بســم اللّـه الرّحمـن الرّحيــم


ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސް އޮނަރަބްލް އިބްރާހީމް ޙުސައިން ޒަކީ، ޕާޓީގެ ޗެއަރޕާރސަން އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ، ރައްޔިތުންގެ މަޖިލީހުގެ ފޯކައިދޫ ހިމެނޭ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޙުސައިން ވަޙީދު އަދި ވަކިން ޚާއްޞަކޮށް، ވަޑައިގެން ތިއްބެވި ފޯކައިދޫގެ ވެރިންނާއި އެންމެހައި ރައްޔިތުން.

السّـلام عليـكم

މީގެ ދެތިން އަހަރެއް ކުރީގައި އަޅުގަނޑުމެންގެ ޕާޓީން ފާހަގަކުރި ނުކުތާއެއް. ޕާޓީން ރާއްޖޭގެ ރައްޔިތުންނަށް ހުށަހެޅީ ސުވާލެއް. މިރާއްޖެ 2008 ވަނައަހަރު އޮތީ، ހަތަރުއަނގޮޅިއެއްގެ ކަންމަތީގައޭ، ރާއްޖޭގެ ރައްޔިތުންނަށް އެދުވަހު އޮތް ޚަރާބުގެ މަގު ޚިޔާރު ކުރެވެންވެސް ނުވަތަ ރައްޔިތުންނަށް އޮތް، އެހެން މަގެއް، އެހެން ގޮތެއް ހޯދުމުގެ ފުރުޞަތު. ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން ރާއްޖޭގެ ރައްޔިތުން ޚިޔާރުކުރީ، އެހެން ގޮތެއް، އެހެން ދިވެހިރާއްޖެއެއް، އަނެއް ދިވެހިރާއްޖެ ހޯދުމަށް. މިޕާޓީގެ މެންބަރުންނާއި ޕާޓީގެ ފަރާތުން ރާއްޖޭގެ ރައްޔިތުންނާ ވާހަކަ ދެއްކި. ރައްޔިތުންގެ އަޑު ޕާޓީން އެހި، މިހާރުވެސް އަހާ، ކުރިޔަށް އޮތްތަނުގައިވެސް ޕާޓީގެ ފަރާތުން ރައްޔިތުންގެ އަޑު އަހާނެ. ޕާޓީއަށް އިވުނު އަޑު ވަރަށް ސާފު. ލިބުނު މަޢުލޫމާތު ވަރަށް ފައްކާ. މިރާއްޖޭގެ ރައްޔިތުންގެ ތެރެއިން، މި ފޯކައިދޫ ރައްޔިތުންގެ ތެރެއިން، ކޮންމެ 3 މީހަކުން ކުރެ އެކަކީ، ނިކަމެތި ފަޤީރެކޭ. އޭނާއަކީ، މި ފޯކައިދޫގެ ކޮންމެ 3 މީހަކުން ކުރެ އެކަކީ، އޭނާގެ މަސައްކަތަށް ރެއާ ދުވާލަކު ދިހަ ބާރަ ރުފިޔާ ނުލިބޭ ނިކަމެއްޗެކޭ. އަނެއްކާވެސް، އެބުނާ ހައިހޫނުކަމުގެ ރޮނގުން ތިރީގައި ހުރި މީހެކޭ.

ޤައުމެއް ތަރައްޤީއެއް ނުވާނެ، އެ ޤައުމުގެ ރައްޔިތުންގެ ގިނަ ބައިވަރު މީހުންނަކީ، ނިކަމެތިންގެ ގޮތުގައި އުޅޭހާ ހިނދަކު. ފޯކައިދޫގެ ތަރައްޤީއެއް އަޅުގަނޑުމެނަކަށެއް ނުހޯދޭނެ، މިރަށުގެ ގިނަ ރައްޔިތުންނަކީ ނިކަމެތިންގެ ގޮތުގައި ތިބޭ މީހުންނަށް ވީހާހިނދަކު. އެހެންވެ، ޕާޓީގެ ފަރާތުން ވަޢުދުވީ، މިރާއްޖޭގެ ރައްޔިތުންނަށް އިޖުތިމާޢީ ރައްކާތެރިކަން ހޯދައިދިނުމަށް.

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ.އަކީ، ހަމައެކަނި ވަޢުދުވާ ޕާޓީ. ރައްޔިތުންނަށް މިޕާޓީ ފިޔަވައި އެހެން އެއްވެސް ސިޔާސީ ޕާޓީއަކުން، ޖަމާޢަތަކުންނެއް ރައްޔިތުންނަށް ވާ ވަޢުދެއް ނޯވޭ. އެހެންވީމާ، އެބޭފުޅުން ކުރާންޖެހޭ ކަމެއްވެސް ނޯވޭ. މިޕާޓީން މިރާއްޖޭގެ ރައްޔިތުންނަށް، ޕާޓީގެ ސަރުކާރެއް އުފެދިއްޖެނަމަ، ކަން ކުރާނޭގޮތްތަކުގެ ވަރަށް ފުރިހަމަ ތަޞައްވުރެއް، ތަސްވީރެއް ދެއްވި. އަޅުގަނޑުމެން މިރާއްޖޭގެ ވެރިކަމާ ޙަވާލުވެ މިތިބީ، މިރާއްޖެ ބަދަލު ކުރުމާއި، މިރާއްޖެ ތަރައްޤީ ކުރުމުގެ ފުރިހަމަ ވިސްނުމެއް އަޅުގަނޑުމެންގެ އޮވެގެން. މި ފޯކައިދޫ ބަދަލުކުރުމުގެ ފުރިހަމަ ތަޞައްވުރެއް ޕާޓީގެ މެނިފެސްޓޯއިން ފެންނާން އޮންނާނެ. އެ މެނިފެސްޓޯ ވެގެންދިޔައީ، ޤައުމީ ތަރައްޤީގެ އޮނިގަނޑަށް ފަހަކަށް އައިސް މި ސަރުކާރުގެ ސިޔާސަތު. ޕާޓީން ވި ވަޢުދު ފުއްދުމަށްޓަކައި ޕާޓީގެ ސާދާބަހުން ޕާޓީ ބުނީ، ރާއްޖޭގެ ރައްޔިތުން ބޭސްސިޓީއަށް ސަލާންޖަހާ ޖެހުން އިރާދަކުރެއްވިއްޔާ މިޕާޓީގެ ސަރުކާރެއްގައި ނައްތާދޭނެ. މަދަނައިގެ ވިއުގަ ހަރުދަނާ ކުރެވިގެން އައީ، މިދެންނެވި ހިސާބުން. ޕާޓީން ނިންމީ، ސަރުކާރުގެ ސިޔާސަތެއްގެ ގޮތުގައި އިޖުތިމާޢީ ރައްކާތެރިކަން ރާއްޖޭގެ އެންމެ ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަޝްރޫޢެއް ހިންގުމަށް. މިއަދު އަޅުގަނޑުމެނަށް ހިތްހަމަޖެހުން ލިބެނީ، މި ފޯކައިދޫގެ 167 ރައްޔިތަކު މަދަނައިގައި ބައިވެރިވެ ޚިދުމަތް ލިބެމުންދާކަމުން. އަޅުގަނޑުމެނަށް އުފާވެރިކަން ލިބި، ހިތްހަމަޖެހުން ލިބެނީ، މިރަށުގެ ބޭސްފަރުވާއަށް ބޭނުންވި ރައްޔިތުންގެ ބޭސްސިޓީއަށް ބޭސް ހޯދައިދިނުމަށްޓަކައި މިދިޔައަހަރު އެއްލައްކަ ހަތްދިހަ އަށްހާސްރުފިޔާ ޚަރަދު ކުރެވިފައި އޮތްކަމުން. އަޅުގަނޑުމެންގެ އަމާޒަކީ އިޖުތިމާޢީ ރައްކާތެރިކަން. މިދެންނެވި އެއްލައްކަ ހަތްދިހަ އަށްހާސްރުފިޔާއަކީ އެއްވެސް ހާލެއްގައި މި ފޯކައިދޫގެ ހެލްތް ސެންޓަރަށް ކުރެވުނު ޚަރަދެއް ނޫން. އެތަނުގެ މުވައްޒަފުންގެ މުސާރައަށް ކުރެވުނު ޚަރަދެއް ވެސް ނޫން. އަދި އެތަނުގެ އެހެން އެއްވެސް ޚަރަދެއް ނޫން. އެފައިސާއަކީ، ސީދާ ބޭސްސިޓީ ބޭނުންވި ރައްޔިތުންނަށް، ބޭސް ބޭނުންވި ރައްޔިތުންނަށް ބޭސްފަރުވާ ސީދާގޮތުގައި ކޮށްދިނުމުގެ ގޮތުން މަދަނައިން ވެދެއްވި އެހީތެރިކަމެއް.

