بســم اللّـه الرّحمـن الرّحيــم

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ވަގުތީ ރައީސް އޮނަރަބްލް އިބްރާހީމް ޙުސައިން ޒަކީ، ޕާޓީގެ ޗެއަރޕަރސަން އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ، ދައުލަތުގެ އިސްވެރިން، އަދި ވަކިން ޚާއްޞަކޮށް، މި ކުޑަހުވަދޫގެ ވެރިންނާއި، ލޮބުވެތި ރައްޔިތުން.

السّـلام عليـكم

މި ސަރުކާރު އުފެދިގެން އައީ، ކުޑަހުވަދޫގެ ތަރައްޤީގެ ތަޞައްވުރެއް އެކުލަވައިލެވި، އެތަޞައްވުރު ޙަޤީޤަތަކަށް ހެދުމަކީ، ސަރުކާރުގެ ސިޔާސަތުގެ ގޮތުގައި ކަނޑައެޅި، އެ ސިޔާސަތު ތަންފީޛު ކުރުމަށް ބަޖެޓްކުރެވި، އެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްވުމަށްފަހުގައި، މިއަދު އަޅުގަނޑުމެން، އަޅުގަނޑު ތިޔަބޭފުޅުންނާ މިބައްދަލުކުރަނީ.

ސަރުކާރުގެ ސިޔާސަތު ބިނާވެފައި މިއޮތީ، ޕާޓީގެ ފަރާތުން ރާއްޖޭގެ ރައްޔިތުންގެ އަޑުއެހުމަށްފަހުގައި. ޕާޓީއަށް އެ އިވުނު އަޑުތަކުގެ މައްޗަށް ބިނާކޮށް، ޕާޓީން އެކުލަވައިލީ، ޕާޓީގެ ވަޢުދުތައް، ރައްޔިތުންނަށް ޕާޓީގެ ސަރުކާރެއްގައި ކޮށްދޭނެ ކަންކަން ކަމަށް ޕާޓީންވީ ވަޢުދުތައް. އެނގިވަޑައިގަންނަވާނެ، އަޅުގަނޑު މިހުރީ، އެ ވަޢުދުތައް، ޕާޓީގެ ފަރާތުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދާނެ މީހެއްގެ ގޮތުގައި ސަރުކާރެއް އެކުލަވާލައި، އެ ސަރުކާރު ހިންގުމުގައި.

އަޅުގަނޑުމެންނަށް، ޕާޓީއަށް ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުން ކިތަންމެ ޙަޤީޤަތެއް، ވަރަށް ސާފުކޮށް އެނގި ފާހަގަވަމުންދިޔަ. މި ކުޑަހުވަދުއާ ގުޅޭގޮތުންވެސް އެނގިފައި އޮތް އެއް ޙަޤީޤަތަކީ، މިރަށުގެ ވަރަށްގިނަ ބައިވަރު ރައްޔިތުންނަކީ، އެމީހުންގެ އަމިއްލަ ބޭނުންތައް ފުއްދުމަށްޓަކައި އެކަށީގެންވާ އާމްދަނީއެއް އެމީހުންނަށް ލިބިގެން، އެމީހުންގެ އަމިއްލަ ޙަޔާތެއްގައި، އުފާވެރިކަމާ އެކީގައި އުޅެވޭނެ މިންވަރަށް ތަނަވަސްވެފައިވާ ބައެއް ނޫންކަން. ކުޑަހުވަދޫގެ ރައްޔިތުންގެ ތެރެއިން ވަރަށްގިނަ މީހުންނަކީ، އެމީހުންނަށް ރެޔާދުވާލަށް ދިހަ، ފަނަރަ، ވިހި ރުފިޔާ، ރެޔާދުވާލުގެ އާމްދަނީގެ ގޮތުގައި ރަނގަޅަށް ނުލިބޭ މީހުން.

ރަށެއް ތަރައްޤީ ކުރާން އަޅުގަނޑުމެން އެދެނީނަމަ، ޤައުމެއް ތަރައްޤީ ކުރާން އަޅުގަނޑުމެން އެދެނީނަމަ، އެ ޤައުމުގެ ނުވަތަ އެރަށުގެ ގިނަ ބައިވަރު ރައްޔިތުންނަކީ، ނިކަމެތިންގެ ގޮތުގައި ތިބެ ނުވަތަ އާމްދަނީ މަދުކަމުން، އެމީހުންގެ ޢާންމު ކިތަންމެ ކަމެއް ނުފުއްދޭ ހާލުގައި ތިބި މީހުން ކަމަށްވަންޏާ، އަޅުގަނޑުމެން މިއެދޭ ތަރައްޤީ، އަޅުގަނޑުމެންނަށް ހޯދަން އުނދަގޫވާނެ. މުޅި ހުރިހާ ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދީގެން މެނުވީ، އަޅުގަނޑުމެން މިއެދޭ ބަދަލު، މުޅި މި ރާއްޖެއަށް ގެންނަން ދަތިވާނެ. ރާއްޖޭގެ މުއްސަނދިކަމުގެ 98 ޕަސެންޓް، ޙަޤީޤަތުގައި ޙިއްޞާކުރަނީ އެންމެ ދެޕަސެންޓް ރައްޔިތުން. ގިނަ ރައްޔިތުންނަކީ، އާމްދަނީ މަދު މީހުން. ގިނަ ރައްޔިތުންނަކީ ނިކަމެތިން. މި ކުޑަހުވަދޫގައިވެސް، ކުޑަހުވަދުއަކީ ތަނަވަސް ރަށެއް. ތިޔާގި ރަށެއް. އެހެން ނަމަވެސް، މި ރަށުގައިވެސް ޙާލަތު، ވަކި އެހެން ރަށްރަށަކަށްވުރެ، ރަނގަޅުވެފައި އޮތް ތަނެއް އަޅުގަނޑުމެންނަކަށް ނުފެނުނު.

އެހެންވެ ޕާޓީން ވަޢުދުވީ، ރާއްޖޭގެ ރައްޔިތުން ބޭސް ސިޓީއަށް ސަލާންޖަހާ ޖެހުން، ޕާޓީގެ ސަރުކާރެއްގައި އިރާދަކުރެއްވިއްޔާ ހުއްޓާލަދޭނަމޭ، ނައްތާލަދޭނަމޭ. އަޅުގަނޑުމެންނަށް އަބަދުވެސް ވިސްނިފައި އޮތް ޙަޤީޤަތަކީ، ރައްޔިތުންގެ ޤަދަރާއި ޢިއްޒަތް ރައްކާތެރިކޮށްގެން މެނުވީ، އަޅުގަނޑުމެން މިއެދޭ ބަދަލު، އަޅުގަނޑުމެން މިއެދޭ ތަރައްޤީ އަޅުގަނޑުމެންނަށް ނުހޯދޭނެކަން. ރައްޔިތުންނަކީ، އެމީހުންގެ ބޭސްފަރުވާއަށް ބޭނުންވާ ކަންކަމަށްޓަކައި ނުވަތަ އެނޫންވެސް އެމީހުންގެ އެންމެ އަސާސީ ބޭނުންތަކަށް ބޭނުންވާ ކަންކަމަށް، އެއްވިޔަފާރިއެއްގެ ގާތުން، އަނެއް މަހްޖަނެއްގެ ގާތުން، އަނެއް ސާދާގަރެއްގެ ގާތުން ބުނެކިޔައި އާދޭސް ކުރަމުން ނުވަތަ އެހީއަށް އެދެމުންދާންޖެހޭ ބަޔަކަށްވެފައި އޮތްހާ ހިނދަކު، ރައްޔިތުންގެ ޤަދަރާއި ޢިއްޒަތް ސަލާމަތް ކުރަން އުނދަގޫވާނެ. އަޅުގަނޑުމެންގެ އަމާޒަކީ، ކޮންމެ ކުޑަހުވަދޫ މީހަކީވެސް، އޭނާއަށް ބުނެވޭގޮތްވުން، ތިމަންނާއަކީ ޙައްޤުތަކެއް ލިބިގެންވާ ކުޑަހުވަދޫ މީހެކޭ. ތިމަންނާއަކީ، ތިމަންނާގެ އަމިއްލަ ޙަލާލު މަސައްކަތުން ތިމަންނާ އަނބިދަރިން ބަލާ، ތިމަންނާ ހަމަ އިސްކޮޅަށް ދެމިހުރި ކުޑަހުވަދޫ ރައްޔިތެކޭ، ކުޑަހުވަދޫ މީހެކޭ ބުނާ ކުޑަހުވަދޫ ރައްޔިތެއް އުފެއްދުން.

