بســم اللّـه الرّحمـن الرّحيــم

ދިވެހި ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، އަދި ހުވަދުއަތޮޅުގެ އެކުވެރިން، އަޅުގަނޑުމެންގެ އަޚް ޢަބްދުﷲ ޖާބިރު، މި ވިލިނގިލިއާއި މިއަތޮޅުގެ ކުރިއަށް ތިއްބެވި އެންމެހާ ބޭފުޅުން އަދި ވަކިން ޚާއްޞަކޮށް ވިލިނގިލީގެ ލޮބުވެތި ރައްޔިތުން.

السّـلام عليـكم

މި ސަރުކާރު އުފެދިގެން އައީ ވިލިނގިލީގެ ތަޞައްވުރެއް އަޅުގަނޑުމެންގެ އޮވެގެން. ވިލިނގިލި ތަރައްޤީކުރުމާ ގުޅޭގޮތުން އަޅުގަނޑުމެންގެ ހިތްތަކުގައި ވިސްނުމެއް ގެންގުޅެމުން. އަޅުގަނޑުމެނަށް މިރަށް، ވިލިނގިލީގެ ތަރައްޤީއާ ގުޅޭގޮތުން ކިތަންމެ ޕްލޭނެއް މިވަނީ އެކުލަވާލެވިފައި. ސަރުކާރުން މިދެންނެވި ތަރައްޤީގެ ތަޞައްވުރު އެކުލަވާލަމުން ގެންދިޔައީ ވަރަށްގިނަ މަސައްކަތަށްފަހު. 2006 ވަނައަހަރުވެސް، 2007 ވަނަ އަހަރުވެސް، އަދި އޭގެފަހުން 2008 ވަނަ އަހަރުވެސް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން މިރަށުގެ ހުރިހާ ގެއަކަށްހެން ވަތް. އަޅުގަނޑުވެސް ވަރަށްގިނަ މީހުންނާ ބައްދަލުކޮށްހެދިން. ވަރަށްގިނަ މަޝްވަރާ އަޅުގަނޑުމެން ކުރީމު. މިރަށުގެ ހާލަތާއި އަދި މިރަށުގެ ރައްޔިތުންގެ އެދުންތަކާއި އަދި މިރަށާއި މިއަތޮޅާ ހުންނަ ގުޅުމާއި، މި ބޮޑު ހުވަދޫގެ ތަރައްޤީގައި ވިލިނގިލީގެ ދައުރާއި އަދި އޭގެ އިތުރުން، ވަކިން ޚާއްޞަކޮށް ރާއްޖޭގެ ތަރައްޤީއާއި ހުވަދުއަތޮޅުގެ މަގާމާ، މިއެންމެ ކަންކަމުގެ މައްޗަށް އަޅުގަނޑުމެން ވިސްނައި އެކުލަވާލި ތަޞައްވުރަކީ، އަޅުގަނޑުމެންގެ މެނިފެސްޓޯ. އެއާއެއްގޮތަށް ޤައުމީ ތަރައްޤީގެ އޮނިގަނޑު އެވަނީ އެކުލަވާލެވިފައި. އެއާއެއްގޮތަށް އަޅުގަނޑުމެންގެ ސިޔާސަތު އަޅުގަނޑުމެން މިގެންދަނީ ތަންފީޒު ކުރަމުން. ޚާއްޞަކޮށް ސުނާމީއަށްފަހުގައި ވިލިނގިލީގެ ރައްޔިތުންގެ ހާލު ވަރަށް ދެރަވެގެންދިޔަ. މިރަށަކީ ތަނަވަސް ރަށެއް ޢާންމުގޮތެއްގައި. ރަނގަޅު، މަސައްކަތްކުރާ މަސްވެރި އާބާދީއެއް އޮންނަ ރަށެއް. އެހެންނަމަވެސް، މިދިޔަ ދުވަސްތަކުގެ ތެރޭގައި މަސްވެރިކަން ހީނަރުވަމުންދިޔަ ކިތަންމެ ސަބަބަކާހުރެ. ހީނަރުވަމުން އައިސް ރަށު ރައްޔިތުންނަށް ވިލިނގިލީ ރައްޔިތުންނަށް 2008 ވަނަ އަހަރާ ޖެހުނުއިރު، އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެން ދުށްގޮތުގައި ދިމާވެފައިއޮތީ މާއުޖާލާ ދުވަހެއްނޫނޭ.

އަޅުގަނޑުމެންނަށް ފެނުނު މިރަށުގައިވެސް ނިކަމެތިން ނުހަނުގިނަކަން. މިރަށުގެ ރައްޔިތުންގެ ތެރެއިން ރަނގަޅު ތިންބައިކުޅަ އެއްބައި ރައްޔިތުންނަކީ، އެމީހުނަށް ރެއާދުވާލަށް ފަނަރަ ވިހި ރުފިޔާ ނުލިބޭ މީހުން. އެމީހުންގެ ބޭސްފަރުވާޔާއި އެމީހުންގެ އެހެނިހެން ޒަރޫރީ ބޭނުންތަކަށް ޚަރަދު ކުރާނެ ފައިސާ އެމީހުނަށް ނެތް ނިކަމެތިން. އ.ދ އެބުނާ ހައިހޫނުކަމުގެ ރޮނގުން ތިރީގައި ތިބީ ކިތަންމެ ބައެއް. މި ސަރުކާރުގެ އަމާޒަކަށްވީ، އެމް.ޑީ.ޕީގެ ވަޢުދަކަށްވީ، ރައްޔިތުން ބޭސް ސިޓީއަށް ސަލާންޖަހާޖެހުން އިރާދަކުރެއްވިއްޔާ އެމް.ޑީ.ޕީގެ ސަރުކާރެއްގައި ނައްތާލަދޭނަމޭ. ސަރުކާރުގެ ސިޔާސަތު އެގޮތަށް ހިމުންވެގެން މިދިޔައީ، މަދަނައިގެ ވިޔުގަ ހަރުދަނާވަމުން އައީ މިދެންނެވި ހިސާބުން. އަޅުގަނޑަށް މިއަދު ހިތްހަމަޖެހުން ލިބެނީ، އަޅުގަނޑުމެނަށް އުފާވެރިކަން ލިބެނީ، މި ވިލިނގިލީގެ 583 ރައްޔިތަކު މަދަނައިގައި މިއަދު ރަޖިސްޓްރީ ކުރެވިފައިވާތީވެ. އަޅުގަނޑަށް ހިތްހަމަޖެހުން ލިބެނީ، މިދެންނެވި ވިލިނގިލީގެ ރައްޔިތުންގެ ތެރެއިން 2010 ވަނައަހަރު ޑޮކްޓަރަށް ފަރުވާއަށް ދައްކަންޖެހުނު މީހުނަށް އެއްމިލިއަން ފަސްލައްކަ ފަންސާސް ފަސްހާސް ރުފިޔާ ޚަރަދުކުރެވިފައި އޮތީތީވެ. މި ދެންނެވި ފައިސާއަކީ، އެއްވެސް ހާލެއްގައި މިރަށުގެ ހޮސްޕިޓާ ތަރައްޤީކުރަން ނުވަތަ މީހަކަށް މުސާރަދޭން ނުވަތަ އެނޫންވެސް އެބާވަތުގެ އެއްވެސް ކަމަކަށް ކުރެވުނު ޚަރަދެއްނޫން، އެއީ، ސީދާ ވިލިނގިލި ރައްޔިތުންނަށް، ބަލިވިމީހުނަށް، މަދަނައިގައި ރަޖިސްޓްރީވެތިބެ ބަލިވިމީހުނަށް ބޭސްފަރުވާކޮށްދިނުމަށްޓަކައި މިދިޔަ އަހަރު އަޅުގަނޑުމެންނަށް ޚަރަދުކުރުމުގެ ފުރުޞަތު ލިބުނު މިންވަރު. މި ސަރުކާރަށް ހިތްހަމަޖެހުން ލިބެނީ، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެވޭތީވެ. އަޅުގަނޑަށް އުފާވެރިކަންލިބި ހިންހަމަޖެހުން ލިބެނީ މިދެންނެވި 583 ރައްޔިތުންގެ ތެރެއިން ކޮންމެ މީހަކަށް ބޭސްފަރުވާއަށްޓަކައި އެއްލައްކަ ރުފިޔާ 2011 ވަނަ އަހަރުވެސް މާލިއްޔަތުގައި ރައްކާކުރެވިފައި އޮތީތީވެ.

