بســم اللّـه الرّحمـن الرّحيــم

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސް އޮނަރަބްލް އިބްރާހީމް ޙުސައިން ޒަކީ، ޕާޓީގެ ޗެއަރޕަރސަން އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ، ދައުލަތުގެ ވެރިން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، މާއެނބޫދޫގެ ވެރިންނާއި އަދި ވަކިން ޚާއްޞަކޮށް، މިރަށުގެ ލޮބުވެތި ރައްޔިތުން.

السّـلام عليـكم

2008 ވަނަ އަހަރު ރާއްޖޭގެ ރައްޔިތުންނަށް، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީންނާއި އަދި މުޅި ރާއްޖެ އެކީގައި ހުށަހެޅި ސުވާލެއްވޭ. ރައްޔިތުންނަށް އެދުވަހު އެނގުނު، ރާއްޖެ އޮތީ ހަތަރު އަނގޮޅިއެއްގެ ކަންމަތީގައިކަން. އެދުވަހު އޮތް އަޅުގަނޑުމެންނަށް ޚަރާބުގެ މަގު ޚިޔާރު ކުރެވެންވެސް. ނޫންނަމަ އެދުވަހު އޮތް އަޅުގަނޑުމެންނަށް އެހެން ގޮތެއް، މުޅިން އެހެން ދިވެހިރާއްޖެއެއް ހޯދެން. ރާއްޖޭގެ ރައްޔިތުން ވަރަށް ތަނަވަސް އަޣްލަބިއްޔަތަކުން ނިންމެވީ، އެ ރައްޔިތުން ބޭނުމީ، މުޅިން އެހެން ގޮތެކޭ، އެހެން ދިވެހިރާއްޖެއެކޭ، އެނެއް ދިވެހިރާއްޖެއޭ. މިދެންނެވި އެހެންގޮތް، އަނެއްގޮތް ލިބިގަތުމަށްޓަކައި، އެގޮތް ހޯދުމަށްޓަކައި، މި މާއެނބޫދޫގެވެސް ތަރައްޤީގެ ތަޞައްވުރެއް، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ސަރުކާރު ހިންގުމާ ޙަވާލުވުމުގެ ކުރީގައިވެސް، އެ ޕާޓީ، އެ ތަޞައްވުރު ގެންގުޅުއްވާ. ޕާޓީން ރާއްޖޭގެ ރައްޔިތުންގެ އަޑުއެހި. ކިތަންމެ ރަށަކަށް ޕާޓީ ދަތުރުކުރި. ގެއިން ގެޔަށް، ދޮރުން ދޮރަށް ޕާޓީން ހިނގާހެދި. ޕާޓީއަށް އިވުނު އަޑު ފުރޭނި އައިސް، އޭގެ ޢަރަގުގެ ގޮތުގައި ދެން ފާހަގަވި ކަންކަން އެއީ، ޕާޓީގެ ފަރާތުން ރައްޔިތުންނަށްވީ ވަޢުދު. އެމް.ޑީ.ޕީ ފިޔަވައި އެހެން ޕާޓީއެއް، ރައްޔިތުންނަށް ވަޢުދެއް ނުވާނެ. ވަޢުދެއްވެ، ވަޢުދެއް ފުއްދާން އުޅުމަކީ، ޒަމާނީ ޑިމޮކްރަސީއަށް އަޅުގަނޑުމެން ހޭލުމަކީ. ވަޢުދެއް ވުމަށްފަހުގައި، އެ ވަޢުދު ފުއްދުމަށް ބޭނުންވާ ސިޔާސަތުތައް އެކަށައަޅައި، އެ ސިޔާސަތުތައް ތަންފީޛު ކުރުމަށް ބޭނުންވާ ފައިސާގެ ބަދަލު އެކުލަވާލައި، އެ ބަޖެޓް ފާސްކޮށް، އެއާ އެއްގޮތަށް އަހަރުގެ މަސައްކަތް ގެންދިޔުން އެއީ ޤައުމެއް ހިންގުމަކީ. ކުރު ގޮތަކަށް އަޅުގަނޑު މިދެންނެވީ. މިއުޞޫލުން މި ރާއްޖެ ހިންގުމަށާއި، މި ރާއްޖޭގެ ރައްޔިތުންނަށް މަންފާއާއި ލާބަ އޮތީ، އެމަގުންކަން ޑިމޮކްރަސީއިންކަން އަޅުގަނޑުމެން މާކުރިއްސުރެ ފަށައިގެން ދެނެގެންފިން.

އެމް.ޑީ.ޕީ. އަށް ފާހަގަވި އެންމެބޮޑު އެއް ޙަޤީޤަތަކީ، މި މާއެނބޫދޫގައިވެސް 2008 ވަނަ އަހަރާ ޖެހުނުއިރުވެސް، އާބާދީގެ ތިންބައިކުޅަ އެއްބައި މީހުންނަކީ، ކޮންމެ ތިންމީހުންކުރެ އެކަކީ، ނިކަމެއްޗެއްކަން. އޭނާއަކީ، އޭނާގެ ރެޔާދުވާލުގެ މަސައްކަތަށް ފަނަރަ، ވިހި ރުފިޔާ ނުލިބޭ މީހެއްކަން. އެ ރުފިޔާ އޭނާއަށް ނުލިބުނީތީ، އޭނާގެ ނިކަމެތިކަން މިހުރީ، އެހެން މީހުންނާ އަޅާބަލާއިރު، ނުހަނު ބޮޑުކޮށް. މި މާއެނބޫދުއެއް ތަރައްޤީއެއް ނުވެވޭނެ، މިރަށުގެ ގިނަ ބައިވަރު ރައްޔިތުންނަކީ، ބިކަ ހާލުގައި އުޅޭ ބައެއްގެ ގޮތުގައި ތިބިހާ ހިނދަކު. އަޅުގަނޑުމެންގެ ތެރެއިން އެއްބަޔަކު މާ ތަނަވަސްވެގެން، އެބަޔަކަށް ހުރިހާ އެއްޗެއް ލިބި، އެބަޔަކު އަދި މާ މީރުކޮށް ކައިބޮއި އުޅުނެއްކަމަކު، ގިނަ ބައިވަރު މީހުންނަކީ، ނިކަމެތިން ކަމުގައިވަނީނަމަ، އެޅޭ ބޮޑު ޢިމާރާތަކުން، ހެދޭ ބޮޑު ބިނާއަކުންނެއް ރަށެއް ތަރައްޤީއެއް ނުވާނެ. ތަރައްޤީވާން މިޖެހެނީ، މާއެނބޫދޫ މީހާ. ތަންދޮރުއޮޅުންފިލާން މިޖެހެނީ މާއެނބޫދޫ މީހާ. އޭނާ ކުރާ ކަމެއް ތަރައްޤީއަކީ. އެމީހާ ދޫކޮށްނުލެވޭހާ ހިނދަކު، އެމީހާއަށް އިޖްތިމާޢީ ރައްކާތެރިކަމެއް ފޯރުކޮށްނުދެވޭހާ ހިނދަކު، އެމީހާއަކަށް ތަރައްޤީގެ މަގަކަށް ނުދެވޭނެ.

