بســم اللّـه الرّحمـن الرّحيــم

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސް އޮނަރަބްލް އިބްރާހީމް ޙުސައިން ޒަކީ، ޕާޓީގެ ޗެއަރޕަރސަން އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ދައުލަތުގެ އިސްވެރިން، މި ބަނޑިދޫގެ ވެރިންނާއި އަދި ވަކިން ޚާއްޞަކޮށް، ބަނޑިދޫގެ ލޮބުވެތި ރައްޔިތުން.

السّـلام عليـكم

މިއަދުގެ ސަރުކާރު އުފެދިގެން އައީ، ރައްޔިތުން ގާތުގައި، އެ ސަރުކާރު އުފެދިއްޖެނަމަ، ސަރުކާރު އެކުލަވައިލުމަށްފަހުގައި ކުރާނެ ކަންކަމަކީ ކޮބައިކަން، ޕާޓީގެ ވަޢުދުތަކުގެ ގޮތުގައި، ރައްޔިތުންނަށް ވަރަށް ސާފުކޮށް އަންގައިދެމުން. ޕާޓީގެ ފަރާތުން ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި، ރައްޔިތުންގެ އަޑުއަހަމުން، 2004 ވަނަ އަހަރުވެސް، 2005 ވަނަ އަހަރުވެސް، 2006 ވަނަ އަހަރުވެސް، 2007 ވަނަ އަހަރުވެސް، 2008 ވަނަ އަހަރުވެސް ގެންދިޔަ. އަދި އޭގެކުރީގައިވެސް އަޅުގަނޑުމެންގެ ޕާޓީއަށް ނިސްބަތްވާ ގިނަ ބޭފުޅުންނަކީ، މި ރާއްޖޭގެ ތަރައްޤީއާއި، ރާއްޖެއަށް ދިމާވެފައިވާ ކަންކަމާ ގުޅޭގޮތުން ވަރަށްގިނަ ވިސްނުންތަކެއް ގެންގުޅުއްވާފައިވާ ބޭފުޅުން. ޕާޓީ ނުކުތީ، ވަޢުދުތަކަކާ އެކުގައި. ޕާޓީގެ މެނިފެސްޓޯ ނުވަތަ ޕާޓީ ހުށަހެޅި ހުށަހެޅުން، ވަރަށް ތަނަވަސް އަޣްލަބިއްޔަތަކާ އެކުގައި ރައްޔިތުން ބަލައިގަތީ. އެއަށްފަހު، ޒަމާންވީ ރާއްޖޭގެ ވެރިކަން ބަދަލުވެ، އަޅުގަނޑުމެންނަށް މިއަދާ ހަމައަށް ފުރޮޅިފައި މިއޮތީ.

މި ސަރުކާރަށް ދެއަހަރުވާއިރު، އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް، މި ބަނޑިދުއަށް އައިސް، އަޅުގަނޑުމެންނަށް ބަނޑިދުއާ ގުޅޭގޮތުން ގެންގުޅެވޭ ތަޞައްވުރާއި، ބަނޑިދުއާ ގުޅޭގޮތުން ގެންގުޅެވޭ ވިސްނުމާ ގުޅޭގޮތުން ތިޔަބޭފުޅުންނާ މުޚާޠަބުކޮށް ވާހަކަ ދައްކާލުމަކީ، އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް. ޕާޓީ ނުކުތީ ބަނޑިދޫގެ ތަރައްޤީގެވެސް ތަޞައްވުރަކާއެކުގައި. މި ޕާޓީއަށް ބަނޑިދޫގެ ތަރައްޤީއަށްޓަކައި ކުރާންހުރި ކަންކަމަކީ ކޮބައިކަން ވަރަށް ސާފުކޮށް އޮތީ ފާހަގަވެފައި. އެކަންކަން ކުރުމުގައި، ޕާޓީން ސަރުކާރުގެ ސިޔާސަތުތައް އެމަގަށް އެނބުރި އަދި ރައްޔިތުންގެ މަޖިލީހުން އެސިޔާސަތުތައް ހިންގުމަށްޓަކައި ދައުލަތުގެ ބަޖެޓް ފާސްކުރެވި، އެ ބަޖެޓް މިއަހަރުގެ ތެރޭގައި އަޅުގަނޑުމެން މިގެންދަނީ ތަންފީޛު ކުރަމުން.

ޕާޓީއަށް ފެނުނު އެއް ޙަޤީޤަތަކީ، މި ބަނޑިދޫގެ ރައްޔިތުންގެ ތެރެއިންވެސް ވަރަށްގިނަ ރައްޔިތުންނަކީ، ނިކަމެތި ފަޤީރުންކަން. އެމީހުންނަކީ، އެމީހުންނަށް ރެޔާދުވާލަށް ވިހި ފަނަރަ ރުފިޔާ، އާމްދަނީގެ ގޮތުގައި ނުލިބޭ މީހުން. ބަނޑިދޫވެސް އަދި އެހެން ރަށެއްވިޔަސް، ޤައުމެއްވިޔަސް، ތަރައްޤީ ކުރާން ވެއްޖެނަމަ، އަޅުގަނޑުމެން މި ކުރާން މިޖެހެނީ، ވަކި ޚާއްޞަ ކަންތައްތަކެއް، ވަކިއިރެއްގައި، ވަކިގޮތަކަށް. ބަނޑިދޫގެ ތަރައްޤީއެއް އަޅުގަނޑުމެންނަކަށެއް ނުހޯދޭނެ، ބަނޑިދޫގެ ރައްޔިތުންގެ ތެރެއިން ގިނަ ބައިވަރު ރައްޔިތުންނަކީ، ނިކަމެތި ފަޤީރުންގެ ގޮތުގައި ތިބިހާ ހިނދަކު. ތަރައްޤީއަކީ އެއްވެސް ހާލެއްގައި ބޮޑުހިލައިން މިނާ އެއްޗެއް ނޫން. އެއްގަމު ތޮށިން މިނާ އެއްޗެއްވެސް ނޫން. ތަރައްޤީއަކީ ބަނޑިދޫ މީހާ ތަރައްޤީވުން. ބަނޑިދޫ މީހާއަށް ތަންދޮރު އެނގުން. އެމީހާއަށް ސަލާމަތްތެރިކަން ހޯދައިދިނުން. ބަނޑިދޫ މީހާ، އޭނާއަށް އާމްދަނީ މަދުވީމާ، އޭނާގެ ބޭސްފަރުވާ ހޯދުމަށްޓަކައި، އެކެއް ގާތުން، އެއް ސާދާގަރެއް ކައިރިން، އަނެއް ވިޔަފާރިވެރިއެއް ގާތުން، އަނެއް ވިޔަފާރިއެއް ގާތުން ސަލާންޖަހަމުން ހިނގަންޖެހޭހާ ދުވަހަކު، އަޅުގަނޑުމެންނަކަށް ބަނޑިދޫ ރައްޔިތުންގެ ޤަދަރާއި ޢިއްޒަތެއް ހޯދައެއް ނުދެވޭނެ.

ސަރުކާރުގެ އަމާޒަކީ، އަޅުގަނޑުމެންގެ ބޭނުމަކީ، ބަނޑިދޫ ކޮންމެ ރައްޔިތަކީވެސް، ތިމަންނާއަކީ ތިމަންނާގެ އަމިއްލަ ޙަލާލު މަސައްކަތުން ފައިސާ ހޯދައިގެން، ތިމަންނާގެ އަނބިދަރިން ބަލަހައްޓާ، ޙައްޤުތަކެއް ލިބިގެންވާ ބަނޑިދޫ ރައްޔިތެކޭ ބުނެ، އޭނާ ހަމަ އިސްކޮޅަށް ދެމިލާތަން އަޅުގަނޑުމެން ދެކެން ބޭނުންވަނީ. އެކަމަށްޓަކައި އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުމަކީ، ކޮންމެހެން ބޭނުންތެރި ކަމެއް. ޕާޓީގެ ވަޢުދަކަށްވީ، ޕާޓީގެ ސަރުކާރެއްގައި އިރާދަކުރެއްވިއްޔާ، ރައްޔިތުން ބޭސް ސިޓީއަށް ސަލާންޖަހަންޖެހޭ ޖެހުން، މި ސަރުކާރުން ނައްތާލަދޭނަމޭ. އެހެންވެ، މަދަނައިގެ ވިއުގަ އުފެދިގެން އައީ. އެހެންވެ އަޅުގަނޑުމެންނަށް އެތައް ބައިވަރު ބަޔަކާ، ބޭސްފަރުވާއަށް ބޭނުންވެފައިވާ ކިތަންމެ ބަޔަކާ އަޅާލުމުގެ ފުރްޞަތު ފަހިވެފައި މިވަނީ. މި ސަރުކާރަށް ހިތްހަމަޖެހުން ލިބެނީ، އަޅުގަނޑުމެންނަށް އުފާވެރިކަން ލިބެނީ، އަޅުގަނޑުމެންނަށް ހިތްވަރު ލިބެނީ، މި ބަނޑިދޫގެ 105 ރައްޔިތަކު މަދަނައިގައި މިއަދު ރަޖިސްޓްރީވެފައިވާތީވެ. އަދި މިދެންނެވި 105 ރައްޔިތުންގެ ތެރެއިން ކޮންމެ ބޭފުޅަކަށް އެއްލައްކަ ރުފިޔާ، ބޭސްފަރުވާއަށްޓަކައި މާލިއްޔަތުގައި 2011 ވަނަ އަހަރުވެސް ރައްކާ ކުރެވިފައި އޮތީތީވެ. އަޅުގަނޑުމެންނަށް އުފާވެރިކަން ލިބެނީ، އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، މިދިޔަ އަހަރު 2010 ވަނަ އަހަރު ބަނޑިދޫ ރައްޔިތުންގެ ބޭސްފަރުވާއަށްޓަކައި، އަޅުގަނޑު މިދަންނަވަނީކީ އެއްވެސް ހާލެއްގައި، ހެލްތް ސެންޓަރުގެ ޚަރަދު ކުރުމަށް ހޭދަކުރި ފައިސާއެއް ނޫން. ނުވަތަ އެނޫންވެސް އެހެން ޢާންމު ހިންގުމަކަށް ހޭދަކުރެވުނު ފައިސާއެއް ނޫން. ސީދާ ބަނޑިދޫ ރައްޔިތުންގެ ތެރެއިން ބޭހަށް ބޭނުންވި ރައްޔިތުންނަށް ޚަރަދު ކުރުމަށްޓަކައި ދެލައްކަ ހަތްދިހަހާސް ރުފިޔާ، މިދިޔަ އަހަރު ޚަރަދު ކުރެވުނުކަމީ، މި ސަރުކާރަށް ލިބޭ ހިތްހަމަޖެހުމެއް. އަޅުގަނޑުމެންނަށް ލިބޭ އުފަލެއް.

