بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 11 މާޗް 2011 ވީ ހުކުރު ދުވަސް. މިއަދު އަޅުގަނޑު ތިޔަބޭފުޅުންނާ ބައްދަލުކުރާއިރު، އަޅުގަނޑު މިހުރީ މޮރިޝަސްގައި. އަޅުގަނޑު މޮރިޝަސްއަށް މިކުރާ ދަތުރަކީ، މޮރިޝަސްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމިއްޔާތުގައި ބައިވެރިވުމަށް މޮރިޝަސް ސަރުކާރުން ދެއްވި ދަޢުވަތަކަށް ކުރާ ދަތުރެއް. މޮރިޝަސްގެ މިނިވަން ދުވަހަކީ މާދަމާ. މާޗް މަހުގެ 12 ވަނަ ދުވަސް. މި ދަތުރުގައި، މޮރިޝަސްގެ ރައީސާއި ބޮޑުވަޒީރާއި އަދި ސަރުކާރުގެ އިސް ބޭފުޅުންނާ އަޅުގަނޑު ބައްދަލުކުރާގޮތަށްވަނީ ހަމަޖެހިފައި. މޮރިޝަސްއަކީ އިންޑިޔާ ކަނޑުގެ މެދުގައި އޮންނަ ދިވެހިރާއްޖެއާ ތަފާތު ނަމަވެސް، ޖަޒީރާ ޤައުމެއް. މޮރިޝަސްއަކީ އެއްބައްރަކަށް އޮންނަ ޤައުމެއް. ދިވެހިރާއްޖެއަކީ ގިނަ ރަށްތަކަކުން އެކުލެވިގެންވާ ޤައުމެއް. މޮރިޝަސްއަކީ ރާއްޖެއަށްވުރެން ތަރައްޤީގެ ދުވެލި ހަލުވި ޤައުމެއް. އަދި ދިވެހިރާއްޖެއަށްވުރެން ތަނަވަސްކަންވެސް ކުޑަތަންފުކެއް އިތުރު ޤައުމެއް. އަޅުގަނޑު ދެކެނީ، މިފަހަރު އަޅުގަނޑުމެންނަށް މޮރިޝަސްގެ ސަރުކާރުގެ އެކިއެކި ބޭފުޅުންނާއި އަދި މޮރިޝަސްގެ އަމިއްލަ ފަރާތްތަކުގެ ބޭފުޅުންނާ ވާހަކަ ދައްކައިގެން، އަޅުގަނޑުމެން ޚިޔާލު ބަދަލުކޮށް ހަދައިގެން، އަޅުގަނޑުމެންނަށް މޮރިޝަސްއާ ގާތް ގުޅުމެއް ބާއްވައި އަދި ދެޤައުމަށްވެސް ފައިދާހުރި، ވިޔަފާރީގެ މުޢާމަލާތްތަކާއި އަދި އެހެންވެސް މުޢާމަލާތްތައް، މިދަތުރުގެ ސަބަބުން އަޅުގަނޑުމެންނަށް ޙާޞިލް ކުރެވޭނެ ކަމަށް.