ސަރުކާރުގެ އަމާޒަކީ، އެ ރައްޔިތު އުފެއްދުމަށްޓަކައި، ކުޑަހުވަދޫގެ ވީހާވެސް ގިނަ ފަރާތްތަކަކަށް އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުން. މަދަނަ އުފެދިގެން އައީ، މިދެންނެވި ބޭނުމަށްޓަކައި. މިއަދު މި ސަރުކާރަށް ހިތްހަމަޖެހުން ލިބެނީ، މި ޕާޓީއަށް އުފާވެރިކަން ލިބެނީ، މިކުޑަހުވަދޫގެ ރައްޔިތުންގެ ތެރެއިން 450 މީހަކު މަދަނައިގައި ރަޖިސްޓްރީވެ، ޚިދްމަތް ލިބެމުންދާކަމުން. މިއިން ކޮންމެ މީހަކަށް ބޭސްފަރުވާއަށްޓަކައި މާލިއްޔަތުގައި އެއްލައްކަ ރުފިޔާ ރައްކާ ކުރެވިފައި އޮތްކަމުން. އަދި ހަމައެހެންމެ، މިދިޔަ 2010 ވަނަ އަހަރު ކުޑަހުވަދޫ ރައްޔިތުންގެ ތެރެއިން ބޭސްފަރުވާ ބޭނުންވި ފަރާތްތަކަށް ޚަރަދު ކުރުމަށްޓަކައި އެއްމިލިއަން ދެލައްކަ ފަސްދޮޅަސްހާހަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރެވިފައި އޮތްކަމީ، މި ސަރުކާރަށް ހިތްހަމަޖެހުން ލިބޭ ކަމެއް. އަޅުގަނޑުމެންނަށް ހިތްވަރު ލިބޭ ކަމެއް. މިދެންނެވި އެއްމިލިއަން ދެލައްކަ ފަސްދޮޅަސްހާސް ރުފިޔާއަކީ، އެއްވެސް ހާލެއްގައި ހެލްތް ސެންޓަރު ހިންގުމަށް، އެތަނުގައި ކުލަލުމަށް، އެތާތިބި މުވައްޒަފުންގެ މުސާރައަށް، މިބާވަތުގެ އެއްވެސް ކަމަކަށް ކުރި ޚަރަދެއް ނޫން. އެއީ ހަމަ ސީދާ ކުޑަހުވަދޫ މީހާ، ބޭސް ބޭނުންވީމާ، ޑޮކްޓަރު އެމީހާއަށް ލިޔެދިން ބޭހަށް ނުވަތަ ފަރުވާއަށް، ފަރުވާ ކުރުމަށްޓަކައި ކުރަންޖެހުނު ޚަރަދު ކުރުމަށް ކުރެވިފައިވާ ޚަރަދެއް. ސަރުކާރުން މިދެކެނީ، މިދިޔަ ދެއަހަރުގެ ތެރޭގައި، ކުޑަހުވަދޫ ރައްޔިތުން، ބޭސް ސިޓީ ހިފައިގެން، އެކިއެކި މީސްމީހުން ގާތަށް، އެ ބޭސް ސިޓީއަށް ބޭސް ނެގުމަށްޓަކައި ފައިސާ ހޯދުމަށް ހިނގި މިންވަރު ނުވަތަ އެދުނު މިންވަރު، އެތައް ތަނަކުން މިހާރުވާނީ ދަށްވެފައި ކަމަށް. އަޅުގަނޑު އަހަން، މާލޭ ވިޔަފާރިވެރިން ގާތުގައިވެސް، އަޅުގަނޑު އަހަން، ކުޑަހުވަދޫ ވިޔަފާރިވެރިން ގާތުގައިވެސް، މީގެކުރީގައި މީހުން ބޭސް ސިޓީ ހިފައިގެން، އެ ސިޓީއަށް ބޭސް ހޯދަން އައި މިންވަރަށް މިހާރުވެސް އާދޭތޯ. އަޅުގަނޑަށްވުރެ ބޮޑަށް އެކަން ފާހަގަވެފައިވާނީ ކުޑަހުވަދޫ ރައްޔިތުންނަށް. ސާފުވެފައިވާނީ ތިޔަބޭފުޅުންނަށް. އަދި ވަކިން ޚާއްޞަކޮށް، އެ ޚިދްމަތް ލިބުނު ފަރާތްތަކަށް.

ސަރުކާރުގެ ބޭނުމަކީ، ސަރުކާރުގެ އަމާޒަކީ، ރައްޔިތުން ސީދާ ސަރުކާރަށް ނުވަތަ އަމިއްލަ ފަރާތްތަކަށް ބަރޯސާވާންޖެހި، އެފަރާތްތަކުގެ އެހެން ބޭނުންތައް މި ޚިދްމަތްތަކާއި، އެ ދީލަތިކަމާ ގުޅުވައި، އެބޭނުންވާ ބޭނުންވުމުގައި، އަޅުގަނޑުމެން އެދޭ ވެރިކަމުގެ ނިޒާމް، އަޅުގަނޑުމެން އެދޭ ޑިމޮކްރަސީ، އަޅުގަނޑުމެން އެދޭ އިންޞާފް ގެއްލި ގޮސްފާނެތީވެ. ސަރުކާރުން މި ހިންގާ ޕްރޮގްރާމް ހިންގުމަކީ، ވަރަށް މުހިންމު ކަމެއް. ޚާއްޞަ ގޮތެއްގައި، ވާދަވެރި ސިޔާސީ ނިޒާމެއް، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާ އެކުގައި ހުޅުވާލެވިފައި މިއޮތްއިރު، ސަރުކާރުގެ އަމާޒަކީ، ކުޑަހުވަދޫ ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުން. ސަރުކާރުން އަބަދުވެސް އިރާދަކުރެއްވިއްޔާ މަސައްކަތް ކުރަމުން ގެންދާނީ، މިދެންނެވި ރައްކާތެރިކަން ކުޑަހުވަދޫ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް.

