بســم اللّـه الرّحمـن الرّحيــم

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސް އޮނަރަބްލް އިބްރާހީމް ޙުސައިން ޒަކީ، ޕާޓީގެ ޗެއަރޕަރސަން އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ، ދައުލަތުގެ ވެރިން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން އަދި ވަކިން ޚާއްޞަކޮށް، މި ހުޅުދެލީގެ ލޮބުވެތި ރައްޔިތުން.

السّـلام عليـكم

މި ސަރުކާރު އުފެދިގެންއައީ، ރާއްޖޭގެ ތަރައްޤީއާއި އަދި ހުޅުދެލީގެ ތަރައްޤީގެ ވިސްނުމެއް، ތަޞައްވުރަކާއެކު. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން މިދިޔަ ތިން ހަތަރު ފަސް އަހަރުގައި، ރާއްޖޭގެ ނުހަނު ގިނަ ރަށްރަށަށް ޒިޔާރަތްކުރި، ހުރިހާ ރަށަކަށް. ރާއްޖޭގައި މި ޕާޓީގެ ފަރާތުން ނުވަންނަ ހަމަ އެންމެ ގެއެއްވެސް އަދި ވާހަކަ ނުދެކެވޭ މީހަކުވެސް، އަޅުގަނޑު ހިތުން މިރާއްޖޭގައި މަދުވާނެ. ނެތޭ ދެންނެވިޔަސްވެސް އެއީ ޙަޤީޤަތާ ޚިލާފު ވާހަކައަކަށް ވެގެނެއްނުދާނެ. މިޕާޓީން ރާއްޖޭގެ ރައްޔިތުންގެ އަޑުއެހި. ޕާޓީގެ އަމާޒަކަށްވީ، ރައްޔިތުންގެ އިޙްސާސްތައް ދެނެގަނެ، ރައްޔިތުންގެ ޝުޢޫރުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ސަރުކާރެއް ހިންގުމަށް ބޭނުންވާނެ ސިޔާސަތުތައް އެކުލަވައިލުން. އެ ސިޔާސަތު އެކުލަވައިލުމަށްޓަކައި ބޭނުންވާނެ މަޢްލޫމާތު އެއްކުރުން. ޕާޓީގެ ވަޢުދުތައް ވެގެންދިޔައީ، މިދެންނެވި އަޑުއެހުންތަކުން، ޕާޓީއަށް އިވުނު އަޑުތައް ފުރޭނިގެން އައިސް، އޭގެ ޢަރަޤުގެ ގޮތުގައި ހިމެނިގެންދިޔަ ކަންކަން. ޕާޓީގެ ވަޢުދުތައް، ފަހުން ބަދަލުވެގެންދިޔައީ، ޤައުމީ ތަރައްޤީގެ އޮނިގަނޑަށް. އަދި ދިވެހި ދައުލަތުގެ މިހާރުގެ ސިޔާސަތަށް. އެއަށްފަހު، އެ ސިޔާސަތު ތަންފީޛު ކުރުމަށް ބޭނުންވާނެ ފައިސާ އެއީ ދިވެހި ދައުލަތުގެ ބަޖެޓްގެ ގޮތުގައި މިވަނީ، ކޮންމެ އަހަރަކު އެއްފަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކުރެވިފައި.

ޕާޓީއަށް އިވުނު އަޑުތަކާއި، ފެނުނު މަންޒަރުތައް ނުހަނު ގިނަ. ޕާޓީން ފުރިހަމައަށް ގަބޫލުކުރޭ، މި ރާއްޖޭގައި ދެވޭ ވަރަށްގިނަ ޚިދްމަތްތައް، ޞިއްޙީ ޚިދްމަތްވެސް އަދި ތަޢްލީމަކަސް، އެހެން ޚިދްމަތްވެސް، މި ދެވޭ ޚިދްމަތްތަކުގެ ފެންވަރު އަދި އެތައް ތަނަކުން ރަނގަޅު ކުރަންޖެހޭކަން އެއީ، މިޕާޓީ ވަރަށް ފުރިހަމައަށް ގަބޫލުކުރާ ޙަޤީޤަތެއް. މި ޙަޤީޤަތް، ޕާޓީއަށް ސާފުވެފައި އޮތްއިރު، އިތުރަށް ސާފުވާ އެހެން ނުކުތާއެއް އެބައޮތް. މި ހުޅުދެލީގެވެސް އަދި މި ރާއްޖޭގެވެސް ރައްޔިތުންގެ ކޮންމެ ތިން މީހަކުންކުރެން އެކަކީ ނިކަމެއްޗެކޭ، ފަޤީރެކޭ. އޭނާއަކީ އޭނާއަށް ރެޔާދުވާލު އޭނާގެ މަސައްކަތުން ދިހަ ފަނަރަ ރުފިޔާ ނުލިބޭ ފަޤީރެކޭ. ރާއްޖޭގައި މި ލިބެންހުރި އަޅުގަނޑުމެން ހިތްހަމަނުޖެހޭ އަދި މުޅިން އެކަށީގެންނުވާ ޚިދްމަތްތަކަށްވެސް، މި ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ މީހުންނަކަށް އަތެއް ނުފޯރައޭ. މި ހުޅުދެލީގެ އާބާދީގެ ތިންބައިކުޅަ އެއްބައި މީހުންނަށް، މި ހުޅުދެލިން ލިބެންހުރި ޚިދްމަތްތަކަށް އަތްނުފޯރައޭ.

ޤައުމެއް، ރަށެއް ތަރައްޤީ ކުރުމަށްޓަކައި ކޮންމެހެން ބޭނުން އެއްކަމަކީ، އެތަނެއްގެ ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަމެއް ހޯދައިދިނުން. ޕާޓީގެ ވަޢުދު އެއީ، ޕާޓީގެ ސާދާބަހުންނަމަ، ބޭސް ސިޓީއަށް ސަލާންޖެހުން، މި ޕާޓީގެ ސަރުކާރެއްގައި އިރާދަކުރެއްވިއްޔާ ނައްތާލާނަމޭ. އެ ވަޢުދު ފުއްދުމަށްޓަކައި ސަރުކާރުން މަދަނައިގެ ނިޒާމް ޤާއިމްކޮށް، އެ ނިޒާމް ހިންގާން ފެށީ. އަޅުގަނޑުމެންނަށް މިރޭ ހިތްހަމަޖެހުން ލިބެނީ، މި ހުޅުދެލީ ރައްޔިތުންގެ ތެރެއިން 129 މީހަކު މަދަނައިގައި ރަޖިސްޓްރީވެފައިވާތީވެ. އަޅުގަނޑުމެނަށް ހިތްހަމަޖެހުން ލިބެނީ، މިދެންނެވި 129 މީހުންގެ ތެރެއިން ކޮންމެ މީހަކަށް އެއްލައްކަ ރުފިޔާ، މާލިއްޔަތުގައި ރައްކާ ކުރެވިފައި އޮތީތީވެ. އަދި ހަމަ މިސަރުކާރަށް ހިތްވަރު ލިބެނީ، މި ޕާޓީއަށް އުފާވެރިކަން ލިބެނީ، އަޅުގަނޑު އުފާވަނީ، މިދިޔަ އަހަރު މިދެންނެވި މަދަނައިގައި ރަޖިސްޓްރީ ކުރެވިފައިވާ ހުޅުދެލީ މީހުންގެ ތެރެއިން، ބޭސްފަރުވާއަށް ބޭނުންވި މީހުންނަށް ދެލައްކަ އަށްޑިހަދެހާސް ރުފިޔާގެ ސީދާ ބޭސް، އެމީހުންނަށް ސަރުކާރުން ގަނެދެވިފައި އޮތީތީވެ. މިދެންނެވި ފައިސާއަކީ، އެއްވެސް ހާލެއްގައި އިތުރު އެހެން ކަމެއް ކުރުމަށް ހޭދަކުރެވުނު ފައިސާއެއް ނޫން. ހަމަ ސީދާ ހުޅުދެލީ މީހުންގެ ތެރެއިން ބަލިވި މީހުންނަށް، މަދަނައިގައި ރަޖިސްޓްރީވެ ތިއްބައި، ބަލިވި މީހުންނަށް ބޭސްފަރުވާއަށްޓަކައި ޚަރަދު ކުރެވުނު ޢަދަދު. ސަރުކާރުގެ އަމާޒަކީ، މިރަށު ހުރިހާ ރައްޔިތުންވެސް މަދަނައިގައި ރަޖިސްޓްރީ ކުރުން. އަދި މިރަށު ހުރިހާ ރައްޔިތުންނަށްވެސް އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެކަން އެގޮތަށް ކުރާނަން.