އަޅުގަނޑު މިއަދު ފާހަގަކޮށްލަން ބޭނުން، މި ގެނެވުނު ބަދަލު، ބޭސްފަރުވާ ތީމުގޭ ވެލްފެއަރ ފަންޑާއި މަދަނައާ، މި ދެ ނިޒާމުގެ ހުރި ތަފާތު، މި ފޯކައިދޫގެ ކިތަންމެ ބައެއް ރައްޔިތުންނަށް ތީމުގޭ ވެލްފެއަރފަންޑުން އެހީތެރިކަން ލިބިފައި އޮންނާނެ. އެއީ މިތަނުގެ އެންމެ އިސްކޮށްތިބޭ ދެތިން ބޭފުޅަކަށް ވެދާނެ. އެބޭފުޅުންނަށް ލިބޭ ފައިސާގެ އަދަދާއި މިންވަރުވެސް ކިތަންމެ ތަނަކުން ގިނަވެދާނެ. މި ސަރުކާރު، ސަރުކާރު ހިންގުމާ ޙަވާލުވީއިރު، ނޮވެމްބަރމަހާ ހަމައަށް އައިއިރު، ތީމުގޭ ވެލްފެއަރ ފަންޑުން ބޭސްފަރުވާކޮށްދެއްވާފައި އެއަހަރު އޮތީ ބާރަސަތޭކަ މީހުނަށް. މިދިޔައަހަރު މަދަނައިން ބައްތިރީސްހާސް މީހުނަށްވުރެ ގިނަމީހުނަށް ބޭސްފަރުވާ ކޮށްދީފި.

އަޅުގަނޑު ގާތުގައި ވަރަށް ގިނަމީހުން އަހާއުޅޭ. ކީއްވެތޯއޭ، ކޮންތާކުންތޯއޭ، އަޅުގަނޑުމެން އިޖުތިމާޢީ ރައްކާތެރިކަމަށް ފައިސާ ހޯދަނީ. ރާއްޖޭގެ މާލިއްޔަތުގައި އެފައިސާ އެބަހުރިހެއްޔޭ. އިޤްތިޞާދީ މާހިރުން އަޅުގަނޑު ގާތުގައި އަހާއުޅުނު. އަޅުގަނޑަށް އަބަދުވެސް އޭގެ ޖަވާބު މިޕާޓީއަށް ވަރަށް ސާފު. ކުރީގެ ރައީސުލްޖުމްހޫރިއްޔާގެ ޚަރަދަށް އެކަނި ރަނގަޅު ހަސަތޭކަ މިލިޔަން ރުފިޔާ ޚަރަދުވާނެ. މިއަދު މުލީއާގޭ ބަޖެޓަކީ ހަތާވީސް މިލިޔަން ރުފިޔާ. އެހެންވީމާ، އަޅުގަނޑުމެނަށް ހިތްހަމަޖެހުން ލިބެނީ، މި ފޯކައިދޫގައި މަދަނައިގައި ރަޖިސްޓަރީ ވެފައިވާ ކޮންމެ މީހަކަށް އެއްލައްކަ ރުފިޔާ މާލިއްޔަތުގައި ރައްކާކުރެވިފައި މި 2011 ވަނައަހަރުވެސް އެބަހުރި. އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ ބޭނުމަކީ، ރައްޔިތުންނަށް އިޖުތިމާޢީ ރައްކާތެރިކަން ހޯދައިދިނުން. ޕާޓީގެ ދަތުރުތަކުންނާއި، ޕާޓީގެ ހޯދުންތަކުން، މިރާއްޖޭގެ ދޮށީޢުމުރުގެ މީހުނަށް 2008 ވަނަ އަހަރާ ޖެހުނުއިރުވެސް އުޅެމުންދިޔަ ޙާލު އަޅުގަނޑުމެނަށް ސާފުވެގެން ދިޔަ. ރަށްރަށުގެ ހޮޅިއަށިތަކުގައާއި ގޮނޑުދޮށްތަކުގައާއި ރުއްރުއްދޮށުގައި، އަދި ހަމަ އެހެންމެ މާލޭގައިވެސް ގޯތިގެދޮރު ފޮތިކުރަމުންއައިސް، އެންމެފަހުން ބަދިގެ ހުރި ތަނުގައި ހުރި ކޮޅުފިލާގޮނޑިއެއްގައި ހުއްޓިފައި ވެއްޓިފައި އޮތީ ކާފަ ނުވަތަ މާމަ. ދޮށީޢުމުރުގެ މީހުންގެ އަތްފައިގެ ބާރު ދެރަވެ، އެމީހުނަށް އަމިއްލަ މަސައްކަތެއް ނުކުރެވުނު ދުވަހު، އެމީހުންނާ އަޅާލާނެ ހަމަ އެކަކުވެސް ނެތިދިޔަތަން އަޅުގަނޑުމެން ވަރަށް ސާފުކޮށް ދުށިން. މިރާއްޖެ އަޅުގަނޑުމެނަށް މިގޮތަށް ލިބިފައި މިއޮތީ، ދޮށީޢުމުރުގެ މީހުން ނުހަނު ގިނަ މަސައްކަތް ކުރީތީވެ. އެމީހުން މަހަށް ފަރަށް ދިޔައީތީވެ، އެމީހުން ރުކަށް ވަލަށް ވަނީތީވެ، އެމީހުން ގެދޮރު ރާނާ އުޅުނީތީވެ، ވަޑާން ކުރީތީވެ، އޮޑިދޯނިފަހަރު ބަނީތީވެ، ދަރުން ކެއްކީތީވެ، އެމީހުން ކިތަންމެ ކިތަންމެ މަސައްކަތެއް ކުރީތީވެ.