ޕާޓީގެ އަޑުއެހުމުން، ޕާޓީ ރާއްޖޭގެ އެކިއެކި ކަންކޮޅުތަކަށް ކުރި ދަތުރުންނާއި، އެކި ގޭގެއަށް ކުރި ޒިޔާރަތާއި، އެކިމީހުންނާވީ ބައްދަލުވުން ސާފުވެފައި އޮތް އެންމެބޮޑު އެއް ޙަޤީޤަތަކީ، މި ރާއްޖޭގެ ޢުމުރުން ދޮށީ މީހުން އުޅެމުން ގެންދިޔަ ހާލު. އަތްފައިގައި ބާރުނެތި، ދޮށީ ޢުމުރަށް ޙަޔާތް ގޮސް، ދެން ޙަޔާތުގެ ބާކީ އޮތް ބައި ރީތިގޮތުގައި ހޭދަކުރެވެން އެމީހުންނަށް ނެތްކަން. ރަށްރަށުގައިވެސް ހޮޅުއަށިތަކާއި ރުއްރުއްދަށުގައި، ގޮނޑުދޮށްތަކުގައި އަދި މާލޭގައިވެސް ގޯތިތައް ބަހަމުން އައިސް، އެންމެފަހުން ކުރީގައި ބަދިގެހުރި ތަނުގައި ހުއްޓިފައި ހުއްޓައި، ގިނައިން މިފެންނަނީ، ކާފަ ނުވަތަ މާމަ. ޕާޓީގެ ވަޢުދެއް އެއީ، ރާއްޖޭގެ ޢުމުރުން 65 އަހަރުން މަތީގެ ކޮންމެ މީހަކަށް، އާމްދަނީ ދަށް ކޮންމެ މީހަކަށް ދެހާސް ރުފިޔާގެ ޕެންޝަނެއް ދިނުން. އެ ޕެންޝަން ދިނުމަށްޓަކައި، ޕާޓީން ވަޢުދުވަމުން ގެންދިޔައީ، 2008 ވަނަ، 2007 ވަނަ އަހަރުއްސުރެ ޕާޓީގެ ސަރުކާރެއްގައި އެކަން އެގޮތަށް ކޮށްދޭނެ ކަމަށް. 2009 ވަނަ އަހަރު، އެ ޕެންޝަން ދެވެން ފެށުނު. އެއަށްފަހު އައިސް، 2009 ވަނަ އަހަރު ނިމުނުއިރު، ރައްޔިތުންގެ މަޖިލީހުން އެ ޕެންޝަނާ ގުޅޭ ޤާނޫނެއް ފާސްކުރެވި، މިހާރު ޕެންޝަން އޮފީހުން އުޞޫލެއްގެ މަތިން، އެ ޕެންޝަން އެދަނީ ދެވެމުން. އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، މި ޕާޓީއަށް ހިތްވަރު ލިބެނީ، މި ކުޑަހުވަދޫގެ 122 މީހަކަށް، މިދެންނެވި ޕެންޝަން ގަވާއިދުން ދެމުން ގެންދެވޭތާ މިވީ ދެއަހަރު. މި ކުޑަހުވަދުއަށް ކޮންމެ މަހަކު 65 އަހަރުން މަތީގެ މީހުންނަށްދެވޭ ޕެންޝަންގެ ގޮތުގައި، ދެލައްކަ ސާޅީސް ހަތަރުހާސް ރުފިޔާ ޚަރަދު ކުރެވޭކަމީ، މި ސަރުކާރަށް ލިބޭ ހިތްވަރެއް. އަޅުގަނޑުމެންނަށް ލިބޭ ހިތްހަމަޖެހުމެއް.

ސަރުކާރުގެ އަމާޒަކީ، ކުޑަހުވަދޫ ރައްޔިތުން، އެކެއް ގާތުން، އަނެކެއް ގާތުން އެހީއަށް އެދި ދާންޖެހޭ ޖެހުން، ވީހާވެސް ކުޑަކުރެވޭތޯ ބެލުން. ސަރުކާރުގެ ބޭނުމަކީ، ކުޑަހުވަދޫ ރައްޔިތުންގެ ޤަދަރާއި ޢިއްޒަތް ސަލާމަތްކޮށްދިނުން. ސަރުކާރުގެ އަމާޒަކީ، ކުޑަހުވަދޫ ސަލާމަތްކޮށްދިނުން. ވާދަވެރި ސިޔާސީ ނިޒާމެއްގައި، ރައްޔިތުންގެ ބާރު އެންމެ ގަދަވާނީ. ރައްޔިތުންގެ ވޯޓް އެއީ އެންމެ މުހިންމު ޙަރަކާތް. އެ ވޯޓާއި އެ ބާރު ގުޅިފައި އޮތީ، މަދަދުވެރިވާ ފަރާތްތަކާ ކަމަށްވަންޏާ، ދެން ރަށުގެ އިޤްތިޞާދުވެސް، ރަށުގެ ބިން ބޭނުންކުރެވޭ ގޮތްވެސް، ރަށުގެ ވިޔަފާރީގެ ފުރްޞަތުތައްވެސް، ރަށުގައި ބިނާކުރެވޭ ތަންތަނާއި ކަންކަންވެސް ފަހިވެގެންދާނީ، ބައްޓަންވެގެންދާނީ ވަރަށްމަދު ބަޔަކު، ބާރުގަދަ ނުފޫޒުގަދަ ދެތިން މީހަކު އެދޭ ގޮތަކަށް. ގިނަފަހަރަށް އެ ދެތިން މީހަކީ، ރަށު މީހުންނަކަށްވެސް ނުމެވާނެ. މާލޭގެ ފައިސާވެރިންނަށް ނުވަތަ ތަންތަނުގެ ފައިސާވެރިންނަށް އެމީހުންވެފައި ވާނީ. އަޅުގަނޑުމެންގެ ބޭނުމަކީ، މި ޕާޓީގެ އަމާޒަކީ ކުޑަހުވަދޫ ރައްޔިތުންނަށް، ކުޑަހުވަދޫ ތަރައްޤީ ކުރުމުގެ ފުރްޞަތު ހޯދައިދިނުން.

އެކަނިވެރި މައިންނާއި، ޔަތީމު ކުދިންނަށް ދެވޭ އެހީގައި، މި ކުޑަހުވަދޫ 35 މީހަކަށް، އެ އެހީ ދެވެން ފެށުނީއްސުރެ ފަށައިގެން ދެވޭކަމީ، މި ސަރުކާރަށް ލިބޭ ވަރަށްބޮޑު ހިތްހަމަޖެހުމެއް. އެކަމަށްޓަކައި މިދިޔަ 6 މަސް ދުވަހު ތެރޭގައި، ދެލައްކަ ތިރީސްހާސް ރުފިޔާ ޚަރަދު ކުރެވިފައި އޮތްކަމީ، މި ޕާޓީއަށްވެސް އަދި މި ސަރުކާރަށްވެސް ނުހަނު ހިތްވަރު ލިބޭ، ހިތްހަމަޖެހުން ލިބޭ އުފަލެއް. އަޅުގަނޑުމެން ހައްތަހާވެސް މަސައްކަތް ކުރަމުން ގެންދާންޖެހޭނީ، ކުޑަހުވަދޫ ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަމަކާއި، ރައްޔިތުންގެ ސަލާމަތްތެރިކަން ހޯދައިދިނުން. އެމް.ޑީ.ޕީ.ގެ ފަލްސަފާއެއް، އެމް.ޑީ.ޕީ.ގެ ވަޢުދެއް، އެ ރައްކާތެރިކަން ހޯދައިދޭނެ ކަމަށް ވެފައިވާ ވަޢުދު. މި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތަކީ، އެ ވަޢުދު ފުއްދުން. އެކަމަށް ބޭނުންވާ ސިޔާސަތު ކަނޑައަޅައިދިނުން. އެ ސިޔާސަތު ތަންފީޛު ކުރުމަށް ބޭނުންވާ ފައިސާ އެކުލެވޭ ބަޖެޓް، ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، އެބަޖެޓް ތަންފީޛު ކުރަމުން ގެންދިޔުން. މިދެންނެވި މަގުން ނޫން މަގަކުން ރަށެއްގެ ތަރައްޤީއެއް ނާންނާނެ. މި ފައިސާއަކީ، އެއްވެސް ބައެއްގެ ފައިސާއެއް ނޫން. އެއީ ތިޔަބޭފުޅުންގެ ފައިސާއެއް. އަޅުގަނޑާ ތިޔަބޭފުޅުން އެފައިސާ ޙަވާލުކޮށްފައި މިހުރީ އަމާނާތެއްގެ ގޮތުގައި. އަމާނާތްތެރިކަމާއެކީގައި، ޚިޔާނާތްތެރިނުވެ، އިންޞާފުވެރިކަމާއެކީގައި، މިފައިސާ ބަލަހައްޓައި، ރައްޔިތުންނަށް ރަނގަޅު ގޮތްގޮތަށް ފައިސާ ޚަރަދު ކުރުމަށް.

އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން ބޭނުން، އަޅުގަނޑު ތިޔަބޭފުޅުންގެ ލޯ ލާރިއެއްގައިވެސް ނުޖެހޭނަން. އަޅުގަނޑު ތިޔަބޭފުޅުންނަށްޓަކައި މަސައްކަތް ކުރުން ހުއްޓައެއް ނުލާނަން. އެންމެ ދުވަހެއްވެސް އިރާދަކުރެއްވިއްޔާ، އަޅުގަނޑު 10 ގަޑިއިރު މަސައްކަތް ނުކޮށް ދުލެއްކޮށެއް ނުލާނަން. އަޅުގަނޑުމެންގެ ތަރައްޤީ ޙަޤީޤަތުގައި އަޅުގަނޑުމެންނަށް ލިބޭނީ، ކުޑަހުވަދޫގެ ތަރައްޤީ ލިބޭނީ ކުޑަހުވަދޫ ތަރައްޤީވެގެނެއް ނޫން. ކުޑަހުވަދޫ މީހާ ތަރައްޤީވެގެން. އޭނާއަށް ތަންދޮރު އެނގިގެން. އޭނާގެ ނަފްސު، އޭނާއަށް އޭނާގެ ޢިއްޒަތް، އޭނާގެ ޤަދަރު އޭނާއަށް ހިފެހެއްޓިގެން. އޭނާއަކީ ހުޅުވިފައި ހުރި މިނިވަން، އޭނާގެ އަމިއްލަ ޙައްޤުތަކެއް ލިބިގެންވާ މީހަކަށް، އެމީހާ ހެދިގެން. އެކަން ކުރުމަށްޓަކައި އަބަދުވެސް ތަރައްޤީގެ ނާރެސްއަކީ މަދްރަސާ. އަޅުގަނޑުމެންގެ ދަރިންނަށް ތަންދޮރު އޮޅުންފިލުވައިދިނުން އެއީ ކޮންމެހެން ބޭނުންތެރި ކަމެއް. އަޅުގަނޑު އަބަދުވެސް ދަންނަވަން، އިއްޔެ ނިމިއްޖެ. މިއަދު މިއޮއް ނިމެނީއޭ. ޙަޤީޤަތުގައި އަޅުގަނޑުމެންނަށް ހޯދެން އޮތީ މާދަމައޭ. އަޅުގަނޑުމެންގެ މުސްތަޤްބަލޭ. އަޅުގަނޑުމެންގެ ދަރިންނޭ.

ސަރުކާރުގެ، ޕާޓީގެ ވަޢުދެއް އެއީ، އޯ ލެވެލް އިމްތިޙާނުގައި ބައިވެރިވާ ކުދިންގެ ތެރެއިން 60 ޕަސެންޓް ކުދިންނަށް C ފާހަށްވުރެ މަތިން 5 މާއްދާއިން ލިބޭނެ ކިޔަވައިދިނުމުގެ އިންތިޒާމްތަކެއް، ލިބޭނެ ސިޔާސަތުތަކެއް ޤާއިމްކޮށް، އުޞޫލުތަކެއް ކަނޑައަޅައި، އެ އުޞޫލުތަކުގެ ތެރެއިން ކިޔަވައިދީ، އެ ނަތީޖާ ހޯދުން. ސަރުކާރުގެ އަމާޒަކީ، ވީހާވެސް ގިނަ ކުދިންނަށް ތަންދޮރު އޮޅުންފިލުވައިދިނުން. އަޅުގަނޑުމެންގެ މުޅި ޙަޔާތް އަޅުގަނޑުމެން މި ހޭދަކުރަނީ، ހަމަ އެންމެ ބޭނުމަކަށް. އަޅުގަނޑުމެންގެ ދަރިންނަށް ކިޔަވައިދިނުމަށް. ބަނދަރެއް އަޅަނީވެސް އިތުރު ކަމެއް ކުރާކަށެއް ނޫން. ދަރިންނަށް ކިޔަވައިދިނުމަށް. ދޯންޏެއް ބަންނަނީވެސް ދަރިންނަށް ކިޔަވައިދޭން. ފިހާރައެއް އަޅަނީވެސް ދަރިންނަށް ކިޔަވައިދޭން. އަޅުގަނޑުމެން އެނޫން ބޭނުމަކަށް ކުރާ ކަމެއް ނެތް. އަޅުގަނޑުމެންގެ އަބަދުވެސް ބޭނުމަކީ، އަޅުގަނޑުމެންގެ ޢާއިލާ ރިވެތި ގޮތުގައި، ތަނަވަސް ގޮތުގައި، ރަނގަޅު ތަޢްލީމެއްދީގެން، ހޭލުންތެރި ބައެއްގެ ގޮތުގައި ބިނާކުރުން. އެކަމަށްޓަކައި ސަރުކާރުގެވެސް އަމާޒު ބިނާވެފައި އޮންނަންޖެހޭނީ. ރައްޔިތުންގެ ބޭނުންތަކަށް ފުދޭގޮތަށް ސަރުކާރު އަމާޒުވާން ޖެހޭނީ.

އަޅުގަނޑުމެންނަކަށް މިދަންނަވާ އިޖްތިމާޢީ ރައްކާތެރިކަން ބޭނުން މީހުންގެ ނުވަތަ ލިބުނީމާ އުފާވާ މީހުންގެ އަޑެއް ނީވޭނެ. އެމީހުންނަކީ ނިކަމެތިން. އެމީހުންގެ އަޑު، ވަރަށްމަދު ފަހަރަކު، ޢާންމުކޮށް އަޅުގަނޑުމެންގެ ތެރެއިން އިވިގެންދާނީ. އަޅުގަނޑުމެންނަށް އަބަދުވެސް އަޑު އިވެމުންދާނީ، އެންމެ އަޑުގަދަ މީހާގެ އަޑު. އަޅުގަނޑު ދެންނެވީ، އެކުދިންގެ ވާހަކަ ދައްކާކަން އެނގުނީމާ އިނގޭތޯ. އަޅުގަނޑުމެންނަށް މިތަނުގެ މަދްރަސާ ތަރައްޤީކޮށް، ސަރުކާރުގެ އަމާޒާ އެއްމިންވަރަށް ކިޔެވުމުގެ ފެންވަރު ކުރިއަށް ނުގެންދެވޭ ކަމަށްވަންޏާ، އަޅާ ބޮޑުހިލައަކުން، އެއްގަމު ތޮށްޓަކުން، އަޅާ ބޮޑު ޢިމާރާތަކުން، ބިނާއަކުން މިރަށެއް ތަރައްޤީއެއް ނުވާނެ. މި ރަށް ތަރައްޤީ ކުރާން އަޅުގަނޑުމެން އެދޭނަމަ، މިރަށުގެ މަދްރަސާގެ ފެންވަރު ރަނގަޅު ކުރުން، މާ މުހިންމު.