ޕާޓީން ދުށީ، 2008 ވަނަ އަހަރާ ހަމައަށް އައިއިރުގައިވެސް، އަޅުގަނޑުމެންގެ ރައްޔިތުންގެ ތެރެއިން ގިނަ ބައިވަރު މީހުންގެ ޤަދަރާއި ޢިއްޒަތް ގެއްލިދާތަން. ބޭސްފަރުވާއަށް ބޭނުންވާ ބޭސް ހޯދުމަށްޓަކައި، އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް، އެ ޚަރަދު ކުރުމުގެ ތަނަވަސްކަން ނެތުމުން، ސަލާންޖަހަމުން، އެއް ސާދާގަރެއް، އަނެއް ވިޔަފާރިއެއް، އަނެއް މަހުޖަނެއް ގާތުން ރައްޔިތުން ހިނގަންޖެހޭ ހިނގުން ޕާޓީން ވަރަށް ސާފުކޮށް ދުށް. ޕާޓީން ވަޢުދުވީ، އެމް.ޑީ.ޕީ.ގެ ސަރުކާރެއްގައި އިރާދަކުރެއްވިއްޔާ، ރައްޔިތުން ބޭސްސިޓީއަށް ސަލާންޖަހާޖެހުން ނައްތާލާނަމޭ. މަދަނައިގެ ވިއުގަ ވަރުގަދަ ކުރެވިގެން އައީ، މިދެންނެވި ހިސާބުން. ސަރުކާރުން ނިންމީ، ރާއްޖޭގެ ވީހާވެސް ގިނަ ރައްޔިތުންނަކަށް އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ނިކަމެތިންގެ ތެރެއިން ވީހާވެސް ގިނަ ބައެއް، މަދަނައިގައި ރަޖިސްޓްރީ ކުރުން. އަޅުގަނޑުމެންނަށް މިއަދު އުފާވެރިކަން ލިބެނީ، ހިތްހަމަޖެހުން ލިބެނީ، މި މާއެނބޫދޫ ރައްޔިތުންގެ ތެރެއިން 128 މީހަކަށް، މަދަނައިގައިޖެހި، އެމީހުންނަށް އެފައިސާ، ބޭސްފަރުވާއަށް ބޭނުންވާ، 2011 ވަނަ އަހަރަށް ބޭނުންވާނެ ފައިސާގެ ގޮތުގައި، ކޮންމެ މީހަކަށް އެއްލައްކަ ރުފިޔާ، މާލިއްޔަތުގައި ރައްކާ ކުރެވިފައި އޮތްކަމުން. އަދި ހަމައެހެންމެ، އެއާ އެކީގައި، މިދިޔަ އަހަރު މި މާއެނބޫދޫ ރައްޔިތުންގެ ތެރެއިން ބޭސްފަރުވާއަށް ބޭނުންވާ މީހުންނަށް ދެލައްކަ ފަސްދޮޅަސް ފަސްހާސް ރުފިޔާ ޚަރަދު ކުރެވުނުކަމީ، މި ސަރުކާރަށް ލިބޭ ވަރަށްބޮޑު ހިތްހަމަޖެހުމެއް. ތިޔަބޭފުޅުން ވިސްނަވާ، މީގެކުރީގައި ވެލްފެއަރ ފަންޑުން މާއެނބޫދޫގެ ކާކަށްތޯ ބޭސްކުރުމުގެ ފުރްޞަތެއް ލިބިފައި އޮތީ. ބައެއްފަހަރަށް، ބައެއް ބޭފުޅުންނަށް ދެކޮޅު ޓިކެޓާއި، ދުއިސައްތަ ރުފިޔާ ދެއްވާނެ. ދެކޮޅު ޓިކެޓާއި ދުއިސައްތަ ޑޮލަރު ދެއްވާނެ. އަދި އެ ޑޮލަރާއިގެން ދެން އުޅެ، އިތުރު ފައިސާއެއް ލިބޭތޯ ހިނގަމުން ހިނގަމުން، އެކެއް ކައިރިން އަނެކެއް ކައިރިންދާ ދިޔުން އަދި އެއީ މާ ހިތާމަވެރި، ވޭންދެނިވި ކަމެއްގެ ގޮތުގައި އަބަދުވެސް އަޅުގަނޑުމެންނަށް މިއޮންނަނީ ފާހަގަވެފައި. މުޅި ޖުމްލަ 2008 ވަނަ އަހަރު ތީމުގޭ ވެލްފެއަރ ފަންޑުން ބާރަސަތޭކަ މީހުންނަށް ބޭސްފަރުވާ ކޮށްދެވިފައެއް ނެތް. މިދެންނެވި ބާރަސަތޭކަ މީހުންނަކީ، އޭގެތެރެއިން ދެބައިކުޅަ އެއްބައި މީހުންނަކީ، އެމީހުންގެ އާމްދަނީގެ ގޮތުގައި މަހެއްގެ މައްޗަށް އެއްލައްކަ ރުފިޔާ ލިބޭ މީހުން.

އަޅުގަނޑުމެން ނިންމީ، ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުން. މިދެންނެވި މި މާއެނބޫދުއަށް މިދިޔަ އަހަރު ޚަރަދު ކުރެވުނު ދެލައްކަ ފަސްދޮޅަސް ފަސްހާސް ރުފިޔާ، ބޭސްފަރުވާއަށް މާއެނބޫދޫ ރައްޔިތުން ޑޮކްޓަރަށް ދައްކައި، އެ ޑޮކްޓަރަށް ދެއްކި ބޭސް ސިޓީއަށް ބޭސްހޯދުމަށްޓަކައި. އެއްވެސް ހާލެއްގައި އެއީ، ހެލްތް ސެންޓަރ ހިންގާކަށެއް ނޫން. އެއީ ވަކި ޚަރަދެއް. އެއްވެސް ހާލެއްގައި އެތަނުގެ ތިބި މީހުންނަށް މުސާރަދޭކަށް ނުވަތަ އެތަނުގެ އެއްވެސް އެހެން ކަރަންޓް ބިލް ދައްކާކަށް، ފެންބިލް ދައްކާކަށް ނުވަތަ އެތަން މަރާމާތު ކުރާކަށް ކުރެވުނު ޚަރަދެއް ނޫން. ހަމަ ސީދާ މީހެއްގެ ޖީބަށް. ހަމަ ސީދާ މީހެއްގެ ބޭސްސިޓީއަށް ކުރެވުނު ޚަރަދު. އެއީ، އަޅުގަނޑުމެނަށް ހިތްހަމަޖެހުން ލިބޭ ކަމެއް. އެއީ، އަޅުގަނޑުމެންނަށް އުފާވެރިކަން ލިބޭ ކަމެއް.

