بســم اللّـه الرّحمـن الرّحيــم

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ވަގުތީ ރައީސް އޮނަރަބްލް އިބްރާހީމް ޙުސައިން ޒަކީ، ޕާޓީގެ ޗެއަރޕަރސަން އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން. ދައުލަތުގެ ވެރިން. އަދި ރިނބުދޫގެ ލޮބުވެތި ރައްޔިތުން.

السّـلام عليـكم

ރިނބުދުއަކީ ވަރަށް ނިކަމެތި ގޮތެއް، މިދިޔަ ހަތަރު ފަސްއަހަރުގެ ތެރޭގައި ދިމާވެފައިވާ ރަށެއް. ސުނާމީގެ ގެއްލުން ލިބުނު ކަމަށް ބުނެ، މިރަށުގެ ރައްޔިތުންގެ ތެރެއިން ވަރަށްގިނަ ބަޔަކު ވަނީ އެހެން ރަށަކަށް ބަދަލުކުރެވިފައި. އަޅުގަނޑުމެން މިއަދު ހަމަ މިދިޔަ ހަފްތާގެ ތެރޭގައި، ށ. އަތޮޅު ނޫމަރާއަށްވެސް ދެވުނު. އެރަށާއި ރިނބުދުއާ ހަމަ އެއްބާވަތެއްގެ މައްސަލަ ދިމާވެގެން އުޅޭ ދެރަށް. މިރަށްރަށް އަޅުގަނޑުމެންނަށް ރައްޔިތުންގެ އުންމީދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ތަރައްޤީކޮށް، ރައްޔިތުންނަށް އުޅެވޭނެ ގޮތްތަކެއް ހޯދުމަށްޓަކައި ކޮންމެހެން ތަރައްޤީ ކުރަން މިޖެހެނީ، ރަނގަޅު ދަތުރުފަތުރު ކުރުމުގެ ނިޒާމެއް. އަޅުގަނޑަށް ޔަޤީން، ރިނބުދޫ އެންމެ ބޭފުޅުން ގަބޫލު ކުރައްވާނެ، މިރަށަށް އާބާދީ އިތުރުކުރުމަށްޓަކައި ނުވަތަ ތަރައްޤީ ކުރިއަށް ގެންދިޔުމަށްޓަކައި މިރަށަށް އެބަ ބޭނުންވޭ، އެހެން ރަށްރަށުގެ ޚިދްމަތްތަކާ. އެހެން ރަށްރަށުގެ މުދަލާއި ޚިދްމަތް މިރަށަށް ފަހިވާގޮތަކަށް ވެގެން ނޫނިއްޔާ، މިރަށުގެ ތަރައްޤީއަށް މަސައްކަތް ކުރަން، ނުވަތަ ތަރައްޤީ ޙާޞިލުކުރަން ވަރަށް ދަތިވާނެ.