މިދިޔަ އަހަރު މިރަށުގެ ރައްޔިތުންނަށް، މިރަށު ސްކޫލް ކުދިންނަށް ފޮތް، ފަންސުރު، ގަލަން ގަތުމަށްޓަކައި ދެލައްކަ އަށްޑިހަ ހަތްހާހަށްވުރެ ގިނަ ރުފިޔާ، ސަރުކާރުން ޚަރަދު ކުރެވިފައި އޮތްކަމީ، އެއީ މި ސަރުކާރަށް ލިބޭ އުފަލެއް. އަދި ހަމަ އެހެންމެ، އޯ ލެވެލް އިމްތިޙާނުގައި ބައިވެރިވި ކުދިންގެ ފީގެ ގޮތުގައި އަށްޑިހަ ނުވަހާސް ރުފިޔާ ޚަރަދު ކުރެވިފައި އޮތްކަމީވެސް ހަމަ މި ސަރުކާރަށް ލިބޭ އުފަލެއް. އޭ ލެވެލް އިމްތިޙާނުގެ ފީގެ ގޮތުގައި ނުވަދިހަ ހަތްހާހަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރެވިފައި އޮތްކަމީ، މި ސަރުކާރަށް ލިބުނު ފުރްޞަތެއް. ސަރުކާރު ދެކެނީ، ދަރިންނަށް ތަޢްލީމަށް ޚަރަދުކޮށްގެން އަދި މައިންބަފައިން، އެކުދިންނަށް ބޭނުންވާ ފޮތް، ފަންސުރު، ގަލަމާއި، އިމްތިޙާނުގެ ފީއާއި، މި އެއްޗެތި ދެއްކުމަށްޓަކައި އެކެއް ކައިރިން، އަނެކެއް ކައިރިން ހިނގަން ޖެހުމަކީ، ކުދިންގެ ތަޢްލީމަށް ނުހަނު ގެއްލުންވާ ކަމެއް. ސަރުކާރަށް މިފުރްޞަތު ފޯރުކޮށްދެވޭކަމީ، ސަރުކާރަށް ލިބޭ ވަރަށްބޮޑު އުފަލެއް. އަދި 2010 ވަނަ އަހަރު ކުޑަހުވަދޫ މަދްރަސާ މިހާރު އެވަނީ އެއްދަންފަޅިއަށް ކިޔަވައިދޭ ސްކޫލަކަށް ބަދަލުވެފައި.

ސަރުކާރުގެ އަމާޒަކަށް އެހެން ނަމަވެސް، ކުޑަހުވަދުއަކަށް ވާސިލެއްނުވެވޭ. އަދި އަޅުގަނޑު ހިތްހަމަނުޖެހޭ، ކުޑަހުވަދޫ މަދްރަސާގެ ފެންވަރު، ކުރީ އަހަރަކަށްވުރެ ވަކިތަނެއް މިއަހަރު މައްޗަކަށްނުދިޔަ. ސަރުކާރުން ކުޑަހުވަދޫ މަދްރަސާއަށް ކުރާ ޚަރަދެއް ކުޑައެއްނުވާނެ. ކުޑަހުވަދޫ މަދްރަސާގައި ކިޔަވާ ކުއްޖެއްގެ ބޮލަކަށް ސަރުކާރުން ޚަރަދުކުރޭ، މެލޭޝިޔާގައި ކިޔަވާ ކުއްޖަކަށްވުރެ ގިނައިން. އަޅުގަނޑަކަށެއް ނުވިސްނޭ، ކުޑަހުވަދޫ މަދްރަސާގެ ނަތީޖާ ގޯސްވާންވީ ސަބަބެއް. އަދި އަޅުގަނޑު އެންމެ ބޮޑަށް ދެރަވަނީ، އަޅުގަނޑު ކަންބޮޑުވަނީ، މަދްރަސާގެ ނަތީޖާ މިހެން އޮއްވައި، އަޅުގަނޑު ކައިރީގައި އަބަދުވެސް ބޭރުތޮށީގެ ވާހަކަ ދައްކައި، މަދްރަސާގެ ނަތީޖާގެ ވާހަކަ ނުދައްކާތީ. އެއީ އަޅުގަނޑު ކަންބޮޑުވާ ކަމެއް. އަޅުގަނޑުމެން، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާ އެކީގައި، ކުޑަހުވަދޫ ހުރިހާ ރައްޔިތުންގެ ކިބައިން. ކުޑަހުވަދޫ ސަރުކާރުގެ ވެރިންވެސް، މުދިމުންވެސް، ކަތީބުންވެސް، މެޖިސްޓްރޭޓުންވެސް، އޮޑިވެރިންވެސް، ކެޔޮޅުންވެސް، ހުރިހާ ބޭފުޅުންވެސް މަދްރަސާއާ އަޅާލުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް. ސަރުކާރުން މިހާރުވާނީ ސްކޫލް ހިންގުމުގެ ބޯޑުތައް އުފައްދާފައި. އެ ބޯޑްތަކުން ރަނގަޅަށް ސްކޫލްތައް ހިންގެންޖެހޭނެ. ކުޑަހުވަދުއަކީ ތަންދޮރު ނޭނގޭ މީހުން އުޅޭ ރަށެއް ނޫން. ކުޑަހުވަދޫގެ ޤާބިލް ކިތަންމެ ބައެއް އެބަތިބި. ކުޑަހުވަދޫ މަދްރަސާގެ ބޯޑްގައި ތިޔަބޭފުޅުން ބައިވެރިވެލެއްވުން ވަރަށް މުހިންމު. އަދި ހަމައެހެންމެ، އެ ބޯޑް މެދުވެރިކޮށް، މަދްރަސާ ރަނގަޅަށް ހިންގުމަކީވެސް އެހާމެ ބޭނުންތެރި ކަމެއް. އަޅުގަނޑު ވަރަށް ބޮޑަށް އެދެން، އަޅުގަނޑު ވަރަށް އުންމީދު ކުރަން، މިއަންނަ އަހަރު ތިޔަބޭފުޅުންގެ ނަތީޖާ، މިއަހަރަށްވުރެ އެތައް ތަނަކުން ރަނގަޅު ކުރައްވާނެ ކަމަށް.

އަޅުގަނޑަށް އެނގޭ އެއްޗަކީ، ކުޑަހުވަދޫ ރައްޔިތުން ޙަޤީޤަތުގައި މިކަމާ އުޅުއްވައިފިނަމަ، އަޅުގަނޑުމެންނަށް މި ވަޢުދު، ހަމަ ރީތިކޮށް މިރަށުގައި، އަޅުގަނޑުމެންނަށް ދިއްދޫގައި ފުއްދިއްޖެ. އިހަވަންދޫގައި ފުއްދިއްޖެ. ހޯރަފުށީގައި ފުއްދިއްޖެ. އަޅުގަނޑު ދެން ދަންނަވާނީ، ވަރުގަދަ އެމް.ޑީ.ޕީ ރަށްރަށުގައި ފުއްދެއޭ. އަޅުގަނޑަށް އެއިން ހަމަ ވަރަށް ރަނގަޅު މަންޒަރެއް ސިފަވޭ. ރަނގަޅަށް މި ތަޢްލީމީ ފެންވަރު މައްޗަށް ނުދަނީ، ބައެއް ރަށްރަށުގައި އެބަހުރޭ ހަމަ ކަނޑައެޅިގެން މަދްރަސާ ހިންގުމަށް ހުރަސްއަޅައި، މި އަމާޒަށްދިޔަނުދީފައި. އެންމެންނަށްވެސް އެބަ އެނގޭ، ސަރުކާރުން އެބައޮތްކަން ވަޢުދެއްވެފައި، މިއޮތީ އަމާޒެއްކަން. އެއަށް ވާޞިލުވެވިއްޖިއްޔާ އެއީ، ކާމިޔާބީއެއްކަން. އެހެން ނަމަވެސް، އަޅާނުލައްވާ ކަމަކީ، އެއީ އަޅުގަނޑުމެންގެ ކާމިޔާބީއެއް ނޫން. އެއީ ދަރިވަރުންގެ ކާމިޔާބީއެއް. އެއީ ކުދިންގެ ކާމިޔާބީއެއް. އެމީހުންގެ ކާމިޔާބީއަކަށް ހުރަސްއެޅޭތަން، ހުރަސްއަޅާތަން އަޅުގަނޑަށް އެބަ ފެނޭ. އަޅުގަނޑަކީވެސް ރަށްރަށް ދަންނަ މީހެއް. އަދި ވާނުވާވެސް އަޅުގަނޑަށް އެނގޭނެ. އަދި އަޅުގަނޑަށް ނޭނގޭ ގޮތަކަށް ކުޑަހުވަދޫގައިވެސް ކަމެއްވާން ދިހަވަރަކަށް އަހަރު އަޅުގަނޑު ގެއިން ނުނުކުމެ ހުންނަންޖެހޭނެ. ކުޑަހުވަދޫގައިވާކަންތައްވެސް އަޅުގަނޑަށް ވަރަށް ސާފުކޮށް އެހެންވީމާ އެނގޭނެ. އަޅުގަނޑަށް ޔަޤީން، ތިޔަބޭފުޅުންނަށްވެސް އެނގިލައްވާނެކަން، އަޅުގަނޑަށްވެސް މިތަނުގައިވާގޮތްވެސް ސާފުވަމުންކަންދާނީ. އަޅުގަނޑު ވަރަށް ބޮޑަށް، ވަރަށް އިޚްލާޞްތެރިކަމާއެކު އެދެން، މިއަންނަ އަހަރު ކުޑަހުވަދޫ މަދްރަސާގެ ނަތީޖާ ރަނގަޅުވާނެ ކަމަށް. އަދި އަޅުގަނޑު ވަކިން ޚާއްޞަކޮށް، އެޑިޔުކޭޝަން މިނިސްޓްރީއާ، ޝިފާއާ މިކަމުގައި މަޝްވަރާކޮށް، މިތަނަށް އެކަމުގައި ދެން ގެންނަންހުރި ބަދަލަކީ ކޮބައިތޯ ބަލައި، އެކަމާ ސަރުކާރުންވެސް އަދި އަޅުގަނޑު ވަކިންވެސް އުޅޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑު ކުޑަހުވަދޫ ރައްޔިތުންނަށް އަރުވަން.