ޕާޓީގެ ފަރާތުން ދޮރުން ދޮރަށް، ގެއިން ގެއަށް، އެއްރަށުން އަނެއް ރަށަށް ހިނގި ހިނގުމުގައި، މި ޕާޓީއަށް ވަރަށް ސާފުކޮށް ފެނިގެންދިޔަ އެއް މަންޒަރަކީ، މި ރާއްޖޭގައި ދޮށީ ޢުމުރުގެ މީހުން އުޅެމުން އަންނަ ހާލު. އެމީހުން ރުއްރުއްދަށުގައި، ގޮނޑުދޮށްތަކުގައި، ހޮޅުއަށިތަކުގައި، އަދި މާލޭގައިވެސް ގޯތިގެދޮރު ފޮތިކުރަމުން އައިސް، އެންމެފަހުން ކުރީގައި ބަދިގެހުރި ތަނުގައި ހުރި ކޮޅުފިލާގޮނޑިއެއްގައި ހުއްޓިފައި، ވެއްޓިފައި އޮންނަނީ މާމަ ނުވަތަ ކާފަ ނުވަތަ ބައްޕަ ނުވަތަ މަންމަ. ދޮށީ ޢުމުރުގެ މީހުންގެ އަތްފައިގެ ބާރު ދެރަވެ، އެމީހުންނަށް އާމްދަނީއެއް ހޯދަން މަސައްކަތް ނުކުރެވުނު ދުވަހު، އެމީހުންނާ އަޅާލާނެ މާގިނަ ބަޔަކު ތިބީއަކީއެއް ނޫން. މި ރާއްޖެ އަޅުގަނޑުމެންނަށް މިގޮތަށް ލިބިފައި މިއޮތީ، ދޮށީ ޢުމުރުގެ މީހުން، މި ރާއްޖޭގައި ނުހަނު ގިނަ މަސައްކަތް، މިއަދާ ހަމައަށް އައިއިރު ކުރީތީވެ. އެމީހުން މަހަށް، ފަރަށް ދިޔައީތީވެ. ރުކަށް، ވަލަށް ވަނީތީވެ. އެމީހުން އޮޑިދޯނިފަހަރު ބަނީތީވެ. އެމީހުން ވަޑާން ކުރީތީވެ. އެމީހުން އަތްކަން ކުރީތީވެ. އެމީހުން ރިޒޯޓްފަހަރު ހެދީތީވެ. އެމީހުން ކިތަންމެ ކިތަންމެ މަސައްކަތެއް ކުރީތީވެ. ހަމަކަށަވަރުންވެސް، އަޅުގަނޑު ނިސްބަތްވާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ. ގަބޫލުކުރާ ޙަޤީޤަތެއް ނޫން އެއީ، މި ރާއްޖޭގައި ޕެންޝަނެއް ޙައްޤުވަނީ، ހަމައެކަނި ސަރުކާރު މުވައްޒަފުންނަށް ކަމަށަ ދެކެވޭ ދެކުން. މިރާއްޖެ އަޅުގަނޑުމެންނަށް މިގޮތަށް ލިބިފައި މިއޮތީ، އަޅުގަނޑުމެންގެ ކާބަފައިންގެ މަސައްކަތުން. ޕާޓީގެ ވަޢުދަކަށްވީ، ރާއްޖޭގައި ޢުމުރުން 65 އަހަރުން މަތީގެ ކޮންމެ އާމްދަނީ މަދު މީހަކަށް، އަންހެނަކަސް، ފިރިހެނަކަސް، ޕާޓީގެ ސަރުކާރެއްގައި، އިރާދަކުރެއްވިއްޔާ ދެހާސް ރުފިޔާގެ ޕެންޝަނެއްދޭނަމޭ. މި ޕާޓީއަށް ހިތްވަރު ލިބެނީ، ސަރުކާރަށް އުފާވެރިކަން ލިބެނީ، އަދި އަޅުގަނޑުމެންނަށް ކުރިއަށް ދިޔުމުގެ އިތުރު ޖޯޝް ލިބެނީ، މި ހުޅުދެލީގެ 48 މީހަކަށް، މިދެންނެވި ޕެންޝަން ގަވާއިދުން ދެވެމުންދާތާ މިވީ ދެއަހަރު. މިދެންނެވި އަސާސީ ޕެންޝަނަށްޓަކައި ހުޅުދެއްޔަށް ކޮންމެ މަހަކު ނުވަދިހަ ހަހާސްރުފިޔާ ޚަރަދުކުރެވޭކަމީ، މި ސަރުކާރަށް އުފާވެރިކަން ލިބޭ ކަމެއް. އަޅުގަނޑުމެންނަށް ހިތްވަރު ލިބޭ ކަމެއް.

އެކަނިވެރި މައިންނާއި، ޔަތީމު ކުދިންނަށްދެވޭ ޢިނާޔަތުގެ ގޮތުގައި ޢިނާޔަތްތައް، މިރަށުގެ 26 ފަރާތަކަށް ގަވާއިދުން އެބަ ފޯރުކޮށްދެވޭ. އަދި މިދިޔަ 2010 ވަނަ އަހަރުގެ ތެރޭގައި، އެއްލައްކަ ތެއްތިރީސްހާސްރުފިޔާ، އެ 26 ފަރާތަށް ދިނުމުގެ ފުރްޞަތު، މި ސަރުކާރަށް ލިބުނުކަމީ، އަޅުގަނޑުމެންނަށް ހިތްވަރު ލިބޭ ކަމެއް. އަޅުގަނޑުމެންނަށް އުފާވެރިކަން ލިބޭ ކަމެއް. އިރާދަކުރެއްވިއްޔާ، ޖެނުއަރީ މަސް ނިމޭއިރު، ނުކުޅެދޭ މީހުންނަށް، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށްދެވޭ ޢިނާޔަތް ދެވެން ފެށޭނެ. ސަރުކާރުގެ އަމާޒަކީ ހުޅުދެލީގެ ތަރައްޤީ. ސަރުކާރުގެ އަމާޒަކީ، ހުޅުދެލީ ރައްޔިތުން މުއްސަނދި ކުރުން.