މީގެކުރިއަކު ތިޔަބޭފުޅުންގެ ބޭސް ސިޓީއަކަށް ދެލައްކަ ހަތްދިހަހާސް ރުފިޔާ، އަހަރެއްގެ މައްޗަކަށް ޚަރަދު ކޮށްފައެއް، އަމިއްލަ ވިޔަފާރިވެރިއަކުވެސް އަދި ސަރުކާރަކުންވެސް ނުމެ އޮންނާނެ. އެހެންވީމާ، އަޅުގަނޑުމެން ދެކެނީ، އަޅުގަނޑުމެން ގަބޫލު ކުރަނީ، މިއަދު މިރަށުގެ މަދަނައިގައި ރަޖިސްޓްރީވެފައި ތިބި ރައްޔިތުންނަށް، މިދެންނެވި ޚިދްމަތް ލިބެމުންދާކަމީ، އެ ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަމަށް ކޮންމެހެން ބޭނުންތެރި ކަމެކޭ. އަދި ރައްކާތެރިކަން ލިބުމަށް މަގުފަހިވެ ގޮސްފައިވާ ކަމެކޭ. ސަރުކާރުގެ އަމާޒަކީ، އަޅުގަނޑުމެންގެ ބޭނުމަކީ، މި ރާއްޖޭގެ، މި ބަނޑިދޫގެ ހުރިހާ ރައްޔިތުންނަށް މަދަނައިގައި ރަޖިސްޓްރީވެ، އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުން.

ޕާޓީގެ ފަރާތުން އަބަދުވެސް ފާހަގަކުރަމުން އައި ނުކުތާއަކީ، 2008 ވަނަ އަހަރާ ހަމައަށް އަޅުގަނޑުމެންނަށް އާދެވުނުއިރުވެސް، މި ރާއްޖޭގެ ދޮށީ ޢުމުރުގެ މީހުން، އުޅެމުންދިޔަ ބިކަ ހާލާއި، އެމީހުންގެ ޢުމުރުގެ ފަހު ދުވަސްތަކުގައި، އަތްފައިގައި ބާރު ދެރަވެ، އަމިއްލަ މަސައްކަތް ނުކުރެވޭ މިންވަރަށް ނިކަމެތިވެގެންދިޔަ ދުވަހު، އެމީހުންނާ އަޅާލެވޭނޭ ހަމަ އެއްގޮތެއްވެސް އިންތިޒާމުވެފައި ނެތްކަމީ، ޕާޓީއަށް ވަރަށް ސާފުކޮށް ފާހަގަވެގެންދިޔަ ޙަޤީޤަތެއް. 2007 ވަނަ އަހަރުއްސުރެ ފެށިގެން މި ޕާޓީގެ އެކިއެކި ޖަލްސާތަކުގައި، އަދި އެކިއެކި ކެމްޕޭންގައި ވަޢުދުވަމުންދިޔަ ވަޢުދެއް، ޕާޓީގެ ސަރުކާރެއްގައި، ޢުމުރުން ދޮށީ މީހުންނަށް ދެހާސް ރުފިޔާގެ ޕެންޝަނެއް، އިރާދަކުރެއްވިއްޔާ ދޭނަމޭ. މިއަދު އަޅުގަނޑުމެންނަށް އުފާވެރިކަން ލިބެނީ، މި ބަނޑިދޫގެ އާބާދީގެ ތެރެއިން އޮނަތިރީސް މީހަކަށް ކޮންމެ މަހަކު ދެހާސް ރުފިޔާ ދެމުން ގެންދެވޭތާ މިވީ ދެއަހަރު. އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، މި ބަނޑިދުއަށް ފަންސާސް އަށްހާސް ރުފިޔާ ކޮންމެ މަހަކު، މިދެންނެވި ޕެންޝަންގެ ގޮތުގައި ހޭދަކުރެވެމުން ގެންދެވޭކަން.

ސަރުކާރުގެ ބޭނުމަކީ، ރައްޔިތުންނާ އަޅާލުން. އަޅުގަނޑުމެންގެ އަމާޒަކީ، މި ރާއްޖެ ތަރައްޤީ ކުރުން. ބަނޑިދޫ ރައްޔިތުން މުއްސަނދިކުރުން. މުއްސަނދިކަމަކީ ތަރައްޤީއަށް ކޮންމެހެން ބޭނުންތެރިކަމެއް. އެ މުއްސަނދިކަމަށްޓަކައި އަޅުގަނޑުމެން ހިންގާންޖެހޭ ހުރިހާ މަސައްކަތެއްވެސް، ޙަޤީޤަތުގައި ހިންގަމުން މިގެންދަނީ، ހިންގަންޖެހެނީވެސް. ބަނޑިދޫގެ އެކަނިވެރި މައިންނާއި، ޔަތީމު ކުދިންނަށްދެވޭ ފައިސާ، މިރަށުގެ އޮނަތިރީސް ފަރާތަކަށް ފޯރުކޮށްދެވޭކަމީ، ސަރުކާރަށް ލިބޭ ވަރަށްބޮޑު ހިތްހަމަޖެހުމެއް. އަޅުގަނޑުމެން އުފާވަނީ، މިދިޔަ 6 މަސް ދުވަހުގެ ތެރޭގައި، އެއްލައްކަ ސާޅީސް އަށްހާސް ރުފިޔާ، ބަނޑިދޫގެ އެކަނިވެރި މައިންނަށް ޚަރަދު ކުރެވިފައި އޮތްކަމުން. މި ސަރުކާރުގެ ބޭނުމަކީ، ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުން.

ރައްޔިތުންގެ ގިނަ މީހުން، ފަޤީރުކޮށް އުޅޭހާ ހިނދަކު، އަޅުގަނޑުމެން މިއެދޭ ބަދަލު، އަޅުގަނޑުމެން މިއެދޭ ތަރައްޤީ، އަޅުގަނޑުމެންނަކަށެއް ނުހޯދޭނެ. އަޅުގަނޑުމެންގެ އަމާޒަކީ، ބަނޑިދޫ ހުރިހާ ރައްޔިތުންނަށްވެސް އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުން. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަނީ، މި ސަރުކާރުގެ ޕްރޮގްރާމް ސަރުކާރަށް ހިންގިއްޖެނަމަ، މިދެންނެވި އިޖްތިމާޢީ ރައްކާތެރިކަން، މިރަށުގެ ހުރިހާ ރައްޔިތުންނަށްވެސް އިރާދަކުރެއްވިއްޔާ ފޯރުކޮށްދެވޭނެ.