މިޕާޓީ އެއްގޮތަކަށްވެސް ޤަބޫލުކުރާ ސިޔާސަތެއް ނޫން އެއީ، މިރާއްޖޭގައި ޕެންޝަނެއް ޙައްޤުވަނީ ހަމައެކަނި ސަރުކާރު މުވައްޒަފުންނަށް ކަމަށް ދެކެވޭ ދެކުން. އެހެންވީމާ، ޕާޓީން ވަޢުދުވީ، 65 އަހަރުން މަތީގެ ކޮންމެ މީހަކަށް، އަންހެނަކަސް ފިރިހެނަކަސް، މިޕާޓީގެ ސަރުކާރެއްގައި އާމްދަނީ މަދު ކޮންމެ ދޮށީޢުމުރުގެ މީހަކަށް ދެހާސްރުފިޔާގެ ޕެންޝަނެއް ދިނުމަށް. މިޕާޓީއަށް މިއަދު އުފާވެރިކަން ލިބެނީ، އަޅުގަނޑުމެނަށް ހިތްހަމަޖެހުން އަންނަނީ، މިސަރުކާރަށް ހިތްވަރު ލިބެނީ، މި ފޯކައިދޫގެ ރައްޔިތުންގެ ތެރެއިން 65 އަހަރުން މަތީގެ 67 މީހަކަށް ބަރާބަރު ދެހާސްރުފިޔާ ދެމުންގެންދާތާ މިވީ 2 އަހަރު. އެ ޕެންޝަނަށްޓަކައި ކޮންމެ މަހަކު އެއްލައްކަ ތިރީސްހަތަރުހާސް ރުފިޔާ ފޯކައިދޫއަށް ޚަރަދު ކުރެވޭކަމީ، އަޅުގަނޑުމެނަށް ލިބޭ އުފަލެއް. އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ އަމާޒަކީ، މިރަށުގެ ރައްޔިތުންގެ އިޖުތިމާޢީ ރައްކާތެރިކަން ހޯދައިދިނުން. އެކަނިވެރި މައިންނާއި ޔަތީމު ކުދިންނަށް ދެވޭ އެހީތެރިކަމާއި ފައިސާ ދިނުމަކީ، ތަރައްޤީއަށް ކޮންމެހެން ބޭނުންތެރިކަމެއް. މިއަދު ފޯކައިދޫގެ 5 ފަރާތަކަށް މިދެންނެވި ޢިނާޔަތް ލިބި، އަދި އަޅުގަނޑުމެނަށް މިދިޔަ 2010 ވަނަ އަހަރުގެ ތެރޭގައި މިރަށަށް ސާޅީސްހާސް ރުފިޔާ އެކަނިވެރި މައިންނަށް ޚަރަދު ކުރެވިފައި އޮތްކަމީ، މި ސަރުކާރަށް ހިތްހަމަޖެހުން ލިބޭކަމެއް.

އަޅުގަނޑުމެނަކަށް ޤައުމެއް، ރަށެއް ތަރައްޤީއެއް ނުކުރެވޭނެ، އަޅުގަނޑުމެންގެ ރައްޔިތުންގެ ތެރެއިން ގިނަ ބައިވަރު ރައްޔިތުންނަކީ ނިކަމެތިންގެ ގޮތުގައި ތިބޭހާ ހިނދަކު. ތިޔަބޭފުޅުންގެ ރަށުގައި ފޯކައިދޫގައި ތިމަންނާއަށް ކިތަންމެ ފައިސާއެއް ލިބުނަސްވެސް ޖެހިގެންހުރި ގޭ މީހާ އެއީ، ހަމައަށް ތިންއިރު ނުކާ މީހަކަށް ވަނިއްޔާ، އޭނާގެ ދަރިފުޅު މަދަރުސާއެއްދާނެ ޔުނިފޯމެއް ނެތި، ބޫޓެއް ނެތި، އޭނާއަށް ފޮތް ފަންސުރު ގަނެވޭނެ ގޮތެއްނެތި، އޭނާގެ ހަގުދަރިފުޅު ބަލިވި ދުވަހު ބޭސްކޮޅެއް ނުލިބި، އޭނާގެ ބައްޕަ ހަދާނެ ގޮތެއްނެތި ގޯޅިމަތީގައި ވެއްޓިއޮތްއިރު، އަޅުގަނޑުމެނަށް ތިމަންނާއަށް ކިތަންމެ ފައިސާއެއް ލިބުނަސްވެސް ރަށް ތަރައްޤީ ކުރެވޭނެގޮތެއް ނޯންނާނެ. ރަށެއް ތަރައްޤީ ވާނީ، އެރަށެއްގެ ރައްޔިތުންނަށް އިޖުތިމާޢީ ރައްކާތެރިކަމެއް ހޯދިގެން.

ތަރައްޤީ ވާންޖެހޭނީ ފޯކައިދޫއެއް ނޫން. ތަރައްޤީ ވާންޖެހޭނީ ފޯކައިދޫމީހާ. އޭނާއަށް ގޮތެއް ހޯދާން މިޖެހެނީ. އޭނާގެ އާމްދަނީ އިތުރުކުރާން މިޖެހެނީ. އޭނާއަށް މުސްތަޤްބަލެއް ހޯދާން އަޅުގަނޑުމެނަށް މިޖެހެނީ. އޭނާގެ ޙަޔާތް އަޅުގަނޑުމެން މިބަދަލުކުރާން މިޖެހެނީ. ތަރައްޤީއަކީ އެއްވެސް އިރެއްގައި، އެއްވެސް ހާލެއްގައި، ބޮޑުހިލައިން މިނާ އެއްޗެއް ނޫން. ތަރައްޤީއަކީ އެއްގަމު ފްލެޓަކުން މިނާ އެއްޗެއްވެސް ނޫން. ފައިކަށްޓަކުން މިނާ އެއްޗެއްވެސް ނޫން. ފާރާ ވަށާފާރުން މިނާ އެއްޗެއްވެސް ނޫން. ތަރައްޤީއަކީ ތިމަންނާމެނަށް ވާގޮތް. ތަރައްޤީ ވާނީ މީހެއް. ޢާންމު ޙާލަތު ރަނގަޅުވާނީ މީހެއްގެ. އަޅުގަނޑުމެންގެ އަމާޒަކީ، ފޯކައިދޫ ރައްޔިތުން މުއްސަނދި ކުރުން. އަޅުގަނޑުމެންގެ ބޭނުމަކީ، މިރަށުގެ ރައްޔިތުންނަށް އިއްޔެ ލިބުނު މިންވަރަށްވުރެ ރަނގަޅު އެއްޗެއް މާދަމާ ހޯދައިދެވޭނެ ސިޔާސަތުތަކެއް މިރާއްޖޭގައި ތަންފީޒުކުރުން. އެފަދަ އޮނިގަނޑެއް، އެފަދަ ނިޒާމެއް މިރާއްޖޭގައި ބިންވަޅުނެގުން. އެއިއްޔަކީއެއް އަޅުގަނޑުމެނަށް މިއަދު ކުރާން ފަސޭހަކަމެއް ނޫން.