ތަރައްޤީވުމަށްޓަކައި ވަކި ޚާއްޞަ ކަންތައްތަކެއް، ވަކިއިރެއްގައި، ވަކިގޮތަކަށް އެބަ ކުރާންޖެހޭ. އޭގެތެރޭގައި، ހުޅުދެލީގެ ގިނަ ބައިވަރު ރައްޔިތުންނަކީ، ނިކަމެތިންގެ ގޮތުގައި ތިބެ، ތިމަންނާ ކިތަންމެ މުއްސަނދިވިޔަސް، ތިމަންނާއާ ޖެހިގެންހުރި މީހާ، ޖެހިގެންހުރި ގޭ މީހާ އުޅެނީ ބިކަ ހާލުގައި ކަމަށްވަންޏާ، ދެން ޤައުމާއިގެން ކުރިއަށް ނުކުމެ ތަރައްޤީ ކުރަން އެއީ ވަރަށް ނާދިރު ކަމެއް، އުނދަގޫ ކަމެއް. ތަރައްޤީވެވޭނީ އަޅުގަނޑުމެން އެންމެންނަށް އެކަމާ އުޅެވިގެން. ހައެއްކަ މީހުން އުޅެގެނެއް، އެކަމެއް ނުވާނެ. މި ރާއްޖޭގެ މުއްސަނދިކަމުގެ 90 ޕަސެންޓަށްވުރެ ގިނަ ނިސްބަތް، ޙަޤީޤަތުގައި ރައްދުވަނީ ރާއްޖޭގެ އާބާދީގެ އެންމެ ދެޕަސެންޓް މީހުންނަށް. ރާއްޖޭގެ މުއްސަނދިކަން ބަހާލެވިގެން ނޫނީ، އަދި ފަޤީރުންނާއި ނިކަމެތިންނަށް އިޖްތިމާޢީ ރައްކާތެރިކަމެއް ހޯދިގެން ނޫނީ، އަޅުގަނޑުމެން މިއެދޭ ބަދަލު، އަޅުގަނޑުމެން މިއެދޭ އަނެއް ދިވެހިރާއްޖެ، އަޅުގަނޑުމެންނަކަށެއް ނުހޯދޭނެ.

2008 ވަނަ އަހަރާ އަޅުގަނޑުމެން ކުރިމަތިލިއިރުގައި، މި ރާއްޖެ ރަނގަޅަށް އޮތީ ހަތަރު އަނގޮޅިއެއްގެ ކަންމަތީގައި. އަޅުގަނޑުމެންނަށް އޮތް ޚަރާބުގެ މަގު ޚިޔާރު ކުރެވެން. ނުވަތަ އަޅުގަނޑުމެންނަށް އޮތް އެހެން ގޮތެއް، އެހެން ދިވެހިރާއްޖެއެއް، އަނެއް ދިވެހިރާއްޖެ ހޯދެން. ރާއްޖޭގެ ރައްޔިތުން ވަރަށް ތަނަވަސް އަޣްލަބިއްޔަތަކުން ނިންމީ، ރައްޔިތުން އެދެނީ، އެހެން ގޮތެކޭ، އަނެއް ދިވެހިރާއްޖެއޭ. މިއަދު އަޅުގަނޑުމެން ތަންފީޛު ކުރަމުން މިގެންދާ ސިޔާސަތުތަކަކީ، މިދެންނެވި ބަދަލަށް، އެހެން ގޮތެއް ހޯދުމަށް އަޅުގަނޑުމެން ހިންގާ މަސައްކަތް. ތަރައްޤީ ހޯދުމަށް އަޅުގަނޑުމެން ހިންގާ މަސައްކަތް. ތަރައްޤީއަށްޓަކައި، ތަރައްޤީވާން މިޖެހެނީ ހުޅުދެއްޔެއް ނޫން. ތަރައްޤީވާން މިޖެހެނީ ހުޅުދެލީ މީހާ. ތަންދޮރު އެނގެން މިޖެހެނީ ހުޅުދެލީ ރައްޔިތުންނަށް. އެހެންވީމާ، މިރަށުގެ ތަރައްޤީގެ އަބަދުވެސް ނާރެސްއަކަށްވާނީ މި މަދްރަސާ. އަޅުގަނޑުމެންގެ ދަރިންނަށް އެއްޗެއް އޮޅުންފިލުވައިދެވޭތޯ އަޅުގަނޑުމެން މިއުޅެނީ. އަޅުގަނޑުމެން މަހަށްދަނީވެސް އެކަމަށް. އަތްކަން ކުރަނީވެސް އެކަމަށް. ވިޔަފާރި ކުރަނީވެސް އެކަމަށް. ވަޑާން ކުރަނީވެސް އެކަމަށް. އަޅުގަނޑުމެން ބަނދަރެއް އަޅަނީވެސް އެކަމަށް، ދަރިންނަށް ކިޔަވައިދޭންވެގެން. އަޅުގަނޑުމެންކުރާ ހުރިހާ ކަމެއް މިކުރަނީ ދަރިންނަށްޓަކައި. އަޅުގަނޑުމެންނަށް އެހެންވީމާ، މަދްރަސާ މުހިންމުވަނީ. މި ސަރުކާރަށް ހިތްހަމަޖެހުން ލިބޭ، މިދިޔަ އަހަރު ހުޅުދެލީ ރައްޔިތުންނަށް، ހުޅުދެލީ ދަރިވަރުންނަށް، މަދްރަސާއަށް ބޭނުންވާ ފޮތް، ފަންސުރު، ޤަލަމާއި، އެހެންވެސް ސާމާނު ހޯދުމަށް ނުވަދިހަ ހަތަރުހާސް ރުފިޔާއަށްވުރެ ގިނައިން ޚަރަދު ކުރެވިފައި އޮތްކަމީ، ސަރުކާރަށް ހިތްވަރު ލިބޭ ކަމެއް. އަދި ހަމަ އެހެންމެ، އޯ ލެވެލް އިމްތިޙާންގެ ފީ ދެއްކުމުގެ ގޮތުން، މިރަށުން އިމްތިޙާންގައި ބައިވެރިވި 13 ކުދިންނަށް، އޮނަތިރީސްހާހަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރުމުގެ ފުރްޞަތު ލިބުނުކަމީ، މި ސަރުކާރަށް ހިތްހަމަޖެހުން ލިބޭ ކަމެއް. އަދި އެނގިވަޑައިގަންނަވާނެ، މިދިޔަ އަހަރުވާނީ މިތަނުގެ ދެކްލާސް ރޫމް އިތުރުކުރެވިފައި. މި މަދްރަސާއަކީ މިހާރު އެއްދަންފަޅިއަށް ކިޔަވައިދޭ މަދްރަސާއެއް. މިހުރިހާ ކަމެއްގެ ނަތީޖާ އަދި މާ ފޮނި، މާ އުޖާލާ. އަޅުގަނޑު ހުޅުދެލީ ހުރިހާ ބެލެނިވެރިންނަށާއި، ހުރިހާ ޓީޗަރުންނަށް އަދި ހުރިހާ ދަރިވަރުންނަށް މުބާރަކްބާދީއާއި ތަހުނިޔާ ދަންނަވަން. މިދިޔަ ހަފްތާގެ ތެރޭގައި، ތިޔަބޭފުޅުންގެ ދަރިންނަށް އޯ ލެވެލް އިމްތިޙާންގައި ލިބުނު ނަތީޖާ، ކުރީ އަހަރާ އަޅާބަލާއިރު، އެތައް ތަނަކުން ރަނގަޅު.

