ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މޮރިޝަސްގެ ރައީސް ސަރ އަނުރޫދު ޖަގްނައުތާ އިއްޔެ ބައްދަލުކުރައްވައިފިއެވެ.

މޮރިޝަސްގެ ރައީސްގެ ރަސްމީ ގެ، ސްޓޭޓް ހައުސްގައި، ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި، މޮރިޝަސްއާ ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިންޑިޔާ ކަނޑުގައި ހިމެނޭ ޖަޒީރާ ޤައުމުތަކުގެ މެދުގައި، ޚާއްޞަ ގޮތެއްގައި އެއްބާރުލުން އިތުރު ކުރެއްވުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި މި ޤައުމުތައް ގުޅިގެން، ހުރިހާ ޤައުމުތަކެއްގެ ތަރައްޤީއަށްޓަކައި، އެކުގައި ކުރެވިދާނެ ވަރަށް ގިނަ ކަންކަން އެބަހުރިކަން ފާހަގަކުރެއްވިއެވެ.

މޮރިޝަސްގެ ރައީސް ސަރ އަނުރޫދު ޖަގްނައުތު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް ޑިމޮކްރަސީ ގެންނެވުމަށް، ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މަސައްކަތްޕުޅަށާއި، އަދި ޑިމޮކްރަސީ ހަރުދަނާ ކުރެއްވުމަށް ސަރުކާރުން މިހާރު ކުރައްވާ މަސައްކަތްޕުޅުތަކަށް ތަޢުރީފު ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި، އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީގެ ޝަރަފުގައި، މޮރިޝަސްގެ ބޮޑުވަޒީރު ޑޮކްޓަރ ނަވިންޗަންދްރަ ރާމްގޫލަމްގެ ދެކަނބަލުން ރޭ ބޭއްވެވި ރަސްމީ ޖާފަތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މޮރިޝަސްއަށް ވަޑައިގަތީ އިއްޔެ ހެނދުނުއެވެ. އެ ދެކަނބަލުންނަށް މޮރިޝަސްގެ ސަރ ސީވޫސާގުރ ރާމްގޫލަމް އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ވިދާޅުވީ، މޮރިޝަސްގެ ބޮޑުވަޒީރު ޑޮކްޓަރ ނަވިންޗަންދްރަ ރާމްގޫލަމްގެ ދެކަނބަލުންނާއި، މޮރިޝަސް ސަރުކާރުގެ އިސްވެރިންނެވެ.

ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ދެންނެވުމަށްޓަކައި ވައިގެ ބަނދަރުގައި ޚާއްޞަ ރަސްމިއްޔާތެއް އޮތެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑައަސްއަށް އަރާވަޑައިގަތުމުން، ދިވެހިރާއްޖެއާއި މޮރިޝަސްއާ ދެ ޤައުމުގެ ޤައުމީ ސަލާމް ކުޅުނެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި އޮތް ގާޑް އޮފް އޮނަރ އެއް އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ.