ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 71 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ޤައުމީ އިދާރާތަކުން ދޭ ޚިދްމަތްތައް އިދާރީ ދާއިރާތަކުގައި ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަށްޓަކައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، ރާއްޖޭގެ 7 ސަރަޙައްދުގައި 7 ޤައުމީ އިދާރާ ރައީސުލްޖުމްހޫރިއްޔާ މިއަދު އުފައްދަވައިފިއެވެ. މިގޮތުން އުފެއްދެވި ޤައުމީ އިދާރާތައް މި ދަންނަވަނީއެވެ.

1. މަތި އުތުރު ސަރަޙައްދުގެ ޤައުމީ އިދާރާ
2. އުތުރު ސަރަޙައްދުގެ ޤައުމީ އިދާރާ
3. މެދު އުތުރު ސަރަޙައްދުގެ ޤައުމީ އިދާރާ
4. މެދު ސަރަޙައްދުގެ ޤައުމީ އިދާރާ
5. މެދު ދެކުނު ސަރަޙައްދުގެ ޤައުމީ އިދާރާ
6. މަތި ދެކުނު ސަރަޙައްދުގެ ޤައުމީ އިދާރާ
7. ދެކުނު ސަރަޙައްދުގެ ޤައުމީ އިދާރާ

ޤައުމީ އިދާރާތައް ހިނގަމުންދާނީ މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ދަށުންނެވެ. މި ދެންނެވި އިދާރާތަކުގެ ދަށުން ބައެއް އިދާރީ ދާއިރާތަކުގައި ޤައުމީ އިދާރާގެ ޔުނިޓްވެސް މިއަދުވަނީ އުފައްދަވާފައެވެ.

ޤައުމީ އިދާރާތައް އުފެއްދެވުމާ ގުޅިގެން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ދަށުން ހިނގަމުންދިޔަ މިދަންނަވާ ޕްރޮވިންސް އޮފީސްތައް މިއަދުން ފެށިގެން އުވާލައްވައިފިއެވެ.

1. މަތި އުތުރު ޕްރޮވިންސް އޮފީސް
2. އުތުރު ޕްރޮވިންސް އޮފީސް
3. މެދު އުތުރު ޕްރޮވިންސް އޮފީސް
4. މެދު ޕްރޮވިންސް އޮފީސް
5. މެދު ދެކުނު ޕްރޮވިންސް އޮފީސް
6. މަތި ދެކުނު ޕްރޮވިންސް އޮފީސް
7. ދެކުނު ޕްރޮވިންސް އޮފީސް