بســم اللّـه الرّحمـن الرّحيــم

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ވަގުތީ ރައީސް އޮނަރަބްލް އިބްރާހީމް ޙުސައިން ޒަކީ. ޕާޓީގެ ޗެއަރޕަރސަން އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ، ރަށްރަށުގެ ވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނާއި އަދި ވަކިން ޚާއްޞަކޮށް އަޅުގަނޑުގެ އެކުވެރި، ލޮބުވެތި ފީއަލީ އެންމެ ރައްޔިތުން.

السّـلام عليـكم

މީގެ ދެތިން ހަތަރު އަހަރެއް ކުރީގައި އަޅުގަނޑު ހަމަ މިރަށުގައި ތިޔަބޭފުޅުން އަރިހުގައި ދެންނެވިން، މިރާއްޖެ އޭރު އޮތީ ހަތަރު އަނގޯޅިއެއްގެ ކަންމަތީގައޭ. އެދުވަހު އަޅުގަނޑުމެންނަށް އޮތް ކިތަންމެ ގޮތެއް ޚިޔާރު ކުރެވެން. އަޅުގަނޑުމެންނަށް އޮތް ޚަރާބުގެ މަގު ޚިޔާރު ކުރެވެން. އަޅުގަނޑުމެންނަށް އޮތް ކަނުބަދެވި ތިބެ، އަނދަވަޅަކަށް ވެއްޓުމަށް އަޅުގަނޑުމެން ރައްޔިތުން އެކީގައި ގޮސް އެއަނދަވަޅަށް ވެއްޓެން. އަޅުގަނޑުމެންނަށް އޮތް އެހެން ގޮތެއް ހޯދެން. އެހެން ދިވެހިރާއްޖެއެއް ހޯދެން. އަނެއް ދިވެހިރާއްޖެ ހޯދެން. އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުންގެ ގިނަ ރައްޔިތުން ޚިޔާރު ކުރެއްވީ، އެމީހުން ބޭނުމީ އެހެން ގޮތެކޭ، އެމީހުން ބޭނުންވަނީ ބަދަލުވާށޭ، އެމީހުން ބޭނުންވަނީ އަނެއް ދިވެހިރާއްޖެއޭ.

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ރާއްޖޭގެ އެކިކަންކޮޅުތަކަށް، ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތް ކުރިން. ހުރިހާ ގެއަކަށް ދޮރުން ދޮރަށް ހިނގި. އަޅުގަނޑު ދަންނަވާނީ މިރާއްޖޭގެ ހުރިހާ ރައްޔިތުންނާ ޕާޓީގެ ފަރާތުން ވާހަކަދެއްކީމޭ. ރައްޔިތުންގެ އަޑު ޕާޓީ އެހި. ޕާޓީއަށް އެލިބުނު އަޑުތަކުގެ މައްޗަށް ބިނާކޮށް ޕާޓީ އެކުލަވާލީ ޕާޓީގެ ފަރާތުން ޕާޓީގެ ސަރުކާރެއްގައި ރައްޔިތުންނަށް ކޮށްދޭނެ ކަންކަމުގެ ތަރުތީބު. އެއީ، ޕާޓީގެ މެނިފެސްޓޯ، ޕާޓީގެ ވަޢުދުތައް. ސަރުކާރުން އެވަޢުދުތައް ފުއްދުމަށްޓަކައި މިވަނީ ޤައުމީ ތަރައްޤީގެ އޮނިގަނޑު އެކުލަވާލައި، ސަރުކާރުގެ ސިޔާސަތު ހަމަޖައްސައި އަދި އެސިޔާސަތު ތަންފީޒު ކުރުމަށްޓަކައި ބޭނުންވާނެ ފައިސާ ދައުލަތުގެ ބަޖެޓުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އަޅުގަނޑު ތިޔަބޭފުޅުންނާ މިރޭ މިބައްދަލުކުރަނީ އަޅުގަނޑުމެންގެ ތަރައްޤީގެ މަޝްރޫޢުތަކާއި، ތަރައްޤީގެ ޕްރޮގްރާމްތައް މީގެކުރީގައި ދުވަހަކުވެސް އަޅުގަނޑުމެންނަށް ނުހިންގޭ މިންވަރަށް އެކަން ކުރިއަށްގެންދިޔުމަށްޓަކައި. އަޅުގަނޑުމެންނަށް ހުރިހާ ވަސީލަތްތަކަކާއި، ހުރިހާ ބާރަކާއި، ހުރިހާ ހިތްވަރަކާއެކު ފީއަލީ ރައްޔިތުންނާ މިރޭ ބައްދަލުކޮށްލަން އަޅުގަނޑު މިއައީ.