އަޅުގަނޑުމެންގެ އަމާޒަކީ، މިސަރުކާރުގެ ބޭނުމަކީ، ވިލިނގިލީ ރައްޔިތުންގެ އިޖްތިމާއީ ރައްކާތެރިކަން ހޯދައިދިނުން. އަޅުގަނޑުމެންގެ އަމާޒަކީ، ވިލިނގިލީ ރައްޔިތުން މުއްސަނދިކުރުން. މިރަށް ތަރައްޤީ ކުރުން، މި އަތޮޅު ތަރައްޤީކުރުން، މި ރާއްޖެ ތަރައްޤީކުރުން. ޤައުމެއްވެސް އަދި ރަށެއްވެސް ތަރައްޤީއެއް ނުވާނެ، އެ ރަށެއްގެ ގިނަ ބައިވަރު ރައްޔިތުންނަކީ ނިކަމެތިންގެ ގޮތުގައި ތިބޭހާ ހިނދަކު. އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެނގޭ ޙަޤީޤަތަކީ، ނިމެތިންނާ އަޅާލެވި، އެމީހުނަށް ދުނިޔޭގައި ހާސްކަމެއްނެތި އުޅެވޭނެގޮތެއް ހޯދައިދެވިގެންނޫނިއްޔާ ޤައުމުތައް ތަރައްޤީވެފައި ނުވާކަން. ތަރައްޤީވާން މިޖެހެނީ ވިލިނގިއްޔެއްނޫން، ތަރައްޤީވާންޖެހެނީ ވިލިނގިލި މީހާ. ތަންދޮރު އެނގެން މިޖެހެނީ ވިލިނގިލިމީހާއަށް. އިޖްތިމާޢީ ރައްކާތެރިކަން މިލިބެން މިޖެހެނީ ވިލިނގިލި މީހާއަށް. އެމީހާ ސަލާމަތްކުރެވޭތޯ އަޅުގަނޑުމެންގެ ސިޔާސަތު މި އެކުލަވާލެވެނީ. އެމީހާއަށް އެހީތެރިވުމަށް އަޅުގަނޑުމެންގެ ސިޔާސަތުތައް މި އެކުލަވާލެވެނީ. އެމް.ޑީ.ޕީގެ ފަރާތުން އަދި ސަރުކާރުގެ ފަރާތުންވެސް ރާއްޖޭގެ ރައްޔިތުންގެ އަޑު އަބަދުވެސް އަހާ. ކުރީގައިވެސް އެހި. މިހާރުވެސް އަހާ. ކުރިއަށްއޮތްތަނުގައިވެސް އަހާނެ.

އަޅުގަނޑުމެންނަށް އިވުނު އަޑުތަކުން ފެނިގެންދިޔަ މަންޒަރުތައް ގިނަގުނަ. ރާއްޖޭގެ ދޮށީ ޢުމުރުގެ މީހުން 2008 ވަނަ އަހަރާ ޖެހުނުއިރުވެސް އުޅެމުންދިޔަ ހާލު އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެނގޭ. މިރަށުގައިވެސް ހޮޅުއަށިތަކާއި، ގޮނޑުދޮށްތަކާއި، ރުއްރުއްދޮށުގައި، މާލޭގައިވެސް ގޯތިގެދޮރު ފޮތިކުރަމުންއައިސް، ކަންކަނުގައި އަނދިރިކޮޓަރިތަކުގައި ދޮށީ ޢުމުރުގެ މީހުން އުޅެމުން ގެންދިޔަ ބިކަހާލު އަޅުގަނޑުމެން ދުށީމު. އެހެންވީމާ، އެމް.ޑީ.ޕީން ވަޢުދުވީ އުމުރުން 65 އަހަރުން މަތީގެ ކޮންމެ މީހަކަށް، އާމްދަނީ މަދު ކޮންމެ މީހަކަށް، އަންހެނަކަސް ފިރިހެނަކަސް، ދެހާސް ރުފިޔާގެ ޕެންޝަނެއް ދޭން. މިއަދު މި ސަރުކާރަށް ހިޓްހަމަޖެހުން ލިބެނީ، މިއަދު އަޅުގަނޑުމެނަށް އުފާވެރިކަން މިލިބެނީ، މިރަށުގެ 171 މީހަކަށް ކޮންމެމަހަކު ދެހާސްރުފިޔާ ދެމުންއަންނަތާ މިހާރުމިވީ ދެ އަހަރު. އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، މިރަށަށް ކޮންމެ އަހަރަކު ތިންލައްކަ ސާޅީސް ދެހާސް ރުފިޔާ ޕެންޝަންގެ ފައިސާގެ ގޮތުގައި ޚަރަދުކުރުމުގެ ފުރުޞަތު މި ސަރުކާރަށް ލިބިފައިއޮތީތީވެ.

އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ އަމާޒަކީ، ވިލިނގިލީ ރައްޔިތުންގެ ސަލާމަތްތެރިކަން ހޯދައިދިނުން. އެކަނިވެރި މައިންނާއި އަދި އެހެންވެސް އިޖްތިމާޢީގޮތްގޮތުން ނުކުޅެދިފައިތިބި ކިތަންމެ ބައެއް އަޅުގަނޑުމެންގެ ތެރޭގައި އެބައުޅޭ. ޔަތީމުކުދިންނާއި އެކަނިވެރި މައިންނަށް ކުރެވޭ ޚަރަދު 42 މީހަކަށް މިދިޔަ 6 މަހުގެ ތެރޭގައިވެސް މިރަށުގައި ކުރެވިފައިއޮތްކަމީ މި ސަރުކާރަށް ހިތްވަރުލިބޭކަމެއް. އަޅުގަނޑުމެންނަށް އުފާވެރިކަން ލިބެނީ އެއްލައްކަ އެކާވީސްހާސް ރުފިޔާ މި ދެންނެވި ވިލިނގިލީ މީހުންނަށް މިދިޔަ އަހަރު ތެރޭގައި ޚަރަދުކުރެވިފައިއޮތީތީވެ. އަޅުގަންޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ އަމާޒަކީ، ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުން. އަޅުގަނޑުމެން މަސައްކަތްކުރަމުން މިދަނީ އަދި އަބަދުވެސް މަސައްކަތް ކުރަމުންދާނީ މިދެންނެވި މަގަށް، މިދެންނެވި ބޭނުމަށް. މި ސަރުކާރު ދެމި އޮންނަނީ އަޅުގަނޑު ހަމަ އަބަދުވެސް ދަންނަވަން، އެންމެ ބޭނުމަކަށޭ. އެއީ، ރައްޔިތުންނަށް ޚިދުމަތް ކުރުމަށޭ. ސަރުކާރުން ވެފައިވާ ވަޢުދު ރައްޔިތުންނަށް ފުއްދައިދިނުމަށޭ.