އަޅުގަނޑަށް ފެންނަ ފެނުމުގައި، މިހާރު މިރަށް ހިނގަނީ، އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމް ހިނގާކަމުން. އެއީ، މަދަނައިގައި، އެނގިވަޑައިގަންނަވާނެ، މިރަށުގެ 84 ރައްޔިތަކު ބައިވެރިވެފައި އެބަވޭ. އަދި 2010 ވަނަ އަހަރު މަދަނައިގެ ޚިދްމަތް، މިރަށުގެ ރައްޔިތުންނަށް ދެލައްކަ ސާޅީސް ތިންހާސް ރުފިޔާ ޚަރަދު ކުރެވުނު. އެއީ، ހަމަ ސީދާ ރިނބުދޫ ރައްޔިތުންގެ ބޭސްފަރުވާއަށްޓަކައި. އެމީހުންގެ ބޭސްސިޓީއަށް ބޭސް ގަތުމަށްޓަކައި. އަޅުގަނޑުމެން ބޭނުން، ރިނބުދޫ ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދޭން. އެ އިޖްތިމާޢީ ރައްކާތެރިކަން ސަލާމަތްކޮށްދޭން. އަޅުގަނޑުމެނަށް މިދެންނެވި 84 ރައްޔިތުންނަށް އަދި އިތުރަށް މިއަހަރު އެމީހުން ބައްޔެއްވިޔަސްވެސް، އެއްލައްކަ ރުފިޔާގެ ބޭސްފަރުވާ، ދައުލަތުގެ މާލިއްޔަތުގައި ރައްކާކުރެވިފައި އެބަހުރި. އެހެންވީމާ، އަޅުގަނޑު ދެކެން، އަޅުގަނޑު އުންމީދު ކުރަން، މަދަނައިގައި ރަޖިސްޓްރީވެފައިވާ ރިނބުދޫ ގިނަ ރައްޔިތުންނަށް، ބޭސްފަރުވާއަށް ސަލާންޖަހަން ނުޖެހި، ބޭސްސިޓީއަށް ސަލާންޖަހަން ނުޖެހި، އެމީހުންނަށް އެމީހުންގެ ޢާންމު ޚިދްމަތްތައް ފަހިވެގެންދާނެ ކަމަށް.

އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްގެ ތެރެއިން ދެން ސަރުކާރުން ހިންގަނީ، ޢުމުރުން 65 އަހަރުން މަތީގެ މީހުންނަށްދެވޭ ޕެންޝަންގެ ޕްރޮގްރާމް. މިރަށުގައި އެ ޕެންޝަން ލިބިވަޑައިގަންނަވާ 18 މީހަކު އެބަތިބޭ. އެމީހުންނަށް ގަވާއިދުން މި ޕެންޝަންދެމުންދާތާ މިހާރު ދެއަހަރު މިވަނީ. އަދި ކޮންމެ މަހަކު އެ ޕެންޝަނަށްޓަކައި، މިރަށަށް ތިރީސް ހަހާސްރުފިޔާ ޚަރަދު ކުރުމުގެ ފުރްޞަތު، ސަރުކާރަށް ލިބިފައި އޮތްކަމީ، އެއީ ސަރުކާރަށް ލިބޭ ހިތްވަރެއް. އަދި އެކަނިވެރި މައިންގެ ގޮތުގައި މިރަށުގެ 18 ފަރާތަކަށް އެހީތެރިވެދެވޭ. އަދި ލޯފަން ކުދިންނަށްދެވޭ އެހީތެރިކަމާއި، ނުކުޅެދޭ މީހުންނަށް، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށްދެވޭ އެހީތެރިކަން، މި ޖަނަވަރީ ނިމުނީމާ ފަށައިގަނެވޭނެ. އަޅުގަނޑު ހަނދާންވޭ، ރިނބުދޫން. އަޅުގަނޑަކަށް މީދޫން އެކުދިންނެއް ނުފެނޭ. އެހެން ނަމަވެސް، ލޯފަން ދެކުއްޖަކު އަޅުގަނޑު ގާތުގައި ބުނި. މިދިޔަ އަހަރު އަޅުގަނޑު މިރަށަށް އައިއިރު، އެމީހުންނަށް އެ އެހީތެރިކަން އަދި ފަހިވެފައިނުވާ ކަމަށް. މިހާރު އެ އެހީތެރިކަން ދެވެން ފަށައިފި. އަޅުގަނޑު ބަލައިލަން ބޭނުންވަނީ، އެކަން މިހާރު އެކުދިންނަށް ފަހިވެގެންދޭތޯ. އެކުދިންނަށް ހިނގާތޯ. އެ ނުހިނގާ ކަމަށްވާނަމަ، އަޅުގަނޑު ރަށު އޮފީހާއި ކަތީބުން އަރިހުން އެމަސައްކަތް ބާރަށް ހިންގޭތޯ ބަލައިދިނުމަށް އެދެން ބޭނުން.