އަޅުގަނޑު މިއަދު ކަންބޮޑުވަނީ، އަޅުގަނޑު މިއަދު މިރަށަށް އަންނައިރުގައި، އަޅުގަނޑުމެންނަށް އެނގޭ، ރާއްޖޭގެ ރައްޔިތުން، މާލޭގެ ވިޔަފާރިކުރާ ބައެއް ވިޔަފާރިވެރިންގެ، އަޅުގަނޑު ދަންނަވާނީ، އެބޭފުޅުންގެ ބޭނުމަށްޓަކައި، އެބޭފުޅުންގެ އެހީތެރިކަން ފޯރުކޮށްދެވޭނޭ ގޮތްގޮތަށް ނޫން ގޮތަކަށް ސިޔާސަތުތައް ރޭވުމަށް އެބަ ހުރަސްއެޅެއޭ. އަޅުގަނޑުމެންގެ ބޭނުމަކީ، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމް ތަރައްޤީ ކުރުން. އަޅުގަނޑުމެން ރައްޔިތުންގެ ސަލާމަތްތެރިކަމާއި، މި ވެރިކަމުގެ ނިޒާމް، އަޅުގަނޑުމެންނަށް ރައްކާތެރި މިކުރެވެނީ، ސިޔާސީ ޕާޓީ އުފެދިގެން އައީތީ. ޤާނޫނުއަސާސީގައި ކުރީގައިވެސް ލިޔެފައި ހުރި ހަމަ ވާހަކަތަކުގެ ބާވަތުގެ ވާހަކަ، މިހާރުވެސް ލިޔެވިފައި އޮތީ. ޙަޤީޤަތުގައި 1932 ވަނަ އަހަރު ފުރަތަމަ ލިޔެވުނު ޤާނޫނުއަސާސީގައި ލިޔެވިފައި ހުރި ރައްޔިތުންގެ ޙައްޤުތަކެކޭ، މިއަދު މިހާރު އަޅުގަނޑުމެން ޢަމަލު ކުރަމުންމިދާ ނޫ ޤާނޫނުއަސާސީގެ ރައްޔިތުންގެ ޙައްޤުތަކެކޭ މާބޮޑު ތަފާތެއް ނެތް. މީގެކުރީގައި، 17 އަހަރު ދުވަހުން ނިންމުނު ނޫ ޤާނޫނުއަސާސީވެސް، މިހާރު ޢަމަލު ކުރަމުންމިދާ ފެހި ޤާނޫނުއަސާސީވެސް. މި ނޫ ޤާނޫނުއަސާސީގައިވެސް ޙަޤީޤަތުގައި ހަމަ ހުރީ ރައްޔިތުންގެ ޙައްޤުތަކުގެ ވާހަކަ. އެހެން ނަމަވެސް، އެއިން އެއްވެސް ޙައްޤެއް ރައްޔިތުންނަށް ނުލިބި، ޚިޔާލުފާޅުކުރި ކޮންމެ މީހަކު ހިފާ ހައްޔަރުކުރެވި، އެއްވެ އުޅުނު ކޮންމެ މީހަކަށް ބޮޑެތި އަދަބުތައްދެވި، ޞުލްޙަވެރި ސިޔާސީ ޙަރަކާތަށް އެދުނު ކޮންމެ މީހަކަށް ނުހަނު ބޮޑު ގެއްލުންދެވި، އަޅުގަނޑުމެންގެ ޙަޔާތް މިއަދާ ހަމައަށް މި އާދެވުނީ.

އަޅުގަނޑުމެންނަށް ޤާނޫނުއަސާސީއެއްގައި ލިޔާ އެއްޗެއްގެ ސަބަބުން ޙަޤީޤީ ރައްކާތެރިކަމެއް ނުހޯދޭ، ނުލިބޭ. އަޅުގަނޑުމެންނަށް ރައްކާތެރިކަން މިލިބެނީ، އެކެއް އަނެކެއްގެ ކިބައިން ހިތްވަރު ހޯދައި، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ އަމިއްލަ ބިރު ފަހަނަޅައި ދެވުނީތީވެ. މިދެންނެވި މަސައްކަތް އަޅުގަނޑުމެންނަށް ހިންގުނީ، ސިޔާސީ ޕާޓީގެ އިމުގެ ތެރެއިން. ސިޔާސީ ޕާޓީ އުފެއްދި، އެ ޕާޓީ ތަރައްޤީ ކުރެވުނީމާ. މިރަށުގެ ތަރައްޤީއަށްޓަކައި ސިޔާސީ ޕާޓީއަކީ ވަރަށް މުހިންމު އެއްޗެއް. އަޅުގަނޑަށް ދެންނެވޭނީ، ވޯޓް ޖައްސަވާއިރުގައި، ސިޔާސީ ޕާޓީއަށް ވޯޓް ދެއްވާށޭ. އަމިއްލަ ކެންޑިޑޭޓުންގެ ގޮތުގައި ނުކުންނަވާ ބޭފުޅުންނަކަށް، އަޅުގަނޑަކަށް ފާހަގައެއް ނުކުރެވޭ، އެއީ ރަށުގެ ތަރައްޤީ ހޯދިދާނެ ބޭފުޅުންނެއް ކަމަކަށް. އަޅުގަނޑަށް ފެންނަ ފެނުމުގައި، އަމިއްލަ ކެންޑިޑޭޓުންގެ ގޮތުގައި ނުކުންނެވުމަކީ، ޙަޤީޤަތުގައި ޤާނޫނުއަސާސީގެ ރޫޙު ގަޑުބަޑު ކުރުން. އަދި އަޅުގަނޑުމެން ބިނާކުރަންވެގެން މިއުޅޭ ސިޔާސީ ނިޒާމް ބިކަވެ، އެ ނިޒާމް ވަރުގަދަނުވާނެ އެތައް ގޮތެއް މެދުވެރިވުން.

އަޅުގަނޑުގެ އަބަދުވެސް އިލްތިމާސަކަށްވާނީ، މި ދައުލަތުގެ މިހާރުގެ އެންމެ މުހިންމު މުއައްސަސާތަކަކީ، ސިޔާސީ ޕާޓީތަކޭ. ރައްޔިތުންގެ ޤާނޫނުހަދާ މަޖިލިސްވެސް އެއީ، މުހިންމު މުއައްސަސާއެއް. އަދި ޝަރީޢަތް ކުރާ ބާރުވެސް މުހިންމު. އެހެން ނަމަވެސް، އަޅުގަނޑުމެންގެ ޙައްޤުތައް، އަޅުގަނޑުމެންގެ ބޭނުންތައް ޙިމާޔަތްކޮށްދޭ ސީދާ ފަރާތަކީ ސިޔާސީ ޕާޓީ. ތިޔަބޭފުޅުންގެ ބޭނުންތައް ވެރިންނާ ހަމައަށް ގެނެސްދޭންވެސް އަދި އަޑުއުފުލަންވެސް އޮތް ވަސީލަތަކީ ސިޔާސީ ޕާޓީތައް. އަޅުގަނޑު ދަންނަވާނީ، ޕާޓީއަކަށް ނޫނިއްޔާ، ތިޔަބޭފުޅުން ވޯޓް ނުދެއްވާށޭ. އަޅުގަނޑު ދަންނަވާނީ، ތިޔަބޭފުޅުންގެ ރަށުގެ ތަރައްޤީއަށްޓަކައި ޕާޓީ ނިޒާމް ޙިމާޔަތް ކުރައްވާށޭ.

ތަރައްޤީ ޙަޤީޤަތުގައިވާން މިޖެހެނީ ބަނޑިދޫ މީހާ. ބަނޑިދުއެއް ނޫން. ބަނޑިދޫ މީހާ ތަރައްޤީވުމަށްޓަކައި ބަނޑިދޫގެ މަދްރަސާއަކީ ބަނޑިދޫގެ ތަރައްޤީގެ ނާރެސްއަށް އެބަވާންޖެހޭ. މި ޕާޓީގެ ވަޢުދެއް އެއީ، އިމްތިޙާންގައި ބައިވެރިވާ ކުދިންގެ 60 ޕަސެންޓް ކުދިންނަކީ، 5 މާއްދާއިން ފާސްވާ ކުދިންނަށް، މި ސަރުކާރުގައި އިރާދަކުރެއްވިއްޔާ ހަދައިދޭނަމޭ. ސަރުކާރުން އެކަމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އެބަ ގެންދޭ. މިދިޔަ 2010 ވަނަ އަހަރުގެ ތެރޭގައި، ބަނޑިދޫ ދަރިވަރުންނަށް ފޮތް، ފަންސުރު، ގަލަން އަދި ޔުނިފޯމާއި ބޫޓް ފަދަ ތަކެތި ހޯދުމަށް އެއްލައްކަ ސަތާރަހާސް ރުފިޔާއަށްވުރެ ގިނަ ފައިސާ ޚަރަދުވެފައި އޮތްކަމީ، ޚަރަދު ކުރުމުގެ ފުރްޞަތު، ސަރުކާރަށް ލިބުނުކަމީ، މި ސަރުކާރަށް ލިބޭ ނުހަނު ބޮޑު ހިތްހަމަޖެހުމެއް. އަދި ހަމަ އެހެންމެ، ބަނޑިދޫ ދަރިވަރުން، އޯ ލެވެލް އިމްތިޙާންގައި ބައިވެރިވުމަށް، އިމްތިޙާންގެ ފީގެ ގޮތުގައި ސާޅީސް ހަތްހާސް ރުފިޔާއަށްވުރެ ގިނަ ފައިސާ ޚަރދު ކުރެވުނުކަމީ، މި ސަރުކާރަށް ލިބޭ ހިތްހަމަޖެހުމެއް. އަދި އަޅުގަނޑު ވަރަށް އުފަލާ އެކީގައި ދަންނަވަން. މިދެންނެވި މަސައްކަތްތަކުގެ ނަތީޖާވެސް، މި ބަނޑިދުއަށް ވަރަށް އުޖާލާ އަދި ވަރަށް ފޮނި. މިދިޔަ އަހަރު 6 މާއްދާއިން، 5 މާއްދާއިން އޯ ލެވެލް އިމްތިޙާންގައި ފާސްވި ކުދިންގެ ޢަދަދު، އޭގެ ކުރީ އަހަރާ އަޅާބަލާއިރު މިވަނީ، 10 ޕަސެންޓުން މައްޗަށް ގޮސްފައި. އެއީ ވަރަށްބޮޑު ކުރިއެރުމެއް. އެހެން ނަމަވެސް، އަދިވެސް ބަނޑިދޫގައި 5 މާއްދާއިން ފާސްވާ ކުދިންގެ ޢަދަދު މާ މަދު. ސަރުކާރުގެ އަމާޒަށް، ސަރުކާރުގެ ޓާގެޓަށް އަދި ވާސިލުވުމަށްޓަކައި ބަނޑިދޫގައި ކުރަންހުރި މަސައްކަތް ނުހަނުގިނަ. އިރާދަކުރެއްވިއްޔާ، މިއަހަރުގެ ބަޖެޓްގައި މިހާރު އޮންނާނީ ހިމެނިފައި. މި ސްކޫލް އެއްދަންފަޅިއަށް ބަދަލުކުރުމަށްޓަކައި، ސްކޫލްގައި 4 ކްލާސްރޫމް މިއަހަރު ޢިމާރާތް ކުރެވޭނެ. 4 ކްލާސްރޫމް ޢިމާރާތް ކުރުމާއެކުގައި، ސްކޫލަށް ޖާގަ ލިބި، ސްކޫލް ދެން ހުޅުވޭނީ، އެއްދަންފަޅިއަށް ކިޔަވައިދޭ މަދްރަސާއެއްގެ ގޮތުގައި.