އަޅުގަނޑު އެންމެފަހުން ކުރި ދަތުރު މިރަށުގައި ހަމަ މިހޯލުގައި ބޭފުޅުންނާ ބައްދަލުކުރީމާ މާބޮޑަށް ބޭފުޅުން ބޭނުންވެވަޑައިގެން ތިއްބެވިކަމަކީ، މިރަށު ކައިރީގައި އަޅާ އެއަރޕޯޓުގެ ކަންތައް ކުރިއަށްދާނެގޮތަކާބެހޭގޮތުން އެބޭފުޅުން ދެއްކެވި ވާހަކަ. އަޅުގަނޑު އޭރު ދެންނެވިން، އަޅުގަނޑަކަށް އިތުރު ވަކި އެއްޗެއް ދަންނަވާކަށް ނޭނގެއޭ. އަޅުގަނޑަކީ ސާދާ ތެދުބަހުން އަބަދުވެސް އެކަމެއް ހުރިގޮތަށް ވާހަކަދައްކާމީހެއް. އަޅުގަނޑަކަށް އެއަރޕޯޓެއް އަޅައިދެވޭނެކަމުގެ އެއްވެސް އުންމީދެއް އެދުވަހު ޙަޤީޤަތުގައި ނެތް. އަޅުގަނޑު ބެލިބެލުމުގައި ކުރީ ސަރުކާރުން އެއަރޕޯޓުގެ ވާހަކަދެއްކެވި ކަމުގައިވިޔަސްވެސް އަދި އަޅާދެއްވާނެކަމަށް ވިދާޅުވަމުން ގެންދެވިކަމުގައިވިޔަސްވެސް، އެކަމާގުޅޭ އެއްވެސް ތައްޔާރީއެއް، އެކަމާގުޅޭ އެއްވެސް ޕްލޭނެއް، އެ ފައިސާ ހޯދާނެގޮތެއް، އެކަން ހިންގާނެގޮތެއް، މިއިން އެއްވެސްކަމަކަށް ތައްޔާރުވެފައެއް ނެތް. އެއަރޕޯޓް އަޅާވާހަކަ އޮތީ ހަމަ އެގޮތަށް ވާހަކައެއްގެ ގޮތުގައި. އެނޫން މަގަކަށް އެކަން ބަދަލުކުރުމަށްޓަކައި ސަރުކާރަށް، އަޅުގަނޑުމެންނަށް ވަރަށްގިނަ މަސައްކަތްކުރަންޖެހުނު. އަޅުގަނޑަށް މިއަދު ހިތްހަމަޖެހުން ލިބެނީ، އިރާދަކުރެއްވިއްޔާ މިއަހަރު އެއަރޕޯރޓް އެޅުމުގެ މަސައްކަތް ކުރިއަށްގެންދެވޭނެތީވެ. އަޅުގަނޑުމެންގެ ބޭނުމަކީ، ހުވަދުއަތޮޅުގެ ތަރައްޤީ. އަޅުގަނޑުމެންގެ އަމާޒަކީ، މިއަދު ތިބޭފުޅުންނަށް ލިބޭއެއްޗެއް ޖީބަށް ވަންނަ މިންވަރަށްވުރެ މާ ރަނގަޅު އެއްޗެއް މާދަމާ ވަންނާނެ އުޞޫލެއް، ވަންނާނެ ގޮތެއް ވަންނާނެ ސިޔާސަތުތަކެއް ތަންފީޛުކުރުން. އަޅުގަނޑުމެންގެ އަމާޒަކީ، ތިޔަބޭފުޅުން މުއްސަނދިކުރުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސިޔާސަތުތައް ތަންފީޛުކުރަމުން މިގެންދަނީ ތިޔަބޭފުޅުންގެ ތަނަވަސްކަމާއި ތިޔަބޭފުޅުންގެ އާމްދަނީ އިތުރުވާނެ ގޮތްގޮތަށް. މިތަނުގައި އެއަރޕޯޓެއް އެޅިގެން ނޫނިއްޔާ މި ހުވަދުއަތޮޅުގައި ތަރައްޤީކުރަން ހުރި ރިޒޯޓްފަހަރު ތަރައްޤީ ކުރެވެން ނެތްކަން އެއީ، އަޅުގަނޑުމެންނަށް މިއަދު ވަރަށް ސާފުކޮށް އެނގެންއޮތް ޙަޤީޤަތެއް.

ހުވަދުއަތޮޅަކީ މުޅި ދުނިޔޭގައި އޮތް އެންމެ ބޮޑު އަތޮޅު. ހުވަދުއަތޮޅަކީ މުޅި ދުނިޔޭގައި އެންމެ ރަށްގިނަ އަތޮޅު. އެންމެ ފަޅު ގިނަ އަތޮޅު. އެންމެ ތުނޑި ގިނަ އަތޮޅު. އެންމެ ފިނޮޅު ގިނަ އަތޮޅު. އެންމެ ހުރާ ގިނަ އަތޮޅު. އެންމެ ޤުދްރަތީ މުއްސަނދިކަން ބޮޑު އަތޮޅު. މި އަތޮޅުގެ ބޭނުންނުކޮށް މިރާއްޖެއެއް ތަރައްޤީއެއް ނުވާނެ. އަޅުގަނޑު އަބަދުވެސް ދަންނަވަން، ހުވަދޫއޭ މިކިޔާ އިންޖީނުގައި ނޫނިއްޔާ އަޅުގަނޑުމެންގެ ރާއްޖެއަށް ކުރިއެރޭކަށެއް ނޯންނާނެ. އަޅުގަނޑުމެން ކުރާން މިއުޅޭ މަސައްކަތަކީ، މި ރާއްޖޭގެ ހުރިހާ އެންމެންގެ ތަރައްޤީހޯދުން. މިކަމަށްޓަކައި އަޅުގަނޑުމެނަށް ވިލިނގިލީގެ މީހުންގެ މަސައްކަތްތެރިކަމާއި، އެމީހުންގެ ހީވާގިކަމާއި، އެމީހުންގެ ވިސްނުމާއި، ޙިކުމަތާއި، އެމީހުންގެ ހިތްވަރު މި ބޭނުންވަނީ. އެހެންވެ، މިރަށަށް އިރުއިރުކޮޅާވެސް އަންނަން ބޭނުންވަނީ. އެހެންވެ، އަދިވެސް އިތުރަށް އަޅުގަނޑު މިރަށަށް އަބަދުވެސް އަންނަމުން ގެންދާނަން.

ބައެއްފަހަރަށް ބައެއްބޭފުޅުން އަޅުގަނޑާ ނުރުހިދާނެ. އެއީކީ އަޅުގަނޑުމެން ހިތްބަރުކުރާ ކަމެއްނޫން. އަޅުގަނޑު ތިޔަބޭފުޅުން ދެކެ ލޯބިވާ މިންވަރަކަށް ބަދަލެއް ނާންނާނެ. އަޅުގަނޑު ތިބޭފުޅުންނަށް ޚިދުމަތްކުރަން އެދޭ މިންވަރަކަށް ބަދަލެއް ނާންނާނެ. އަޅުގަނޑު ތިޔަބޭފުޅުންގެ ލޯ ފައިސާ ފޮއްޗެއްގައިވެސް، އެންމެ ލާރިއެއްގައިވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑެއް ނުޖެހޭނަން. އަޅުގަނޑު ތިޔަބޭފުޅުންނަށް ޚިދުމަތް ކުރުމުގައި ކޮންމެ ދުވަހަކު އިރާދަކުރެއްވިއްޔާ ދިހަ ބާރަ ގަޑިއިރު މަސައްކަތް ކުރާނަން.

އަޅުގަނޑުމެން އެންމެންގެވެސް ބޭނުމަކީ، އަޅުގަނޑުމެންގެ ދަރިންނަށް ރިވެތިގޮތެއް ހޯދައިދިނުން. އަޅުގަނޑު އަބަދުވެސް ފާހަގަކުރަން، މިއަދު މިއޮތީ ނިމިފައޭ. އިއްޔެ ނިމިދިޔަތާ ކިތަންމެއިރެއްވެއްޖެއޭ. އިއްޔެ ގެއްލިއްޖެއޭ. މިއަދު މިއޮތީ މެންދުރުވެފައޭ. އަޅުގަނޑުމެނަށް ހޯދެންއޮތީ މާދަމާ. އަޅުގަނޑުމެންނަށް ލިބެން އޮތީ އަޅުގަނޑުމެންގެ މުސްތަޤްބަލް. އަޅުގަނޑުމެންގެ ދަރިންނާއި އަޅުގަނޑުމެންގެން ދަރިންގެ ދަރިންނަށްޓަކައި އަޅުގަނޑުމެން މިރާއްޖެ ތަރައްޤީކުރަންވީ. އަޅުގަނޑުމެން މި ވިލިނގިލި ތަރައްޤީ ކުރަންވީ ވިލިނގިލީގެ އަންނަންއޮތް ޖީލަށްޓަކައި.