ރިނބުދޫގެ ތަރައްޤީ އަޅުގަނޑުމެންނަށް ހޯދޭނީ، ރިނބުދޫ ދަރިންނަށް ރަނގަޅު ތަޢްލީމެއް ދެވިގެން. އަދި މިތަނުގެ އާމްދަނީ ރަނގަޅު ކުރެވިގެން. ރިނބުދުއަށް ވަންނަ ފައިސާގެ މިންވަރާއި ޢަދަދު އިތުރުކުރެވިގެން. އެކަން އެހެން ކުރުމަށްޓަކައި މިތަނުގައި ހުރި ހުރިހާ ޤުދްރަތީ ވަސީލަތްތަކެއް، އެކަމަށް އެބަ ބޭނުންކުރަންޖެހޭ. މިރަށުގައިވެސް އަދި ރާއްޖޭގެ އެހެން ރަށްރަށުގައިވެސް ހުންނަ އެންމެ ރަނގަޅު ޤުދްރަތީ ވަސީލަތަކީ އިންސާނާ. ރިނބުދޫ މީހުން. އިންސާނީ ވަސީލަތްތައް. އެ ރައްޔިތުންނަށް ތަންދޮރު އެނގި، ރައްޔިތުންނަށް ތަރައްޤީވީމާ، ރައްޔިތުންނަށް ހޭލުންތެރިކަން ލިބުނީމާ، ތަޢްލީމެއް ލިބުނީމާ، ދެން ޙަޤީޤަތުގައި ރަށެއް ތަރައްޤީވާން މިފަށަނީ. އަޅުގަނޑު ވަރަށް ބޮޑަށް އުންމީދު ކުރަން، މިރަށު ރައްޔިތުން، މިދެންނެވި އަހަންމިއްޔަތުކަން، މިރަށުގެ ރައްޔިތުންގެ ތަރައްޤީއަށް ހަމަ އެހާމެ ބޮޑަށް ބަހައްޓަވާނެ ކަމަށް.