އަޅުގަނޑުމެންގެ ހުރިހާވެސް މަސައްކަތަކީ، އަޅުގަނޑުމެންގެ ހުރިހާވެސް ބޭނުމަކީ، އަޅުގަނޑުމެންގެ ދަރިންނަށް، އަޅުގަނޑުމެންގެ މުސްތަޤްބަލަށް ތަންދޮރު އެނގޭނޭ ގޮތެއް އަޅުގަނޑުމެން ހޯދުން. އަޅުގަނޑުމެންނަކަށް، އަޅުގަނޑު އަބަދުވެސް ދަންނަވަން. މިއަދު މިހާރު މިއޮތީ ނިމިފައޭ. މެންދުރުވެ ހިނގައްޖެއޭ. އިއްޔެ ހޭދަވިތާ ކިތަންމެއިރެއްވެއްޖެ. އަޅުގަނޑުމެންނަށް ޙަޤީޤަތުގައި ހޯދެން މިއޮތީ މާދަމާ. މާދަމާ ލިބިގަތުމަށްޓަކައި އަޅުގަނޑުމެން އަޅާލަން މިޖެހެނީ، އަޅުގަނޑުމެންގެ ދަރިންނަށް. އެ ދަރިންނަށް ތަންދޮރު އޮޅުންފިލުވައިދެވިގެން ނޫނިއްޔާ، ދަރިންނަށް ރަނގަޅު ތަޢްލީމެއް ދެވިގެން ނޫނިއްޔާ، އަޅުގަނޑުމެން މިއެދޭ ބަދަލު، އަޅުގަނޑުމެންނަކަށެއް ނުހޯދޭނެ. އަޅުގަނޑުމެން ބޭނުމީ، ބަނޑިދޫ ރައްޔިތުން މުއްސަނދި ކުރުން. އަޅުގަނޑުމެން ބޭނުމީ، ބަނޑިދޫ ރައްޔިތުންގެ ތަނަވަސްކަން މިއަދަށްވުރެ އަދި މާ ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރަން. އެކަމަށްޓަކައި ތަރައްޤީގެ ޙަޤީޤީ ނާރެސްއަކީ ބަނޑިދޫ މަދްރަސާ. އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު، ބަނޑިދޫ އެންމެ ރައްޔިތުންގެ ކިބައިން، ކަތީބުންވެސް، މުދިމުންވެސް، މެޖިސްޓްރޭޓުންވެސް، އޮޑިވެރިންވެސް، ކެޔޮޅުންވެސް، އެންމެ ބޭފުޅުން، ވަކި ޕާޓީއަކަށް ނުބައްލަވާ، ބަނޑިދޫ މަދްރަސާއާ އަޅާލާނެ ކަމަށް އަޅުގަނޑު ވަރަށް ބޮޑަށް އުންމީދު ކުރަން. ސަރުކާރުން ހަމަގައިމުވެސް، އަޅުގަނޑު ހަމަގައިމުވެސް ބަނޑިދޫ މަދްރަސާއާ އިރާދަކުރެއްވިއްޔާ، އަޅުގަނޑަށްވީ މިންވަރަކުން އަޅާލާނެ. އަދި ސަރުކާރު އެކަމުގައި ހިންގާން އޮތް ހުރިހާ މަސައްކަތެއް، ތިޔަބޭފުޅުންނަށް ހުރިހާ އެހީތެރިކަމެއްދޭނެ. އަޅުގަނޑު ވަރަށް ބޮޑަށް އެދެން ތިޔަބޭފުޅުންގެ ކިބައިން، މިހާރު 5 މާއްދާއިން ފާސްވަނީ، އިމްތިޙާންގައި ބައިވެރިވާ ކޮންމެ ސަތޭކަ ކުއްޖަކުން 19 ކުދިން. އެންމެ ނަވާރަ ޕަސެންޓް. މިދިޔަ އަހަރު އިމްތިޙާންގައި ބައިވެރިވީ 16 ކުދިން 5 މާއްދާއިން ފާސްވެފައިނުވޭ، އޭގެތެރެއިން ތިން ހަތަރު ކުދިންވެސް. އަޅުގަނޑުމެންގެ ބޭނުމަކީ، 16 ކުދިންގެ ތެރެއިން 10 ކުދިންނަށް 5 މާއްދާއިން ފާސްވެވޭ މިންވަރަށް ގެނައުން. އަމާޒަކީ ހުރިހާ ކުދިންވެސް 5 މާއްދާއިން ފާސްވާ މިންވަރަށް ކިޔަވައިދިނުން.

މިރަށްރަށުގެ އަދި ބަނޑިދޫގެ ސްކޫލަށް ސަރުކާރުން ކުރާ ޚަރަދު ކުޑައެއް ނުވާނެ. މެލޭޝިޔާގެ ސްކޫލެއްގައި ކިޔަވާ ކުއްޖެއްގެ ބޮލަކަށް ކުރާ ޚަރަދު، ބަނޑިދޫގެ ސްކޫލަށްކުރޭ. އަދި ކުރިއަށް އޮތް ތަނުގައިވެސް ކުރާނެ. އިތުރުވެސްވާނެ. އެހެންވީމާ، ހަމަ އެ ނަތީޖާ ބަނޑިދޫގެ ސްކޫލުންވެސް ލިބުމަކީ، ސަރުކާރުން އެދޭނެ ކަމެއް. އަޅުގަނޑުމެން ވަރަށް ބޭނުން ކަމެއް. އަޅުގަނޑު ނޭދެން، މަދްރަސާ އެއީ އަޅުގަނޑުމެންގެ ތެރޭގައި އޮންނަ އެއްވެސް ނުރުހުމަކާއި، ނަފްރަތަކާއި، ނޭއްގާނި ކަމަކާއި، ޙަސަދަވެރި ކަމެއްގެ ކުޑަ މިންވަރެއްވެސް ހިނގާ ތަނަކަށް މަދްރަސާވާކަށް. މަދްރަސާއަކީ އަޅުގަނޑުމެން އެންމެންވެސް، އަޅުގަނޑުމެންގެ ދަރިން ކިޔަވައިދިނުމަށް ފޮނުވާ ތަން. އަދި އަޅުގަނޑުމެންގެ ދަރިން އެއްޗަކށް ހެދުމަށް އަޅުގަނޑުމެން ބޭނުންކުރާ ވަސީލަތް. އަޅުގަނޑުގެ އުންމީދަކީ، ތިޔަބޭފުޅުން މިއަހަރަށްވުރެން އަދި މާ ރަނގަޅަށް، މިއަންނަ އަހަރު، މިއަހަރު، މިދިޔަ އަހަރށްވުރެން އަދި މާ ރަނގަޅަށް ތިޔަބޭފުޅުންގެ މަދްރަސާގެ މަސައްކަތްތައް ބާރަށް ކުރިއަށް ގެންދަވާނެ ކަމަށް.