އަޅުގަނޑު މިއަދު ވޯޓަކަށް މިއެދެނީ އަޅުގަނޑަކަށެއްނޫން. މި ސަރުކާރަކަށްވެސްނޫން. އެމް.ޑީ.ޕީ އަކަށްވެސް ނޫން. ވިލިނގިލީގެ އަންނަން އޮތް ޖީލަށްޓަކައި އަޅުގަނޑުމެންނަށް ވޯޓެއްދެއްވުމަށް އަޅުގަނޑު މިއެދެނީ. އަޅުގަނޑުމެނަށް ވިލިނގިލީގެ ތަރައްޤީއަށްވެސް އަދި ރާއްޖޭގެ ތަރައްޤީއަށްވެސް، ތަރައްޤީވާން މިޖެހެނީ ވިލިނގިލިމީހާ. ތަންދޮރު އެނގެން މިޖެހެނީ ވިލިނގިލި މީހާއަށް. އެހެންވީމާ، ތިޔަބޭފުޅުންގެ މަދަރުސާ އެހާ މުހިންމުވަނީ. އެހެންވީމާ، މިމަދަރުސާ އެއްދަންފަޅިއަށް ބަދަލުކޮށް، ވަށާޖެހޭ ތަޢުލީމެއް މި މަދަރުސާގައި ދިނުން އެހާ މުހިންމީ. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީން ކޮށްއަރުވަން، 2012 ވަނަ އަހަރު ހުޅުވޭނީ މި މަދަރުސާ ހުޅުވޭނީ އެއްދަންފަޅިއަށް ބަދަލުވެގެން. އަޅުގަނޑުމެނަށް މިދިޔައަހަރު އިރާދަކުރައްވައިގެން ފަސްމިލިއަންރުފިޔާ ޚަރަދުކޮށް، މި ހޯލު މިވަނީ ނިންމިފައި. އަޅުގަނޑު ކުރީފަހަރު އައިއިރުގައި މިހޯލުގެ މަސައްކަތް އޮތީ މުޅިން ނުނިމި. އިރާދަކުރެއްވިއްޔާ މިހާރު ހޯލުގެ މަސައްކަތް މިއޮތީ މުޅިން ނިމިފައި.

މިދިޔަ އަހަރު 2010 ވަނަ އަހަރު ވިލިނގިލީގެ ދަރިވަރުންގެ ފޮތް ފަންސުރު ގަލަން ގަތުމަށްޓަކައި ތިންލައްކަ ހަތްދިހަ ހަތަރުހާސް ހަތަރު ސަތޭކަ އެކާވިސްރުފިޔާ ޚަރަދު ކުރުމުގެ ފުރުޞަތު މި ސަރުކާރަށް ލިބުނުކަމީ ސަރުކާރަށް ހިތްހަމަޖެހުންލިބޭކަމެއް. ވިލިނގިލީގެ ދަރިވަރުން އޯލެވެލް އިމްތިޙާނު ހެދުމަށް އިމްތިޙާނުގެ ފީގެ ގޮތުގައި ދައްކަންޖެހޭ އެއްލައްކަ އަށާރަހާސް ހަތްސަތޭކަ ފަންސާސް ފަސްރުފިޔާ ޚަރަދުކުރުމުގެ ފުރުޞަތު މި ސަރުކާރަށް ލިބުނުކަމީ، މި ސަރުކާރަށް ހިޓްހަމަޖެހުންލިބޭ ކަމެއް.

ވިލިނގީލީ މަދަރުސާއަށް މީހަކު އުފަލުން ޚަރަދު ނުކުރާންވި އެއްވެސް ސަބަބެއްނެތް. އަޅުގަނޑަށް ޔަޤީން، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، 2009 ވަނަ އަހަރާ އަޅާބަލާއިރު 2010 ވަނަ އަހަރު މި މަދަރުސާގައި 5 މާއްދާއިން ފާސްވިކުދިންގެ އަދަދު 26 ޕަސަންޓުން އިތުރުވެފައި އެބައޮތް. އަޅުގަނޑު މިއަދު ހުރިހާ ދަރިވަރުންނަށާއި، މައިންބަފައިންނަށާއި، ސްކޫލް ބޯޑަށާއި، ޓީޗަރުންނަށާއި، އަދި ސްކޫލްގެ ހުރިހާ ހިންގުންތެރިންނަށް، މުވައްޒަފުންނަށް ފަށްފަށުން ޝުކުރު ދަންނަވަން. އަޅުގަނޑު، އެބޭފުޅުންނަށް މުބާރަކްބާދީ ދަންނަވަން. މި ރަށުގެ ތަރައްޤީގެ ނާރެސްއަކީ މިތަން. އަޅާ ބޮޑު ޢިމާރާތަކުން ރަށެއް ތަރައްޤީއެއް ނުވާނެ. ކުރެވޭ ބޮޑު ބިނާތަކުން ރަށް ތަރައްޤީއެއް ނުވާނެ. އަޅުގަނޑުމެންގެ ދަރިންނަށް ތަންދޮރުފިލުވާދެވިއްޖިއްޔާ ރަށް ތަރައްޤީވާނެ. އަޅުގަނޑުމެންގެ ދަރިންނަށް ވާނުވާ އަންގާދެވިއްޖިއްޔާ ރަށްތަރައްޤީވާނެ. ތަރައްޤީއަކީ ބޮޑުހިލައިން މިނާ އެއްޗެއް ނޫން. ތަރައްޤީއަކީ އޯ ލެވެލް އިމްތިޙާނުގެ ނަތީޖާއިން މިނާ އެއްޗެއް. އަޅުގަނޑުމެންގެ އަމާޒަކީ، ވިލިނގިލީގައިވެސް އިމްތިޙާނުގައި ބައިވެރިވާ ކުދިންގެ 60 ޕަސެންޓް ކުދިންނަކީ ފަސް މާއްދާއިން ފާސްވާ ކުދިންނަށް ހެދުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ކުރިއަށް މި އޮތް ތިން އަހަރުގެ ތެރޭގައި އެބަދަލު އަޅުގަނޑުމެން މިރަށަށް ގެންނާނަން.

މިރަށާ ގުޅިގެން އަޅުގަނޑުމެންގެ އުންމީދުތައް، އަޅުގަނޑު ދެންނެވިހެން ވަރަށް ގިނަ. މިއަހަރު އަޅުގަނޑުމެން ކުރުމަށް، ސަރުކާރުން ކުރުމަށް ބަޖެޓްކުރެވިފައި ހުރި ކަންތައްތައްވެސް އެހެންވީމާ، އެހާމެ ގިނަ. ވިލިނގިއްޔާ އަދި ޖެހިގެން މިއޮތް ކޫއްޑޫއާދެމެދު ކަރަންޓު ކޭބަލް އެޅި އެއް އިންޖީނުގެއިން މި ދެރަށް ހިންގޭނެ މަސައްކަތް، އިރާދަކުރެއްވިއްޔާ މިއަހަރު ފަށައިގަނެވޭނެ. އޭރުން އަދި ޢަމުދުން ތިޔަބޭފުޅުންގެ ކަރަންޓުގެ ޚަރަދު އެތައް ތަނަކުން ކުޑަވެގެންދާނެ. އަދި އެހެންމެ، އަޅުގަނޑުމެން ވަޢުދުވެފައި އޮންނާނެ، މިރަށުގައި 100 ހައުސިންގ ޔުނިޓް އެޅުމަށް. އަޅުގަނޑު، ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، އެމަސައްކަތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ 3 އަހަރު ދުވަހުގެ ތެރޭގައި މިރަށުގައިވެސް އަޅުގަނޑުމެން ކޮށް ނިންމާނަން.