ޕާޓީގެ ފަރާތުން ދެކެމުންދިޔަ އަނެއް ނުކުތާއަކީ، ޕާޓީ ދުށް އަނެއް މަންޒަރަކީ، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ޢުމުރުން ދޮށީ މީހުން، މި މާއެނބޫދޫގެ ޢުމުރުން ދޮށީ މީހުން އުޅެމުންދިޔަ ބިކަ ހާލު. މިއީ އަޅުގަނޑު ވަރަށް ރަނގަޅަށް ދަންނަ ރަށެއް. މިރަށުގެ ރައްޔިތުންގެ ތެރެއިން ދޮށީ ޢުމުރުގެ މީހުން އުޅެމުންދިޔަ ހާލު، އަޅުގަނޑުމެން ދެކެމުން އަންނަތާ ކިތަންމެ ދުވަހެއް. ހޮޅުއަށިއަށީގައި، ރުއްރުއްދޮށުގައި، ގޮނޑުދޮށްތަކުގައި ވެއްޓި ހުއްޓިފައި ތިބެނީ، އަޅުގަނޑުމެންގެ ކާފައިން، މާމައިން. އެމީހުންނަކީ މި ރާއްޖެ މިގޮތަށް އަޅުގަނޑުމެންނަށް ރައްދުކޮށްދިން މީހުން. މިރާއްޖެ އަޅުގަނޑުމެންނަށް މިހާލުގައި މިގޮތަށް ލިބިފައި މިއޮތީ، ދޮށީ ޢުމުރުގެ މީހުން، ނުހަނު ގިނަ މަސައްކަތް ކުރީތީވެ. އަންހެންވެރިން ކެއްކީތީވެ، އަންހެންވެރިން މަސް ކެއްކީތީވެ. އަދި އަންހެންވެރިން ރަށުގައި ތިބެގެން ހިންގަމުން ގެންދިޔަ ކިތަންމެ ކިތަންމެ މަސައްކަތްތަކެއް، އެމީހުން ކޮށްފައި އޮތީތީވެ. ފިރިހެނުން، އެމީހުންގެ އެތައް މަސައްކަތްތަކެއް، ރުކަށް ދިޔުން، ވަލަށް ދިޔުން، މަހަށް ދިޔުން، ފަރަށް ދިޔުން، ވަޑާން ކުރުން، އޮޑިދޯނިފަހަރު ބަނުން، އަތްކަން ކުރުން. އެތައް މަސައްކަތެއް އެމީހުން ކުރީތީވެ، އަޅުގަނޑުމެންނަށް މި ރާއްޖެ މިގޮތަށް ލިބިފައި މިއޮތީ. ހަމަގައިމުވެސް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ ގަބޫލުކުރާ ފަލްސަފާއެއް ނޫން އެއީ، މިއަދު މިރާއްޖޭގައި ޕެންޝަނެއް ޙައްޤުވަނީ ކޮންބަޔަކަށްތޯ ދެކޭއިރުގައި، އެއީ ހަމައެކަނި ސަރުކާރު މުވައްޒަފުންގެ ޙައްޤެއް ކަމަށް ދެކެވޭ ދެކުން. ޕާޓީގެ ފަރާތުން ވަޢުދުވީ، އާމްދަނީ މަދު 65 އަހަރުން މަދު ކޮންމެ މީހަކަށް، ކޮންމެ މީހަކަށް ދެހާސް ރުފިޔާގެ ޕެންޝަނެއް ދިނުމަށް. އަޅުގަނޑުމެންނަށް މިއަދު ހިތްހަމަޖެހުން ލިބެނީ، މިރަށުގެ 30 ރައްޔިތަކަށް، މިދެންނެވި ޕެންޝަން ގަވާއިދުން ދެމުން ގެންދާތާ މިވީ ދެއަހަރު. އަޅުގަނޑުމެންނަށް ހިތްވަރު ލިބެނީ، އުފާވެރިކަން ލިބެނީ، މިރަށަށް ކޮންމެ މަހަކު މިދެންނެވި ޕެންޝަން ދިނުމަށްޓަކައި ފަސްދޮޅަސްހާސް ރުފިޔާ ޚަރަދު ކުރުމުގެ ފުރްޞަތު، މި ސަރުކާރަށް ލިބިފައި އޮތީތީވެ.

އެކަނިވެރި މައިންނާއި، ޔަތީމު ކުދިންނަށް މިރަށަށް، 37 ފަރާތަކަށް، 2010 ވަނަ އަހަރުގެ ފަހު 6 މަސް ދުވަހު އެކަނި އެއްލައްކަ އަށްޑިހަ އެއްހާސް ރުފިޔާ ޚަރަދު ކުރެވިފައި އޮތްކަމީ، މި ސަރުކާރަށް ނުހަނު ހިތްހަމަޖެހުމާއި ހިތްވަރު ލިބޭ ކަމެއް. އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ މަޤްޞަދަކީ، މާއެނބޫދޫ ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުން. އެކަމަށްޓަކައި ދައުލަތުގެ އެންމެހާ ސިޔާސަތުތައް އެނބުރިގެންދަނީ. ކޮންތާކުންތޯ އަޅުގަނޑުމެން މިފައިސާ ހޯދަނީ. އިޖްތިމާޢީ ރައްކާތެރިކަން، މުޅި ރާއްޖޭގެ އެންމެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި މިއަހަރުގެ ބަޖެޓްގައި 1.4 ބިލިއަން ރުފިޔާ ހިމެނިފައިވާނެ. އެފައިސާ އަޅުގަނޑުމެންނަށް ލިބެނީ، އެކިއެކި ދިމަދިމާއިން. ފުރަތަމަ ކަމަކަށް އެނގިވަޑައިގަންނަވާނެ، ކުރީގައި ރައީސުލްޖުމްހޫރިއްޔާގެ ޚަރަދުގެ ގޮތުގައި އަހަރެއްގެ މައްޗަށް ހަސަތޭކަ މިލިއަން ރުފިޔާ ޚަރަދުނުވާ އެންމެ އަހަރެއް ނުދާނެ. މިއަދު މުލީއާގޭ ބަޖެޓަކީ ހަތާވީސް މިލިއަން ރުފިޔާ. އަޅުގަނޑުމެންނަށް އެފައިސާ ބޭނުންވާ ފަރާތްތަކަށް އެބަދެވޭ. އަޅުގަނޑާ ތިޔަބޭފުޅުން ޙަވާލުކޮށްފައި އޮންނަނީ އަމާނާތެއް. ދިވެހިރާއްޖޭގެ މިލްކިއްޔާތާއި، ދިވެހި ދައުލަތުގެ ޚަޒާނާ. އެ އަމާނާތް، އަމާނާތްތެރިކަމާއެކުގައި، ޚިޔާނާތްތެރިނުވެ ބެލެހެއްޓުމަކީ، އަޅުގަނޑުގެ ވާޖިބެއް. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން. އަޅުގަނޑެއް ތިޔަބޭފުޅުންގެ ފައިސާގެ ލޯ ލާރިއެއްގައިވެސް އިރާދަކުރެއްވިއްޔާ ނުޖެހޭނަން. އަޅުގަނޑެއް ތިޔަބޭފުޅުންނަކަށް ޚިޔާނާތްތެރިއެއް ނުވާނެ. އަޅުގަނޑު ތިޔަބޭފުޅުންނަށްޓަކައި މަސައްކަތް ކުރުން، އެންމެ ދުވަހަކުވެސް އިރާދަކުރެއްވިއްޔާ ހުއްޓައެއްނުލާނަން.