އެނގިވަޑައިގަންނަވާނެ، ތިޔަބޭފުޅުންގެ ޢިއްޒަތްތެރި މެންބަރު ދެންމެ ފާހަގަކުރެއްވި، މިއީ 2011 ވަނައަހަރު. މިރާއްޖޭގައި މީހުން އުޅެމުން އަންނަތާ ދެހާސްއަހަރު ވެއްޖެ. މިރާއްޖޭގައި ލިޔެވިފައިއޮތް ތާރީޚެއް އެއްހާސް އަހަރަށް ދެމިގެން ގޮސްފައިއެބައޮތް. މިއަދުވެސް އަޅުގަނޑުމެންގެ ރަށުގައި ހަމައަށް ބޮޑުކަމުދެވޭނެގޮތެއް ނެތް. މިއަދުވެސް އަޅުގަނޑުމެންގެ ރަށުގައި ކާނެ ފެންކޮޅެއް ހޯދާނެގޮތެއް ނެތް. ރޭ އަލިކަމެއް ހޯދާނެ ބޮތްކެއްނެތް. ދަރިންލައްވާ ކިޔަވައިދޭނެ މަދަރުސާއެއް ނެތް. ބަލިވީމާ ބޭސްގުޅައެއް ކާލެވޭނެ ގޮތެއް އޮތިއްޔަކީ ނޫން. އަޅުގަނޑުމެން ޙަޤީޤަތުގައި މިތިބީ އަދި ވަލުތެރޭގައި. މިއުޅެނީ ޖީބާ ކައިގެން. މިއުޅެނީ ހާހާ ހޮވައިގެން. އަޅުގަނޑުމެން މިޖެހެނީ ވަރަށްބޮޑަށް ބަދަލުވާން. ތަންދޮރު އެނގެން މިޖެހެނީ އަޅުގަނޑުމެނަށް. ވާނުވާ އެނގެން މިޖެހެނީ އަޅުގަނޑުމެން ރައްޔިތުންނަށް.

ދެންމެ ހަމަ ޙުސައިން ވަޙީދު އަނެއްކާވެސް އިތުރަށް ފާހަގަކޮށްދެއްވައިފި. ބޯދާގޮތް ދޫކޮށްލައްވާށޭ. ޖާހިލިއްޔަކަމުން ނުކުމެވަޑައިގަންނަވާށޭ. އަޅުގަނޑުމެން ތަހުޒީބުގެ ތެރެއަށް ދަމާހިނގާށޭ.

ކިލެގެއިންގެ ޒަމާނުގައި އެކެއް އަނެކަކާ ކުރި ޒުވާބާ، ޒާތީ ހަސަދަވެރިކަމާ، ދެބެންގެ ދެމެދުގައި އެއޮންނަ ނަފުރަތާ، ވެރިކަމަށްޓަކައި ކޯޅޭކޯޅުން، މިއަދު އަޅުގަނޑުމެން ފޯކައިދޫގައި ހުއްޓާލަންވެއްޖެ. އަޅުގަނޑަކަށެއް ނެތް ހެންވޭރަށް ނާރާ އުޅެވޭކަށް. އަޅުގަނޑަކަށެއް ނެތް، އަޅުގަނޑަކީ ކެރަފާ ގޯތި މީހެކޭ،އަޅުގަނޑަކީ ގަލޮޅު މީހެކޭ، އަޅުގަނޑަކީ މާލޭ މީހެކޭ ކިޔާ ތަޅުލެވިގެން އުޅެވޭކަށް. ތަރައްޤީ ބޭނުމިއްޔާ، ބަދަލު ބޭނުމިއްޔާ، އަޅުގަނޑުމެންގެ ސިކުނޑި އަޅުގަނޑުމެން ޖެހޭނީ ހުޅުވާލަން. އަޅުގަނޑުމެން ޖެހޭނީ، އަޅުގަނޑުމެންގެ ރަށުގެ ގޮނޑުދޮށުން ބޭރަށް، އަތޮޅުދުނިން ބޭރަށް، އަދި ރާއްޖޭގެ އަސްދަނޑިންވެސް ބޭރަށް އަޅުގަނޑުމެންގެ ވިސްނުން ގެންދަން. އަޅުގަނޑުމެން ޖެހޭނީ ހުޅުވިފައިތިބި ބަޔަކަށް ވާން.

ތަރައްޤީއެއް ނުލިބޭނެ، ރައްޔިތުން ހައްޔަރުކޮށްފައި ތިބިހާހިނދަކު. ރައްޔިތުން ބިރުގަންނަވަމުން، ރައްޔިތުންނަށް އަނިޔާކުރަމުން، ރައްޔިތުންގެ މުދާ ނަގަމުންދާއިރުގައި ތަރައްޤީއެއް އަޅުގަނޑުމެނަކަށެއް ނުހޯދޭނެ. ތަރައްޤީއަކީ ރައްޔިތުންނަށް ވާކަމެއްކަމުން، އެމީހުން ނުކުމެ ކުރާކަމަކަށް ވާތީވެ. އަޅުގަނޑުމެނަށް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި، އަދި ޞުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގުމުގެ މިނިވަން ކަމަކީ ވަރަށް މުހިންމު ކަމެއް. މިރާއްޖެ ތަރައްޤީއެއް ނުވާނެ، ސިޔާސީ ޙަރަކާތް ޞުލްޙަވެރިކަމާއެކު ނުހިންގޭހާ ހިނދަކު. ޑިމޮކްރަސީއަކީ އަބަދުވެސް އެހެންވީމާ، މިޕާޓީގެ އެންމެ ފުރަތަމަ އަމާޒު.