މިދިޔަ އަހަރު، 2009 ވަނަ އަހަރު ވަނީ، 2009 ވަނަ އަހަރުގެ ޚަރަދު ކޮށްގެން، ސާދަ މިލިއަން ދެލައްކަ ރުފިޔާ ހޭދަކޮށް، މިރަށުގެ ބަނދަރުގެ އެތެރެ، އެއްގަމުތޮށި ހަދާފައި. އަޅުގަނޑަށްވެސް އެބަ އެނގޭ، ބަނދަރުގެ ބޭރުތޮށި މިހާރު ހަދާން އެބަޖެހޭކަން. އަޅުގަނޑު މި އުންމީދު ކުރަނީ، މިއަހަރުގެ ތެރޭގައި ނުވަތަ މިއަންނަ އަހަރުގެ ތެރޭގައި، އަޅުގަނޑަކަށް މިއަހަރުގެ ތެރޭގައި ބޭރުތޮށި ހެދޭނެ ވާހަކަ، އިތުބާރާ އެކީގައި ދަންނަވަން އުނދަގޫ. އަޅުގަނޑަށް ބޮޑަށް ލަފާކުރެވެނީ، އަޅުގަނޑުމެންނަށް ބަނޑިދޫގެ ބޭރުތޮށި ހެދޭނީ މިއަންނަ އަހަރުގެ ތެރޭގައި. އެއީ އެމަސައްކަތް ސަރުކާރަށް ހިންގެން އޮތްގޮތް. އިރާދަކުރެއްވިއްޔާ، ސަރުކާރުން ތިޔަބޭފުޅުންގެ ބަނދަރުގެ ބޭރުތޮށި، މިއަންނަ އަހަރުގެ ތެރޭގައި، މިއަންނަ އަހަރުގެ ބަޖެޓްގައި ހިމެނި، އެ ބޭރުތޮށި ހެދިގެންދާނެ. އަޅުގަނޑު ބޭނުން، ބަނޑިދޫގެ ބަނދަރުގެ ބޭރުތޮށި މިއަހަރުވެސް ހަދަން. އަޅުގަނޑު ބޭނުން، ބަނޑިދޫގައި ރަނގަޅު ބަނދަރެއް އޮންނަން. އަދި ބަނޑިދޫގެ މަސްވެރިންނަށް، އެކަމުގެ އެހީތެރިކަން ލިބެން.

އަޅުގަނޑުމެންނަށް މިމަސައްކަތްތައް ކުރެވެނީ، ތިޔަބޭފުޅުންގެ އެހީތެރިކަން، އަޅުގަނޑުމެންނަށް ލިބުނީމާ. ތިޔަބޭފުޅުންގެ ވަކީލުންގެ ވަކާލާތާ ކުރުން އަޅުގަނޑުމެންނަށް އަޑު އިވުނީމާ. ތިޔަބޭފުޅުންގެ ވަކީލުންގެ އެހީތެރިކަން އަޅުގަނޑުމެންނަށް ލިބުނީމާ. އަޅުގަނޑަކަށް ދަންނަވަން ޖެހެނީ، އެ އެހީތެރިކަން އަޅުގަނޑުމެން ބޭނުންވާ މިންވަރަކަށެއް ނުލިބެއޭ. އަޅުގަނޑުމެން މި އުންމީދު ކުރަނީ، އަޅުގަނޑުމެންނާ އެކުގައި މަސައްކަތް ކުރާނެ ބައެއް، ތިޔަބޭފުޅުންގެ ތެރެއިން ނުކުންނާނެ ކަމަށް. އަޅުގަނޑުމެންގެ ޕްރޮގްރާމްތައް، އަޅުގަނޑުމެންނާ އެކުގައި ހިންގިގެން ނޫނީ، އަޅުގަނޑުމެން މިއެދޭ ބަދަލު، އަޅުގަނޑުމެން މިއެދޭ ބަނދަރު، އަޅުގަނޑުމެންނަކަށެއް ނުހެދޭނެ. އަޅުގަނޑު ދެންމެ މިދެންނެވީ ބަނދަރު އަޅުގަނޑުމެންނަށް ކަނޑައެޅިގެން ކަށަވަރުކަމާއެކީގައި ސަރުކާރަށް ހެދެން އޮތް ތާރީޚެއްގެ ވާހަކަ. އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަން ބޭނުން. އެހެން ނަމަވެސް، އަޅުގަނޑަށް ކުރެވެންހުރި މަސައްކަތް އެބަހުރި. އަޅުގަނޑަށް އަޅާލެވެންވެސް އެބަހުރި. އަޅުގަނޑަށް ރަށްރަށުގެ ބަނދަރު ހަދައިދެވެންވެސް އެބައޮތް. އެގޮތަށް ނިންމެންވެސް އެބައޮތް. އެމަސައްކަތް ކުރުމަށް އަޅުގަނޑުވެސް އަބަދުވެސް ބޭނުންވާނެ. އަޅުގަނޑުމެންނަށް ބަނޑިދުއާ އެކީގައި މަސައްކަތް ހިންގޭނަމަ، އަޅުގަނޑު ދަންނަވާނީ، އެއީކީއެއް އަޅުގަނޑުމެންނަށް މިއަހަރު ތެރޭގައިވެސް ނުވާނެ ކަމެއް ނޫނޭ.

މިރަށުގެ މިސްކިތް، އަލަށް ހެދެމުންދާ މިސްކިތް މިހާރުވަނީ، މިދިޔަ އަހަރު އެމިސްކިތުގެ މަސައްތް ނިންމިފައި. އަޅުގަނޑުމެންނަށް ސަރުކާރު ހިންގުމާ ޙަވާލުވިއިރުގައި، ފައިސާ ހަމަނުޖެހި، މަސައްކަތް ކުރުމަށް ކަނޑައެޅިފައި އޮތް ދެމަސައްކަތަކީ، ބަނޑިދޫގެ އެއްގަމު ތޮށްޓާއި އަދި ބަނޑިދޫގެ މިސްކިތުގެ މަސައްކަތް. އަޅުގަނޑު ހިތްހަމަޖެހޭ، އެދެމަސައްކަތްވެސް މިހާރު މިވަނީ ސަރުކާރުން ނިމިފައި. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތަނުގައިވެސް ބަނޑިދޫގެ ތަރައްޤީގެ ނުހަނު ގިނަ މަސައްކަތްތައް މި ސަރުކާރުން ކުރަމުން ގެންދާނެ.

ބަނޑިދޫ މަސްވެރިންނަށް، އަޅުގަނޑަށްވުރެ ބޮޑަށް، މާބޮޑަށް ސާފުވާނެ. މީގެކުރީގައި، ކަޅުބިލަމަސް ބޭނި މަސްވެރިންނަށްވެސް ކިލޯ ހަމަނުވާ މަހަކަށް، ކިލޯއަކަށް ގިނަވެގެން ލިބުނީ ފަސްރުފިޔާ. ސަރުކާރުގެ ސިޔާސަތު ބަދަލުކުރުމާ އެކުގައި، މިހާރު ތިޔަބޭފުޅުން އައިސްއާ ނުލައި، ކިލޯއެއް ވިއްކާނެ ނުވަރުފިޔާ ބަޔަށް ނުވަތަ ބާރަ ރުފިޔާ ފަންސަވީސް ލާރިއަށް. ތިޔަބޭފުޅުން 2008 ވަނަ އަހަރު ބޭނި 15 ޓަނު މަހެކޭ، މިއަހަރު ބާނާ 5 ޓަނު މަހެކޭ، އާމްދަނީގެ ގޮތުން އެއްވަރު. އެއީ، ސަރުކާރުގެ ސިޔާސަތަށް ގެނައި ބަދަލެއް. ޕާޓީގެ ފަރާތުން ވެފައި އޮތް ވަޢުދެއް. ވަޢުދަކީ ޕާޓީގެ ސަރުކާރެއްގައި، ރާއްޖޭގެ މަސްވެރިން ބާނާ މަހުގެ އަގު، އޭގެ ހަމައަގަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގެނެސްދޭނަމޭ. ސަރުކާރުގެ ސިޔާސަތު ބަދަލުކުރުމާ ގުޅިގެން، މިދެންނެވި މަހުގެ އަގު މިދަނީ ކުރިއަށް، މައްޗަށް. އަދި ބަނޑިދޫ ކަންނެއްޔަށްދާ މީހުންނަށް މީގެ ފައިދާއާއި މަންފާ އަދި މާބޮޑަށް ފެންނާނެ. ބަނޑިދޫ މީހުން، މިދިޔަ 6 މަސް ކުރީގައިވެސް މަސްކިލޯއެއް، ކަންނެލި ކިލޯއެއް ވިއްކާފައި އޮންނާނީ ގިނަވެގެން 60 ރުފިޔާއަށް. މިއަދު މިރަށުން، ބަނޑިދުއަށް، މާލެއަށް މަސްކިރަންދިޔަ މީހުން ވިއްކާނެ 110 ރުފިޔާއަށް ކިލޯއެއް. އެއީ، ސަރުކާރުގެ ސިޔާސަތަށް ގެނެވުނު ބަދަލެއް. ސަރުކާރުން ބޭނުންނުވީ، މަސްވެރިކަމަކީ މަދު ބައެއްގެ އަތުގައި ތަޅުލެވިފައި އޮތް ޞިނާޢަތަކަށްވާން. ސަރުކާރުން ބޭނުންވީ، ހުޅުވިފައި އޮތް ވާދަވެރި ސިޔާސަތެއްގެ ތެރެއިން މަސްވެރިކަން ހުޅުވާލައި، ރާއްޖޭގެ މަސްވެރިންނަށް، އޭގެ ޙަޤީޤީ ފައިދާ ލިބޭނެ އިންތިޒާމެއް ހަމަޖެއްސުން. އަޅުގަނޑުމެން މިއަދު އެމަސައްކަތް މިދަނީ ކުރެވެމުން. އަޅުގަނޑުމެންނަށް މިއަދު އެކަމުގެ ނަތީޖާ މިދަނީ ފެންނަމުން.