ސަރުކާރުގެ، ޕާޓީގެ ވަޢުދަކީ، އޯ ލެވެލް އިމްތިޙާންގައި ބައިވެރިވާ ކުދިންގެ ތެރެއިން 60 ޕަސެންޓް ކުދިންނަކީ، 5 މާއްދާއިން ފާސްވާ ކުދިންނަށް އިރާދަކުރެއްވިއްޔާ، ޕާޓީގެ ސަރުކާރެއްގައި ހަދާނަމޭ. ވަރަށްގިނަ ރަށްރަށުގައި، އެ އަމާޒަށް އޮތީ މިހާރު ވާސިލުވެވިފައި. އެހެންނަމަވެސް، މިދިޔަ 2009 ވަނަ އަހަރު، 2008 ވަނަ އަހަރު މިރަށުގެ އިމްތިޙާންގައި ބައިވެރިވި އެއްވެސް ކުއްޖަކު އޯ ލެވެލްއަކުން ފާހެއްނުވޭ. މިއަހަރު 23 ޕަސެންޓް ކުދިން، 5 މާއްދާއިން ފާސްވެއްޖެ. އެއީ ވަރަށް ރަނގަޅު ކާމިޔާބީއެއް. އަޅުގަނޑުގެ އިލްތިމާސަކީ، އަޅުގަނޑުގެ ނަޞޭޙަތަކީ، މަދްރަސާއިން ނަޒަރު ނައްޓާނުލާށޭ، ހުރިހާ ބޭފުޅުންވެސް. އޮޑިވެރިންވެސް، ކެޔޮޅުންވެސް، ކަތީބުންވެސް، މެޖިސްޓްރޭޓުންވެސް، މުދިމުންވެސް، ހުރިހާ ބޭފުޅުންވެސް މަދްރަސާއަށްވާ ގޮތް ބައްލަވާށޭ. އަޅުގަނޑުމެން މިއެދޭ ބަދަލު، އަޅުގަނޑުމެންނަށް ހޯދޭނީ، ދަރިންނަށް ކިޔަވައިދެވިގެން. އަޅުގަނޑަށް ޔަޤީން، ހުޅުދެލީ ރައްޔިތުންނަށް މިކަން އޮޅިފައެއްނުވާނެ. ހުޅުދެލި ތަރައްޤީ ކުރުމަށް އަޅުގަނޑުމެން އަބަދުވެސް އެދޭނެ. އެ އެދުމުގެ މަތިން އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރާނެ. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، ހުޅުދެލީގެ ތަޢްލީމް، ހުޅުދެލީ ދަރިންނަށް ދޭންޖެހޭ ތަޢްލީމު ދިނުމަށް ބޭނުންވާ ކަންކަމުގައި އިރާދަކުރެއްވިއްޔާ، ސަރުކާރަކުންނެއް ފަހަތަކަށް ނުޖެހޭނެ. މިދިޔަ އަހަރު ހުޅުދެލީ މަދްރަސާގެ އިތުރު މަރާމާތް ހިންގިފައިވާނެ. ފާޚާނާތައް މަރާމާތު ކުރުމަކީ، އަޅުގަނޑުމެން ވަރަށް ބޮޑަށް ބަލަމުން އަންނަ ކަމެއް. ކޮންމެ ރަށެއްގެވެސް މަދްރަސާގެ ފާޚާނާއަށް ވަދެވޭތޯ އަޅުގަނޑު ބަލަން. މިރަށުގެވެސް ފާޚާނާ މިހާރު މަރާމާތު ކުރެވިފައި އެހެރީ. އެކަމަކު އަޅުގަނޑު އުންމީދު ކުރަން، ތާހިރުކޮށް ރީތިކޮށް ފާޚާނާ ބަލަހައްޓަމުން ގެންދަވާނެ ކަމަށް.

ހުޅުދެލީ ތަރައްޤީއަށްޓަކައި މާދެއްޔަކީ އަޅުގަނޑުމެންނަށް އަބަދުވެސް އެނގޭ، މިރަށުގެ ބައެއްކަން. އަދި މިއޮއް ކުޑަހުވަދޫ ފަރު، އެ ފަރުގެ ކުޑަކަނޑައިދީސްއާ ހަމައަށް އެއީ، ހުޅުދެލީ ބައެއްކަން އަޅުގަނޑަށް ޔަޤީން. ސައްތާރު ދެންމެ ލިޔުއްވާފައި އޮތް ފޮތުގައި ލިޔެފައި އޮންނާނެ. އަޅުގަނޑުމެން ކުރާން މިއުޅޭ މަސައްކަތަކީ، ލާމަރްކަޒީ އުޞޫލުން ރާއްޖޭގެ ރަށްތައް ހިންގުން. އެއީ މިރަށުގެ ތަރައްޤީއަށް އެޅޭ އެންމެ މުހިންމު ބިންގާ. އަޅުގަނޑުމެން ކުރާން މިއުޅޭ މަސައްކަތަކީ، ތިޔަބޭފުޅުންގެ އިސްނެގުމާއެކީގައި، ބައިވެރިވުމާއެކީގައި، ސަރުކާރުގެ ސިޔާސަތުތައް ތަންފީޛު ކުރެވޭނޭ މުއައްސަސާއެއް ޤާއިމް ކުރުން. އެއްވެސް ހާލެއްގައި މިއުޅެނީ، ލަވަ ޕާޓީއެއް ހަދާކަށްވެސް ނޫން. އަދި ރ.ކ. ކޮމިޓީއެއް ހޮވާކަށްވެސް ނޫން. ޖިއްސުއްލަޠީފުންގެ ރޫޙު، އަނެއްކާ އަލުން އަނބުރާ އިންތިޚާބު ކުރާކަށްވެސް ނޫން. މިއުޅެނީ ހުޅުދެލި ތަރައްޤީ ކުރަން.

މިދެންނެވި ލާމަރްކަޒީ އުޞޫލުގެ ފިކުރަކީ އެމް.ޑީ.ޕީ.ގެ ފިކުރެއް. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފިކުރެއް. ފުރަތަމަ ޤާނޫނުއަސާސީ އިޞްލާޙްވަމުންދިޔަ ދިޔުމުގައި، އޭގެ އަސާސީ ސިފަތަކާއި އުޞޫލުތައް ނިމުނުއިރު، ލާމަރްކަޒީ އުޞޫލުގެ ވާހަކައެއް، ޤާނޫނުއަސާސީއަކު ނެތް. އެއީ މާފަހުން، އެމް.ޑީ.ޕީ.ގެ އެމް.ޑީ.ޕީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ އަދި ޚާއްޞަ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން. އަޅުގަނޑަށް މިރޭ ހިތްހަމަޖެހުން ލިބޭ، އުފާވޭ އަޅުގަނޑުމެންނާއެކީގައި މުޙަންމަދު ޝިހާބާއި އަދި ރިޔާޒާ ދެބޭފުޅުން، އަދި ތިޔަބޭފުޅުންގެ ޚާއްޞަ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރާއި އަދި ޒަމާންވީ ތިޔަބޭފުޅުންގެ ރައްޔިތުންގެ މަޖިލީހުގެ ޙަޤީޤީ ތިޔަބޭފުޅުންގެ މެންބަރު، ދެބޭފުޅުންވެސް ފަހުން އަޅުގަނޑުމެން މާލެއަށް ބޭނުންވެގެން ގެންދިޔައީ. މާގިނަދުވަހު ދ. އަތޮޅުގައި އުޅުއްވާތީވެ. މިހާރު ދެން ޝިހާބް އެހުންނަވަނީ، އަޅުގަނޑު ގާތުގައި ރައީސް އޮފީހުގައި، އަޅުގަނޑުގެ ސިޔާސީ އެޑްވައިޒަރެއްގެ ގޮތުގައި. ދެން އަޅުގަނޑަށް ޔަޤީން، އަޅުގަނޑު ގާތުގައި އެންމެމޮޅު އަބަދުވެސް ތިބީމާ، އަޅުގަނޑުމެންނަށް އެންމެ މޮޅަށް ކަންކަން ކުރެވެނީ. އަޅުގަނޑަށް އެނގޭ، މި ހުޅުދެއްޔަކު މިކަން އިތުރަކަށް އޮޅުންފިލުވައިދޭކަށެއް ނުޖެހޭނެކަން.