ފުރިހަމަ ނަރުދަމާގެ ނިޒާމެއް ލިބޭނީ، ފުރިހަމަ ވެރިކަމުގެ ނިޒާމެއް ޤާއިމު ކުރެވުނީމާ. ފުރިހަމަ ވެރިކަމެއްގެ ނިޒާމުގެ ތެރެއިން ތިޔަބޭފުޅުންގެ ބޭނުންތަކާއި، ތިޔަބޭފުޅުންގެ އިޙުސާސްތަކާއި، ތިޔަބޭފުޅުންގެ އެދުންތައް ވެރިންނާ ހަމައަށް ހާމަނުކޮށްދެވޭހާހިނދަކު، އަޅުގަނޑުމެން މިއެދޭ ތަރައްޤީ އަޅުގަނޑުމެނަކަށެއް ނުހޯދޭނެ. ކަތީބަކުވެސް، އަތޮޅުވެރިޔަކުވެސް، މުދިމަކުވެސް، ފަނޑިޔާރަކުވެސް މީގެކުރީގައި ވެރިޔަކުގާތުގައެއް ނުރެހޭ އެއްވެސް ވާހަކައެއް ވިދާޅުވެފައެއް ނޯންނާނެ. ދެންމެ އެ ބިރުގަންނަކަމަށް ވިދާޅުވި ޙުސައިން ވަޙީދު، ހަމަ އަޅުގަނޑު ދަންނަވާނީ، ތިޔަބޭފުޅުންނަށް ލިބިފައިވާ ރަނެއް މަލެކޭ. އަޅުގަނޑު ގާތުގައި މި ފޯކައިދޫގެ ވާހަކައެއް ނުދައްކާ ހަމަ އެންމެ ހަފުތާއެއްވެސް އެބޭފުޅާ ދޫކޮށެއްނުލާނެ. އެބޭފުޅާއަކީ އަޅުގަނޑުގެ ޒަމާންވީ ރައްޓެއްސެއް. ބައެއްފަހަރަށް އަޅުގަނޑު ހިތަށްއަރާ، މިކަމުގައިވެސް އަޅުގަނޑުމެންގެ ރައްޓެހިކަންވެސް ގެއްލޭހިސާބަށް ދާނެއޭ، އޭނާގެ ބަނދަރު ނުހެދިގެން އެއަންނަ ރުޅިއެއްގައި. އެހެންނޫނިއްޔާ ރަށަށް ބޭނުންވާ ކޮންމެވެސް އެހެން ކަމެއް ނުވެވޭތީ އެ ދައްކަވާ ވާހަކައިގައި. އަޅުގަނޑުމެނަށް ތިޔަބޭފުޅުންނާއެކީގައި މަސައްކަތް ކުރުމުގެ ފުރުޞަތު، ތިޔަބޭފުޅުންގެ ވަކީލުންނާއެކުގައި މަސައްކަތް ކުރުމުގެ ފުރުޞަތު މިލިބެނީ، ތިޔަބޭފުޅުން މިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރެއްވީތީވެ. ތިޔަބޭފުޅުންގެ ރައްޔިތުންގެ ވަކީލެއްގެ ގޮތުގައި ސީދާ ތިޔަބޭފުޅުންގެ ބޭފުޅަކު ޢައްޔަން ކުރީތީވެ. ކިހިނެއްތޯ ކެންދޫގައިވާކަމެއް، ހެންވޭރު މީހަކަށް އެނގޭނީ، ނޭނގޭނެ. ވާދަވެރި ޕާޓީގައި ހުރިހާ ގިނަ ރާއްޖޭގެ ރަށްތަކުގެ ގޮނޑިތައް ފުރުއްވަމުން އެގެންދަވަނީ އަދިވެސް މާލޭމީހުން. އެމް.ޑީ.ޕީ.ގައި އަޅުގަނޑުމެންގެ ހުރިހާ ގޮނޑިއެއްވެސް ފުރަމުންގެންދާނީ، އެރަށަކަށް ނިސްބަތްވާ، އެއަތޮޅަކަށް އެދާއިރާއަކަށް ނިސްބަތްވާ ބޭފުޅެއް. މާލޭ ގޮނޑިތައް ފުރުއްވާނީ މާލޭ މީހުން. އަޅުގަނޑުމެނަކަށް އެހެން ތަނެއްގައި ވާގޮތެއް، އަޅުގަނޑުމެންގެ ހިތްތަކަކަށް ސާފުކޮށެއް ނުގެނެވޭނެ. މިރަށުގެ މައްސަލަތަކާއި، މިރަށުގެ ރައްޔިތުންގެ އުދާސްތައް އެންމެ ތާޒާކޮށް އެނގޭނީ ހަމަ ސީދާ މިރަށުގެ ރައްޔިތަކަށް. މިރަށުގެ ވެށި، މިރަށުގެ ބިންގާ، މިރަށުގެ ދަރިޔަކު، އަޅުގަނޑު ތިޔަބޭފުޅުންނަށް އެކަމަށްޓަކައި މަރުޙަބާ ދަންނަވަން. ފަށްފަށުން ޝުކުރު ދަންނަވަން.

އަޅުގަނޑު އަބަދުވެސް ފާހަގަކުރަން. މިރަށް މިފޯކައިދޫ އަޅުގަނޑުމެން ތަރައްޤީކުރާން އެދެނީނަމަ، ޙަޤީޤީ ބަދަލެއް އަޅުގަނޑުމެން ބޭނުމީނަމަ، އަޅުގަނޑުމެންގެ ތަރައްޤީގެ ނާރެސްއަކަށްވާނީ މިތަން، މިފޯކައިދޫ މަދަރުސާ. އަޅުގަނޑުމެންގެ ދަރިންނަށް ތަންދޮރު އޮޅުންނުފިލާދޭހާހިނދަކު، ދުވަހަކުވެސް އަޅުގަނޑުމެނަކަށް ބޯދާކަމުން އަރައެއް ނުގަނެވޭނެ. ޖާހިލުކަމަކުނެއް ސަލާމަތެއް ނުވެވޭނެ. ޖާހިލުކަމުގައިތިބެ، ތަންދޮރު ނޭނގި، އަޅުގަނޑުމެނަށް ކިތަންމެ ވާހަކައެއް ދެކެވޭނެ. ދޭދޭމީހުންގެ ދެމެދުގައި ހަސަދަވެރިކަމާއި ނަފުރަތު އެބަ އުފެއްދޭ. ޢާއިލާތަކުގެ ތެރޭގައި ރުޅިވެރިކަން އަޅުގަނޑުމެނަށް އެބަ އުފެއްދޭ. އަޅުގަނޑުމެނަށް ނެތިމޮށުމާއި، ޣީބަ ބުނުމާއި، ދޮގުހެދުމާއި، ދެބައޮޑުވުން މިއޮންނަނީ ޢާންމު ކަމަކަށް ވެފައި. ތަހުޒީބުގެ ތެރެއަށް އަޅުގަނޑުމެނަށް ނުދެވޭހާހިނދަކު، އަޅުގަނޑުމެންގެ ހިތްތަކަށް މިއީ ގޯސް ދެރަ ކަންކަން ކަންވެސް ގެންނާން ނުވެސް އެނގޭނެ.

އަޅުގަނޑުމެނަށް ޖެހިފައި މިއޮތީ، މިރާއްޖެ ބަދަލުކުރަން. މި ސަރުކާރުގެ ވަޢުދެއް އެއީ، މިމަދަރުސާއިން ފާސްވާކުދިންގެ ކޮންމެ 10 ކުއްޖަކުން 6 ކުއްޖަކީ 5 މާއްދާއިން ފާސްވާ ކުއްޖަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރެއްގައި އަޅުގަނޑުމެން ހަދާނަން. މިދިޔައަހަރު މިމަދަރުސާގެ ދަރިވަރުންނަށް ފޮތް ފަންސުރު ގަލަމާއި، އަދި އެހެންވެސް ތަކެތި ގަތުމަށްޓަކައި ދެލައްކަ އަށާރަހާސް ރުފިޔާ ޚަރަދު ކުރެވިފައި އޮތްކަމީ، މިސަރުކާރަށް ހިތްހަމަޖެހުން ލިބޭކަމެއް. އަދި އަމުދުން ދަރިވަރުންނަށް ފޮތް ފަންސުރު ލިބޭކަން، މިފޯކައިދޫގެ ދަރިވަރުން އޯލެވެލް އިމްތިޙާނުގައި ބައިވެރިވުމަށްޓަކައި ދައްކަންޖެހޭ މަދަރުސާގެ ފީ، އިމްތިޙާނުފީ ދެއްކުމަށްޓަކައި ސާޅީސް ތިންހާސްރުފިޔާ ޚަރަދު ކުރުމުގެ ފުރުޞަތު އަޅުގަނޑުމެނަށް ލިބުނުކަމީ، މިސަރުކާރަށް ހިތްހަމަޖެހުން ލިބޭކަމެއް. މިއަހަރު، މިދިޔައަހަރު ވަނީ މަދަރުސާގެ ނަމާދުކުރާ ކޮޓަރި ފުރިހަމަ ކުރެވިފައި. އަދި މިދިޔައަހަރު ވަނީ މަދަރުސާގެ ކިޔެވުމުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ކިތަންމެ ކިތަންމެ ކަމެއް އިތުރަށް ހިންގިފައި. އޭގެ ނަތީޖާވެސް ވަރަށް ރަނގަޅު. އަޅުގަނޑު މިއަދު ވަރަށް ހިތްހަމަޖެހޭ. ފޯކައިދޫގައި 5 މާއްދާއިން ފާސްވީ ކުދިންގެ ނިސްބަތް، އިމްތިޙާނުގައި ބައިވެރިވި ކުދިންގެ ތެރެއިން %28 ކުދިން މިއަހަރު ވަނީ 5 މާއްދާއިން ފާސްވެފައި. އެހެންނަމަވެސް، އެއީ، އަޅުގަނޑުމެން މިއެދޭ މިންވަރަށްވުރެ އަދި މާކުޑަ މިންވަރެއް. އަޅުގަނޑުމެނަށް އުފާވެރިކަން ލިބެނީ، ހިތްހަމަޖެހުން ލިބެނީ، މިދިޔަ އަހަރާ އަޅާ ބަލާއިރު، އެއީ ދެގުނަ ރަނގަޅު އަދަދެއް. މީގެ ކުރީ އަހަރާ އަޅާ ބަލާއިރު 5 މާއްދާއިން ފާސްވީ ކުދިންގެ އަދަދު މިއަހަރު މިދަނީ %22 އަށްވުރެ އިތުރަށް އިތުރުވެފައި.