އަޅުގަނޑުމެންގެ ހަމައެކަނި އެންމެ އަމާޒެއް އޮތީ، އެއީ މިރަށްރަށުގެ ތަރައްޤީ. މާއެނބޫދޫ މީހުން މުއްސަނދި ކުރުން. އެ މުއްސަނދި ކުރުމަށްޓަކައި ކުރާންޖެހޭ މަސައްކަތް އަޅުގަނޑުމެން ކުރުން. އެމަސައްކަތަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެނިފެސްޓޯ ތަންފީޛު ކުރުން. އެ މެނިފެސްޓޯ ތަފާތުވާނެ، ކުރީގެ ސިޔާސަތުތަކާ. އޭގައި ދައުލަތުގެ ހަރު މުދަލާއި، ދައުލަތުގެ މިލްކިއްޔާތާއި އަދި ދައުލަތުގެ މުއްސަނދިކަން ބޭނުންކުރާ ނިޒާމްތަކާއި އުޞޫލުތައް ތަފާތުވާނެ. އަޅުގަނޑުމެންނަކީ ތަފާތެއް ގެންނަންވެގެން ވެރިކަން ހިންގުމާ ޙަވާލުވި ބައެއް. އަޅުގަނޑުމެން ކުރަމުން އަންނަ ކަމަކީ، މިދެންނެވި ތަފާތު ގެނައުން. މިއަދާ ހަމައަށް އައިއިރުގައި، އަޅުގަނޑު މިދެންނެވި މާއެނބޫދޫ މީހުންގެ އަޑެއް، ތިޔަބޭފުޅުނުންނަކަށް އަޑުއިވިފައި ނެތިދާނެ. އެހެން ނަމަވެސް، އަޅުގަނޑަށް އެބަ އެނގޭ، މިރަށުގެ ދޮށީ ޢުމުރުގެ މީހުންގެ މިހާރުގެ ޙާލު. އަޅުގަނޑަށް އެބަ އެނގޭ، އެކަނިވެރި މައިންނަށް މިހާރު ލިބޭ ލުއި. އަޅުގަނޑަށް އެބަ އެނގޭ، މަދަނައިން ބޭސްފަރުވާ ނުލިބިގެން، މަދަނައިގެ އެހީތެރިކަން ލިބުނު މީހުންނަށް ލިބުނު ނިޢުމަތް. އަޅުގަނޑަށް ވަރަށް ސާފު. އެމީހުންނަކީ ނިކަމެތިން. އެހެންވީމާ، އެމީހުންގެ އަޑެއް ނުހުންނާނެ. އެމީހުންގެ ރުކެއް ނުހުންނާނެ. އަޅުގަނޑަކަށް ނެތް ދެންނެވޭކަށް، ދެޕާޓީ ކުރަނީ އެއްމަސައްކަތެކޭއެއް. އަޅުގަނޑަށް ދެންނެވެން އޮތީ، މުޅިން އެއާ ޚިލާފަށް. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަކީ، ރައްޔިތުންނަށް ވަޢުދުވެ، އެ ވަޢުދު ފުއްދުމުގެ ސިޔާސަތުތަކެއް ކަނޑައަޅައިގެން ކުރިއަށްދާ ޕާޓީއެއް. ދެން އަޅުގަނޑަށް ފެންނަނީ، ވެރިކަމާއިގެން އުޅޭ ޕާޓީތައް. ތަރައްޤީއަކާއިގެނެއް ނޫން އެ އުޅެވެނީއެއް. އޭރުން އެއުޅެވެނީ، ގެއްލުނު އެއްޗެއްގެ ހިތި ނަތީޖާއެއްގެ ސަބަބުން، އަލުން އަނބުރާ އެ ގެއްލުނު އެތި ހޯދަން. އަޅުގަނޑު އުންމީދު ކުރަން، އަޅުގަނޑު އެދެން، އަޅުގަނޑު ބޭނުން. ވާދަވެރި ޕާޓީތަކުން ސިޔާސަތުތަކަކާ އެކީގައި ނުކުންނަވަން. ރައްޔިތުންނަށް ވާދަވެރި ޕާޓީތަކުން ވަޢުދުވެލައްވާ. ތިމަންނާގެ ވެރިކަމުގައި، މިވެނި ކަމެއް ތިމަންނާމެން ކުރާނަމޭ. އަދި އެކަން ކުރުމަށް ސިޔާސަތުތައް ތަންފީޛު ކުރުމަށް. އަޅުގަނޑުމެންގެ ބޭނުމަކީ، ވާދަވެރި ސިޔާސީ ނިޒާމް ރަނގަޅަށް ހިންގުން. ވާދަވެރި ސިޔާސީ ނިޒާމެއް މެދުވެރިކޮށްގެން މެނުވީ، ރަނގަޅު ވެރިކަމުގެ ނިޒާމެއް އަޅުގަނޑުމެންނަކަށް ނުހޯދޭނެ. ގަބޫލުފުޅު ކުރައްވާ، ރަނގަޅު ވެރިކަމުގެ ނިޒާމަކުން ނޫނިއްޔާ، ނަރުދަމާ ނިޒާމެއްވެސް ނޭޅޭނެ.

ރައްޔިތުން އޮބަހައްޓައި، ރައްޔިތުން ފިއްތާ، ރައްޔިތުން ބިރުގަންނަވައިގެނެއް، އަޅުގަނޑުމެންނަކަށެއް ތަރައްޤީއެއް ނުހޯދޭނެ. ތަރައްޤީއަކީ ރައްޔިތުން ކުރާ ކަމެއް. ރައްޔިތުން ނުކުމެ، އެމީހުން ކުރާ ކަމެއް. އެމީހުން އަނދަގޮނޑީގައި ތިބެގެން، އެމީހުން ބިރުން ތިބެގެން، އެއްހުޅު ބިޑި އެޅި ތިބެގެން، އޭންގަލަށް ނެގި ތިބެގެން ތަރައްޤީއެއް ނުހޯދޭނެ. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަށް އަބަދުވެސް އެންމެ މުހިންމު މަޝްރޫޢަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި، ޞުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގުމުގެ މިނިވަންކަން. އެ ޑިމޮކްރަސީގެ މައިގަނޑު އަސާސްތައް ދެމެހެއްޓުން އެއީ، މި ސަރުކާރުގެ އަބަދުވެސް އެންމެ ފުޅާ އަމާޒަކީ. އެއްވެސް ބޭފުޅަކަށް އޮޅިވަޑައިގަންނަވާނެ ކަމެއް ނެތް. ސިވިލް ސަރވިސްގެ ބޭފުޅުންނަކަށްވެސް އަދި ޝަރީޢަތް ހިންގާ ފަރާތްތަކަށްވެސް، ޤާނޫނުހަދާ ފަރާތްތަކަށްވެސް. މި ރާއްޖޭގައި އެންމެ މުހިންމީ، ސިޔާސީ ޕާޓީގެ ނިޒާމް. އެ ނިޒާމް ފުރިހަމަ ގޮތުގައި ހިންގުމަށް، ޕާޓީތަކުގެ ތެރޭގައި، އެތެރޭގެ ޑިމޮކްރަސީ ހިނގާ، ސާފު ސާދާކޮށް ވެރިން ފާހަގަވެ، އެމީހުންގެ ލީޑަރުންނަކީ ކޮބައިކަން އެނގި، އަދި އެއަށްވުރެ ސާފު ސާދާކޮށް އެ ލީޑަރުންގެ ސިޔާސަތުތަކަކީ ކޮބައިތޯ އަޅުގަނޑުމެންނަށް އެބަ ސާފުވާންޖެހޭ. އިޖްތިމާޢީ ރައްކާތެރިކަން، މި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދެނީ، މިރަށުގެ ތަރައްޤީއަށްޓަކައި. މިރަށް ބަދަލުކުރުމަށްޓަކައި. މިރަށް ބަދަލުކުރެވޭން އަޅުގަނޑުމެންނަށް އޮތީ، އެކަމުގައި އަޅުގަނޑުމެން އުޅެވެން އަންނަނީ، ސަރުކާރުގެ އޮތީ ހަމަ އެންމެ އަމާޒެއް. އެއީ، މި މާއެނބޫދޫގެ ތަރައްޤީ. މާއެނބޫދޫ ބަދަލުކުރުން. މާއެނބޫދޫ ބަދަލުކުރުމަށްޓަކައި ހިންގަންޖެހޭ ކަންކަން ހިންގުން.