އަޅުގަނޑުމެންގެ ލާމަރްކަޒީ އުޞޫލުން ހިންގުމަށްޓަކައި ޙަޤީޤަތުގައި ކުރާން މިއުޅޭ ކަމަކީ، މާލޭގައި އަޅުގަނޑުގެ ރަށުގައި ހުރި ބާރަކުން ބައެއް މިރަށަށް ދިނުން. މާލެއަށް މިދެންނެވި ބާރު އެއްކޮށްފައި އެއޮތީ، މިދިޔަ އެތައް ސަތޭކަ އަހަރެއްގެ ތެރޭގައި. މާލޭގެ ބާރު އެއްކުރީ، މާލޭގެ ވެރިކަމުގެ ޚާންދާންތަކުން. މިއަދު ތިޔަބޭފުޅުން ބައްލަވައިފިއްޔާ ފެނިވަޑައިގަންނަވާނީ، މިދެންނެވި ވެރިކަމުގެ ޚާންދާންތަކުގެ މިއަދުގެ ޖީލު އެތިބީ އެމް.ޑީ.ޕީ.ގައި. މާލޭގެ ވެރިކަމުގެ ޚާންދާންތައް. އެބޭފުޅުން މިއަދު ހުޅުދެއްޔަށް ވަޑައިގެން އެތިއްބެވީ، އެބޭފުޅުންގެ މައިންބަފައިން މާލެއަށް އެއްކުރި ބާރުން ބައެއް ތިޔަބޭފުޅުންނަށް ދިނުމަށްޓަކައި. ދެން އަޅުގަނޑު ދަންނަވާނީ، ބަލާ ނުބައި ގެއަކަށް ތިޔަބޭފުޅުން ނުދައްޗޭ. އެ ބާރު އޮތީ ސަރުކާރުގައި، އަޅުގަނޑުމެންގެ އަތުގައި. އެބާރުން ބައެއް އަޅުގަނޑުމެން ދޫކުރާން މިއުޅެނީ. އަދި ހަމަ އޭގެއިތުރަށް އަޅުގަނޑު ދަންނަވާނަން. ތިޔަބޭފުޅުން ވާދަވެރި ކެންޑިޑޭޓެއް ގާތުގައި އައްސަވާ، ކިހިނެއްވާ ކަމެއްތޯ މި ލޯކަލް އިންތިޚާބަކީ، ކައުންސިލް އިންތިޚާބަކީ. އަޅުގަނޑު މިތާ ދަމާފައި ހުރި ފޮތިގަނޑެއްގައި ޖަހާފައި އޮއްވައި ދެކިއްޖައިން. "ރަށުގެ ތަރައްޤީއަށް އަޅުގަނޑޭ" ނޫކުލައިގެ ފޮތިގަނޑެއްގައި. ރަށުގެ ތަރައްޤީއަކަށް އަޅުގަނޑޭ، އެއްވެސް ބޭފުޅަކު އެހެން ބުނުއްވާ ކަމަށްވަނީވިއްޔާ، އެއޮތީ މިކަންވާގޮތް އެއްގޮތަކަށްވެސް ނޭނގިފައި. ކުރާން މިއުޅޭ ކަމަކީ، ސަރުކާރުގެ ސިޔާސަތު ތަންފީޛުކުރާނޭ ބައެއް، މިއިން ކޮންމެ ރަށެއްގައި އިންތިޚާބު ކުރުން. ތަރައްޤީގެ ތަޞައްވުރު އެއީ ރިޔާސީ އިންތިޚާބުގައި، ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާ ފަރާތަކުން ރައްޔިތުންނަށް ހުށަހަޅާ ހުށަހެޅުން. އެ ސިޔާސަތު ތަންފީޛު ކުރުމަށް އަނެއްކާ އިތުރު ބައެއް މި އިންތިޚާބު މިކުރެވެނީ. އެހެންވީމާ، ތިމަންނާ މިވެނި ކަމެއް ކޮށްދޭނަމޭ، އެހެން އަދި މި އިންތިޚާބާ ގުޅުވައިގެން ބުނާ ކަމަށްވަނީވިއްޔާ، ވަރަށް ބޮޑަށް އެއޮތީ މިވާން މިއުޅޭ ކަމެއް އޮޅިފައި. ތިޔަބޭފުޅުން އައްސަވާ އެބޭފުޅުން ގާތު، ކޮންތާކުތޯ ކައުންސިލް އެއްވާނީ. ކިތައް ގޮނޑިތޯ، ކިހިނެއްތޯ އެތުރި ތިބޭނީ. އޭގެ އެއްވެސް މަޢްލޫމާތެއް ނުލިބޭނެ. އެއީ މިއީ އަޅުގަނޑުމެންގެ ފިކުރެއް. މިއީ އަޅުގަނޑުމެން ކުރަން އުޅޭ ކަމެއް. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިކަން ކުރާނަން. އިރާދަކުރެއްވިއްޔާ، މި ނިޒާމުގައި އަޅުގަނޑުމެން މި ރާއްޖެ ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނަން.