އަޅުގަނޑުމެންގެ ބޭނުމަކީ މިރަށުގެ ތަރައްޤީ. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ، މިފޯކައިދޫގެ ތަރައްޤީ ހޯދުމަށްޓަކާ. އެކަމަށްޓަކައި ކުރާންހުރި ކަންކަން އެތަރުތީބުން ކުރަމުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިގެންދަނީ. މިސަރުކާރަކީ ވަޢުދުވާ ސަރުކާރެއް. އަދި ހަމައެހެންމެ، މި ސަރުކާރުގެ ސިޔާސަތުތައް އެކުލެވިފައިއެވަނީ އެވަޢުދުތައް ފުއްދުމަށްޓަކާ. އަދި މިއަހަރުގެ ބަޖެޓް ފާސްކުރެވިފައި، އެކުލަވާލެވިފައިއެވަނީ، މިދެންނެވި ސިޔާސަތުތައް ތަންފީޒުކުރުމަށް ބޭނުންވާނެ ބަޖެޓެއްގެ ގޮތުގައި. އަޅުގަނޑުމެނަށް އިރާދަކުރެއްވިއްޔާ މިއަހަރު ފޯކައިދޫގެ ބަނދަރު އަލުން ހެދޭނެ. ޙުސައިން ވަޙީދު ވިދާޅުވެފައިއޮތީ، ބަނދަރު މަރާމާތުކުރަން ބޭނުމޭ. އިރާދަކުރެއްވިއްޔާ ބަނދަރު މަރާމާތު ކުރުމަށްވުރެ ތިޔަބޭފުޅުންނާ މަޝްވަރާކޮށް، ތިޔަބޭފުޅުން އެކަން ބޭނުންވާ ގޮތަކަށް އެކަން ކުރުމަށް ސަރުކާރުން ވީ ހުރިހާ މަސައްކަތެއް ކުރަމުން ގެންދާނެ. އަދި ހަމައެހެންމެ ދަންނަވަން، ޙުސައިން ވަޙީދު، ފެން ޕްލާންޓް އަޅާ ނިންމެވީމާ، ސަރުކާރުން އެބޭފުޅާގެ މަސައްކަތަށް އެހީތެރިވެދެއްވާނެ. އިރާދަކުރެއްވިއްޔާ ޙުސައިން ވަޙީދު ޚަރަދު ކުރައްވާ ކޮންމެ ރުފިޔާއަކަށް ސަރުކާރުން އިތުރު ރުފިޔާއެއް އެ ޕްރޮގްރާމް ތެރެއަށް ލާނެ.

އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެން ބަދަލުވުން. އަޅުގަނޑުމެން މިސަރުކާރު މި ދެމި އޮންނަނީ ހަމަ އެންމެ ބޭނުމަކަށްޓަކައި. އެއީ، މިރާއްޖެ ބަދަލުކުރުމަށްޓަކައި. ގަމާރުކަމުން އަޅުގަނޑުމެން އަރައިގަތުމަށްޓަކައި. އަޅުގަނޑުމެންގެ ދަރިންނަށް އަޅުގަނޑުމެން ރަނގަޅު ތަޢުލީމެއް ނުހޯދާދެވޭހާހިނދަކު، އަޅުގަނޑުމެން މިއެދޭ ބަދަލެއް އަޅުގަނޑުމެނަކަށެއް ނުލިބޭނެ. ކިތަންމެ ފަހަރަކު އަޅުގަނޑު ކަންބޮޑުވޭ. އަބަދުވެސް އަޅުގަނޑު ހިތަށްއަރާ. ކޮންމެ ރަށަކުންވެސް، ކޮންމެ ރައްޔިތަކުވެސް މިބުނަނީ، ރައީސް އޭ ނެތޭ މިރަށުގެ ނެރުގެ ފައިކަށްޓެއް. އެއީ، ބަނދަރެއް އޮތިއްޔާ. ބަނދަރެއް ނެތިއްޔާ މިރަށުގައި ބޮޑުހިލައޭ، މިރަށުގައި އެއްގަމު ތޮށްޓެކޭ. މަދު ފަހަރެއްގައި ނޫނިއްޔާ އަޅުގަނޑަކަށެއް ނުއިވޭ، ރީތި އަޑެއް ނުއިވޭ، މިރަށުގެ ކިޔަވާ ކުދިންގެ ފެންވަރު ރަނގަޅު ކުރެވޭނެ އެހެން ގޮތެއް އެބައޮތްހެއްޔޭ. މަދަރުސާގެ ވާހަކަ ދައްކަވާ ބޭފުޅެއްވެސް ވާހަކަ ދައްކަވާނީ، އަނެއްކާވެސް ކޮންކްރީޓްގެ ވާހަކަ. އެއީ އިތުރު ކްލާސްރޫމުގެ ވާހަކަ. އިތުރު ކްލާސްރޫމް ބޭނުންނުވަނީކިއްޔެއް ނޫން. އިތުރު ޚިދުމަތް ބޭނުން ނުވަނީކިއްޔެއް ނޫން. އެހެންނަމަވެސް، އަޅުގަނޑުމެންގެ އަމާޒު އަބަދުވެސް ހުންނަން ޖެހޭނީ، އިންސާނާގެ ތަރައްޤީއަށް. އަޅުގަނޑުމެން ބަދަލުވުމަށް. ޢިމާރާތެއް ނޫން ބަދަލު ކުރަންވީ. އެޅޭ ބޮޑު ޢިމާރާތަކުން، ހެދޭ ބޮޑު ބިނާއަކުންނެއް އަޅުގަނޑުމެންނެއް ބަދަލެއް ނުވާނެ. އަޅުގަނޑުމެން ބަދަލުވާނީ، އަޅުގަނޑުމެނަށް ތަންދޮރު އެނގުނީމާ.

އަޅުގަނޑު ފޯކައިދޫގެ ވާހަކަ ދަންނަން. އަދި މިތަނުގެ ރަށްވެހިކަމުގެ ވާހަކަވެސް އަޅުގަނޑު ދަންނަން. އަޅުގަނޑު ދަންނަން، ޙުސައިން ވަޙީދުގެ ޢާއިލާގެ ވާހަކަވެސް. އަޅުގަނޑު ދަންނަން، ތިޔަބޭފުޅުންގެ މެދުގައި ތިޔައޮތް ނޭއްގާނިކަމުގެ ދަރަޖައިގެ މިންވަރުގެ ވާހަކަވެސް. އެއް ޢާއިލާއާއި އަނެއް ޢާއިލާއާ ޖެހި، އެ ދެބައި ދޭތެރޭގައި ހިނގާ ނަފުރަތުގެ މިންވަރު.