އެހެންވީމާ، އެ ތަރައްޤީއަށްޓަކައި މަސައްކަތް ކުރާން މިޖެހެނީ، މި މަދްރަސާގެ ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތް. އަޅުގަނޑުމެންނަށް މިދިޔަ އަހަރުގެ ތެރޭގައި، ސަރުކާރަށް ރިނބުދޫ ދަރިވަރުންގެ ފޮތް، ފަންސުރު، ގަލަން ގަތުމަށާއި، މަދްރަސާއަށް ބޭނުންވާ ތަކެތި ހޯދުމަށް ސާޅީސްދެހާސް ރުފިޔާއަށްވުރެ ގިނަ ފައިސާ ޚަރަދު ކުރެވިފައި އެބަވޭ. އަދި ހަމައެހެންމެ، ރިނބުދޫގެ ދަރިވަރުން އޯލެވެލް ފީ ދެއްކުމަށް އަށްހާސް ރުފިޔާއަށްވުރެ ގިނަ ފައިސާ ޚަރަދު ކުރެވިފައި އެބަވޭ. އަދި އެނގިވަޑައިގަންނަވާނެ، މިދިޔަ އަހަރުގައި މިސްކޫލްގައި މިވަނީ 3 ކްލާސްރޫމް އިތުރުކުރެވި، މި ސްކޫލް މިވަނީ އެއްދަންފަޅީގައި ކިޔަވައިދޭ ސްކޫލަކަށް ބަދަލުކުރެވިފައި. އަޅުގަނޑުމެން ރިނބުދުއަށް އަޅާލުން ނުވަތަ ރިނބުދޫގެ ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަމާއި ޚިދްމަތްތައް ފޯރުކޮށްދިނުމުގައި، މިސަރުކާރަކުންނެއް އިރާދަކުރެއްވިޔާ ފަހަތަކަށް ނުޖެހޭނެ. އަދި ހަމަ ބޭނުންވާ، ރިނބުދޫ ރައްޔިތުންނަށްވެސް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ، މީގައި ދިމާވާ ދަތިތައް. މީސްކޮޅު މަދުވީމާ ސަރުކާރަށްވާ އުނދަގޫ. އެހެން ނަމަވެސް، މި ސަރުކާރަކީ ގަދަބާރުން މީހުން އެއްރަށުން އަނެއް ރަށަށް ބަދަލުކުރާ ސަރުކާރެއް ނޫން. މި ސަރުކާރަކީ ރައްޔިތުންގެ ރުހުމާ އެކުގައި ނޫނިއްޔާ، ރައްޔިތުންނާ ގުޅޭ ކަންކަން ނިންމާ، އެކިގޮތްގޮތަށް ހަދަން ނޭދޭ ސަރުކާރެއް. އަޅުގަނޑު ރިނބުދޫ ރައްޔިތުންނަށް ޔަޤީންކޮށް އަރުވަން، ތިޔަބޭފުޅުންގެ ކަންކަމާ އަޅުގަނޑުމެންނަށްވީ މިންވަރަކުން، މި ސަރުކާރަށްވީ މިންވަރަކުން ސަރުކާރުން އުޅެމުން ގެންދާނެ ކަމަށް. މީގައި ސަރުކާރަށް ހަމައެކަނި ބަލައިލާން މިޖެހެނީ، އިންޞާފުވެރި ގޮތުގައި ދައުލަތުގެ މާލިއްޔަތުން ފައިސާ ޚަރަދު ކުރުން. އަޅުގަނޑަށް ދިވެހިރާއްޖޭގެ ރައްޔިތުން، އަމާނާތެއްގެ ގޮތުގައި މި ރާއްޖޭގެ މާލިއްޔަތު ޙަވާލުކުރެވިފައި މިއޮތީ. އެ މާލިއްޔަތު ރަނގަޅު ގޮތުގައި ބޭނުންކުރުމާއި ހިންގުން އެއީ އަޅުގަނޑު ކުރުން ލާޒިމް ކަމެއް. އަޅުގަނޑުގެ ވާޖިބެއް. އެހެންވީމާ، އެކަމަށް އަޅުގަނޑު އަހަންމިއްޔަތުކަންދީގެން އަޅުގަނޑު ފައިސާ ޚަރަދު ކުރަމުން ގެންދާގޮތް ބަޔާންކުރަމުންދާއިރުގައި، ވީހާވެސް ގިނަ ރައްޔިތުންނަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތަށް ފައިސާ ޚަރަދު ކުރުމަކީ ކޮންމެހެންވެސް އަޅުގަނޑުމެންނަށް ބޭނުންތެރި ކަމެއް.

އަޅުގަނޑަށް ހަމަ ވަރަށް ބޮޑަށް ސާފުކޮށް އެނގޭ، ރިނބުދޫ ރައްޔިތުންގެ އެކިއެކި ތަފާތު ބޭނުންތައް އެބަހުރިކަމާއި އަދި ސަރުކާރުން އެމަސައްކަތްތައް މިހާރަށްވުރެ ބާރަށް ހިންގަމުން ގެންދެވޭނެ ގޮތްތައް އެބަ ހޯދަންޖެހޭކަން. އަޅުގަނޑުމެނަށް އެބަ ވިސްނޭ، ތިޔަބޭފުޅުންގެ ޕްރީސްކޫލްގެ މައްސަލައެއް އެބަހުރިކަމާއި އަދި އެތަން ރަނގަޅު ކުރުމަށް ތިޔަބޭފުޅުން އެދިލައްވާކަން. އަޅުގަނޑު އިރާދަކުރެއްވިއްޔާ، މާލެ ގޮސްފައި އެކަންވެސް ހިނގާގޮތެއް އަޅުގަނޑު ބަލާނަން. އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި، ހަމަ ރާއްޖޭގެ ހުރިހާ ޕްރީސްކޫލަށް އެއްވަރަށް މިދެމުންދާ ޢިނާޔަތްތައް މިހާރުވެސްދަނީ ދެމުން.