އަޅުގަނޑު ފީއަލީގެ ލޮބުވެތި ރައްޔިތުންނަށް ދަންނަވާލަން ބޭނުން ތިޔަބޭފުޅުން އެއްގޮތަކަށްވެސް އެއްވެސް ކަމަކާ ކަންބޮޑުވެ ނުލައްވާށޭ. އަޅުގަނޑަކީ ތިޔަބޭފުޅުން ދެނެވަޑައިގަންނަވާނެ މީހެއް. އިދުރީސްބެ ކުޑަކުޑަކޮށް ވިދާޅުވެއްޖެ. އަޅުގަނޑުމެންގެ ހަންބޯވާނެ. އަޅުގަނޑުމެންނަށް ހަޖަމު ކުރެވޭނެ. އަޅުގަނޑުމެންނަކީ މި ރާއްޖޭގައި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި، ޞުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގުމުގެ މިނިވަންކަން ރާއްޖޭގެ ރައްޔިތުންނަށް ހޯދައިދިނުމަށް ހުރިހާ މަސައްކަތެއް ކުރި ޕާޓީ. އަޅުގަނޑުމެންގެ އަމާޒަކަށްވީ، އަޅުގަނޑުމެންގެ މަޤްޞަދަކަށްވީ، މިރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާނެ ތަރައްޤީ ހޯދައިދިނުމަށްޓަކައި އެތަރައްޤީއަށް މަގުފަހިވާނެ ވެރިކަމުގެ ނިޒާމެއް އަޅުގަނޑުމެން ޤާއިމުކުރުން. މިއަދު އަޅުގަނޑުމެން މިވަނީ އެނިޒާމު ޤާއިމުކޮށްފައި. މިއަދު އަޅުގަނޑުމެން މިގެންދަނީ އެ ނިޒާމުގެ ތެރެއިން މިރާއްޖޭގެ ރަށްތަކުގެ ތަރައްޤީގެ މަޝްރޫޢުތައް ހިންގަމުން.