އަޅުގަނޑު ފޯކައިދޫ ރައްޔިތުންގެ ކިބައިން އާދޭހާއެކު އެދެނީ، އިއްޔެ މިއޮތީ ނެތި ގޮސްފައޭ. މިއަދު މިއޮތީ މެންދުރުވެސް ގޮސްފައި. އަޅުގަނޑުމެނަށް ހޯދޭނީ ހަމައެކަނި މުސްތަޤްބަލް. އަޅުގަނޑުމެނަށް ލިބެންއޮތީ ހަމައެކަނި މާދަމާ. އަޅުގަނޑުމެން މަސައްކަތްކުރާންވެސް މިވަނީ މާދަމައަށްޓަކައި. އަޅުގަނޑުމެން އަބަދުވެސް އުޅެންޖެހޭނީ މުސްތަޤްބަލް ހޯދުމަށް. އެހެންވެ، އަޅުގަނޑުމެންގެ ދަރިން، އަޅުގަނޑުމެން އެއީ، އަޅުގަނޑުމެންގެ ބަޠަލުންގެ ގޮތުގައި ބަލައި، އެކުދިންނަށް ރަނގަޅު ގޮތްތައް ހޯދައިދެވޭތޯ އަބަދުވެސް މަސައްކަތް ކުރާންޖެހޭނެ. ކޮންމެ ބޭފުޅަކުވެސް މާލެ ދުރުވަނީވެސް ދަރިންނަށް ކިޔަވައިދޭން ކަމަށް ބުނުއްވާ. އަދި އަޅުގަނޑުމެން އެންމެންވެސް މަސައްކަތްވެސް މިކުރަނީ، އަނބިދަރިންނަށް ރަނގަޅު ގޮތެއް ހޯދާންވެގެން. އަންނާންއޮތް ޖީލަށްޓަކައި. އެހެންނަމަވެސް، ކޮންމެ ރަށަކަށް އަޅުގަނޑު ދިޔައިމާ ހައްތަހާ އަޑު މިއިވެނީ ފައިކަށްޓެއްގެ ވާހަކަ. ހައްތާ އަޑު މިވެނީ އެއްގަމުތޮށީގެ ވާހަކަ.

އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވާނީ، އަޅުގަނޑުމެން މިއެދޭ ބަދަލު އަޅުގަނޑުމެން ހޯދުމަށްޓަކައި މާޒީ ފަހަތުން ދުވެގެނެއް އަޅުގަނޑުމެނަކަށެއް އެކަމެއް ނުވާނެ. އަޅުގަނޑަށް ނިސްބަތްކޮށް، ކިތަންމެ ވާހަކައެއް ދައްކާނެ. ފޮތިގަނޑުވެސް ލިޔާނެ. އެކަމަކުން އަޅުގަނޑުމެންގެ ޢަޒުމަކަށް، އަޅުގަނޑުމެންގެ މަޤްޞަދަކަށް ކުޑަވެސް ބަދަލެއް ނާންނާނެ. އަޅުގަނޑުމެނެއް އެންމެ ފިޔަވަޅެއްވެސް އިރާދަކުރެއްވިއްޔާ ފަހަތަކަށް ނާޅާނެ. އަޅުގަނޑުމެނަކީ، އެކެއް އަނެކެއްގެ ކިބައިން ހިތްވަރު ހޯދާ، އަޅުގަނޑުމެންގެ ޙުސައިން ވަޙީދާއެކު ބިރުފަހަނަޅައިގޮސް، އަޅުގަނޑުމެން އަނެއް ދިވެހިރާއްޖެ ހޯދަން ނުކުތް ބައެއް. އެހެން ގޮތެއް ހޯދާންވެގެން ނުކުތް ބައެއް. ކުރީގައި އޮތްގޮތް އެއީ، ބާޠިލުކަން ސާފުކޮށް އެނގި، އެހެން ގޮތެއް ހޯދާންވެގެން އެދުނު ބައެއް. އަޅުގަނޑުމެނަށް މިފެންނަނީ، ދުވަހުން ދުވަހަށް، މިދެންނެވި މަންޒިލަށް އަޅުގަނޑުމެނަށް ވާސިލު ވެވޭތަން. އަޅުގަނޑުމެނަށް އެބަފެނޭ، މި އުފާވާ ޒަމާން. އަޅުގަނޑު ނުޖެހޭ، އަޅުގަނޑޭ މިރަށުގެ ބަނދަރު ހެދީ ބުނާކަށް. އަޅުގަނޑު ނުޖެހޭ، އަޅުގަނޑޭ ފުނަދޫ ބަނދަރު ހެދީ ބުނާކަށް. އަޅުގަނޑެއް ނުޖެހޭ، މިސަރުކާރުންނޭ، ކުޅުދުއްފުށި ހިއްކީ، ދިއްދޫ ހިއްކީ ބުނާކަށް. އަޅުގަނޑުމެނެއް ނުޖެހޭ، މިސަރުކާރުންނޭ ސާކްސަމިޓް އައްޑުއަތޮޅުގައި ބާއްވަނީ ބުނާކަށް. އަޅުގަނޑުމެން ބޭނުމެއްނޫން، އޭގެން އެއްވެސް ކަމެއްގެ ނަމެއް، އަޅުގަނޑުމެން ބޭނުމީ ކަން ވާން. އަޅުގަނޑަށް ޔަޤީން، ފޯކައިދޫގެ އެކަނިވެރި މައިންނާއި، 65 އަހަރުން މަތީގެ މީހުނާއި، މަދަނައިގެ އެހީ ލިބުނު ބަލިމީހުނަށް ކަންވީގޮތް ވަރަށްބޮޑަށް ސާފުވާނެ. ކާކުތޯ ކާކަށް ފައިސާ ދިނީ. ކޮންއިރަކުތޯ ފައިސާ ލިބުނީ. ކޮންއިރަކުތޯ އެހީތެރިކަން އެބޭފުޅުންނަށް ލިބެންފެށީ. އެއީކިއްޔެއް އަޅުގަނޑު ކޮންމެހެނެއް ކޮންމެ މީހަކު ހޭލައިގެން އިޝްތިހާރު ކުރަންޖެހޭކަމެއްނޫން. އަޅުގަނޑުމެނަށް ހެޔޮ، އަޅުގަނޑުމެނެއް ބޭނުމެއް ނޫން، ކަމެއްގެ ނަމެއް.