ސުނާމީއާ ގުޅިގެން ޢިމާރާތް ކުރެވޭ ގެތަކުގެ ތެރެއިން މި ރަށުގައި ޢިމާރާތްކުރުމަށް ހަމަޖެހިފައި އޮތް 75 ގޭގެ ޢިމާރާތް މިހާރު އެދަނީ ކުރިއަށް. އިރާދަކުރެއްވިއްޔާ މިއަހަރުގެ ނޮވެމްބަރމަހުގެ ނިޔަލަށް އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތްގޮތުގައި އެ ޢިމާރާތްތައް އަޅާ ނިމޭނެ. އޭރުންވެސް ސުނާމީގައި ލިބުނު ގެއްލުން އަދިވެސް ފޫބެއްދުނުކަމަކަށް އަޅުގަނޑެއް ނުދެކެން. ސުނާމީގައި ވިލިނގިއްޔަށް ލިބުނު ގެއްލުން ނުހަނު ބޮޑު. އެއިން ވިލިނގިއްޔަށް ޙަޤީޤަތުގައި އަރައިގަނެވެނީ ތިޔަބޭފުޅުންގެ ހިތްވަރު ހުރީމާ. ތިޔަބޭފުޅުންގެ ވިސްނުންތެރިކަން ހުރީމާ. ތިޔަބޭފުޅުންނަކީ އަޅުގަނޑަށް ޔަޤީން، މި ހުވަދޫ ވިލިނގިލީ ރައްޔިތުންނަށް ވީތީވެ، ތިޔަބޭފުޅުންނަށް އެހެން އެންމެންނަށްވުރެ ބާރަށް އަރައިގަނެވިފައި މިވަނީ.

އަޅުގަނޑު ލަދުވެސް ގަނޭ، ސުނާމީގައި ގެ ހަލާކުވި މީހުންގެ ގެ އަޅަންވެގެން ސަރުކާރުން އެމީހުންގެ ގޯތީގައި ގެ އަޅަންވެގެން ފަށާއިރުގައި، އަނެއްކޮޅުގައި އެމީހާ، ގެއެއް އަޅާ ނިންމާފައި. ސުނާމީގައި އޭނާ އަތުން ހުރިހާ އެއްޗެއް ގެއްލިދިޔައީ. ސުނާމީގައި އޭނާ ބިކަ ހާލުގައި ޖެހުނީ. އޭނާއަށް ލިބުނު ގެއްލުމަށް ގެއެއް ދޭންވެގެން ސަރުކާރުން މިއުޅެނީ. ސަރުކާރުން އެވެނިކަމެއްކޮށް މިވެނިކަމެއްކޮށް ނިންމާފައިއައިސް، ގެއަޅަން ބަލާލާއިރު ޙަޤީޤަތުގައި އޭނަ ގެ އަޅާ ނިމިއްޖެ. އަޅުގަނޑުމެންނަށް މިތިބެވެނީ މާފަހަތުގައި. މި ސަރުކާރު ހިންގުމާ އަޅުގަނޑުމެނަށް ހަވާލުވެވުނުއިރު މި ހުވަދުއަތޮޅުގައި 298 ގެ ސުނާމީއާ ގުޅިގެން އެޅުމުގެ ވާހަކަތަކާއި، މަޝްވަރާތަކާއި، މިބާވަތުގެ އެތައް ކަމެއް ހިނގާތާ ކިތަންމެ ދުވަހެއްވެއްޖެ. އެހެންނަމަވެސް، ހަމައެއްގޮތަކަށްވެސް ކޮންކްރީޓްކޮޅެއް ގަށާލައިގެން ފައުންޑޭޝަނެއް ދަމާލެވޭނެގޮތެއްނުވޭ. އޭގައި ނިންމަން ހުރިކަންކަމާއި އެވެނިކަމެއް މިވެނިކަމެއް، އޮޅުންބޮޅުންވެފައި އޮތީ ރަނގަޅު ކަންވާރު ރޯލަކާ އެއްވަރަށް. އަޅުގަނޑުމެނަށް އެކަން އޮޅުންފިލުވާފައި އިރާދަކުރެއްވިއްޔާ މިދިޔަ އަހަރުގެ ތެރޭގައި މިވަނީ ގެ އަޅަންފެށިފައި. އަދި މިހާރު އެވަނީ އެކަމާގުޅޭ އެންމެހާ ކަންކަން އޮމާންކުރެވި، އިރާދަކުރެއްވިއްޔާ ނޮވެމްބަރުމަހަށް އެ ގެ ނިމޭނެ.

މިރަށުގެ ނަރުދަމާގެ ނިޒާމު 2010 ވަނަ އަހަރު މިއޮތީ ޤާއިމުކޮށް ނިމިފައި. އެހެންނަމަވެސް އަދި 100 ގެ އަޅުގަނޑަށް އެބަ އެނގޭ، ކުރީ ފަހަރު އަޅުގަނޑު އައިސް ބެލިއިރުގައިވެސް، އަދި އެންމެ ކުރީގައި އަޅުގަނޑު އައިއިރުގައިވެސް، އަލަށް ހިއްކުމާގުޅިގެން ދެން އެ ނަރުދަމާގެ ނިޒާމު އޮތީ، އެ ސަރަޙައްދަށް ފުޅާނުކުރެވި. އިރާދަކުރެއްވިއްޔާ އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފެބްރުއަރީ މަހުގެ ތެރޭގައި މި 100 ގެއަށް ނަރުދަމާގެ ޚިދުމަތް ދިނުމުގެ މަސައްކަތް ފަށައިގަނެވޭނެ.

ވިލިނގިއްޔަށް ސާފު ބޯފެން ކޮންމެހެން ބޭނުން. އެހެންވީމާ، މި ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމަށްޓަކައި މިދިޔަ ނޮވެމްބަރމަހު އަޅުގަނޑު މިވާހަކަ ނުދައްކާހުރީ. މިދިޔަ ނޮވެމްބަރމަހު ސަރުކާރުންވަނީ ކޮންޓްރެކްޓް ކޮށްފައި 66 މިލިއަން ރުފިޔާއަށް. މިރަށުގައި ސާފު ބޯފެނުގެ ނިޒާމެއް ޤާއިމުކުރުން. އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި އެ މަސައްކަތް ފެށި އަދި ނިމޭނެ. ވިލިގިނލި ރައްޔިތުންނަށް ސާފު ބޯފެން އަޅުގަނޑުމެން ދޭނަން.

އަޅުގަނޑު މިދަންނަވާ އެއްވެސް ވާހަކައަކީ، އެއްވެސްކަމަކާ ގުޅިގެން އަޅުގަނޑު ދަންނަވާ ވާހަކައެއްނޫން. ކަންދިމާވީ މިއީ އިރުވައި. އަޅުގަނޑު އަބަދުވެސް ނިންމައިގެން ހުރީ މި އިރުވައިގައި ރަށްރަށަށް ދަތުރުކުރަން. މި އިރުވަޔަށް އައިއިރުގައި އިރުވަޔާއެކީގައި އިންތިޚާބެއް މި ދޭތެރެއަށް ވަދެއްޖެ. އެއީ، މިދިޔަ ހުޅަނގުގައި އޮންނާންއޮތް އިންތިޚާބު. އަޅުގަނޑުމެން ކުރިކަމެއް ނޫން، އެ އިންތިޚާބު އިރުވަޔަށް ގެނައީކީ. ހަމަޖެހޭމީހަކު އަޅުގަނޑަށް ޔަޤީން، ރާއްޖޭގެ ކަނޑުތަކަކަށް އަރާކަށް ނޫޅޭނެ އިރުވައިގައިނޫނިއްޔަކާއެއް. މިހާރުވެސް އެ ގަދަކަމުން މިއުޅެނީ އެއްތަނުން އަނެއްތަނަށް ނުދެވިގެން. އަބަދުވެސް މިރަށްރަށަށް އަޅުގަނޑު އަންނާނަން. އަޅުގަނޑެއް ބޭނުމެއްނޫން، އަޅުގަނޑަށް ފެންނަހާ ގޮތަކަށް މާލޭގައި ތިބެގެން ވެރިކަން ކުރާކަށް. އެހެންވީމާ، މި ސަރުކާރުން އަބަދުވެސް ލާމަރުކަޒީ އުޞޫލުގެ ވާހަކަ ދައްކަމުން އައީ. ލާމަރުކަޒީ އުޞޫލަކީ އެއްވެސް ޙާލެއްގައި އެހެންބައެއްގެ ވިސްނުމެއް ފިކުރެއްނޫން. ޤާނޫނުއަސާސީ އިސްލާހު ކުރެވުމުން ދިޔައިރުގައި އޭގައި އަސާސީ ސިފަތަކާއި އުޞޫލުތައް ކަނޑައެޅުނުއިރު، އެއަކުނެތް ލާމަރުކަޒީ އުޞޫލުގެ ވާހަކައެއް. އޭގައި އޮތީ ދިވެހި ދައުލަތަކީ ޔުނިޓްރީ ދައުލަތެކޭ. އެންމެހާ ބާރު އޮންނާނީ ތިމަންނާ އަތުގައޭ.