އަޅުގަނޑު މިދަންނަވާ މަސައްކަތްތަކަކީ، މިރަށުގެ ބައެއް ބޭފުޅުންނަށް، ގިނަ ބޭފުޅުންނަށް ފާހަގަނުކުރެވި ހުރި މަސައްކަތްތަކަކަށް ވެދާނެ. އެހެން ނަމަވެސް، އަޅުގަނޑަށް ޔަޤީންވާ އެއްޗަކީ، ޢުމުރުން ދޮށީ މީހާއަށް، ބޭސް ސިޓީއެއް ލިބި، ބޭސް ނުލިބިގެން އުޅޭ މީހާއަށް، އެކަނިވެރި މަންމައަށް، ޔަތީމު ކުއްޖާއަށް، ޚާއްޞަ އެހީއަށް ބޭނުންވާ މީހާއަށް، ޟަރޫރީ އެހެން ބޭނުންތަކަށް ބޭނުންވާ މީހާއަށް މިދަންނަވާ ބަދަލު ވަރަށް ސާފުކޮށް އެނގިލައްވާނެ. އަޅުގަނޑުމެން ސަލާމަތް ކުރަން ވެގެން މިއުޅެނީ، ސާދާބަހުން ދަންނަވަނީނަމަ، މާލޭގެ ވިޔަފާރިވެރިންނަށް މިރަށްރަށް، އެމީހުންގެ އަމިއްލަ ތަރިކައިގެ ގޮތުގައި ބަލައިގެން ނޫޅެވޭނެ ގޮތަކަށް، ރައްޔިތަކަށް ރައްކާތެރިކަން ދިނުން. އެ ރައްޔިތުންގެ އަމިއްލަ ޙަލާލު މަސައްކަތުން، އެމީހުންނަށް އެމީހުންގެ ކަންކަން ނިންމޭނެ ގޮތެއް ހޯދުން.

ސަރުކާރުގައި ހުރި ހުރިހާ ފައިސާއަކީ ހަމަ ސީދާ ތިޔަބޭފުޅުންގެ ފައިސާ. އަޅުގަނޑު ހަމަ ކޮށްދޭ އެއްކަމެއްވެސް ނޯންނާނެ. ހުރިހާ ކަމަކީވެސް ތިޔަބޭފުޅުން ކުރާ ކަންކަން. އަޅުގަނޑާ ތިޔަބޭފުޅުން ޙަވާލުކޮށްފައިވަނީ އަމާނާތެއް. މި ދައުލަތުގެ ޚަޒާނާ ބެލެހެއްޓުން. ރާއްޖެއަށް ލިބޭ އާމްދަނީ އެއްކޮށް، އެ އާމްދަނީ އިތުރުކޮށް، އެ އާމްދަނީ ރަނގަޅު ގޮތްގޮތުގައި ޚަރަދު ކުރުން. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، އަޅުގަނޑެއް ތިޔަބޭފުޅުންގެ ފައިސާގެ ލޯ ލާރިއެއްގައިވެސް އިރާދަކުރެއްވިއްޔާ ނުޖެހޭނަން. އަޅުގަނޑުގެ އަބަދުވެސް އަޅުގަނޑުމެންގެ ބޭނުމަކީ، މިރަށްރަށުގެ ތަރައްޤީ. އަޅުގަނޑުމެން މި ސަރުކާރު ދެމި މިއޮންނަނީ، ހަމަ އެންމެ ބޭނުމަކަށްޓަކައި. އެއީ ތިޔަބޭފުޅުންނަށް ސަރުކާރުން ވެފައިވާ ވަޢުދު ފުއްދުމަށްޓަކައި. ސަރުކާރުން ރައްޔިތުންނަށް ޚިދްމަތް ކުރުމަށްޓަކައި. ޚިދްމަތް ކުރުމުގެ ފުރްޞަތު އަޅުގަނޑުމެންނަށް، އަޅުގަނޑު އަބަދުވެސް ދަންނަވަން. އަޅުގަނޑުމެންނަށް ތިނޯހެއްގެ ފަގަފަދަ މިންވަރެއް ދެއްވި ނަމަވެސް، އަޅުގަނޑުމެން އަނބުރާ މޭލެއް ތިޔަބޭފުޅުންނަށް އަރުވާނަމޭ. އަޅުގަނޑުމެންނަށް ތަރައްޤީގެ މަސައްކަތް ހިންގާން އިރާދަކުރެއްވިއްޔާ އެނގޭނެ.

މިރަށުގެ އިންޖީނުގޭގެ ވާހަކަ، ކަތީބު ދެންމެ ވިދާޅުވެއްޖެ. އެކަން ކުރުމަށް ސަރުކާރުން ރާވާފައި އޮތް އިންތިޒާމެއް އެބައޮތް. އެކަމާ ނޫޅުއްވާ. ޔޫޓިލިޓީ ކުންފުންޏަށް ދެއްވާ. އަޅުގަނޑު ދަންނަން، މިތާ އިންޖީނުގޭގެ ހާލު. އެ ރަނގަޅެއް ނުވާނެ، ރައްޔިތުންގެ އިންޖީނުގޭގެ ގޮތުގައި ހަދަން އުޅެގެނެއް. ތިޔަބޭފުޅުންނަށް މިދިޔަ 27 އަހަރުގެ ތެރޭގައި، އެންމެ ބޮޑަށް އެނގިފައި އޮންނާނެ އެއް ޙަޤީޤަތަކީ، އޭތީގެ ސަންޕާއި، އޭގެ ނަރާއި، އޭގެ ތެލާއި، އޭގެ ޕެކިނުގެ ވާހަކަ ދެއްކުން ނޫން ވާހަކައެއް ނެތްކަން. އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ، ކުދިކުދި ރަށްރަށުގައި މިފަދަ ކަންކަން ހަމައެކަނި ރަށުގެ ދަރަޖައިގައި ހިންގައިގެނެއް ދެކޮޅެއް ނުވެސް ޖެއްސޭނެކަން. އެކަންކަން ރަނގަޅަށް ނުހިންގޭނެކަން. އެހެންވެގެން، ސަރުކާރުން ޔުޓިލިޓީ ކުންފުނިތައް އުފެއްދީ. ޔުޓިލިޓީ ކުންފުނިން ކަރަންޓްދޭ ތަންތަނުގައި އިންޖީނުތައް ރަނގަޅު. ކަރަންޓްގެ އަގު އިންތިހާއަށް ހެޔޮ. އަދި ވަރަށް ފުރިހަމައަށް އެކަން ކުރަމުން ގެންދޭ. އަޅުގަނޑު ހަމަ ދަންނަވަން އޮތީ، ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ތިޔަބޭފުޅުން މަސައްކަތް ކުރައްވަންޏާ، އަޅުގަނޑުމެންނަށް ތިޔަބޭފުޅުންނާ އެކީގައި މަސައްކަތް ކުރެވޭނެ. މިވަގުތު ސަރުކާރުގައެއް ނެތް ޕްރޮގްރާމެއް، ތިޔަބޭފުޅުންގެ އިންޖީނުގެއަށް ވަކިން އަޅުގަނޑު ނަގާ ރުފިޔާދޭކަށް. އެފައިސާއެއް އަޅުގަނޑުމެންނަކަށެއް ނުދެވޭނެ. ފައިސާ ލިބޭނެ. އެހެން ނަމަވެސް، އިންޖީނުގެ މާދަމާވެސް ޔޫޓިލިޓީ ކުންފުންޏާ ޙަވާލުކުރެއްވީމާ، ތިޔަބޭފުޅުންނަށް ދެން އިތުރަށް އެވާހަކަ ދައްކަމަކުން އިރާދަކުރެއްވިއްޔާ ހިނގާކަށް ނުޖެހޭނެ. ތިޔަބޭފުޅުން ބޭނުންވެލެއްވީމާ، ހެޔޮ އަގުގައި، ތިޔަބޭފުޅުންނަށް ކަރަންޓް ކޮންމެ ޔުނިޓެއް ލިބެމުންދާނެ.