މި ސަރުކާރު ދެމި މިއޮންނަނީ އެންމެ ބޭނުކަށްޓަކައި. އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި މިހުންނަނީ، ވެރިކަމުގެ އަރާމަށްޓަކައެއް ނޫން. އޭގެ ލައްޒަތަށްޓަކައެއްވެސް ނޫން. އަޅުގަނޑުމެންގެ ބޭނުމަކީ، ވަޢުދު ފުއްދުން. ރައްޔިތުންނަށް ޚިދުމަތްކުރުން. ސަރުކާރު ދެމި މިއޮންނަނީ ހަމައެކަނި އެބޭނުމަށްޓަކައި. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން. އަޅުގަނޑެއް ތިޔަބޭފުޅުންގެ ލޯލާރިއެއްގައިވެސް އިރާދަކުރެއްވިއްޔާ ނުޖެހޭނަން. އެއީ، ތިޔަބޭފުޅުންގެ ފައިސާ. ބަނދަރު ހަދަނީ ތިޔަބޭފުޅުންގެ ފައިސާއިން. ރަށްރަށް ހިއްކަނީ ތިޔަބޭފުޅުންގެ ފައިސާއިން. އިޖުތިމާޢީ ރައްކާތެރިކަން ހޯދައިދެނީ ތިޔަބޭފުޅުންގެ ފައިސާއިން. އަޅުގަނޑުމެން ހަމައެކަނި މިކުރާ ކަމަކީ، އެފައިސާ ޚަރަދުކުރުމަށް އަމާނާތްތެރިކަމާއެކީގައި، އަމާނާތެއްގެ ގޮތުގައި ތިޔަބޭފުޅުން އަޅުގަނޑާ ޙަވާލުކުރަނީ. އެޚަޒާނާ އިންސާފުވެރި ގޮތުގައި ބެލެހެއްޓުން، އަޅުގަނޑުމެންގެ މަސައްކަތަކީ. އަޅުގަނޑުމެންގެ މަސައްކަތަކީ ތިޔަބޭފުޅުންގެ ޚަޒާނާއިން ތިޔަބޭފުޅުންނަށް ޚަރަދުކުރުން. އަޅުގަނޑަށް ޚަރަދު ކުރުމެއްނޫން. އަޅުގަނޑުމެންގެ ބޭނުމަކަށްވެސް ވާނީ، އަދި އަޅުގަނޑުމެންގެ އަމާޒަކަށްވެސް ވާނީ، މިދެންނެވި މަސައްކަތް އެގޮތަށް ކުރުން. އެއްގޮތަކަށްވެސް ހީނުކުރައްވާތި. މިރާއްޖެއަށް މާބޮޑު ބަދަލެއް ޤާނޫނުއަސާސީއަކުން ލިބިއްޖެއޭ. ޤާނޫނު ޢުޤޫބާތް އަދިވެސް ކުރީގައިވެސް ހަމަ އޮތްގޮތަށް އޮތީ. އެ ޤާނޫނު ޢުޤޫބާތުގެ ދަށުން މިއަދުވެސް މިރަށުގައި ފޮތިގަނޑު ލިޔުނު އެންމެން ހިފާ ހައްޔަރު ކުރެވޭނެ. އެއްވެސް ތަފާތެއްނެތް. ކުރީ ޤާނޫނުއަސާސީގައިވެސް ހަމަ ލިބިދީފައިވާ އަސާސީ ޙައްޤުތައް މި ޤާނޫނުއަސާސީގައިވެސް ހަމަ ވަނީ އެ ޙައްޤުތައް. އަދިވެސް އަޅުގަނޑުމެން ޢަމަލުކުރަން މިދަނީ، ކުރީގެ ޤާނޫނު ޢުޤޫބާތަށް. އަދިވެސް މިރަށުން ފަންސާހަކަށް މީހުން ހައްޔަރުކުރީމާ، މިރަށް މަޑުވާނެ. ޙުސައިން ވަޙީދުވެސް ބިރުގަންނާނެ. އަޅުގަނޑުމެނަށް އިހު ހުރިގޮތަށް ވެރިކަން ނުކުރެވިގެނެއް ނޫނޭ. އަޅުގަނޑުމެނެއް ބޭނުމެއް ނޫން، ރައްޔިތުންނަށް ހައިބަތު ދެއްކުމަށްޓަކައި، ރައްޔިތުންނަށް އަނިޔާކޮށް ބިރުދައްކާކަށް. އަޅުގަނޑުމެނެއް ބޭނުމެއް ނޫން، ވެރިކަން ދެމެހެއްޓުމަށްޓަކައި ރައްޔިތުންނަށް އަނިޔާ ކުރާކަށް. މި ސަރުކާރަކުންނެއް ސިޔާސީ މަޤްޞަދަށްޓަކައި މީހުން ހިފާ ހައްޔަރެއް ނުކުރާނެ.

މިދުނިޔޭގައި އޮތް ހަމައެކަނި ދީނީ ދަންނަބޭކަލުންނަށް، އެމީހުން ބޭނުން ހެޔޮލަފާ ނަސޭހަތް ރައްޔިތުންނަށް ބޭނުން ގޮތަކަށް ދެވެންއޮތް ހަމައެކަނި އިސްލާމީ ޤައުމަކީ މި ދިވެހިރާއްޖެ. އަޅުގަނޑުމެން އެންމެންވެސް މީގެކުރީގައި ދުށީމު، ކުރީގައި ކަންވެދިޔަގޮތް. ދަންނަބޭކަލަކު ހަމަ އެއްޗެއް، ވަޣުޡެއް، ނަދުރެއް، ނަސޭހަތެއް ދެއްވާއިރަށް އެމީހާއަށް ވެގެންދާގޮތް. އަޅުގަނޑުމެނަށް ވެގެނެއް އެކަން އެހެނެއް ނުކުރާނެ. އަޅުގަނޑުމެން އެވަނީ ދަންނަބޭކަލުންނަށް މިނިވަންކަން ދީފައި. މިއަދު ބައްލަވާ، ދިވެހިން މިސްކިތަށް އަރާ މިންވަރު. ކޮންއިރަކުތޯ، ކޮންދުވަހަކުތޯ ތިޔަބޭފުޅުންނަށް ދުވަހަކުވެސް ފެނިފައިއޮތީ، ޢާޝޫރާދުވަހު މިދިޔަ ޢާޝޫރާދުވަހު ރޯދައަށް މީހުން ހުރި މިންވަރާ، ރޯދައަށް ބަޔަކު ތިއްބާ. އަޅުގަނޑުމެން ހަނދާނެއްވެސް ނެތް. އަޅުގަނޑުމެން ނުވެސް ދަންނަން، މުޙައްރަމް މަހު ދިހަ ވަނަ ދުވަހަކީ ކޮން ދުވަހެއްކަމެއްވެސް. އެހެންނަމަވެސް، މިއަދު އިރާދަކުރައްވައިގެން އަޅުގަނޑުމެންގެ ދަންނަބޭކަލުންނަށް، އަޅުގަނޑުމެންގެ ޒުވާނުންނަށް ހެޔޮލަފާ ދީނީ ނަސޭހަތް ދެވެން އެބައޮތް. ދެން އޭގެތެރެއިން ބައެއް ބޭފުޅުން ކުޑަކޮށް ސިޔާސީވެލައްވައިގެން އުޅުއްވާ. އިންތިޚާބުތަކުގައި ވާދަކޮށްލައްވައި، އަދި އަޅުގަނޑުމެނަށް ދެތިން ބަހެއްވެސް ބުނެލާ ހައްދަވާނެ. އަޅުގަނޑު ސިޔާސީ މަޤްޞަދަށްޓަކައި އިސްލާމްދީން ބޭނުންކުރާކަށެއް ނޭދެން.

އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ އަމާޒަކީ، މިރާއްޖޭގެ ތަރައްޤީ. އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންގެ ކުރިމަތީގައި އަޅުގަނޑުމެނަށް ފެންނާން މިއޮތީ، އުފާވާ ޒަމާނެކޭ. އުފާވާ ޒަމާނޭ، ހިތާއޭ އަހާށޭ، އުފާވެރިވި މިރާގޭ.

والحَمْـدُ لِلّـهِ. والســّلام عليــكم.
_______________________