ތަރައްޤީއަކީ އަޅުގަނޑު އަބަދުވެސް އެބަ ދަންނަވަން، ބޮޑުހިލައިން މިނާ އެއްޗެއް ނޫނޭ. އެއްގަމު ތޮށްޓެއްވެސް ނޫނޭ. ސަހަރާ ވަށާފާރެއްވެސް ނޫނޭ. ތަރައްޤީއަކީ ބިނާއެއް ނޫން. ތަރައްޤީއަކީ މާއެނބޫދޫ މީހާ ތަރައްޤީވުން. އެހެންވީމާ، މިތަނުގެ މަދްރަސާ އެއީ، އަބަދުވެސް ވާންޖެހޭނީ ތަރައްޤީގެ ނާރެސްއަށް. އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، ހުރިހާ މަސައްކަތަކީވެސް އަޅުގަނޑުމެންގެ ދަރިންނަށްޓަކައި ކުރާ މަސައްކަތް. އަޅުގަނޑު އަބަދުވެސް ދަންނަވަން، އަޅުގަނޑުމެންނަށް މިއަދު މިއޮތީ ގެއްލިފައޭ. އަޅުގަނޑުމެންނަށް ދެން ހޯދެން އޮތީ މާދަމައޭ. އެ މާދަމައަށްޓަކައޭ އަޅުގަނޑުމެން މަސައްކަތް ކުރާންވީ. އަޅުގަނޑުމެންގެ މުސްތަޤްބަލަށްޓަކައޭ އަޅުގަނޑުމެން މަސައްކަތް ކުރާންވީ. އަޅުގަނޑުމެންގެ މުސްތަޤްބަލަކީ، އަޅުގަނޑުމެންގެ ދަރިން. އެދަރިންނަށް ތަނެއްދޮރެއް އަންގައިދީ، ތަރުބިއްޔަތެއްދީ، ރޯފިލުވާ ތަނަކީ މިރަށުގެ މަދްރަސާ. މިދިޔަ އަހަރު މާއެނބޫދޫ ދަރިވަރުންނަށް ފޮތް، ފަންސުރު، ގަލަން ގަތުމަށްޓަކައި އެއްލައްކަ ތޭރަހާސް ރުފިޔާ ޚަރަދު ކުރެވިފައި އޮތްކަމީ، މި ސަރުކާރަށް ލިބުނު ނުހަނު ބޮޑު ހިތްހަމަޖެހުމެއް. އަދި ހަމަ އެހެންމެ، މާއެނބޫދޫ ކުދިން، އޯލެވެލް އިމްތިޙާންގައި ބައިވެރިވުމަށް ވިހިހާސް ރުފިޔާ، އިމްތިޙާން ފީގެ ގޮތުގައި ޚަރަދު ކުރެވުނުކަމީވެސް، މިސަރުކާރަށް ނުހަނު ހިތްހަމަޖެހުން ލިބޭ ކަމެއް. މި މާއެނބޫދުއަކީ މިހާރު އެއްދަންފަޅިއަށް ހިންގާ މަދްރަސާއެއް. އެއްދަންފަޅިއަށް މަދްރަސާ ހިންގަނީ، ރަނގަޅު ވަށާޖެހޭ ތަޢްލީމެއް ދަރިވަރުންނަށް ދިނުމަށް.

ޕާޓީގެ ވަޢުދަކީ، އޯ ލެވެލް އިމްތިޙާންގައި ބައިވެރިވާ ކުދިންގެ ތެރެއިން 60 ޕަސެންޓް ކުދިންނަކީ، 5 މާއްދާއިން ފާސްވާ ކުދިންނަށް މި ސަރުކާރުގެ 3 އަހަރުގެ ތެރޭގައި، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަދައިދޭނަމޭ. އެ ނަތީޖާ ނެރުމަށްޓަކައި މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ. އަޅުގަނޑު ދެރަވަނީ، މިރަށަށް އައިމާ، މިރަށު މީހުން، މިރަށު ރައްޔިތުން، މިރަށުގެ ކުރިއަށް ތިއްބެވި ބޭފުޅުން، އަޅުގަނޑު ކައިރީގައި ރަށު ބަނދަރުގެ ވާހަކަ އެއީ އެންމެ މުހިންމު ވާހަކަ ކަމުގައި ވިދާޅުވާއިރު، މަދްރަސާގެ ވާހަކަ އަޅުގަނޑުމެން ފާހަގަނުކުރާތީ. އަޅުގަނޑަކަށެއް ނެތް، އެނޫން އެހެން އެއްވެސް ކަމެއް. ދަރިންނަށް ކިޔަވައިދިނުން ނޫން. އަޅުގަނޑު ވެރިކަމުގައި ހުންނަނީ، ފުރަތަމައަށް އެކަމަށްޓަކައި. އަޅުގަނޑުމެންގެ މުސްތަޤްބަލަށްޓަކައި. އަޅުގަނޑުމެން ވެރިކަން ކުރުމުގެ މާނައެއް ނެތް، އަޅުގަނޑުމެންގެ ދަރިން މަދްރަސާތަކަށް ފޮނުވައިގެން، އެމީހުންނަށް ރަނގަޅު ތަޢްލީމެއް ނުދެވެންޏާ. މިމާއެނބޫދޫގެ ކޮންމެ ދަރިވަރަކަށް ޚަރަދުކުރާ މިންވަރު ސަރުކާރުން ގިނަވާނެ ބޮލަކަށް، މެލޭޝިޔާގައި ކުރާ ޚަރަދަށްވުރެން. މެލޭޝިޔާގެ ދަރިވަރަކަށްކުރާ ޚަރަދަށްވުރެ، މާއެނބޫދޫ ކިޔަވާ ކުއްޖަކަށް ސަރުކާރުން އެކުރާ ޚަރަދު ބޮޑުވާނެ. އެހެންވީމާ، މިތަނުގެ އެނަތީޖާ ނުކުންނާންޖެހޭ އެބަ. އަޅުގަނޑުމެންނަށް މިދިޔަ އަހަރު މިލިބުނީ 40 ޕަސެންޓް ކުދިން، 5 މާއްދާއިން ފާސްވި. އެކަން 2009 ވަނަ އަހަރުން 2010 ވަނަ އަހަރަށް ކުރިއަރާފައި އޮތް މިންވަރު، މިރަށުގައި އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ. އެއީ، 12 ޕަސެންޓަށް ކުރިއަރާފައި މިވަނީ. ސަރުކާރުގެ އަމާޒަކީ 60 ޕަސެންޓް. މިރަށުން ބައިވެރިވި 10 ކުދިންގެ ތެރެއިން އަޅުގަނޑުމެން ބޭނުމީ، 6 ކުދިން 5 މާއްދާއިން ފާސްކުރަން. މިފަހަރު، މިދިޔަ އަހަރު އެކަންވީ މިންވަރަށްވުރެ މާއެނބޫދޫ މީހުން، މިއަހަރު އެކަން ކޮށްފައި އޮތް މިންވަރު، މާބޮޑުތަނުން ރަނގަޅު. އަޅުގަނޑު މާއެނބޫދޫ ދަރިވަރުންނަށާއި، ބެލެނިވެރިންނަށާއި، ސްކޫލް ހިންގާ ހުރިހާ ފަރާތަކަށް ފަށްފަށުން ޝުކުރު ދަންނަވަން. އަދި އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ދަންނަވަން. ތިޔަބޭފުޅުންގެ މަދްރަސާ ތިޔަ ރަނގަޅު ކުރައްވާ ގޮތަށް ކުރައްވަމުން ގެންދަވާނަމަ، އަޅުގަނޑުމެން، ސަރުކާރުން އަދި އަޅުގަނޑު ވަކިން ހަމަ ވަކިން އަޅުގަނޑު ތިޔަބޭފުޅުންގެ މަދްރަސާއާ އަޅާލާނު. އަދި ތިޔަބޭފުޅުންގެ މަދްރަސާއަށް ވަމުންދާގޮތް އަޅުގަނޑު އޮޅުންފިލުވާނަން. މިނެރުއްވި ނަތީޖާ އެއީ ރަނގަޅު ނަތީޖާއެއް. ސަރުކާރުން ކުރި ޚަރަދުގެ ރަނގަޅު ރިޓަރންއެއް ނުވަތަ ރަނގަޅު ފައިދާއެއް، މަންފާއެއް އެބަލިބޭ. އަޅުގަނޑުމެން ބޭނުންވަނީ މިދަންނަވާ 60 ޕަސެންޓަށް ގެންދަން. ގެންދެވޭނެ. ހަމަ މިކުރާ ޚަރަދުގައި އަޅުގަނޑުމެންނަށް ގެންދެވޭނެ. އަޅުގަނޑު އެދެނީ، ރަށުގެ ވެރިންވެސް، ކަތީބުންވެސް، މެޖިސްޓްރޭޓުންވެސް، މުދިމުންވެސް، ކެޔޮޅުންވެސް، އޮޑިވެރިންވެސް މަދްރަސާއާ އަޅާލައްވަން. މަދްރަސާގެ ކަންކަން، ވާނުވާގޮތް ރަނގަޅަށް އޮޅުންފިލުވަން. މަދްރަސާއާއިގެން ކުރިއަށް ގެންދިޔުމަށް. އަޅުގަނޑުމެނަށް މި ރާއްޖެ ސަލާމަތް ކުރެވޭނީ، އަޅުގަނޑުމެންގެ ދަރިންނާއި، އަޅުގަނޑުމެންގެ ދަރީންގެ ދަރީންނަށް ރަނގަޅު ގޮތެއް ހޯދައިދެވިގެން.

އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ އަމާޒަކީ، މިރާއްޖޭގެ ރައްޔިތުންގެ ތަނަވަސްކަން. މާއެނބޫދޫ ރައްޔިތުންގެ މުއްސަނދިކަން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ އެމަގަށް. އަޅުގަނޑަށް އެނގޭ، އަޅުގަނޑުމެން މިތިބީ، އެމަގުގައިކަން. އަޅުގަނޑުމެން ހިތްހަމަޖެހޭ، މިއަދަށް ނެރެވުނު ނަތީޖާ. ތިޔަބޭފުޅުން، މާއެނބޫދޫ މަސްވެރިން ގާތުގައި އައްސަވާ، މީގެ އަހަރުތަކެއް ކުރީގައި، ކިލޯއެއް ހަމަނުވާ މަހަކަށް، ދެރުފިޔާ ފަންސާސް ލާރި ނުވަތަ ގިނަވެގެން ލިބޭނީ ފަސްރުފިޔާ. މިއަދު މަސްވެރިކަމުގެ ސިޔާސަތު ބަދަލުކޮށް، މަސްކިލޯއެއް ބާރަ ރުފިޔާ ފަންސަވީސް ލާރިއަށް ނުވަތަ އައިސް ނާޅާނަމަ، ނުވަރުފިޔާ ފަންސާސް ލާރިއަށް މަސްވެރިން އެގެންދަނީ، ޢާންމުކޮށް ކިރަމުން. ކުރީގައި ބާނާ ފަނަރަ މަހު ޓަނެކޭ، މިއަދު ބާނާ ފަސްޓަނު މަހެކޭ އެއްވަރު. މިއަދު ދެކޮޅުނުޖެހޭތީ މަސްވެރިން މަހަށް ނުފުރައެއް ނުތިބޭނެ. ސަރުކާރުގެ ސިޔާސަތުން މަސްވެރިންގެ އާމްދަނީ އިރާދަކުރެއްވިއްޔާ އެވަނީ ދެގުނަ ކުރެވިފައި. އެއީ، ޕާޓީގެ ވަޢުދެއް. އެއީ ޕާޓީވީ ވަޢުދެއް. ޕާޓީގެ ވަޢުދުގެ، ވަޢުދު ފުއްދުމަށްޓަކައި އެކަށައެޅުނު ސިޔާސަތުގެ ތެރެއިން ފުއްދިފައިވާ ވަޢުދެއް. އަޅުގަނޑުމެންގެ ބޭނުމަކީ މާއެނބޫދޫ މީހުންގެ މުއްސަނދިކަން. މާއެނބޫދޫ މަސްވެރިންގެ ތަނަވަސްކަން. އެކަން ހޯދުމަށްޓަކައި މަހުގެ އަގު ބޮޑުކުރަނީ. އެނގިވަޑައިގަންނަވާނެ، ކަންނެލި ކިލޯއެއް 60 ރުފިޔާއަށް ވިއްކި އެއްޗެއް، މަސްވެރިކަމުގެ ސިޔާސަތު ބަދަލުކޮށް، އެ މަސްވެރިކަން ދޫކޮށްލީމާ، މިއަދު ކަންނެލި ކިލޯއެއް ސަތޭކަ ދިހަ ރުފިޔާއަށް ކިލޯއެއް، މާއެނބޫދޫ މަސްވެރިންވެސް އަދި އެހެން މަސްވެރިންވެސް ވިއްކަމުން އެގެންދަނީ. އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ އަމާޒަކީ، މިރަށްރަށުގެ ތަރައްޤީ. އެބަދަލު ގެނައުން.

އަޅުގަނޑުމެން، މި ވެރިކަމުގައި މިތިބެނީ، އެ ވެރިކަމުގެ އަރާމާއި، އޭގެ ލައްޒަތާއި، އޭގެ ޖާހަތަށްޓަކައެއް ނޫން. މި ވެރިކަމުގައި އަޅުގަނޑުމެން މިތިބެނީ، އެންމެ ބޭނުމަކަށް، އެންމެ ސަބަބަކަށްޓަކައި. އެއީ މި ސަރުކާރުން، މި ޕާޓީން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމަށްޓަކައި. ރައްޔިތުންނަށް ޚިދްމަތް ކުރުމަށްޓަކައި. އަޅުގަނޑު ދަންނަވާނަން ވާހަކައެއް. ޚިޔާލުފާޅުކުރުމުގެ ވާދަވެރި ކޮންމެ ސިޔާސަތެއްގެ ތެރެއިން މެނުވީ، ޙަޤީޤީ ތަރައްޤީ އަޅުގަނޑުމެންނަކަށް ނުނެރެވޭނެ. ވާދަވެރިކަން އަޅުގަނޑުމެންނަށް މިއަދު މި ހަޖަމް ކުރެވެނީ، އެއްވެސް ހާލެއްގައި ޤާނޫނުއަސާސީގައި ލިޔެފައި އޮތް އެއްޗެއްގެ ސަބަބަކުންނެއް ނޫން. ކުރީގައި އޮތް 17 އަހަރުން ހެދި ފެހި ޤާނޫނުއަސާސީގައިވެސް، ނޫ ޤާނޫނުއަސާސީގައިވެސް ރައްޔިތުންގެ ޙައްޤުތައް، ހަމަ ބަރާބަރަށް ލިޔެވިފައި އޮތް. އަޅުގަނޑު މިދަންނަވަނީ، 1997 ވަނަ އަހަރު ތަޞްދީޤު ކުރެވުނު ޤާނޫނުއަސާސީގައި، 16 ވަނަ މާއްދާ ބަރާބަރަށް ފުރިހަމައަށް އޮތް. ކުށުގެ ތުހުމަތުން ބަރީއަވުމަށްޓަކައި ޤާނޫނީ ވަކީލުންގެ އެހީ ހޯދޭނޭ. އެހޯދުމަށް އެދުނު ބޭފުޅުން ޖަލަށް އެދުވަހުލީ. 16 ވަނަ މާއްދާ، 26 ވަނަ މާއްދާއާއި 27 ވަނަ މާއްދާ، އެއްވެއުޅުމުގެ މިނިވަންކަމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން، ޤާނޫނުއަސާސީ ލިބިދޭ. އެކަން ހޯދަން އުޅުނު އެންމެންނަށް އިތުރު ޙުކުމެއް އެދުވަހު އައީ. މިއަދުވެސް ހަމަ ޤާނޫނުއަސާސީގައި، ނޫ ޤާނޫނުއަސާސީގައި މިވަނީ ރައްޔިތުންގެ ޙައްޤުތަކެއް. ހަމަ ޤާނޫނުލްޢުޤޫބާތް، އެއޮތް ގޮތަށް އޮތީ. އެ ޢުޤޫބާތް ތަންފީޛު ނުކުރެވޭނޭ އެއްގޮތެއްވެސް ނެތް. އަޅުގަނޑު ބޭނުމިއްޔާ، ހަމަ މާދަމާވެސް އެކަން އެގޮތަށް ކުރެވެން އެބައޮތް. ވެރިކަމުގެ ބާރު އެއީ އަނިޔާވެރިއެއް. އަނިޔާވެރިކަމެއްގެ ގޮތުގައި ރައްޔިތުންނަށް ދެއްކުމަކީ، މިއަދުވެސް ހަމަ ޤާނޫނީ އޮނިގަނޑުގެ ތެރެއިން ނުކުރެވޭން އޮތް ކަމެއް ނޫން. އެހެން ނަމަވެސް، އަޅުގަނޑުމެން ނުކުމެ މިތިބީކީ އެ މަސައްކަތަކަށެއް ނޫން. އަޅުގަނޑުމެންނެއް ކުރީގެ ވެރިން ފަހައެއް ނުދުވަން. 1979 ވަނަ އަހަރު ސަރުކާރު ބަދަލުވުމާ ގުޅިގެން، މާއެނބޫދޫގައި އަޅުގަނޑު ދައްކަން ވަރަށް ތާކުންތާކު ނުޖެހޭވެސް ވާހަކައެއް. މިރަށުގެ ދަރީންނަށް އެކަން އެންމެ ބޮޑަށް އެނގޭނީ. އަޙްމަދު އާދަމަށް އެނގިވަޑައިގަންނަވާނީ. 1979 ވަނަ އަހަރު މުޅި މާލޭގައި ކުރީ ސަރުކާރުގެ މީހުން ގަން ހިންގީ. އަދި ހަމަ 1980 ވަނަ އަހަރުވެސް، 1981 ވަނަ އަހަރުވެސް. ގަން ހިންގައި ގޯނި ދިދަ ނަގައި، ލަވަޖެހީ މާއެނބޫދޫ ދަރިންގެ ގޭގައި. 3 އަހަރު އަޅުގަނޑުމެން ދިޔައީ ރުޅިވެރިކަމުގައި. ނަފްރަތު އުފެއްދުމުގައި. ދެން ކުރީ ސަރުކާރުގެ، އިބްރާހީމް ނާޞިރުގެ ސަރުކާރުގެ ހުރިހާ ބޭފުޅުން ރަށްރަށަށް ރަނގަޅަށް އަރުވާލެވުނީމާ، އެމީހުންގެ މުޅި ޙަޔާތް ބަރުބާދުކޮށްލެވުނީމާ، ސަތޭކައިންސަތޭކަ ވޯޓް ފޮށްޓަށް ވޯޓް އަޅަމުން، 30 އަހަރު ހޭދަކޮށްފައި، އަޅުގަނޑުމެންނަށް ދެން އަނެއްކާ ޑިމޮކްރަސީގެ ވާހަކަ ހަމަ އެބޭފުޅުން ދެއްކެވީމާ ކަންބޮޑުވޭ. އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ. އެހެނެއް ނޫން، އަޅުގަނޑު ނުދަންނަވަން، ވާދަވެރި ޕާޓީތަކުގައި ރިވެތި އަޚްލާޤާއި، ރަނގަޅު ފިކުރާއި، ޚިޔާލާތާ އެކީގައި ވެރިން ނުތިއްބަވާ ކަމަކަށް. އެބަ ތިއްބަވާ. އެހެން ނަމަވެސް، އެބޭފުޅުންނަށްވެސް އަރައެއްނުގަނެވޭނެ. ހަމައެކަނި އަމާޒަކީ ވެރިކަން އައުން. ވެރިކަމަށް އަލުން އަނބުރާ ވަޑައިގަތުން ވަނީވިއްޔާ، ދެނެއް އަޅުގަނޑުމެން މިއެދޭ ބަދަލެއް އަޅުގަނޑުމެންނަކަށެއް ނުހޯދޭނެ.