މިއަދު އަޅުގަނޑު ދަންނަވާލަން ބޭނުން އަދި ވަރަށް މުހިންމު ވާހަކައެއް އެބައޮތް. ޑިމޮކްރެޓިކް މުޖްތަމަޢުއެއްގައި ނުވަތަ ސަރުކާރެއްގެ ނިޒާމުގެ އެންމެބޮޑު އަސާސަކީ ރައްޔިތުން ދެކޭގޮތް. ރައްޔިތުން ދެކޭގޮތް ހާމަމިވަނީ، ރައްޔިތުންގެ ވޯޓުން. ގުނީމާ އެވޯޓުގެ ނަތީޖާއިން. އެހެންވީމާ، އެވޯޓް ދިނުމުގައި ނުވަތަ އެވޯޓް ނެގުމުގައި، ނުހަމަ އެއްވެސް ކަމެއް ހިނގާފައިވާނަމަ، ވޯޓްގެ ނަތީޖާއަށް އަސަރު ފޯރުވާފަދަ ކަމެއް ހިނގާފައިވާނަމަ، އެއީ ވަރަށްބޮޑު ދެރައެއް. އޭރުން ރައްޔިތުންގެ އިތުބާރު މުޅި ނިޒާމަށް ގެއްލިގެންދާނެ. އަޅުގަނޑުމެންނަށް އެބަ އިނގޭ، މިދިޔަ ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކުގެ އިންތިޚާބުގެ ތެރޭގައި، ނުހަމަ އެތައް ކަމެއް ހިނގާފައިވާ ކަމަށް. ސާޅީސް އެތައް މައްސަލައެއް ވަނީ ކޯޓަށް ހުށަހެޅިފައި. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، އޭގެތެރެއިން ތެއްތިރީހަކަށް މައްސަލަވަނީ ކޯޓުން ބަލައިވެސްގެންފައި. މިމައްސަލަތަކުގެ ތެރޭގައި، އެބަ ފާހަގަވޭ، ޝީޓް ހެދުމުގައި ހަމަ ޤަޞްދުގައި އޮޅުވާލި މައްސަލަތަކެއް ހިމެނޭ މައްސަލަތަކެއް. ވޯޓް ގުނުމުގައި ޤަޞްދުގައި އޮޅުވާލައިގެން، ވަކިނަތީޖާއެއް ނެރުމުގެ ކަންތައް ހިންގާފައި ތިއްބެވި ބޭފުޅުންނަކީ، އަޅުގަނޑު ދެކޭގޮތުގައި ޤާނޫނު ތަންދޭ އެންމެބޮޑު އަދަބު ލިބެންޖެހޭނެ ބޭފުޅުން. އަޅުގަނޑުމެންގެ މުޅި ނިޒާމު އެކީގައި ތަޣައްޔަރުވެ، ނިޒާމު އެކީގައި މަސައްކަތް ނުކުރާގޮތްވާނެ، ވޯޓުގެ ކަންކަމުގައި އޮޅުވާލުން އިތުރުވަމުންދާނަމަ. މި ރާއްޖޭގައި ވަރަށްގިނަ ބޭފުޅުންނަކީ، ވޯޓް ގުނުމުގައި ޤަޞްދުގައި އޮޅުވާލުމުގައި ބައިވެރިވެވަޑައިގެންފައި ތިއްބެވި ބޭފުޅުން، މީގެކުރީގައިވެސް. އަދި އެބޭފުޅުން އެމަސައްކަތްތައް ހިންގެވި ގޮތްތަކާއި، އެމަސައްކަތްތަކުގައި އުޅުއްވި އުޅުއްވުމާއި، ކުރައްވަން ޖެހިވަޑައިގެންފައި ހުރި ކަންކަން، އެބޭފުޅުންނަށް ވަރަށް ބޮޑަށް ސާފުވާނެ. އަޅުގަނޑެއް ނޭދެން، މިއަދު އަޅުގަނޑުމެންގެ ވެރިކަމުގެ ނިޒާމަށް މިހާ ބޮޑެތި ބަދަލުތަކެއް އައިސްގެންދާއިރުގައި، އެބާވަތުގެ ކަންކަން މިއަދުވެސް އަޅުގަނޑުމެންނަށް ކުރެވިދާނެ ކަމަށް ދެކިގެން، ހަމަ އެފަދަ ބޭފުޅުން، އެކަންކަމުގައި އުޅުއްވާކަށެއް. އެހެންވީމާ، އަޅުގަނޑު ވަރަށް ބޮޑަށް އުންމީދު ކުރަން، ޕްރޮސެކިއުޓަރ ޖެނެރަލްވެސް އަދި އިލެކްޝަންސް ކޮމިޝަންވެސް، އެންމެ ބޭފުޅުން މިކަންކަން މުހިންމު ކަންތައްތަކުގެ ގޮތުގައި ބައްލަވައި، ވީ އެންމެ ހަރުކަށި އަދަބެއް، މިދެންނެވި ޢަމަލުތައް ހިންގަވާފައި ހުރި ފަރާތްތަކަށް ލިބޭނެ ގޮތަކަށް ކަންކަން ފަހިކޮށްގެން ކުރިއަށް ގެންދަވާނެ ކަމަށް. އަޅުގަނޑުމެންގެ ބޭނުމަކީ، ވޯޓަށް އަދި އިންތިޚާބަށް އިތުބާރު އުފެއްދުން. މި ރާއްޖެއަކީ ގިނަގިނަ އިންތިޚާބު ބާއްވައި އަދި ޑިމޮކްރަސީގެ ރިވެތި މިސާލުތައް ދައްކަމުންދާ ރާއްޖެއަކަށްވުމީ، އަޅުގަނޑު ހިތުން އަޅުގަނޑުމެން އެންމެންވެސް ވަރަށް އެދޭނެ ކަމެއް.

