މާލޭގައި ރޭ ހިންގި ހަމަނުޖެހުންތައް ސަރުކާރުން ކުށްވެރިކުރައްވައިފިއެވެ. ރޭ ހިނގި ހަމަނުޖެހުންތަކުގައި 10 ފުލުހަކަށް ވަނީ އަނިޔާވެފައެވެ.

މިކަމާގުޅިގެން، ޕްރެސް ސެކްރެޓަރީ މުޙަންމަދު ޒުހައިރު، މި ހަމަނުޖެހުންތައް ކުށްވެރި ކުރައްވައި، އެއްވެސް މުޒާހަރާއެއްގެ ބައިވެރިން، ތަކެތި އުކައި، ހަމަނުޖެހުން ހިންގުމަކީ ގަބޫލު ކުރެއްވޭނެ ކަމެއް ނޫން ކަމުގައިވަނީ ވިދާޅުވެފައެވެ. "ޞުލްޙަވެރި ސިޔާސީ އެއްވުންތަކަކީ ރާއްޖޭގެ ޅަފަތުގައި މިވާ ޑިމޮކްރަސީގައި ހުއްދަ، އަދި މަރުޙަބާ ކިޔާ ކަމެއް. ނަމަވެސް ސިޔާސީ އެއްވުންތަކަކީ ޞުލްޙަވެރި އެއްވުންތަކަށް ވާންޖެހޭނެ" ކަމުގައި ޒުހައިރު ވިދާޅުވިއެވެ. އަދި ޑިމޮކްރަސީގެ ހަމަތަކާއެއްގޮތަށް އިންތިޚާބު ކުރެވިފައިވާ ސަރުކާރެއް ވައްޓާލުމަށް ހަމަނުޖެހުން ހިންގުމަކީ ގަބޫލު ކުރެވޭނެ ކަމެއްނޫން ކަމުގައިވެސް ޒުހައިރު ވިދާޅުވިއެވެ.

"ރާއްޖޭގައި އަނިޔާވެރިކަމާއި ގަދަބާރުން ކަންކަން ހިންގުމުގެ ސިޔާސީ ނިޒާމު މިހާރުވަނީ މާޒީގެ ތެރެއަށް ދޫކޮށްލާފައި. އަޅުގަނޑުމެން މިހާރު ލިބިގެންފައި މިވަނީ ގިނަޕާޓީތައް ބައިވެރިވާ، ބާރުތައް ވަކިކުރެވި، އަދި ޞުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގުމުގެ ޙައްޤު ލިބިދީފައިވާ ޑިމޮކްރަސީއެއް. މިކަންކަމުން ރާއްޖެ ފަހަތަށް ޖެއްސުމަށް މަސައްކަތް ކުރާ ކޮންމެ ފަރާތެއް އަޅުގަނޑު ކުށްވެރިކުރަން." ޒުހައިރު އިތުރަށް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އިއްވެވި މިއަހަރުގެ ރިޔާސީ ބަޔާނުގައި އެމަނިކުފާނުވަނީ އެއްބައިވަންތަކަމަށް ގޮވާލައްވާފައެވެ. އަދި، ރައްޔިތުންގެ ލާބައާއި މަންފާ ހިމެނޭ ހުރިހާކަމެއްގައި ސަރުކާރަށް އެއްބާރުލެއްވުން ދެއްވުމުގެ މުޅިން އާ ޒަމާނެއް ރައްޔިތުން މަޖިލީހުން ފަށްޓަވައިދެއްވުމަށް އެމަނިކުފާނުވަނީ މިއަދު އިލްތިމާސް ކުރައްވާފައެވެ.