ފެބްރުއަރީ 5 ވަނަ ދުވަހު އަޅުގަނޑުމެން ބިންގާ މިއަޅަނީ، މި މާއެނބޫދޫގައި ބިންގާ އެޅޭ އެންމެ މުހިންމު މުއައްސަސާގެ. މާއެނބޫދޫގެ ތަރައްޤީއަށްޓަކައި ބިންގާ އެޅޭ އެންމެ މުހިންމު މުއައްސަސާ. މިއަދު މި ސަރުކާރާ އެކީގައި މަސައްކަތް ކުރާނެ، މާއެނބޫދޫގެ ރައްޔިތުން މަޖިލީހުގެ ރައްޔިތުންގެ ވަކީލަކު ނެތް. އަޅުގަނޑު މިރަށުގެ ބަނދަރު ހަދަން ކިހިނެއްތޯ ހަދާނީ. މިރަށުގެ ބަނދަރު އަޅުގަނޑަށް ހެދޭނީ، މިރަށުގެ ވަކީލު އަޅުގަނޑު ގާތުގައި، ތިޔަބޭފުޅުންގެ ވަކީލު އަޅުގަނޑުމެންނާ މަޝްވަރާ ކޮށްގެން، އެ ބަނދަރު ހެދުމަށް އުޅުއްވީމާ. މި ސަރުކާރަކީ ބަނދަރު ބަހަމުންދާ ސަރުކާރެއް ނޫން. އެއީ، އަޅުގަނޑުމެންނަކަށް ކަން ކުރެވެން އޮތް ގޮތެއްވެސް ނޫން. ކަން ކުރެވެން އޮތް ގޮތަކީ، އަޅުގަނޑާ ޙަވާލުކޮށްފައި މިއޮތީ ތިޔަބޭފުޅުންގެ ފައިސާ. ތިޔަބޭފުޅުންގެ މިލްކިއްޔާތު. އަޅުގަނޑު އެ ޚަރަދު ކުރަން ޖެހޭނީ އަމާނާތްތެރިކަމާއެކީގައި. އިންޞާފުވެރިކަމާއެކީގައި. އަޅުގަނޑުވޭ، މާއެނބޫދޫ ބަނދަރު ހަދައިދޭހިތް. އަޅުގަނޑު ބޭނުން މާއެނބޫދޫގައި ނަރުދަމާ އަޅަން. އަޅުގަނޑު ބޭނުން މާއެނބޫދޫ ރައްޔިތުންނަށް ރަނގަޅު ބޯފެންދޭން. މި 2011 ވަނަ އަހަރު މި ރާއްޖޭގައި ރަށްތައް އަދިވެސް މިއުޅެނީ ވަލުތެރޭގައި. ނަރުދަމާގެ ނިޒާމް، 2008 ވަނަ އަހަރު މި ރާއްޖޭގައި އޮތީ 4 ރަށުގައި. އަޅުގަނޑު ދަންނަވަނީ ހަމަ އާދައިގެ ބޮޑުކަމުދާ ވާހަކަ. ތާހިރު ފެންކޮޅެއް ނެތް. ލަފާ ފުރެވޭނެ ގޮތެއް ނެތް. ދަރިންނަށް ކިޔަވއިދެވޭނެ ގޮތެއް ނެތް. ރޭ އަލިކަން ލިބޭނޭ އިންޖީނެއް ނެތް. އަޅުގަނޑުމެންނަށް ވަލުތެރެއަކު ނޫންތޯ މިތިބެވެނީކީއެއް. މިއީ 2011 ވަނަ އަހަރު. އަޅުގަނޑުމެން މިއެދެނީ، އަޅުގަނޑުމެން ބޭނުމީ، މިރަށްރަށުގެ ތަރައްޤީ. އަޅުގަނޑުމެން ބޭނުމީ، މިރަށްރަށް ބަދަލުވާން. އަޅުގަނޑެއް ނޭދެން، މާއެނބޫދޫ ރައްޔިތުން އެއްބަޔަކާ އަނެއްބަޔަކާ ޒުވާބުކުރާކަށް. އަދި އަމްދުން އަޅުގަނޑެއް ނޭދެން، އަޅުގަނޑު ދެއްކި ވާހަކައޭ ކިޔައިގެން، ހަމަ ޚާއްޞަކޮށް، އެމް.ޑީ.ޕީ. މެންބަރުންވެސް ޑީ.އާރު.ޕީ މެންބަރުންނާ ޒުވާބުކުރާކަށް. އެބޭފުޅުންނަށް ވިސްނިވަޑައިގަންނަވާނެ. ހުރިހާ ބޭފުޅުންނަށް ވިސްނިވަޑައިގަންނަވާނެ. އަޅުގަނޑު މިދައްކަނީކީއެއް ދޮގު ވާހަކައެއް އަދި ނުވަތަ އެއްވެސް ބޭފުޅަކާ ނިސްބަތްކޮށް ދައްކާ ވާހަކައެއް ނޫން. އަޅުގަނޑު މިދައްކަނީ، އަޅުގަނޑުގެ ހިތުގެ އަޑީން ގަބޫލުކުރެވި، އަޅުގަނޑަށް ފެންނަ ފެނުމުގައި، މާއެނބޫދޫ ތަރައްޤީއަށް އަޅުގަނޑުމެން ކުރާންހުރި ކަންކަން.

