ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 71 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ޤައުމީ އިދާރާތަކުންދޭ ޚިދްމަތްތައް، އިދާރީ ދާއިރާތަކުގައި ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން ރާއްޖޭގެ 7 ސަރަޙައްދުގައި އިއްޔެ އުފެއްދެވި 7 ޤައުމީ އިދާރާގެ އިދާރީ އޮނިގަނޑު، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމުން މިއަދު ނިންމަވައިފިއެވެ. އެ އިދާރާތަކުގެ އެހެން މަގާމުތަކުގެ ޢަދަދާއި، ޝަރުޠުތަކާބެހޭގޮތުންވެސް މިއަދުގެ މަސައްކަތު ބައްދަލުވުމުގައި މަޝްވަރާ ކުރެއްވިއެވެ.

މިދެންނެވި 7 ޤައުމީ އިދާރާގެ ވެރިންގެ ގޮތުގައި ހަމަޖެއްސެވުމަށް ނިންމެވީ މިދަންނަވާ ބޭފުޅުންނެވެ.

1. މަތިއުތުރު ސަރަޙައްދުގެ ޤައުމީ އިދާރާގެ ވެރިޔާގެ މަގާމަށް މިނިސްޓަރ އޮފް ސްޓޭޓް، މަތިއުތުރު ޕްރޮވިންސްގެ މަގާމުގައި ހުންނެވި މުޙަންމަދު ޙުނައިފް.

2. އުތުރު ސަރަޙައްދުގެ ޤައުމީ އިދާރާގެ ވެރިޔާގެ މަގާމަށް މިނިސްޓަރ އޮފް ސްޓޭޓް، އުތުރު ޕްރޮވިންސްގެ ނައިބުގެ މަގާމުގައި ހުންނެވި ޢަލީ ނިޔާޒް.

3. މެދުއުތުރު ސަރަޙައްދުގެ ޤައުމީ އިދާރާގެ ވެރިޔާގެ މަގާމަށް މިނިސްޓަރ އޮފް ސްޓޭޓް، މެދުއުތުރު ޕްރޮވިންސްގެ މަގާމުގައި ހުންނެވި ޙުސައިން އިރްފާން ޒަކީ.

4. މެދު ސަރަޙައްދުގެ ޤައުމީ އިދާރާގެ ވެރިޔާގެ މަގާމަށް މިނިސްޓަރ އޮފް ސްޓޭޓް، މެދު ޕްރޮވިންސްގެ ނައިބުގެ މަގާމުގައި ހުންނެވި އިބްރާހީމް މުޙަންމަދު.

5. މެދު ދެކުނު ސަރަޙައްދުގެ ޤައުމީ އިދާރާގެ ވެރިޔާގެ މަގާމަށް މިނިސްޓަރ އޮފް ސްޓޭޓް، މެދު ދެކުނު ޕްރޮވިންސްގެ މަގާމުގައި ހުންނެވި އަޙްމަދު މުޖްތަބާ.

6. މަތިދެކުނު ސަރަޙައްދުގެ ޤައުމީ އިދާރާގެ ވެރިޔާގެ މަގާމަށް މިނިސްޓަރ އޮފް ސްޓޭޓް، މަތި ދެކުނު ޕްރޮވިންސްގެ ނައިބުގެ މަގާމުގައި ހުންނެވި މުޙަންމަދު ޝަރީފް.

7. ދެކުނު ސަރަޙައްދުގެ ޤައުމީ އިދާރާގެ ވެރިޔާގެ މަގާމަށް މިނިސްޓަރ އޮފް ސްޓޭޓް، ދެކުނު ޕްރޮވިންސްގެ ނައިބުގެ މަގާމުގައި ހުންނެވި އަޙްމަދު އަދުހަމް.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ މަސައްކަތު ބައްދަލުވުމުގައި، ރާއްޖޭގެ ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކުން ހިންގަވާ ހުރިހާ މުޢާމަލާތެއްވެސް ހިންގަންވާނީ، މިދެންނެވި ޤައުމީ އިދާރާތައް މެދުވެރިކުރައްވައިގެން ކަމަށްވެސް ނިންމެވިއެވެ.