އަޅުގަނޑަށް އެނގޭ، ތިޔަބޭފުޅުންގެ ފިކުރެއް ނޫންކަން އެއީ، ޔޫޓިލިޓީ ކުންފުންޏާ އިންޖީނުގެ ޙަވާލުނުކޮށް ހުންނަ ހުރުން އެއީ. މާލޭގައި ހުންނަވާ ކޮންމެވެސް މާ މޮޅު ބޭފުޅެއްގެ މާބޮޑު ލަފައަކަށްވާނީ. އެ ލަފައިގައި ހިއްޕަވައިގެން އުޅުއްވައިގެނެއް، އެބޭފުޅުން ބޭނުންވެލައްވަނީ ވެރިކަން ބަދަލުވާން. އަޅުގަނޑަށް ޔަޤީން އެކަމެއް ނުވާނެކަން. އަޅުގަނޑުމެންނާ ގާތްވާ ހިސާބަށްވެސް. މި ޕާޓީ، އަޅުގަނޑުމެން ސައިވާ ގޮޅިއަކަށް އަޅުގަނޑުމެން ނާރާނަން. އަޅުގަނޑެއް ގޮޅި ހުހެއް ނުކުރެވޭނެ. އަޅުގަނޑުމެންގެ ބޮނދަކާ ގާތެއް ނުވެވޭނެ. އަޅުގަނޑުމެންގެ ވެރިކަމެއް، އިންތިޚާބުން ނޫން ގޮތަކަށް ބަދަލެއް ނުވާނެ. އަޅުގަނޑުމެން ވެރިކަމުގައި ތިބެނީ، ރައްޔިތުންގެ ރުހުމާއި، ރައްޔިތުންގެ ލޯތްބާއެކުގައި. އެ ލޯތްބާއި، އެ ރުހުން ނެތުނީމާ، އަޅުގަނޑުމެންނެއް ނޫން ވެރިކަމުގައި ތިބޭނީ. އޭރުން ތިބޭނީ އެހެން ބައެއް. އަޅުގަނޑުމެންނެއް ނޫޅެން، ގަދަ ބާރުން، އަނިޔާކޮށްގެން، ރައްޔިތުންނަށް ބިރު ދައްކައިގެން، މި ވެރިކަމުގައި ތިބޭކަށް. މި ވެރިކަމުގެ އަރާމާއި، ޢިއްޒަތާއި، ޖާހަތަށްޓަކައެއް ނޫން، އަޅުގަނޑުމެން ވެރިކަމުގައި މިތިބެނީ.

އަޅުގަނޑުމެންގެ އަމާޒަކީ ބަނޑިދޫގެ ތަރައްޤީ. އަޅުގަނޑުމެން ހޯދާން މިއުޅެނީ، ބަނޑިދޫގެ ތަރައްޤީ. އަޅުގަނޑު ދަންނަވާނީ، ތިޔަބޭފުޅުން ހަމަ ޒައްރެއްގެ މިންވަރުގެ ފުރްޞަތެއް ދެއްވިޔަސްވެސް، އަޅުގަނޑުމެންނަށް އެކަން ކުރާން އޮތް އުނދަގޫ ކަމަކަށް ނުވާނެއޭ. މި ސަރަޙައްދަކީ ފަތުރުވެރިކަން އިރާދަކުރެއްވިއްޔާ، ފުޅާވަމުން އަންނަ ސަރަޙައްދެއް. އަދި މިރަށްރަށަކީ ނުހަނު ރީތި، ހިތްގައިމު، އެހާމެ ހިތްހެޔޮ މީހުން ދިރިއުޅެމުން އަންނަ ރަށްރަށް. ބަނޑިދުއަކީ ހަމަގައިމުވެސް މީހުން ހިތްހެޔޮ ރަށެއްކަން އަޅުގަނޑު ވަރަށް ބޮޑަށް ދަންނަން. ބަނޑިދުއަކީ ޓުއަރިޒަމްގެ މަސައްކަތްވެސް އަދި މަސްވެރިކަމުގެ މަސައްކަތްވެސް ރަނގަޅަށް ހިންގެން އޮތް ރަށެއް. މިއަދު ސަރުކާރުން މިވަނީ ގެސްޓްހައުސް ހެދުމުގެ ހުއްދަދީފައި. އަދި އިރާދަކުރެއްވިއްޔާ، މިއަހަރުގެ ތެރޭގައި، މިމަހުގެ ތެރޭގައި، ފެބްރުއަރީ މަހު ތެރޭގައި، މާފްކުރައްވާ، މިތަނުގައި ދަތުރުފަތުރު ކުރުމުގެ ނިޒާމް، މިހާރަށްވުރެ ރަނގަޅުވެގެންދާނެ. އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތީ އެގޮތަށް. ކޮންމެ ދުވަހަކުވެސް އެއްފަހަރު ބަނޑިދުއަށް ދަތުރު އަންނާނެ. އަދި ކޮންމެ ދުވަހަކުވެސް އެއްފަހަރު ބަޑިދޫން ފުރޭނެ. އެހެންވީމާ، އެ ނިޒާމްގެ ތެރެއިން، ދަތުރުފަތުރު ކުރުމުގެ ޞިނާޢަތަށް، އެ ވިޔަފާރީގެ ތެރެއަށްވެސް ބަނޑިދޫ ރައްޔިތުންނަށް މިއޮތީ ވަދެވޭން. ތިޔަބޭފުޅުންނަށް އެކަންކަންވާނެ.

މާލޭ މީހުން ކައިރިއަށް ނުވަތަ ތަނެއްގައި ހުންނަ މާމޮޅު ވިޔަފާރިވެރިއެއް ކައިރިއަށް ތިޔަބޭފުޅުން ވަޑައިގަންނަވާކަށް ޖެހިވަޑައެއްނުގަންނަވާނެ. ސަރުކާރަކީ ތިޔަބޭފުޅުންގެ އެއްޗެއް. ތިޔަބޭފުޅުންގެ ޕާޓީގެ އެއްޗެއް. އަބަދުވެސް އޮންނަނީ ތިޔަބޭފުޅުންގެ ބާރު ހިނގާ ގޮތަށް. އާދައިގެ ޕާޓީ މެންބަރެއްގެ ބާރު، މި ސަރުކާރުގައި މާ ގަދަވާނެ، މާލޭ މަހުޖަނަކަށްވުރެ. ގަބޫލު ކުރައްވާ، އަޅުގަނޑު ދެންނެވީމާ. އަޅުގަނޑު ނުދަންނަ ބައެއް ނޫން، މާލޭ ވިޔަފާރިވެރިންނަކީ. މި ޕާޓީގެ، މި ސަރުކާރުގައި ޕާޓީގެ އާދައިގެ މެންބަރެއްގެ ނުފޫޒާއި ބާރު މާ ގަދަވާނެ. އެއްވެސް ހާލެއްގައި، ބިމެއްވެސް ނުލިބޭނެ، ކޮންމެހެންނެއް މަހުޖަނަކު ބުނިއްޔޭ ކިޔާފައި. ރަށެއްވެސް ނުލިބޭނެ. އަދި އެހެން ތަނެއްވެސް، އެހެން ތަނެއްވެސް ނުލިބޭނެ. ތަންތަން ލިބޭނީ ރައްޔިތުންނަށް. ތަންތަނަކީ ރައްޔިތުންގެ ތަންތަން. ރައްޔިތުން ނުބުނާ ގޮތަކަށް، ނޭދޭ ގޮތަކަށް އަޅުގަނޑުމެންނެއް ނޫޅެން، ކަންކަން ކުރާކަށް.