ފެބްރުއަރީ 5 ވަނަ ދުވަހު ޙަޤީޤަތުގައި މިކުރެވޭ ކަމަކީ، ލާމަރްކަޒީ އުޞޫލުން ރާއްޖޭގެ ރަށްތައް ހިންގުމުގެ މަސައްކަތް. މިފަހަކަށް އައިސް، ބޭފުޅުން އެބަ ބުނޭ، ތިމަންނާ ކުރި ކަމެކޭ މިވެނި ކަމެއް. ތިމަންނާ ކުރި ކަމެކޭ އެވެނި ކަމެއް. ތިމަންނާ އާދެ! ހުރިހާ ކަމެއްވެސް ކުރެއްވީ އެބޭފުޅުން. އަޅުގަނޑު ބޭނުމެއް ނޫން ނަމެއް. ސާކް ސަމިޓް ބާއްވަނީވެސް އެބޭފުޅުން. ކުޅުދުއްފުށި ހިއްކަނީވެސް އެބޭފުޅުން. ހުރިހާމެ، އިޖްތިމާޢީ ރައްކާތެރިކަންވެސް އެއީ އެބޭފުޅުން. ދެން އެއީކީއެއް އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް ނޫން. އަޅުގަނޑުމެން ބޭނުމެއްނުވޭ ނަމެއް. އަޅުގަނޑު ބޭނުންވަނީ އެކަން. އަޅުގަނޑަށް އެނގޭ އެއްޗަކީ، މި މާއެނބޫދޫ 65 އަހަރުން މަތީ މީހާއަށް، އޭނާއަށް އެނގޭނެއޭ، އޭނާއަށް އެއްޗެއް ލިބެންފެށީ ކޮންއިރަކުތޯ. އޭނާއަށް އެނގޭނެއޭ، އެކަން ހިނގައިގަތީ ކިހިނެއްތޯ. އެއީކީއެއް އަޅުގަނޑު އޭނާ ކައިރީގައި ކިޔަމުން ނުހިނގިޔަކަސް އޭނާއަށް ސާފުވާހަކައެއް. އަޅުގަނޑު ގާތުގައި، އައްޑުއަތޮޅު ޢިއްޒަތްތެރި މެންބަރު އެހެން ނަމަވެސް ވިދާޅުވި، ރައީސޭ ދެން އެކަމު ކަންބޮޑުވަނީ، މާދަމާ ޒަޢީމު ނުކުމެވަޑައިގެން ވިދާޅުވެދާނޭ، ތިމަންނާއަކީ ނަޝީދޭ. އެއީ ކަންބޮޑުވާ ކަމެކޭ. އަޅުގަނޑު ދެންނެވިން، ނޫން އެކަމާވެސް ކަންބޮޑުވާނެ ކަމެއްނެތޭ. އަޅުގަނޑުމެންގެ އަމާޒަކީ، ތިޔަބޭފުޅުންގެ ތަރައްޤީ. އެ ތަރައްޤީ ހޯދުމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރާނަން. މާދަމާ ނުވަތަ ދާދި އަވަހަށް ތިޔަބޭފުޅުންނާ އަޅުގަނޑު މިދެންނެވި ދުވަސް ބައްދަލުކުރާނެ. ތިޔަބޭފުޅުންގެ ތަރައްޤީގެ ބިންގާ އެޅޭ ދުވަހެއް އެއީ.

އަޅުގަނޑު އުންމީދު ކުރަން، ތިޔަބޭފުޅުންނަށް ވަމުންމިދާގޮތް އެނގިވަޑައިގަންނަވާނެ ކަމަށް. ވަމުންމިދާ ގޮތަކީ، އަޅުގަނޑުގެ ރަށުގައި ހުރި ބާރުން ބައެއް، މި މާއެނބޫދުއަށް ދޭންވެގެން މިއުޅެނީ. އެބާރަކީ މާލޭ މީހުން، މާލޭގެ ވެރިކަމުގެ ޚާންދާންތައް، އެތައް ސަތޭކަ އަހަރެއް ވަންދެން މާލެއަށް އެއްކޮށްފައި ހުރި ބާރު. މާއެނބޫދޫގައި އަނެއްކާ މިއީވެސް ރަނގަޅު ވާހަކައެއް ނޫން ދައްކަން. މިއީ ނައިބު ތުއްތުގެ ރަށް. ނައިބު ތުއްތު އަރުވާލެވުނު ރަށް. މާއެނބޫދޫ ރައްޔިތުންނަށް އަދި މިހާރު ބައެއް ބޭފުޅުންނަށް ހަނދާނުގައި ނެތެއްކަމަކު، ތުއްތުގެ ހަނދާނާއި، ތުއްތުގެ ލިޔުންތަކާއި ރައިވަރުތައް، ޙަޤީޤަތުގައި ނުކުމެގެން އައީ މި މާއެނބޫދޫން. ރާއްޖޭގެ ތަރައްޤީއަށްޓަކައި މިރަށުގެ ރަށްވެރިކަމާއި ރަށްވެހިކަމަކީ، ޒަމާނުއްސުރެ ފަށައިގެން އަޅުގަނޑުމެންނަށް އެނގޭ ކަމެއް. މިއަދު އަޅުގަނޑުމެން މިބުނަނީ، ތިޔަބޭފުޅުންނަށް އެތައް ޒަމާނެއް ވަންދެން ނުލިބި އޮތް، މާލޭގައި އަޅުގަނޑުމެން އެއްކޮށްގެން ގެންގުޅުނު ބާރުން ބައެއް، ތިޔަބޭފުޅުންނަށް ދެހެރޭ މިއުޅެނީ. އެދިނުމަށް މިއަދު ވަޑައިގެން މިތާ މިތިއްބެވީ، ޒަމާނުއްސުރެ ފަށައިގެން، މާލޭގެ ވެރިކަމުގެ ޚާންދާންތަކުން، އެއީ އެ ބާރު އެއްކުރި ޚާންދާންތަކުގެ މިއަދުގެ ބޭފުޅުން. އެބޭފުޅުން ތިއްބަވާނީ އެމް.ޑީ.ޕީ.ގައި. ރާއްޖޭގެ ޤަދީމީ ވެރިކަމުގެ ޢާއިލާތައް އެއީ، އެމް.ޑީ.ޕީ.ގެ މެންބަރުން. އެބޭފުޅުން މިއަދު އެ ވަޢުދުވަނީ، އެބޭފުޅުން މިއަދު މާއެނބޫދުއަށް ވަޑައިގެން އެތިއްބެވީ، ތިޔަބޭފުޅުންނަށް ބާރު ބަހަންވެގެން. އަޅުގަނޑު ދަންނަވާނީ، ތިޔަބޭފުޅުން ވިސްނަވައްޗޭ، ނުބައި ގެއަކަށް އެ ބަލާ ވަޑައިނުގަންނަވައްޗޭ. ލިބޭގޮތަށް އުޅުއްވައްޗޭ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑު ދަންނަވަން އޮތީ، އަޅުގަނޑުމެންގެ ކުރިމަތީގައި މިއޮތީ އުފާވާ ޒަމާނޭ. އުފާވާ ޒަމާނޭ، ހިތާއޭ އަހާށޭ، އުފާވެރިވި މި ރާގޭ.

والحَمْـدُ لِلّـهِ. والســّلام عليــكم.

_______________________