އަޅުގަނޑުމެން މިހާރު ކުރަމުން މިގެންދާ މަސައްކަތަކީ ފަސޭހަ މަސައްކަތެއްނޫން. އެތައްސަތޭކަ އަހަރެއްވަންދެން މާލެއަށް އެއްވެފައި ހުރި ބާރު، މިހާރު މިއުޅެނީ އެއިން ބައެއް ވިލިނގިއްޔަށް ދޭން. އެއީއަކީއެއް މާލޭގެ ވެރިން އެއްވެސް އިރެއްގައި މާ ރުހިތިބި ކަމެއްނޫން، އަތުން އެއްވެސް އެއްޗެއް ދޫކޮށްލުމަކީ. ވިލިނގިލީ މީހުންވެސް ނޭދޭނެ، ވިލިނގިލިގައި އޮތް އެއްޗެއް ދޫކޮށްލާކަށް. އެހެންކަމުން، މިރާއްޖެއަށްޓަކައި ވިލިނގިއްޔަށްޓަކައި އަޅުގަނޑުމެން ކުރާންއޮތްކަމަކީ، ރައްޔިތުންގެ އިޙްސާސްތަކާއި ރައްޔިތުންގެ އެދުމާއި، ރައްޔިތުންނަށްޓަކައި ކުރެވޭ ވެރިކަމެއްކުރުން. އެ ވެރިކަން ކުރެވޭނީ، ރައްޔިތުންގެ ފަރާތުން އެ ވެރިކަންކުރާނެ ބައެއް ކޮންމެ ރަށެއްގައިވެސް ތިބީމަ. ފެބްރުއަރީ 5 ވަނަދުވަހު ޙަޤީޤަތުގައި އެ އެޅެނީ، މި ރަށުގެ ތަރައްޤީގެ އެންމެބޮޑު މުއައްސަސާގެ ބިންގާ. އެ ތަރައްޤީއަށްޓަކައި އެ މުއައްސަސާ މެދުވެރިނުކޮށް މިދުނިޔޭގެ އެހެން ރަށްރަށްވެސް ހޯދާފައިވާ ތަރައްޤީ، އަޅުގަނޑުމެނަށް ހޯދޭނީ އެހެން މީސްމީހުންވެސް ކަންކޮށްފައިއޮތްގޮތަށް ކަންކޮށްގެން.

މާލޭގައި އަޅުގަނޑު އިނދެ، އަޅުގަނޑަށް ފެންނަހާގޮތަކަށް ކަންކުރަމުން ގެންދިޔާމައެއް އަދި ތަރައްޤީއެއް ނުހޯދޭނެ. މިތަނުގައި އެއަރޕޯޓެއް އެޅުން، އަޅުގަނޑު ކުރީދުވަހުވެސް އައިސް ތިޔަބޭފުޅުންނަށް ދެންނެވިން، އަޅުގަނޑަކަށް ނުވިސްނުނޭ، ކީއްކުރަން އަޅާ އެއަރޕޯޓެއްކަމެއް. އެކަމަކުވެސް އަޅުގަނޑަށްވެސް ތިޔަބޭފުޅުން އެކަމަށް އެދިފައި ހުރި މިންވަރާއި އަދި ތިޔަބޭފުޅުން އެކަމާގުޅޭގޮތުން ގެންގުޅުއްވާ އުންމީދުތަކާއި އަދި ތިޔަބޭފުޅުންގެ ނަޒަރުގައި މި ރަށުގެ ތަރައްޤީ، އެކަމާ ގުޅިގެން ލިބޭނެ މިންވަރު އަޅުގަނޑަށް ވަރަށްބޮޑަށް ސާފުވި. އެހެންވީމާ، އަޅުގަނޑު ފަހަތަށް ޖެހި، އަޅުގަނޑުގެ ޚިޔާލު އަޅުގަނޑު ބަދަލުކުރީ. އަޅުގަނޑު ނިންމީ، އަދި ވަޒީރުންގެ މަޖިލިހުންވެސް ނިންމީ، ސަރުކާރުން އެޅުމަށް އެ މަސައްކަތްކުރަމުން އައިސްފައި އޮތް 10 އެއަރޕޯޓް މި ސަރުކާރުންވެސް އެޅުމަށް. އެހެންވީމާ، މިވަގުތު އަޅުގަނޑުމެނަށް މިވަނީ ވިލިނގިއްޔާއި، ގައްދޫއާއި، ތިމަރަފުށީގެ އެއަރޕޯޓް ވަރަށް އަވަހަށް ފެށޭނެ ހިސާބަށް މަސައްކަތް ގެންދެވިފައި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެނަށް މިއަހަރުގެ ތެރޭގައި އެމަސައްކަތް ފަށައި ނިންމޭނެ. ފުވައްމުލަކުގެ އެއަރޕޯޓާއެކުގައި، އަޅުގަނޑު އުންމީދުކުރަނީ ގައްދޫގައިވެސް އަދި ވިލިނގިލީގައިވެސް އެއަރޕޯޓް ނިމިގެންދާނެކަމަށް.

އަޅުގަނޑުމެންގެ ބޭނުމަކީ، ތިޔަބޭފުޅުން މުއްސަނދިވުން. އަޅުގަނޑުމެންގެ އަމާޒަކީ، ތިޔަބޭފުޅުންނަށް ގިނަ ފައިސާ ހޯދައިދިނުން. އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަމުން މިގެންދަނީ މިދެންނެވި މަގަށް. ފައިސާ ހޯދާދިނުމަށްޓަކައި ކުރެވެން އޮތްކަމަކީ ކޮބައިތޯ ދެކޭއިރުގައި، ފުރަތަމައަށް ނިކަމެތި ފަޤީރުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުން އެއީ، ކޮންމެހެން ބޭނުންތެރިކަމެއް، ހަމައެހެންމެ، އެއާއެކުގައި ވިޔަފާރި ތަރައްޤީ ކުރުމަކީ ކޮންމެހެން ބޭނުންތެރިކަމެއް. ވިޔަފާރި ތަރައްޤީކުރުމަށްޓަކައި މި ހުވަދުއަތޮޅުގެ މަސްވެރިންނަށް، ވިލިނގިލީގެ މަސްވެރިންނަށް، އެމީހުން ބާނާ މަހަށް ހަމަ އަގު ލިބޭނެ ސިޔާސަތެއް އެބަ ތަންފީޛުކުރަންޖެހޭ. އަޅުގަނޑު ކޮލަމާފުށީގައިހުރެ، ހުވަދުއަތޮޅުގައި ހުރެ ބުނިން، އަޅުގަނޑުގެ ސަރުކާރެއްގައި އިރާދަކުރެއްވިއްޔާ ދިވެހިން ބާނާ މަހަށް، ވިލިނގިލީ މީހުން ބާނާ މަހަށް އޭގެ ހަމަ އަގު ހޯދައިދޭނަމޭ. ބައިނަލްއަޤްވާމީ މާރުކޭޓުގައި އޮތް ހަމަ އަގު ހޯދައިދޭނަމޭ. ބައެއް ބޭފުޅުން އޭރުގައި އަޑުއައްސަވަން ތިއްބަވާ ހީކުރެއްވިކަން ނޭނގެ، ކިހިނެއްކުރާ ކަމެއްތޯ، އެއީ ވަރަށް ފަސޭހައިން ކުރާ ކަމެއް. ހަމައެކަނި 4 މީހަކަށް މުޅި ރާއްޖޭގެ ކަނޑު ބަހާލާފައި ނުދިނީމާ ނިމުނީ. ހަމައެކަނި އެ ވިޔަފާރި ދޫކޮށްލީމާ ނިމުނީ. އެއްވެސް ހާލެއްގައި ވަކި މީހެއްގެ ނުފޫޒާއި، ވަކި ބައެއްގެ ބާރުވެރިކަމުގައި ސަރުކާރު ތާށިނުވީމާ ނިމުނީ. ސަރުކާރުގެ ހުންނަން މިޖެހެނީ ހިތްވަރެއް. ބައެއްމީހުން ބާރުގަދަ ނުފޫޒުވެރި ފަރާތްތަކުގެ ނުރުހުމާ ކުރިމަތިލުމުގެ ހިތްވަރެއް. އެ ހިތްވަރު ސަރުކާރަށް އަބަދުވެސް ގެނެވޭނެ، ސިޔާސީ ޕާޓީގެ ނިޒާމުގެ ތެރެއިން. ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއްގައި ވަރުގަދައީ ރައްޔިތުން. ވަރުގަދައީ ސީދާ ރައްޔިތުން. އަޅުގަނޑުމެންނަށް އަބަދުވެސް އެނގޭ، ސީދާ ރައްޔިތުންގެ މުއައްސަސާ ހާ މުހިންމު އަދި ވަރުގަދަ އަދި ބާރުވެރި މުއައްސަސާއެއް، އެއްވެސް ރައްޔިތެއްގެ ތެރޭގައި އެއްވެސް ޤައުމެއްގައި ނޯންނާނެކަން.