ހުޅުދެލީގެ ތަރައްޤީއާ ގުޅޭގޮތުން، ތަޞައްވުރާ ގުޅޭގޮތުން އަޅުގަނޑަށް އަބަދުވެސް ފާހަގަވާ ދެތިން ކަމެއް އެބަވޭ. އަދި ޝިޔާމްވެސް ވަރަށް ގިނައިން ފާހަގަކުރައްވާ ކަމެއް. މިއީ، ވަރަށްގިނަ ކަންނެލި އޮޑިފަހަރު އަންނަ ރަށެއް. އެހެންވީމާ، މިތާ ބަނދަރުވެސް މާކުޑަ. އަޅުގަނޑަށް މިރޭވެސް ފެނިއްޖެ. ރަށަށް އަރާންވެސް މިޖެހެނީ ޙަމީދު އޮޑިންލާފައި. އަޅުގަނޑުމެން އެބަޖެހޭ، މިބަނދަރު ބޮޑުވެސް ކުރަން. އަދި ސަރުކާރުން އެބަ އެދެން، ބޭނުންވެއޭ މިތަނުގައި އައިސް ވިއްކޭނެ ގޮތްވެސް ހަމަޖައްސަން. އެހެންވީމާ، އިރާދަކުރެއްވިއްޔާ، މި 2011 ވަނަ އަހަރުގެ ތެރޭގައި، މިދެންނެވި ކަންކަން ކުރަން ފެށޭނެ. އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ އަމާޒަކީ، ތިޔަބޭފުޅުންގެ އިމްތިޙާން ނަތީޖާ ގޯސްވިނަމަ، އަޅުގަނޑު މިވާހަކަ ނުދައްކާ ގޮތަށްހުރީ. އޯ ލެވެލް ނަތީޖާ. އެހެންވީމާ، މެދު އިމްތިޙާންވެސް އަދި އަޅުގަނޑު މިހާރު ދެން އިމްތިޙާނަކީ މުޅި ރަށު އެންމެން އޭގައި ޝާމިލްވާ އެއްޗެއް. އިމްތިޙާންގެ ނަތީޖާއާ ގުޅުވޭނީ، ރަށުގެ ތަރައްޤީގެ ކަންކަމާ. ވޯޓަކާއެއްވެސް ނޫން. ހަމަ ދަރިވަރުން ހޯދާ ރިޕޯޓް ކާޑާ. އެއީ، އަޅުގަނޑުމެން އެންމެންގެ ދަރިން. އެމީހުންނާ އަޅުގަނޑުމެންނަށް އަޅާނުލެވެންޏާ، އަޅުގަނޑަށް ނުފެނޭ ހަމަގައިމުވެސް އަޅުގަނޑު ވެރިކަމުގައި ހުރުމުގެ ބޭނުމެއް. އަޅުގަނޑުމެން ވެރިކަން މިކުރަނީ، ހަމަ އެންމެ ބޭނުމަކަށް. އެއީ ޕާޓީން ވެފައިވާ ވަޢުދު ފުއްދައިދިނުމަށްޓަކައި. ރައްޔިތުންނަށް ޚިދްމަތް ކުރުމަށް.

އަޅުގަނޑުމެން މިރަށުގެ ތަޞައްވުރު އެކުލަވައިލާއިރުގައި، އަޅުގަނޑު އަބަދުވެސް، ދެންމެ ފަށަމުންވެސް އަޅުގަނޑު ދެންނެވިން، މާދެލީގެ ވާހަކަ. މިވަގުތު މާދެލި ބޭނުންކުރަމުން އެދަނީ، އަމިއްލަ ފަރާތަކުން. ސަރުކާރުން ބޭނުން ބަލަން ކޮބައިތޯ މާދެލިން އެންމެ ރަނގަޅު ބޭނުމެއް ހިފެން އޮތީ. ބައެއްފަހަރަށް އެއްވެސް ހާލެއްގައި އެއްފަރާތަށް ރަށެއް އެކީގައި އޮތުން އެއީކީއެއް އެހާ ބޭނުންތެރި ކަމެއް ނޫން. ކޮންމެ މީހަކުވެސް މިބޭނުންވަނީ ކުރާނެ ވަކިކަމަކަށް ބިމެއް. އެހެންވީމާ، ހުޅުދެލީ މީހުންނަށް ބޭނުންކުރެވޭނޭ ބިން، މަސައްކަތް ކުރުމަށް ބޭނުންކުރެވޭނޭ ބިމާ، މިކަންކަން ކުރިއަށް ގެންދެވޭނެގޮތް ސަރުކާރުން ވިސްނާނެ. ލާމަރްކަޒީ އުޞޫލުން ނުވަތަ ރަށު ކައުންސިލާ ޙަވާލުކުރަން މިއޮންނަނީ، ބިމާބެހޭ ޤާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން، ސަރުކާރުން ކައުންސިލާ ޙަވާލުކުރާ ބިންބިން. ބިމާބެހޭ ޤާނޫނު ބުނަނީ، ރައީސުލްޖުމްހޫރިއްޔާއަށް އެ އިޚްތިޔާރު ލިބިދީފައި މިއޮންނަނީ. އެހެންވީމާ، ރައީސުލްޖުމްހޫރިއްޔާ މި ނިންމާން މިޖެހެނީ، ހުޅުދެއްޔަށްދޭނީ ކޮން ފަޅު ރަށެއްތޯ، މިއަތޮޅުތެރެއިން. އެރަށްރަށަކީ ހުޅުދެލީގެ ތަރައްޤީއަށް ވަކި ކަންތައްތަކެއް ކުރުމަށް ބޭނުންކުރެވޭނެ ރަށްރަށް. އެމީހުންނަށް އެރަށްރަށް ކުއްޔަށްވެސް ދެވިދާނެ. އަދި ގުދަނެއް އަޅަންވެސް ދެވިދާނެ. މިހާރު އޮތްގޮތަށް ބޭނުންވެސް ކުރެވިދާނެ. އެހެންވީމާ، ސަރުކާރުން ވިސްނާނެ، ހުޅުދެއްޔާ ދޭތެރޭގައި އަބަދުވެސް. އަޅުގަނޑު މިއެދެނީ، ތިޔަބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ނިންމިއިރުވެސް، ތިޔަބޭފުޅުންގެ ވަކީލެއް ނުދެއްވާ، އަޅުގަނޑުމެންނާއެކީގައި މަސައްކަތް ކުރެވޭނެ. ނުދެއްވާ، ނުދެއްވާ. އެހެންވީމާ، އަޅުގަނޑަކަށް ހުޅުދެލީ ކަންކަން ހިނގާ ނުހިނގާ ގޮތެއްވެސް، ޙަޤީޤަތުގައި ނޭނގެ. އަޅުގަނޑުމެންނަށް އެނގޭނީ، ތިޔަބޭފުޅުންގެ ވަކީލެއް އަޅުގަނޑުމެންނާ ވާހަކަ ދައްކައި ހެދީމާ. އޭގެ ބޭފުޅެއް، އޭގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރެއް ނެތް. އެހެންވީމާ، އަޅުގަނޑަކަށެއް، އަޅުގަނޑު ރައްޓެއްސެއް ގާތު އަހައިގެން، އެހެން ނޫނިއްޔާ އަޅުގަނޑު ގާތްތިމާގެ މީހެއްގެ ރައްޓެއްސެއް ގާތުގައި އަހައިގެން، ހުޅުދެއްޔަށްވާ ގޮތްގޮތް ހޯދުން އެއީ، ބުއްދިވެރި ކަމެއް ނޫން. ޢާއިލީ ވެރިކަމަށް މަގުފަހިވާނެ ކަމެއް. ޚުދު މުޚްތާރު ސިފަތައް އިތުރުވާނެ ކަމެއް. އެހެންވީމާ، އަޅުގަނޑު ރައްޓެހިން ގާތުގައި އަހައެއް ނޫޅޭނަން، ރަށް ކިހިނެއްހެއްޔޭ. އަޅުގަނޑު ދަންނަ މީހުން މިރަށުގައި އުޅޭނެ ބައިވަރު. އެކަމަކު އަޅުގަނޑަކަށް، ރައީސުލްޖުމްހޫރިއްޔާއެއްގެ ޙައިޘިއްޔަތަކުންނެއް، އެމީހުންނާ ވާހަކަ ދައްކައެއް ނޫޅެވޭނެ. އަދި ނުވެސް އުޅޭނަން. މި ނިޒާމެއްގެ ތެރެއިން ނޫން ގޮތަކަށް އަޅުގަނޑެއް އަޑެއްވެސް ނުވެސް އަހާނަން، ހުޅުދެލީގެ ވާހަކައެއް. ހުޅުދެލީގެ ވާހަކަ ދައްކަންޖެހޭނީ، ހުޅުދެލީގެ ވަކީލު. އެއީ، ހުޅުދެލީ ރައްޔިތުން އިންތިޚާބުކުރާ ބައެއް. ހުޅުދެލީ ރައްޔިތުން އިންތިޚާބްކުރީ މުޅިން އެހެން ބައެއް. އެހެންވީމާ، އަޅުގަނޑަކަށް ހުޅުދެއްޔަކާ އަޅާލެވޭކަށެއް ނެތް.

