަރުކާރުން ޖަޕާނަށް މި ދެއްވާ އެހީ، ޖަޕާނުގެ ހާލުގައި ޖެހިފައިވާ މީހުންނަށް ދިވެހި ސަރުކާރުން ވަރަށް އަވަހަށް ފޮނުއްވާނެއެވެ.

ޖަޕާނަށް އިއްޔެ ކުރިމަތިވި ބިންހެލުމާއި، މި ބިންހެލުމާ ގުޅިގެން އުފެދުނު ސުނާމީގެ ސަބަބުން، ވަރަށް ގިނަ ބަޔަކު މަރުވެ، ދެ ލައްކައަށް ވުރެ ގިނަމީހުންގެ ގެދޮރު ގެއްލިފައިވެއެވެ.