އަޅުގަނޑުމެންގެ ވެރިކަން ދަމަހައްޓަނީކީއެއް، ވިޔަފާރިވެރިންގެ ފައިސާއަކުންނެއް ނޫން. މި ސަރުކާރު ދަމަހައްޓަނީ، ރައްޔިތުންގެ އިޙްތިރާމާއި، ޤަދަރާއި، ލޯބި. ތިޔަބޭފުޅުން. ބަނޑިދޫ ރައްޔިތުން އަޅުގަނޑުމެންދެކެ ލޯބިވުން ހުއްޓާލާ ދުވަހު، އަޅުގަނޑުމެން ގެއްލޭ ދުވަސް އެއީ. އަޅުގަނޑަށް މީހަކު ފައިސާއެއްދީގެނެއް އަޅުގަނޑެއް ނުގުޑާނެ. މީގެކުރިއަކުވެސް ގުޑާފައެއް ނޯންނާނެ. އަދި ކުރިއަށް އޮތް ތަނުގައިވެސް، އެކަމަކު އެކަމެއް އެހެނެއް ނުދާނެ. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން ބޭނުންވަނީ، ތިޔަބޭފުޅުން ނުކުންނަވާށޭ. މީސް މީހުންގެ ފަހަތަށް އަރާވަޑައިނުގަންނަވާށޭ. ޕާޓީގައި އޮންނާނެ ފިކުރެއް. ޕާޓީގައި އޮންނާނެ ޚިޔާލާތެއް. ޕާޓީގެ ކޮންގްރެސްއިން ޕާޓީގެ ފިކުރު ބަދަލުކުރާން ތިޔަބޭފުޅުން ބޭނުންވެލައްވަންޏާ ކުރައްވާށޭ. ބަނޑިދޫ ރައްޔިތުންނަށް އަބަދުވެސް ޕާޓީގެ ގޮފިތަކުގެ ތެރެއިން، ޕާޓީގެ ސިޔާސަތު ބަދަލުކުރެވޭނެ. ކަންކަން ކުރެވޭނެ. އަޅުގަނޑުމެން އެކުލަވައިލާފައިވަނީ، ކަންކަން ތިޔަބޭފުޅުންނަށް ކުރެވޭނެފަދަ ސިޔާސީ ނިޒާމެއް. އެ ނިޒާމްގައި ސިޔާސީ ޕާޓީއަކީ އެންމެ މުހިންމު މުއައްސަސާ. އަޅުގަނޑު ތަކުރާރު މިކުރަނީ. މިރަށުގައި އަޅުގަނޑު ކުރަން ޖެހޭތީވެ. މުޅި މި ދ. އަތޮޅުގައިވެސް އަޅުގަނޑު ކުރަން ޖެހޭތީވެ. ނިލަންދެއަތޮޅަށް ވަރަށްދެރަ ގޮތެއް ދިމާވާތަން އަޅުގަނޑަށް އެބަ ފެނޭ. ތިޔަބޭފުޅުންގެ އަތޮޅު، މުޅި އަތޮޅު އެކީގައި އެއީ، މާލޭގެ ދެވިޔަފާރިވެރިއެއްގެ މިލްކިއްޔާތަކަށް ވެގެން ނުވާނެ. މިއީ، އަޅުގަނޑުމެންގެވެސް އަތޮޅެއް. މާލޭގައި އަޅުގަނޑުމެން ތިއްބެއްކަމަކު. އަޅުގަނޑުމެންގެ ޙަޔާތެއްވެސް މިރަށްރަށުގައި ކުޑައެއްނުވާނެ. މިއީ، އެންމެންގެ އަތޮޅެއް. މުޅި ރާއްޖޭގެ އެންމެންގެ އަތޮޅެއް. މި ބަނޑިދުއަކީ އަޅުގަނޑުމެން އެންމެންގެ ރަށެއް. ބަނޑިދޫ މީހުންގެ އެކަނި ރަށެއްވެސް ނޫން. އަދި ޖެހިގެން ތިއޮތް ހުޅުދެއްޔަކީވެސް ބަނޑިދޫ މީހުންގެ ރަށެއް. މާލޭ މީހުންގެވެސް ރަށެއް. އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުމެންގެ ވިސްނުން، އަޅުގަނޑުމެންގެ ރަށު ގޮނޑުދޮށުން ބޭރަށް ގެންދަން. މިއަތޮޅު ދުނިންވެސް ބޭރަށް، އަދި މި ރާއްޖޭގެ އަސްދަނޑިންވެސް ބޭރަށް ގެންދަންޖެހޭ. އަޅުގަނޑުމެން މިއެދޭ ތަރައްޤީ އަޅުގަނޑުމެންނަށް ލިބޭނީ، އަޅުގަނޑުމެން ހުޅުވި ތިބެގެން. އަޅުގަނޑުމެންނަށް ތަރައްޤީ ހޯދޭނީ، އަޅުގަނޑުމެންނަކީ ވިސްނުން ފުޅާ ބަޔަކަށްވެގެން.

އަޅުގަނޑުމެން ކުރާން މިއުޅޭ ކަމަކީ ވަރަށް ސާފު ކަމެއް. މާލޭގައި ހުރި ބާރުތަކުން ބައެއް، މިރަށަށްދޭން. ޒަމާނުއްސުރެ ފަށައިގެން މާލޭގައި އެއްކޮށްފައި ހުރި ވެރިކަމުގެ ބާރު، އެ ބާރު މިއުޅެނީ މިރަށަށް ބަހާލަންވެގެން. އެބާރު ބެހުމުގައި، މާލެއަށް އެ ބާރު އެއްކުރީ، މާލޭގެ ވެރިކަމުގެ ޚާންދާންތަކުން. މިދޔަ ހަތްސަތޭކަ، އަށްސަތޭކަ، އެއްހާސް އަހަރު ވަންދެން، އެ ޚާންދާންތަކުން ކުރެއްވި މަސައްކަތް. މިއަދު ތިޔަބޭފުޅުން ބައްލަވާ، އެމް.ޑީ.ޕީ.ގެ ކުރީ ސަފުގައި ތިއްބެވީ، މިދެންނެވި ވެރިކަމުގެ ޚާންދާންތައް. އެބޭފުޅުން ބަނޑިދުއަށް ވަޑައިގެން އެތިއްބެވީ، އެބޭފުޅުންގެ މައިންބަފައިން، އެބޭފުޅުންގެ ކާބަފައިން އެއްކުރި ބާރު، ތިޔަބޭފުޅުންނަށް ދިނުމަށްޓަކައި. ލާމަރްކަޒީ އުޞޫލަކީ އެމް.ޑީ.ޕީ.ގެ ފިކުރެއް. ޤާނޫނުއަސާސީ އިޞްލާޙް ކުރެވެމުންދިޔައިރުގައި، ފުރަތަމަ ފާސްކުރެވުނު އަސާސީ ސިފަތަކާއި އުޞޫލުތަކުގައި، ލާމަރްކަޒު ކުރާ ވާހަކައެއް ނެތް. އޭގައި އޮތީ ދިވެހި ދައުލަތަކީ ޔުނިޓަރީ ދައުލަތެކޭ. ލާމަރްކަޒީ އުޞޫލަކީ، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ އައްޑުއަތޮޅުގެ ޢިއްޒަތްތެރި މެންބަރާއި، ކޮޅުމަޑުލުގެ ޢިއްޒަތްތެރި މެންބަރު، ދެމެންބަރުންވެސް އެމް.ޑީ.ޕީ. ދެމެންބަރުން، ފަހުން ހުށަހެޅުއްވި އިޞްލާޙަކާ އެކީގައި ނުކުތް ނަތީޖާއެއް. އަޅުގަނޑުމެން މިއަދު ތަންފީޛު ކުރަންމިދާ މިދެންނެވި ނަތީޖާ. ޙަޤީޤަތަކަށް ގެންނާން މިއުޅެނީ މިދެންނެވި 8 ވަނަ ބާބު. ދިރުން މިދެނީ އެބަސްތަކަށް، އެ ޖުމްލަތަކަށް. އެއީ މިރަށުގެ ތަރައްޤީގެ އެންމެ މުހިންމު އެއް މުއައްސަސާ.

އަޅުގަނޑު ދެކޭގޮތުގައި، އަޅުގަނޑަށް ފެންނަ ފެނުމުގައި ބަނޑިދޫގެ މުސްތަޤްބަލް އުޖާލާ. ބަނޑިދުއަށް އަޅުގަނޑަށް ފެންނަނީ ވަރަށް ފަހި އުޖާލާ ޒަމާނެއް ލިބިދާނެ ކަމަށް. އަޅުގަނޑު ބަނޑިދޫ ރައްޔިތުންގެ ކިބައިން އެދެނީ، އަޅުގަނޑުމެންނާއެކުގައި، އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރާށޭ. އަދި ހަމައެހެންމެ، ވާދަވެރި ފަރާތްތަކުގެ ކިބައިންވެސް އަޅުގަނޑު އެދެނީ، ވިސްނަވާށޭ، ތިޔަބޭފުޅުންގެ ވިސްނުމާ އެއްގޮތަށް ކަންކަން ކުރައްވާށޭ. ޑީ.އާރު.ޕީ މެންބަރުން، ޑީ.އާރު.ޕީ އަށް ވޯޓް ދެއްވުން ބުއްދިވެރިވާނެ. އެމް.ޑީ.ޕީ މެންބަރުން އެމް.ޑީ.ޕީ. އަށް ވޯޓް ދެއްވުން ކޮންމެހެންވެސް ލާޒިމްވާނެ. ދެން ވަކި ޕާޓީއަކަށް ނުހިމެނޭ މެންބަރުން، ކޮން ޕާޓީއެއްގައިތޯ ސިޔާސަތު ރަނގަޅީ ބައްލަވާފައި، ރަށުގެ ތަރައްޤީ ހޯދޭނީ ކިހިނެއް، ކޮންގޮތެއް، ކޮންކަމެއް ކުރީމާތޯ ބައްލަވާފައި، އެބަޔަކަށް ވޯޓް ދެއްވީމާ ނިމުނީ. އަޅުގަނޑު ދަންނަވާނީ، ރަށުގެ ތަރައްޤީ ލިބޭނީ ތިލަފަތަށް ވޯޓް ދެއްވީމައޭ.

އަޅުގަނޑުގެ ދުޢާއަކީ، ތިޔަބޭފުޅުންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑު ދަންނަވާނީ، މި ކުރިމަތީގައި މިއޮތީ އުޖާލާ ޒަމާނޭ، އުފާވާ ޒަމާނޭ. އުފާވާ ޒަމާނޭ، ހިތާއޭ އަހާށޭ، އުފާވެރިވި މި ރާގޭ.

والحَمْـدُ لِلّـهِ. والســّلام عليــكم.

_______________________