އަޅުގަނޑު މިރޭ މިއެދެނީ، އެހެން ނުހައްދަވައްޗޭ ދެން. ތިލަފަތަށް ތިޔަބޭފުޅުންގެ ވޯޓް ދެއްވާށޭ. އެއަށް ދިނީމާ، ތިލަފަތަށް ޖެހީމާ، އަޅުގަނޑު ދަންނަވާނީ އިންޞާފު ލިބޭނެއޭ. އަބަދުވެސް ތިލަފަތަށް ޖައްސަވާށޭ، އޭރުން އިންޞާފު ލިބޭނެއޭ. އަޅުގަނޑުމެންގެ އަމާޒަކީ، ތިޔަބޭފުޅުންގެ ތަރައްޤީ. އަޅުގަނޑު މި ވެރިކަމުގައި މިހުންނަނީ، މި ވެރިކަމުގެ އަރާމަށްޓަކައެއް ނޫން. ވެރިކަމުގެ އަރާމެއް ނޫން، ހެނދުނު 7 ޖެހީއްސުރެ ފަށައިގެން، ރޭގަނޑު 12 ޖަހަންދެން، މުޅި ރާއްޖޭގެ 7 ކަނޑު ހުރަސްކޮށް ދުއްވާކަށް. އަޅުގަނޑު ނުދެނަހުރިން، އެއީ އަރާމު ކަމެއް. އަޅުގަނޑުމެން ހަމަ ތިޔަބޭފުޅުންގެ އެންމެ ފައިސާ ފޮއްޗެއްގައެއްވެސް އަޅުގަނޑެއް އިރާދަކުރެއްވިއްޔާ ނުޖެހޭނެ. އަޅުގަނޑު ތިޔަބޭފުޅުންނަށްޓަކައި ދުވާލެއްގެ މައްޗަށް 10 ގަޑިއިރު މަސައްކަތް ނުކުރާ ދުވަހެއް އިރާދަކުރެއްވިއްޔާ، ނުބާއްވާނަން.

އަޅުގަނޑުމެންނަށް އެނގޭ ޙަޤީޤަތްތަކަކީ، ޤައުމެއް ތަރައްޤީ ކުރުމަށްޓަކައި އެޤައުމެއްގެ އެރައްޔިތުން ހިފަހައްޓައިގެނެއް، އޮބަހައްޓައިގެނެއް އެކަމެއް ނުކުރެވޭނެ. ޙަޤީޤީ ތަރައްޤީއަކީ ރައްޔިތުން ދޫކޮށްލީމާ ލިބޭ އެއްޗެއް. 2008 ވަނަ އަހަރު މުޅި އިސްލާމީ އުންމަތުގައި އޮތް ހަމައެކަނި މިނިވަން ރައްޔިތުންގެ އިޙްސާސްތައް، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަން ލިބިއޮތް ހަމައެކަނި އިސްލާމީ ޤައުމަކީ ދިވެހިރާއްޖެ. ދަންނަ ބޭކަލުންނަށް ރާއްޖޭގައި ހެޔޮލަފާ ނަޞޭޙަތް، އެދެވޭ މިނިވަންކަމުގައި، ވަޢުޡު ވިދާޅުވެވޭނޭ އެހެން ޤައުމެއް، އިސްލާމީ އުންމަތުގައެއް ނުވާނެ، މި ރާއްޖެ ފިޔަވައި. އެއީ ތިޔަބޭފުޅުން ކުރެއްވި ކަމެއް. އަޅުގަނޑުމެން އެންމެން ނިންމީ، އަޅުގަނޑުމެން ބޭނުންވަނީ، ދަންނަ ބޭކަލުންނަށް ދީނީ ހެޔޮލަފާ ނަޞޭޙަތް ދިނުމުގެ ފުރްޞަތުދޭށޭ. އިސްލާމީ ވަޙުދަތެއްވެސް، އަދި އިސްލާމްދީނުގެ ކަރާމަތާއި ޤަދަރާއި ޢިއްޒަތެއްވެސް ނުއެއް ހިފެހެއްޓޭނެ، ދަންނަ ބޭކަލުން ހިފާ ހައްޔަރުކޮށް، އަނދަގޮނޑި ޖަހާފައި ތިބޭހާ ހިނދަކު. އެހެންވީމާ، އަޅުގަނޑު ބައެއްފަހަރަށް އެބަ އަޑުއަހަން، ދީނަށްޓަކައޭ ބުނެފައި ވާހަކަ ދައްކަވާ އަޑު. އެ އަޑު އިވިގެން އަޅުގަނޑު އެންމެފަހުން ދުށް ދުވަހު، އަޅުގަނޑު ބައެއްފަހަރަށް ކުޑަގޮޅީގައި ބަހައްޓާފައި ހުރޭ. ޖެހިގެން ހުރި ގޮޅީގައި އޮތީ ދަންނަ ބޭކަލެއް. ކިހިނެއްތޯވީ، އަޅުގަނޑު މަޑުމަޑުން ވައި އަޑަކުން އަހާލީމާ، އޭނާ ބުނީ ނަމާދުކޮށްގެންނޭ. އަޅުގަނޑު ދިޔައީ އެއްލިގެން. އަޅުގަނޑުމެން ގޭގައި ކާން ނުލިބެނީ ނަމާދު ނުކުރީމާ. ޢިޝާ ނަމާދަށް ނާރަންޏާ، ރޭގަނޑު ކާން ހަމަ ވަރަށް އުނދަގޫވާނެ. ހަމަގައިމުވެސް އަޅުގަނޑު ބޮޑުވެގެން އައި ގޭގޭގައި. ދެން މީނަ ގެނެއްސާ ހުރީ ކޮށްގެން. އަޅުގަނޑަށް މިހާރު އޮޅުންނުފިލައިގެން މިއުޅެނީ، އަޅުގަނޑުމެން ދީނަށްޓަކައި އެހެން ބައެއް ހޯދައިގެން، އަނެއްކާ އެހުރިހާ އެންމެން ހައްޔަރު ކުރަންވީބާއޭ. މިހާރު އަޅުގަނޑުމެންގެ ރައްޔިތުން މިސްކިތަށްއަރާ މިންވަރާއި އަދި ސުންނަތަށް ތަބާވާ މިންވަރާއި އަދި ފަރުޟު އަދާކުރަމުންދާ މިންވަރު، މީގެކުރީގައި ދުވަހަކުވެސް ނެތް ދަރަޖައަކަށް ފުޅާވެގެން ގޮސްފައި މިވަނީ.