ކުޑަހުވަދޫގެ ބޭރުތޮށި މިއަހަރު ހެދުމަށްވަނީ ބަޖެޓްކޮށް، ފައިސާ ލިބި، އެކަން އިރާދަކުރެއްވިއްޔާ، މިއަހަރު ކުރާނެ. ކުޑަހުވަދޫގައި އަޅާ ފަޔަރ ސްޓޭޝަންގެ މަސައްކަތް އިރާދަކުރެއްވިއްޔާ، މިއަހަރު މިހާރުވަނީ ބަޖެޓް ކުރެވި، އެކަން ނިންމޭނެ. ކުޑަހުވަދޫ ލޯންގް ސްޓޭޑިއަމްގެ މަސައްކަތް ބަޖެޓް ކުރެވި، އިރާދަކުރެއްވިއްޔާ، އެމަސައްކަތްވެސް މިއަހަރު ނިންމޭނެ. އަޅުގަނޑުމެންނަކީ އެކަމަކު ބަނދަރު ހަދާ ބައެއް ނޫން، މި ސަރުކާރަކީ. މި ސަރުކާރަކީ ޢުމްރާނީ ތަރައްޤީގެ ބައެއް ނޫން. މި ސަރުކާރަކީ އިންސާނީ ވަސީލަތް ތަރައްޤީ ކުރުމަށް ނުކުމެ ތިބި ސަރުކާރެއް. އަޅުގަނޑުމެންނެއް ތަރައްޤީއެއް ނުމިނަން، ބޮޑުހިލައަކުން. އަޅުގަނޑުމެން ތަރައްޤީ މިނަނީ، ތިޔަބޭފުޅުންގެ ޖީބަށް ވަންނަ ފައިސާގެ ޢަދަދުން. މި ސަރުކާރުގެ އަމާޒަކީ، ރައްޔިތުން މުއްސަނދި ކުރުން. އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު އެދެން، މިފުރްޞަތުތައް އަޅުގަނޑުމެންނަށް މިލިބެނީ، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމުގެ ސަބަބުން.

ރައްޔިތަކު ތަރައްޤީވާން، ޤައުމެއް ކުރިއަރައިދިޔުމަށް، އެ ރައްޔިތުން ހިފަހައްޓައިގެން، އޮބަހައްޓައިގެން، ހައްޔަރުކޮށްގެނެއް އަޅުގަނޑުމެންނަށް ކާމިޔާބެއް ނުވެވޭނެ. ކާމިޔާބު ވުމަށްޓަކައި އަޅުގަނޑުމެން މިޖެހެނީ، ރައްޔިތުން ދޫކޮށްލަން. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި އަދި ވަކިން ޚާއްޞަކޮށް، ޞުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގުމުގެ މިނިވަންކަން އެބަ އޮންނަންޖެހޭ. މިދެންނެވި ކަންކަން، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، މިދެންނެވި ޙައްޤުތައް ރައްޔިތުންނަށް ދިނުމަށް އެއީ، ޤާނޫނުއަސާސީގައި ލިޔުނީމާ ވާކަމެއް ނޫން. ފެހި ޤާނޫނުއަސާސީގައިވެސް އޮވޭ، 16 ވަނަ މާއްދާވެސް. 26 ވަނަ މާއްދާވެސް. 27 ވަނަ މާއްދާވެސް. މިއިން ކޮންމެ މާއްދާއެއްގައި ހުންނަނީ ރައްޔިތުންގެ ޙައްޤުތަކާ ގުޅޭ ވާހަކަތައް. އެއްވެ އުޅުމުގެ ޙައްޤާއި، ޚިޔާލުފާޅުކުރުމުގެ ޙައްޤާ. އެހެން ނަމަވެސް، އެއިން އެއްވެސް ޙައްޤެއް، ރައްޔިތުންނަށް ސާފުގޮތުގައި ތަންފީޛުވެ ލިބިފައެއް މީގެކުރިއަކު ނެތް. މިއަދު އޮތް ބަދަލަކީ، ސިޔާސީ ޕާޓީ. އެ ޕާޓީ ހިންގޭތީވެ، ޕާޓީގެ އޮނިގަނޑުގެ ތެރެއިން އެކެއް، އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން، އަޅުގަނޑުމެންގެ ބިރު ފަހަނަޅައިގޮސް، އަޅުގަނޑުމެންނަށް މި މިނިވަންކަން ހޯދިފައި މިއޮތީ. ދެން މިއަދު އަމިއްލަ ކެންޑިޑޭޓުންނޭ ވިދާޅުވެ ނުކުންނެވީމާ، އަޅުގަނޑު ޤަބޫލެއް ނުކުރަން. އަޅުގަނޑަކަށް ނުފެނޭ، ޤައުމީ ތަރައްޤީއާއި އަމިއްލަ ކެންޑިޑޭޓުންނާ ހުރި ގުޅުމެއް. އަޅުގަނޑަށް އަމިއްލަ ކެންޑިޑޭޓުން ފެންނަނީ، މުޅި ސިޔާސީ ނިޒާމް ގަޑުބަޑުކުރާ ބައެއްގެ ގޮތުގައި. މުޅި ޤާނޫނުއަސާސީގެ ރޫޙު ނައްތާލުމަށް މަސައްކަތްކުރާ ބައެއްގެ ގޮތުގައި. އަދި ޙަޤީޤަތުގައި އަޅުގަނޑަށް ފެނިފައި، ތަޖްރިބާގައި މިހާތަނަށް ރައްޔިތުންގެ މަޖިލީހުން ފެނިފައި އޮތް އެއްޗަކީ، ބޭނުންވަނީ ދަމާކެނޑުންކަން. ވަރަށް ސާފުބަހުން އަޅުގަނޑު މިދަންނަވަނީ. އަމިއްލައަށް ނުކުންނަވައި ހުންނަވައި، ދެން އެންމެ ރަނގަޅު އަގެއް ޖެހުނީމާ، އެއަގަކަށް ދީލާލަނީ. ޕާޓީގެ ފަލްސަފާއެއް، ޕާޓީގެ ސިޔާސަތެއް ނެތް. ބަލާކަށްނުޖެހޭ. އަދި ޕާޓީގެ ވިޕްލައިނަކަށް ތަބާވާކަށްނުޖެހޭ. އެންމެ ރަނގަޅު އަގު ޖެހުނީމާ ތިމަންނާ ދާންވީ. ދެން އެއިން ކުޑަހުވަދޫގެ ތަރައްޤީ ހޯދޭނެ ގޮތެއް އަޅުގަނޑަށް ކިޔައިދެއްވާ. ދެން އަޅުގަނޑު ހަމަ ވަރަށް އިޚްލާޞްތެރިކަމާއެކު މިދަންނަވަނީ، މާމޮޅު އެއްޗެއް ހައްދަވަން އުޅުއްވާނެ ކަމެއްނެތް. މިއުޅެނީކީ މާ އާކަމެއް ކުރާކަށެއް ނޫން. ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއް، މިދުނިޔޭގައި ހިނގާތާ 500 އަހަރުވެއްޖެ. އަޅުގަނޑުމެން އެކަން ދަންނަން. ދެން އަޅުގަނޑުމެންނަށް މާމޮޅު އެއްޗެއް ހެދިދާނެ ކަމަށް، މިހެން ހެދީމާ ރަށުގެ ތަރައްޤީއޭ، އެހެން ހެދީމާ، ނުވާނެ. ރަށުގެ ތަރައްޤީ އަންނާނީ، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަކުން. ނަރުދަމާވެސް އެޅޭނީ ރަނގަޅު ވެރިކަމުގެ ނިޒާމަކުން. ކޮންމެ ކަމެއްވެސް އަޅުގަނޑުމެންނަށް މިވަނީ، ރަނގަޅު ވެރިކަމުގެ ނިޒާމަކުން.