މިދިޔަ ހަފްތާގެ ތެރޭގައި ވަރަށް ފާހަގަކުރެވޭ އިތުރު ވޯޓަކާ ދިމާއަށް، ރާއްޖޭގައި އޮތް އެންމެބޮޑު އެއް ސިޔާސީ ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އެބަ މިޞްރާބުޖަހާ. އަޅުގަނޑު ވަރަށް އުފާވޭ، އެ ޕާޓީގެ މިދެންނެވި އެތެރޭގެ އިންތިޚާބުތައް އެހާ ދެފުށް ފެންނަ ގޮތަށް، އެހާ ސާފުކޮށް، އެ ޕާޓީގެ ފަރާތުން ގެންދަވާތީވެ. އަޅުގަނޑު ޕާޓީގެ ޗެއަރޕަރސަނަށް އަދި ޕާޓީގެ ސެކްރެޓޭރިއަޓްގައި މަސައްކަތްކުރާ ބޭފުޅުންނަށާއި، ޕާޓީގެ ޤައުމީ މަޖިލިހަށް ނުހަނު ޝުކުރާއި މުބާރަކްބާދީ ދަންނަވަން. އަޅުގަނޑުމެންގެ ބޭނުމަކީ، ރައްޔިތުން އަދި މެންބަރުން އެދޭ ގޮތްގޮތަށް ކަންކަން ނިމިގެންދާނެ ސިޔާސީ ޕާޓީތައް މިރާއްޖޭގައި އުފެދިގެން އައުން. އަޅުގަނޑު ދެކެނީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން އެހިންގާ މިސާލުތަކަކީ ނުވަތަ އެ ހިންގާ ޙަރަކާތްތަކަކީ، އެހެން ޕާޓީތަކަށްވެސް، މި ރާއްޖޭގައިވެސް އަދި އެހެން ޤައުމުތަކުގައިވެސް ފިލާވަޅަކަށްވެ، މިސާލަކަށްވެ، އެއިން އިބްރަތް އެންމެ ބޭފުޅުންނަށް ލިބޭނެ ކަމަށް.

މިދިޔަ ބުދަ ދުވަހުން ފެށިގެން ޕަބްލިކް ހެލްތުގެ މަސައްކަތްތައް ލާ މަރުކަޒީ އުސޫލުންވަނީ ހިންގަން ފަށާފައި. ސަރުކާރުގެ ބޭނުމަކީ، ރާއްޖޭގެ ޤައުމީ 7 އިދާރާގައި، ޕަބްލިކް ހެލްތް ސްޕެޝަލިސްޓުން ބައިތިއްބައިގެން ޚިދްމަތް ދިނުން. އަދި ރަށްރަށުގައި ޞިއްޙީ ރޮނގުން، ޢާންމުކޮށް ވަކި އާދައެއްގެ މަތިން ކުރެވެން ހުރި ކަންކަން ކުރުން. މިކަންކަމާ ބެހޭގޮތުން މިގެންދަނީ މަޝްވަރާ ކުރަމުން. ސަރުކާރުން މިގެންގުޅެނީ ބަލިން ދިފާޢުކޮށްދިނުން ފަރުވާއަށްވުރެ މުހިންމުކަމުގެ ސިޔާސަތު. މިފަދަ ސިޔާސަތެއްގައި، ދުރާލާ މަޢުލޫމާތު އެނގި، ކުއްލި ޙާލަތަކަށް ދިޔުމުގެ ކުރިން އަޅަންޖެހޭ ފިޔަވަޅުތައް އެޅި، އަދި ދިމާވާ މައްސަލަތައް ބެލޭނެ އިންޞާފުވެރި މިންގަނޑުތަކެއް ތަރުތީބުވެފައި އޮތުމަކީ ވަރަށް މުހިންމު ކަމެއް.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم

______________________