އަޅުގަނޑުމެންނަށް ރިނބުދުއާ އަޅާލުމުގެ މަސައްކަތް ހިންގެން އޮތް އެންމެ ފުރިހަމަ ގޮތްތަކަކީ ކޮބައިތޯ އަޅުގަނޑުމެން އަލުން އަނބުރާ އެބަ ދެނެގަންނަންޖެހޭ. އާބާދީ ކުދި ރަށްރަށަކީ ރާއްޖޭގައި މަދު ރަށްރަށެއް ނޫން. އެހެން ނަމަވެސް، މިހާރު ދުއިސައްތަ، ތިންސަތޭކަ މީހުންގެ ރަށްރަށް އެހާ ގިނައެއްވެސް ނޫން. މިރަށްރަށާއެކުގައި އަޅުގަނޑުމެންނަށް ތަރައްޤީ ކުރިއަށް ގެންދެވޭނެ ގޮތްތަކެއް އެބަ ދެނެގަންނަންޖެހޭ. އޭގެތެރެއިން އެންމެ މުހިންމު އެއްކަމަކީ، ދަތުރުފަތުރުކުރުމުގެ ނިޒާމު ވަރުގަދަކުރުން. އަދި ހަމަ އެހެންމެ، ދުރުންދޭ ޓެލެމެޑިސިންގެ ޒަރީޢާއިން ޞިއްޙީ ޚިދްމަތް ދިނުމާއި، އަދި އެހެންވެސް ޓެކްނޯލޮޖީ ބޭނުންކޮށްގެން، ސްކޫލްތަކުގައި ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅު ކުރުން. އިރާދަކުރެއްވިއްޔާ، މިއަހަރު، ކުރިއަށް މިއޮތް އަހަރު ތެރޭގައި، މިދެންނެވި ދެމަސައްކަތްވެސް ރިނބުދުއާ ގުޅުވައިގެން ކުރިއަށް ގެންދިޔުމަށް ސަރުކާރުން މަސައްކަތް ކުރާނެ. އަދި އަޅުގަނޑުމެން އުންމީދު ކުރަނީ، އެކަންކަމުގެ ހެޔޮ ނަތީޖާ އިރާދަކުރެއްވިއްޔާ މިރަށްރަށުގެ ރައްޔިތުންނަށް ލިބިގެން، ފެނިގެންދާނެ ކަމަށް.

އަޅުގަނޑުމެންގެ ވަރަށްބޮޑު އުންމީދެއް، އަޅުގަނޑު ތިޔަބޭފުޅުން، ފެބްރުއަރީ 5 ވަނަ ދުވަހު މިރަށް ކުރިއަށް ގެންދިޔުމާ ގުޅޭގޮތުން ރަށު ކައުންސިލް އިންތިޚާބު ކުރައްވާއިރުގައި، ވަރަށް ފުރިހަމަ އަޣްލަބިއްޔަތަކުން ސަރުކާރާއެކުގައި މަސައްކަތް ކުރެވޭނެ، ތަރައްޤީގެ މަސައްކަތުގައި ބައިވެރިވެވޭނެ ބައެއް އިންތިޚާބު ކުރުމަކީ، އަޅުގަނޑަށް ފެންނަ ފެނުމުގައި، ރިނބުދޫގެ ތަރައްޤީއަށް ކޮންމެހެން ބޭނުންތެރިކަމެއް.

އަޅުގަނޑުގެ ދުޢާއަކީ، ތިޔަބޭފުޅުންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، ރިނބުދުއަށް އަދި އަޅުގަނޑުމެން އެންމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحَمْـدُ لِلّـهِ. والســّلام عليــكم.
_______________________