އެހެންވީމާ، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތިޔަބޭފުޅުންގެ ކިބައިން އެދެން. އަޅުގަނޑު އެދޭނީ، އަޅުގަނޑުގެ ޕާޓީގެ ވާހަކަ. އެހެން ނަމަވެސް، އެއަށްވުރެ ބޮޑަށް، ފުޅާ ދާއިރާއެއްގައި އަޅުގަނޑު އެދެން. ސިޔާސީ ޕާޓީގެ ނިޒާމް ހިފަހައްޓަވައިދެއްވުމަށް. އެ ނިޒާމް ތަރައްޤީކޮށްދެއްވުމަށް. އަދި ދައުލަތުގެ އެންމެ މުހިންމު މުއައްސަސާއަކީ ސިޔާސީ ޕާޓީ. އެއީ އަޅުގަނޑުމެންގެ މިނިވަންކަން ހިފަހައްޓައިދޭ މުއައްސަސާއަކީ. އެއިން އަޅުގަނޑުމެންގެ ޙައްޤުތައް މިހިފަހައްޓައިދެނީ. ޝަރީޢަތަކުންވެސް ނޫން. ޤާނޫނު ހަދާ މަޖިލީހަކުންވެސް ނޫން. ހަމަ އެކެއް އަނެކެއްގެ ކިބައިން. އެކެއް އަނެކެއްގެ ހިތްވަރު އަޅުގަނޑުމެންނަށް ލިބުނީމަ. އެ ހަމަ ނެތިދާ ދުވަހު، ރައީސަކަށް ހުންނަވާ ބޭފުޅަކު ބޭނުންގޮތަކަށް ޤާނޫނުއަސާސީ ގަޑުބަޑުކޮށްލައި، ބޭނުން ގޮތަކަށް މީހުން ހިފާ ހައްޔަރު ކުރާނެ. ބޭނުންވަރަކަށް އަނިޔާކުރާނެ. ބޭނުން ބަޔަކު ގެނެސް ސަރުކާރުގައި ބައިތިއްބާނެ. ގާތްތިމާގެ މީހުންނަށް ހުރިހާ އެއްޗެއް ބައްސަވާލައްވާ. ރައީސް އެކަން ކުރައްވާނެ. ސިޔާސީ ޕާޓީނެތި، ރިޔާސީ ނިޒާމެއް ހިންގަން ނުވަތަ ޑިމޮކްރަސީގެ ނިޒާމެއް ހިންގަން އަޅުގަނޑުމެން އުޅެއްޖެނަމަ، މަރުފަލިޖެހުންފަދަ ކަމެއް އެކަމަކީ. އެހެންވީމާ، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު، ތިޔަބޭފުޅުންގެ ކިބައިން އެދެން. މި ނިޒާމް ތިޔަބޭފުޅުން ހިފަހައްޓައިދިނުމަށް.

އަދި ހަމައެހެންމެ، ކުޑަހުވަދޫ ރައްޔިތުންނަށް ދަންނަވާލަން ބޭނުން. އަޅުގަނޑޭ ކިޔައި، މި ސަރުކާރޭ ބުނެ، ވަރަށްގިނަ ބާވަތް ބާވަތުގެ ވާހަކަ ދައްކާ. އެއީކީ ކުޑަކޮށްވެސް އަޅުގަނޑު ކަންބޮޑުވާ ކަމެއް ނޫން. އަޅުގަނޑަށް އެނގޭ، އަޅުގަނޑަށް ކުރެވޭ ކަންތައް. އަޅުގަނޑަށް އެނގޭ، އަޅުގަނޑުގެ މަޤްޞަދު. އަދި އަޅުގަނޑުގެ އަމާޒު، އަޅުގަނޑުގެ މަޤްޞަދަކުން އަޅުގަނޑު ކައްސައެއްނުލާނެ. އަޅުގަނޑު މިހުރި ގޮތުގައި ކުރިއަށްދާނަން.

މި ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި، އަދި ރާއްޖޭގެ ރައްޔިތުންގެ އިސްލާމްދީނުގެ ރިވެތި އުޞޫލުތަކާއި، އާދަތަކާއި، ޘަޤާފަތްތައް ހިފަހައްޓައިދިނުން އެއީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ އެންމެ ފުރަތަމަ އަމާޒު. އެއީ އަބަދުވެސް އަޅުގަނޑުމެންނަކީ މިވާހަކަ ދައްކަމުން ހިނގަން ބޭނުންވާ ބައެއް ނޫން. އަޅުގަނޑުމެން ވަރަށް ސާފުކޮށް ދެންނެވިން. ދީނީ ކަންކަން ދޫވެފައި އޮންނާނީ، ދީނީ ދަންނަބޭކަލުންގެ އަތްމައްޗަށޭ. އަދި ދީނީ ދަންނަ ބޭކަލުންނަށް، މި ސަރުކާރަކުން އަނިޔާއެއް ނުކުރާނޭ. ގޯނާއެއް ނުކުރާނޭ. މި ދުނިޔޭގައި ނޯންނާނެ، މި ރާއްޖެ ފިޔަވައި، ދީނީ ދަންނަ ބޭކަލުންނަށް، އެމީހުން ބޭނުން ގޮތަކަށް ވަޢުޡު ބުނެވޭ، ހެޔޮލަފާ ނަޞޭޙަތްދެވޭ އިސްލާމީ ޤައުމެއް، މިދުނިޔޭގައެއް ނޯންނާނެ. އެއްވެސް، ސަޢޫދީ ޢަރަބިއްޔާއަކަސް، ކޮންމެ ރަށަކަށްވިޔަސްވެސް، ހަމަ ހިފާ ހައްޔަރު ކުރާނެ. ހަމަ އަނދަގޮނޑި ޖަހާނެ. ހަމަ ބިޑި އަޅާނީ. ހަމަ އޭންގަލަށް ނަގާނީ. ހަމަ ނިޔަފަތި އުފުރާނީ. ހަމަ މަރާލާނީ. މިނޫނިއްޔަކާއެއް ނޯންނާނެ، ދަންނަ ބޭކަލުންނަށް މިނިވަންކަން އޮތް ޤައުމެއް، އިސްލާމީ ޤައުމެއް. އަޅުގަނޑު ހަމަ ވަރަށް އިޚްލާޞްތެރިކަމާއެކު، އަނެއްކާވެސް ދަންނަވަން ބޭނުންވަނީ، މި މިނިވަންކަން ދެމެހެއްޓިގެން ނޫނިއްޔާ، އަޅުގަނޑުމެންގެ ދީނީ ޘަޤާފަތެއްވެސް ނުދެމެހެއްޓޭނެ. އަޅުގަނޑުމެންނޭ ކިޔައި، އަޅުގަނޑުމެންނަށް ރައްދުކޮށް ކިތަންމެ ވާހަކައެއް ދެކެވިދާނެ. އެހެން ނަމަވެސް، ޙަޤީޤަތަށް ބައްލަވާށޭ، އަޞްލަށް ބައްލަވާށޭ. މިދިޔަ ދެއަހަރު ތެރޭގައި، ރާއްޖޭގެ ޒުވާނުން، ރާއްޖޭގެ އެންމެހާ ރައްޔިތުން މިސްކިތަށްއަރާ ޢަދަދު އިތުރުވެގެންދިޔަ މިންވަރު. މީގެކުރީގައި ޢާޝޫރާ ދުވަހު، ދުވަހަކުވެސް ރޯދައެއްވެސް ނުހިފާ. އަޅުގަނޑުމެން ނުވެސް ދެނަހުރިން އެއީ ކުރާ ކަމެއް ކަމެއްވެސް. މިދިޔަ މުޙައްރަމް މަހު 10 ވަނަ ދުވަހު އަޅުގަނޑާ ދިމާވި، މީގެކުރީގައި ދިމާނުވާ އެތައް ބައެއް ރޯދައަށް ތިއްބާ. އަޅުގަނޑުމެންނަށް އެބަ ފެނޭ މިބަދަލު. އެވެސް އަޅުގަނޑު ދަންނަވާނީ، ހަމަ އިސްލާމްދީން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުމަށް، ސިޔާސީ ފުރްޞަތަށްޓަކައި ދީން ބޭނުންކުރުމަށް ދެކެވޭ ވާހަކަ. އަޅުގަނޑަށް އޭގެ ޙަޤީޤަތް އެނގޭ. އަޅުގަނޑު އުންމީދު ކުރަން، ތިޔަބޭފުޅުންނަށްވެސް އޭގެ ޙަޤީޤަތް ވަރަށް ބޮޑަށް ސާފުވެލައްވާނެ ކަމަށް.