މިއަދު މަސްވެރިކަމުގެ ސިޔާސަތު އަލުން ހުޅުވާލެވުނީމާ، މަސްވެރިކަމަށް ވަމުންއައިގޮތް އަޅުގަނޑަށްވުރެ ބޮޑަށް ވިލިނގިލީގެ މަސްވެރިންނަށް މާ ސާފުކޮށް އެނގިލައްވާނެ. އެންމެ ފުރަތަމަ 80 އިގެ ކުރީކޮޅުގައި އަދި އަޅުގަނޑު އޭގެ ކުރިން 1940ހަށް ގޮސްފިއްޔާ ތިޔަބޭފުޅުންނަށް އޭރު ފަހަރެއްގައި ހަނދުމައިގައި ހުރިމީހުން މިތާ ނެތިދާނެ. އެހެންނަމަވެސް، މަސްބޭނުމަކީ މަނާ ދުވަސްވަރެއްގެ ގޮތުގައިވެސްވެގެން ދިޔަ ދުވަސްވަރެއްދިޔަ. އަދި ބާނާ ކޮންމެ މަހެއް ސީދާ މާލެއަށް ފޮނުވަން ޖެހުނު ދުވަސްވަރެއްވެސްދިޔަ. 80 އިގެ ކުރީކޮޅުގައި އެނގިވަޑައިގަންނަވާނެ، ހިކިކަނޑުމަސް ބޭރުކުރުމުގެ ހުއްދަވެސް ލިބިފައި އޮންނަނީ ހަމައެކަނި އެސް.ޓީ.އޯ.އަށް. އޭރުގައި ހިކިމަސް ކިލޯއެއްވެސް ހުރީ ފަސްރުފިޔާއަށް، ހަތްރުފިޔާއަށް، ހަތް ރުފިޔާއަށް ހިކިމަސް ކިލޯއެއް އޭރުގައި ހުރީ. ހިކިމަސް ދޫކޮށްލީމާ، މިއަދު ހިކިކަނޑުމަސް ކިލޯއެއް އެކާވީސް ބާވީސް ރުފިޔާއަށް ނޫނީއަކާއެއް ވިއްކާގޮތަކަށް، ގަންނާނެ ގޮތަކަށް ނުލިބޭނެ.

ވާދަވެރި ވިޔަފާރިއަށް ކޮންމެ ކަމެއްވެސް ދޫކޮށްލީމާ، ވާދަވެރިކަމުގެ ތެރޭގައި އަގު މައްޗަށްއަރާނެ، އެއީ، ދުނިޔެ ދަންނަ ޙަޤީޤަތެއް. އެއީ، އާދައިގެ އިޤްތިޞާދީ ފަލްސަފާއެއް. އަބަދުވެސް ވާދަކޮށްފިއްޔާ އެ އެއްޗެއްގެ އަގު މައްޗަށް އަރާނެ. މަސްވެރިކަމުގައި ވާދަކުރުމަށް ހިކި ކަނޑުމަސް ދޫކޮށްލެވުނީމާ، ހިކި ކަނޑުމަހުގެ އަގުވެސް އަރައިގެން ހިނގައްޖެ. ރޯމަސް ދޫކޮށްލުމަށް އެންމެ ބޮޑަށް ވަކާލާތު ކުރަމުން އައިސްވެސް، ރޯމަސް ދޫކޮށްލުމުގެ މައްސަލައިގައި އަދި އެކަމަށް އަޅުގަނޑު ލިޔެގެން، އަޅުގަނޑު އެކަމަށް ވާހަކަ ދައްކައިގެން، އަޅުގަނޑުގެ މައްޗަށް ތިންފަހަރު ޙުކުމް އައި. އެހެންނަމަވެސް، ހަމަ އަޅުގަނޑު ކެނޑިނޭޅި އަބަދުވެސް ދައްކަމުންދާ ވާހަކައެއް މިއީ. ދުނީޔޭގެ އެހެން ޤައުމުތައްވެސް ތަރައްޤީވެ ގޮސްފައިވަނީ އެމީހުންގެ ޢާންމު އާބާދީ، ޢާންމު މަސައްކަތްތެރިންގެ މަސައްކަތަށް ރަނގަޅު އަގު ލިބުނީމައޭ. ރާއްޖޭގައި މަސައްކަތްކުރާ އާބާދީގެ 44 ޕަސެންޓް މީހުންނަކީ މަސްވެރިން. އެމީހުން ބާނާ މަހުގެ އަގު، ކޮންޓްރޯލް ކޮށްފައި އޮތީމާ ދެން އެއިން ސަރުކާރަށްވެސް، ދައުލަތަށްވެސް، ރައްޔިތުންނަށްވެސް ލިބޭ ފައިދާއެއް ނެތް. ޙަޤީޤަތުގައި އަޅުގަނޑުމެންގެ ސަރުކާރު ބަދަލުވެގެންވެސް ދޮޅުއަހަރު އަޅުގަނޑު ނެގި، މި ހުޅުވާލުމަށް ފުރުޞަތު ދިނުމަށްޓަކައި. އެތައްފަހަރަކު އެކަމަށް މަސައްކަތްކޮށްގެން، އެންމެފަހުން އަޅުގަނޑު އަމިއްލައަށް އެކަންކުރާ ހިސާބަށް ދިޔުމުން، މަސްވެރިކަމުގެ ޞިނާޢަތު މިއަދު އިރާދަކުރެއްވިއްޔާ މިއޮތީ ހުޅުވާލެވިފައި. ކޮންމެ މީހަކަށްވެސް މި ހުވަދޫއިން ބާނާމަސް ގަނެގެންގެންގޮސް މާލެއަށް ގެންދަންވީ. ބޭރަށް ޗުއްޓީއަށްދާއިރުގައި ދަބަހަށް ކަޅުބިލަމަހެއް ލައިގެން ދިޔަސް ހެޔޮ.