މިދިޔަ ދެހަފްތާގެ ތެރޭގައި، އިސްލާމީ އުންމަތުގެ އަޅުގަނޑުމެންގެ އަޚުން ވަރަށް ހިތްވަރާއެކީގައި އެބަ ތެދުވޭ، އެމީހުންގެ ޤައުމުތައް ޚުދު މުޚްތާރު، އަނިޔާވެރި ވެރިކަމުން ސަލާމަތްވުމަށް. ފުރަތަމަ އަޅުގަނޑުމެންނަށް ފެނުނީ ޓިއުނީޝިޔާގައި. އަޅުގަނޑު އެތަނުގެ އިދިކޮޅު ލީޑަރަށް ގުޅިން. އެބޭފުޅާ އަރިހުގައި އަޅުގަނޑު ދެންނެވިން، އުނދަގޫ ކަމެކޭ ތިއީ. ގިނަ ވަގުތު ނަގާ ކަމެކޭ، ގިނަ ދުވަސް ނަގާ ކަމެކޭ. އަދި މާދަމާ މާބޮޑު ބަދަލެއް އަތުވެދާނެ ކަމަށް ދެކެވަޑައިނުގަންނަވައްޗޭ. އަދި އަނިޔާއަށް ތައްޔާރުވައްޗޭ. އެކެއް، އަނެކެއްގެ ކިބައިން ހިތްވަރު ހޯދައި، ބިރުފަހަނަޅައި ދިޔުމޭ ބޭނުމަކީ. އަސޭމިރުސްދުމާއި، ކަރަންޓް މުގުރާއި، އެއްހުޅު ބިޑިއާ، މިއީ ހަމަ ހައްތަހާ ތިޔަބޭފުޅުންނާ ދިމާއަށް ރައްދުވާނޭ ތަކެއްޗޭ. ދިވެހިރާއްޖެއަކަސް، ޓިއުނީޝިޔާއަކަސް، މިޞުރަކަސް، މިކަންއޮތީ ހަމަ މިދެންނެވި މަގަށް. އަޅުގަނޑު މިޞްރުގެ އިދިކޮޅު ލީޑަރާވެސް ވާހަކަ ދެއްކިން. އެބޭފުޅާއަށްވެސް ދެންނެވިން، އަޅުގަނޑުމެންގެ ތަޖްރިބާއަކީ މިއީއޭ. 30 އަހަރު ވުމަށްފަހުއޭ، ކުރީގެ ރައީސް، އެންމެފަހުން އިންތިޚާބުން ފެއިލްވެވަޑައިގަންނަވައިގެން ވަޑައިގެންނެވީ. ހަމަ މިޞްރުގައި ހުންނެވި ބޭފުޅާވެސް 30 އަހަރުވެއްޖެ، އެކަމުގައި ހުންނަވާތާ. ހަމަ ހައްތަހާވެސް އިސްތިޢުފާ ނުދެއްވާން. ވަކިވެވަޑައިނުގަންނަވާން. އަނެއްކާވެސް ވިދާޅުވަނީ، މުޅި ވަޒީރުންގެ މަޖިލިސް އެކީގައި ތިމަންނާ ބަދަލުކުރައްވާނަމޭ. އެކަމަކު ތިމަންނާ މިހެންނޭ ހުންނާނީ. އަޅުގަނޑުމެންނަށް ފެނުނު، ވަޒީރުންގެ މަޖިލިސް ބަދަލުކުރީމާވެސް، ހަމަ އެއްވެސް ލޮޅުމެއް، ގުޑުމެއް ނައިކަން. މިޞްރުގައި ރައްޔިތުންނަށްވެސް ވަރަށް ސާފުކޮށް އެނގެން އެބަޖެހޭ، މިއީ އިސްލާމީ ޤައުމެކޭ. ދިވެހިރާއްޖެއަކީ ކުޑަ ޤައުމެކޭ. އެހެން ނަމަވެސް، އިންސާނީ ޠަބީޢަތް މިހުންނަނީ އެއްޒާތެއްގައި. އަދި އިސްލާމީ ވިސްނުމެއްގެ ތެރެއިން، އިސްލާމީ ޘަޤާފަތެއްގެ ތެރެއިން ގެންގުޅެ ބޮޑެތިކުރާ ކުދިން. އެއީ ކިތަންމެ މަދު ކުދިންކޮޅަކަށް ވިޔަސް، ކިތަންމެ ގިނަ ބަޔަކަށްވިޔަސް، އެއް ސިފަތަކެއް އެބަ ނުކުމޭ. އެހެންވީމާ، އަޅުގަނޑު މިޞްރު ރައްޔިތުންނަށް ހިތްވަރުދެން. އަޅުގަނޑު ދެންނެވިން، ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ތިބީ، މިޞްރުގެ ޚުދު މުޚްތާރު ސަރުކާރާ އެއްކަކު ނޫނޭ. އެ ސަރުކާރާ އެކީގައި ތިއްބެވި ބޭފުޅުން ނިމި ހިނގައްޖެއޭ. ވަދާޢުގެ ސަލާމަށްފަހު ވަޑައިގެންފިއޭ. މިހާރު ތިބީ މިޞްރު ރައްޔިތުންނާ އެކީގައި ތިބި ދިވެހި ރައްޔިތުންނޭ. އަޅުގަނޑުގެ ވަރަށްބޮޑު އުންމީދެއް އެއީ. އަޅުގަނޑުގެ ހުޅުދެލީ ދަރިވަރުންނަށް 60 ޕަސެންޓް، 5 މާއްދާއިން ފާސްވުމަށް އަޅުގަނޑު އެދޭ މިންވަރަށް، އަޅުގަނޑު އެދެން، މިޞްރުގެ ޑިމޮކްރަސީއަށްވެސް. އަޅުގަނޑުމެންގެ އެންމެބޮޑު މަޝްރޫޢަކީ ޑިމޮކްރަސީ. އެއީ، ވެރިކަމުގެ ރަނގަޅު ނިޒާމެއްގެ ތެރެއިން ނޫނިއްޔާ، ނަރުދަމާ ނިޒާމެއްވެސް އަޅުގަނޑުމެންނަކަށެއް ނުހޯދޭނެ. އަޅުގަނޑަށް ހަމަ ޔަޤީން، ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެންނަށް ފެންނާން މިއޮތީ މިދެންނެވި އުޖާލާ މަންޒަރު. މިވޭތުވެދިޔަ ތަނުގައިވެސް އަޅުގަނޑުމެންނަށް، އަޅުގަނޑު ދަންނަވާނީ ފެނުނު މަންޒަރު މަދެއް ނޫނޭ. އަޑުގަދަ މީހުންނަށް އަޅުގަނޑުމެންނަށް ކަންތައް ކޮށްދެވިފައި ނުވެދާނެ. ތަނަވަސް މުއްސަނދިންނަށް. އެހެން ނަމަވެސް، އާދައިގެ މީހުންނަށާއި އަދި އަޅުގަނޑުމެންގެ މިޕްރޮގްރާމަށް، އަޅުގަނޑުމެންގެ މަޝްރޫޢުތަކަށް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިއެދޭ ބަދަލުތައް އަންނަމުން އެބަދޭ.

އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންގެ ކުރިމަތީގައި މިއޮތީ އުފާވާ ޒަމާނޭ. އުފާވާ ޒަމާނޭ، ހިތާއޭ އަހާށޭ، އުފާވެރިވި މިރާގޭ.

والحَمْـدُ لِلّـهِ. والســّلام عليــكم.
_______________________