ކުޑަހުވަދުއަކީ، މި ދ. އަތޮޅު ކުޑަހުވަދުއަކީ ރާއްޖޭގެ މެދު ރާއްޖެތެރޭގައި އޮންނަ އެންމެބޮޑު އެއް ނާރެސް. އެއްހަބު. މިތަނަށް ހުއްޓާފައި ނޫނީ، ޒަމާނުއްސުރެ ފަށައިގެން، ހުވަދުއަތޮޅު މީހުން މާލެގޮހެއް ނޫޅޭނެ. މިތަނަށް އައިއްސަ ނޫނިއްޔާ، ރާއްޖޭގެ ދެކުނުގެ އެއްވެސް ބައެއް އުތުރަކަށެއް ނުދާނެ. ރަނގަޅު ބަނދަރެއް އޮންނަ، ރަނގަޅު ތަނެއްގައި އޮންނަ ކުޑަކުޑަ ހުވަދުއެއް މިއީ. ހުވަދޫ މީހުން އައިސް އުޅުނު ތަނެއް. އެމީހުން މާލެދާން މަޑުކުރާ ތަނެއް. މިއަދު އަޅުގަނޑުމެންނަށް ކުޑަހުވަދޫގެ މިދެންނެވި ސިފަ އަލުން އަނބުރާ ނަގައި، ކުޑަހުވަދުއަކީ ތަރައްޤީގެ، ވިޔަފާރީގެ ރަނގަޅު ތަނަކަށް ހެދުމުގެ ވިސްނުމަކީ، އަޅުގަނޑުމެން މިތަނަށް ޕްރޮވިންސް އޮފީސް ގެނައީ، މިދެންނެވި ބޭނުމުގައި، އެހެން ނަމަވެސް، ތިޔަބޭފުޅުންގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު ވޯޓް ދެއްވީ އެކަން ނުކުރާން. ދެން އަޅުގަނޑު އެކަނި ނުކުމެ، އެކަން ކުރާނެ ގޮތެއް އަޅުގަނޑަކަށެއް ނުވިސްނޭ. އަދި ކުރާކަށް އަޅުގަނޑު ނުވެސް އުޅެން. ކުޑަހުވަދޫ ރައްޔިތުން ބޭނުންނެތިއްޔާ، މާމޮޅު ގޮތެއް ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވަނީ ސްލިޕްވޭއަކުން ކަމަށްވަންޏާ ދެން އަޅުގަނޑު ކުރާނެ ކަމެއް ނެތް. އަޅުގަނޑުގެ އެބައޮތް، ފުޅާ ވިސްނުމެއް. އަޅުގަނޑުގެ އެބައޮތް، އެހެން ތަޞައްވުރެއް. މި ޕާޓީގެ އެބައޮތް، އެހެން ކުޑަހުވަދުއެއްގެ ވިސްނުމެއް. އަޅުގަނޑުމެންގެ ވިސްނުމެއް އެއީ، ހަމަ ކުރީ ސަރުކާރުގެ ގެންގުޅުނު އެއް ވިސްނުން، މިތަނުގައި އެއަރޕޯޓެއް އެޅުމަކީ ރަނގަޅު ކަމެއް. އިރާދަކުރެއްވިއްޔާ، މިސަރުކާރުން މި ތިން އަހަރު ތެރޭގައި އެކަން ކުރާނެ.

ކުޑަހުވަދޫގެ ތަރައްޤީ ހޯދޭނީ، 5 ފެބްރުއަރީގައި މިއުފެދޭ ރަށު ކައުންސިލްގައި ތިޔަބޭފުޅުން ޢަމަލުކުރައްވާ ގޮތެއްގެ މައްޗަށް ބިނާކޮށް، އެއީ މިރަށުގެ ތަރައްޤީގެ އެންމެ މުހިންމު އެއް މުއައްސަސާގެ ބިންގާ އެ އެޅެނީ އެދުވަހު. ތިޔަބޭފުޅުން އެދުވަހު، ތިޔަބޭފުޅުންގެ ވޯޓް އެކިއެކި އެންމެ ރަނގަޅު އަގެއްގައި ދޫކޮށްލައްވަން ނިންމަވައިފިނަމަ، ތިޔަބޭފުޅުންގެ މި މުސްތަޤްބަލް ޚަރާބުވެގެންދާނެ. އެހެނެއް ނޫން، ތިޔަބޭފުޅުންނަށް މިއަދުގެ ރާއްޖޭގެ ސިޔާސީ ޙަޤީޤަތަށް ވިސްނަވާފައި، އަޅުގަނޑުމެން ބިނާކުރަން މިއުޅޭ ޤައުމަކީ، އަޅުގަނޑުމެން ބިނާކުރަން މިއުޅޭ ނިޒާމަކީ ކޮބައިތޯ ރަނގަޅަށް ދެނެގަނެފައި، ތިޔަބޭފުޅުން ވޯޓް ދެއްވައިފިނަމަ، އަޅުގަނޑަށް ޔަޤީން، ކުޑަހުވަދޫގެ ތަރައްޤީ އިސާހިތަކު އަޅުގަނޑުމެން އެންމެންނަށް ފެނިގެންދާނެ. އަދި މުޅި ރާއްޖެއަށްވެސް ކުޑަހުވަދޫގެ ބޭނުންތެރިކަމާއި، ކުޑަހުވަދޫގެ މުހިންމުކަމާއި، އަދި މިއީ ރަނގަޅު އާބާދީއެއް އޮންނަ ފުރިހަމަ ސިޓީއަކަށް ހެދުމަކީ، މި ސަރުކާރުގެ ވިސްނުމެއް. އަޅުގަނޑުމެންނަށް އެކަން ކުރެވޭނީ، ތިޔަބޭފުޅުންނާ އެކީގައި އެކަން ކުރުމުގެ ފުރްޞަތެއް ލިބުނިއްޔާ.

އަޅުގަނޑުގެ ދުޢާއަކީ، ކުޑަހުވަދުއަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحَمْـدُ لِلّـهِ. والســّلام عليــكم.
_______________________