އަޅުގަނޑު މިދަންނަވަނީ ސަމާސާއަކަށެއްނޫން. މިތަނުން ފުރައިގެން ކޮޅުނބަށްދާން، މި ހުވަދޫ މަސްދޯނިފަހަރުގައި ގޮސް، ވެއްލަވައްތަ މާރުކޭޓަށް މަސްވިއްކާފައި އަންނަތަން އަޅުގަނޑަށް ހަމަ ފެނޭ. އެއީ، އަޅުގަނޑުމެންނަށް ހަމަ ކުރެވެން ސީދާ އޮތް ކަމެއް. އެވެރިންނެއް ނުބާނާ އަޅުގަނޑުމެންނާ އެއްވަރަކަށެއް. ވެއްލަވައްތަ މާރުކޭޓުގައި، މިހާރުވެސް ކޫއްޑޫއަށްވުރެ މާ ރަނގަޅު އަގު ލިބޭނެ. މިހާރުވެސް ލިބޭނެ، ކޫއްޑޫއަށްވުރެ މާ ރަނގަޅު އަގު. ދެގުނަ އަގު ލިބޭނެ. އަޅުގަނޑުމެން މި ބޭނުންވަނީ މި ފުރުޞަތު ހުޅުވާލަން. ހަމަ މިރަށު އޮޑިވެރިޔާ ބާނާގޮތަށް މަސްކޮޅު ހިފައިގެން އެންމެ ރަނގަޅު އަގެއް އޭނާއަށް ލިބޭ ތަނަކަށްގޮސް އެ މަސް ވިއްކާލަން.

އަޅުގަނޑުމެނަށް މަސްވެރިކަމަށް އަދި އިތުރު ބަދަލެއް ގެނެވިއްޖެ. މަސްވެރިކަން މިހާރު ތިޔާގިވެފައި އޮތް މިންވަރުން އަޅުގަނޑު ވަރަށް އުފާވޭ. އަޅުގަނޑު ހިތަށްއަރާ، މިދިޔަ އަހަރުވެސް މިރަށް ވަށައިގެންވެސް މީހުންތިބި ލޭނުއަޅަން. މީހުން ތިބި ދާއަޅަން. އެބޯޓްފަހަރަށް ލައިސަންސް ދީފައިއޮތީ ސަރުކާރުން. އެއީ، ލޭނުއަޅާށޭ ބުނެ ދީފައިހުރި ލައިސަންސް. މީގެ 3 މަސް ކުރީގައި އެ ހުރިހާ ލައިސަންސެއް އަޅުގަނޑުމެންނަށް މި ބާޠިލު ކުރެވުނީ. މިހާރު މި ރާއްޖޭގެ ކަނޑަކު އެހެން ބައެއް މަސްވެރިކަމެއް ނުކުރާނެ. އަދި އަޅުގަނޑު ހަމަ ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، ކޯސްޓްގާޑުން ކުރަމުން އެ ގެންދަވާ މަސައްކަތް އެއީ، ވަރަށް ފުރިހަމަ މަސައްކަތެއް. އެމް.އެން.ޑީ.އެފް.އިން އަދާކުރައްވަމުން އެގެންދަވަނީ. މަސްވެރިކަން ރަނގަޅުވުމަށްޓަކައި އެބޭފުޅުންގެ ދައުރު ވަރަށްބޮޑު. އަޅުގަނޑު އެކަމަށްޓަކައި އެމް.އެން.ޑީ.އެފް އަށާއި ކޯސްޓް ގާޑަށް ފަށްފަށުން ޝުކުރު ދަންނަވަން.

މަސްވެރިކަން ތަރައްޤީކުރުމަށްޓަކައި ކުރެވެން ހުރިކަންކަން އަދިވެސް ނުހަނުގިނަ. އެކަންކަމަކީ ކޮބައިކަން ޙަޤީޤަތުގައި ހަމަ ބޮޑަށް އެނގިވަޑައިގަންނަވާނީ ތިޔަބޭފުޅުންނަށް، އަޅުގަނޑުމެންނަކަށެއްނޫން. ތެދުފުޅެއް، ރާއްޖޭގައި މިކަމުގެ މާހިރުން ވަރަށް ގިނަ. އެހެންނަމަވެސް، ޙަޤީޤީ ބަދަލެއް އަބަދުވެސް ގެނެވޭނީ ސީދާ އެކަންކުރާ ބަޔަކަށް. ސީދާ އެކަމާ ގުޅުންހުރި ބަޔަކަށް. އަޅުގަނޑުމެންގެ ބޭނުމަކީ މި ރަށްރަށުގެ ތަރައްޤީ. އަޅުގަނޑުމެންގެ ބޭނުމަކީ، ހަމަ ވިލިނގިލީ މީހުނަށް ފައިސާ ލިބުން، މުއްސަނދިވުން.

އަޅުގަނޑުމެން މިއަދު މިވާހަކަ ދައްކަމުންދާއިރުގައި އަދި މިބަދަލު އަޅުގަނޑުމެންނަށް ގެނެވެމުންދާއިރުގައި، އަޅުގަނޑު ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވާލަން ބޭނުންވާ ބޭފުޅުންކޮޅެއް އެބަވޭ. އެއީ، މިދިޔަ 2 އަހަރު ސަރުކާރު ބަދަލުވުމާއެކުގައި އަތޮޅުކައުންސިލްކަން ކޮށްދެއްވި ބޭފުޅުންނާއި، އަދި ރަށު ކައުންސިލްކަން ކޮށްދެއްވި ބޭފުޅުންނަށް. އަޅުގަނޑުމެން އެކަން ކުރީ ކައުންސިލަރ އެ ބަސް ގެންނަންވެގެން. ކައުންސިލް އެކަމަށް އަހުލުވެރިކުރުވަންވެގެން. އަދިވެސް އަޅުގަނޑަށް ޔަޤީން، ވާދަވެރި ފަރާތްތަކުގައި އައްސަވާ، އެއީ، ކިހިނެއްވާކަމެއްތޯ؟ ކޮންތާކުތޯ ތިޔަވިދާޅުވާ ކައުންސިލެއްގޮސް އިށީންނަނީ؟ ކިހިނެއްތޯ އެމީހުން ތިބެނީ؟ ކޮން ގަޑިއެއްގައިތޯ އެމީހުން ބައްދަލުވަނީ. މީގެ އެއްވެސް ކަމަކީ، އެހެން އެއްވެސް ބަޔަކު ދެނެގަންނަން ބޭނުންވިކަމެއްގެ ގޮތުގައެއްވެސް އަޅުގަނޑަކަށް ނުފެނޭ. މީހަކު އަޅުގަނޑުމެންގެ ގާތުގައި އެހީ އަކީއެއްވެސްނޫން ކިހިނެއްތޯ ރަށުކައުންސިލް ހިންގަނީ. އަޅުގަނޑުމެން ހިންގާން މިއުޅެނީ ކުރީގެ ރަށް ކުރިއަރުވާ ކޮމިޓީއެއް ނޫން. އަދި ޖިންސުއްލަޠީފުންގެ ރޫޙެއްވެސްނޫން. މިތަނުގެ އެހެން ޖަމްޢިއްޔާއެއްވެސް ނޫން. މި ސީދާ ބާރުހުރި ރަށުކައުންސިލް، ރަށްވެރިކަން. ވިލިނގިލީ ރައްޔިތުންނަށް، ވިލިނގިލީގެ ވެރިކަން ދިނުން، އަޅުގަނޑުމެންގެ ބޭނުމަކީ. މިރާއްޖެ އަލުން އަނބުރާ ދިވެހި ރައްޔިތުންނަށް ރައްދުކުރުން އަޅުގަނޑުމެންގެ ބޭނުމަކީ. އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެނަށް ބައްދަލުވަމުން މި އަންނަނީ ތިޔާގި، މަސްވެރިކަން ރަނގަޅު، އުފާވާ ޒަމާނެކޭ. އަޅުގަނޑު ދަންނަވާނީ، އުފާވާ ޒަމާނޭ، ހިތާއޭ އަހާށޭ، އުފާވެރިވި މި ރާގޭ.

واَلحَمْـدُ لِلّـهِ. والســّلام عليــكم.

_______________________