ރާއްޖޭގެ އެކިއެކި ކަންކޮޅުތަކަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ. ކުރި ދަތުރުތަކުގައި ޕާޓީއަށް ފާހަގަވި ކިތަންމެ ޙަޤީޤަތެއް އެބަހުރި. މި ފީއަލީގެވެސް ރައްޔިތުންގެ ތެރެއިން ގިނަ ބައިވަރު ރައްޔިތުންނަކީ، ކޮންމެ ތިންމީހަކުންކުރެ އެކަކީ އޭނާއަށް ރެޔާއި ދުވާލަށް ފަނަރަ ވިހި ރުފިޔާ ނުލިބޭ ނިކަމެއްޗެކޭ. އޭނާގެ އަމިއްލަ މަސައްކަތްތައް އޭނާއަށް އަމިއްލައަށް ނުކުރެވޭ ބިކަހާލުގައި އުޅޭ މީހެކޭ. އޭނާގެ ބޭސްފަރުވާގެ ކަންކަމަށް، އޭނާގެ ބޯހިޔާވަހިކަމަށް، އޭނާގެ ދަރިން މަދަރުސާއަށް ފޮނުވުމަށް، އޭނާގެ ދަރިންނަށް ތަޢްލީމެއް ދިނުމަށް، އޭނާގެ ދަރިންނަށް ތިންއިރު ކާން ދިނުމަށް ގިނަ ފަހަރަށް ނުކުޅެދިފައި ތިބި މީހުން މި ފީއަލީގައިވެސް 2008 ވަނަ އަހަރާ ޖެހުނުއިރުވެސް ހަމަ ވަރަށްގިނަ. ރާއްޖޭގެ ރައްޔިތުންނަށް ފާހަގަވަމުން އައި ކިތަންމެ ނުކުތާއެއް އަޅުގަނޑުމެންގެ ޕާޓީން ވަކިން ޚާއްޞަކޮށް ފަވާލެވި، ރައްޔިތުންނަށް ފާހަގަކުރަމުން ގެންދިޔައިން. ޕާޓީން ވަރަށް ސާފުބަހުން ވަޢުދުވަމުން ގެންދިޔައީ، އިރާދަކުރެއްވިއްޔާ ޕާޓީގެ ސަރުކާރެއްގައި ރައްޔިތުން ބޭސްސިޓީއަށް ސަލާންޖަހާ ޖެހުން އަޅުގަނޑުމެން ނައްތާލަދޭނަމޭ. އެހެންވީމާ، މަދަނައިގެ ވިއުގަ އުފެދިގެން އައީ. އަޅުގަނޑުމެން މިއަދު އުފާވާ ސަބަބަކީ، އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، މި ފީއަލީގެ 125 ރައްޔިތަކަށް މަދަނައިގައި ރަޖިސްޓަރީވެ ޚިދްމަތް ލިބެމުންދާކަން. އަދި މިދެންނެވި ރައްޔިތުންގެ ތެރެއިން ކޮންމެ ރައްޔިތަކަށް އެއްލައްކަ ރުފިޔާ، މާލިއްޔަތުގައި ރައްކާކުރެވިފައި އޮތީތީވެ. އަޅުގަނޑުމެންނަށް އުފާވެރިކަން ލިބެނީ، މިދިޔަ 2010 ވަނަ އަހަރު ފީއަލީ ރައްޔިތުންގެ ބޭސްފަރުވާއަށްޓަކައި އެމީހުންނަށް ބޭސްސިޓީއަށް ބޭސް ހޯދައިދިނުމަށްޓަކައި ދެލައްކަ ހަތަރުހާސް ރުފިޔާ ޚަރަދު ކުރުމުގެ ފުރުސަތު މި ސަރުކާރަށް ލިބިފައިވާތީވެ. މިދެންނެވި ދެލައްކަ ހަތަރުހާސް ރުފިޔާއަކީ އެއްވެސް ޙާލެއްގައި މިތަނުގެ ހެލްތް ސެންޓަރަށް ކުރެވުނު ޚަރަދެއް ނޫން ނުވަތަ އެނޫންވެސް އެކަމާބެހޭ ވަސީލަތްތައް ތަރައްޤީ ކުރުމަށް ކުރެވުނު ޚަރަދެއް ނޫން. މިދެންނެވި ފައިސާއަކީ، ހަމަ ސީދާ ފީއަލީ ރައްޔިތުންގެ ތެރެއިން ބޭހަށް ބޭނުންވި މީހުންނަށް ބޭސްސިޓީއަށް ބޭސް ހޯދައިދިނުމަށް ކުރެވުނު ޚަރަދު. އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހުގައި ދަންނަވާކަށް ނުޖެހޭނެ، 2008 ވަނަ އަހަރު ނިމުނުއިރުގައި ރާއްޖޭގެ ބާރަސަތޭކަ މީހުންނަށް ތީމުގޭ ވެލްދެއަރ ފަންޑުން ބޭސްނުކޮށްދޭކަން. އެހެންނަމަވެސް، އެއަހަރުވެސް ނުހަނު ގިނަ ފައިސާ އެ ވެލްފެއަރ ފަންޑުން ޚަރަދު ކުރެވިފައި އޮތީ ވަރަށް މަދު މީސްކޮޅަކަށް، ވަރަށްބޮޑު ޚަރަދު ކޮށްގެން ބޮޑެތި ބޭސްކުރުމަށް.

އަޅުގަނޑުމެން ނިންމި ނިންމުމަކީ، ރާއްޖޭގެ އެންމެ ރައްޔިތުންނަށް، ހުރިހާ ރައްޔިތުންނަށް މަންފާއާއި ފައިދާ ލިބޭނެ އިންތިޒާމެއް ހަމަޖެއްސުން. ތީމުގޭ ވެލްފެއަރ ފަންޑު އުވާލައި، މަދަނައިގެ ޕްރޮގްރާމް ސަރުކާރުން ބާރަށް ހިންގާން ފެށީ. އަޅުގަނޑުމެންނަށް ޔަޤީންކަން ލިބޭ، އަޅުގަނޑުމެންނަށް ހިތްވަރު ލިބޭ އަދި އަޅުގަނޑުމެންނަށް އެމަސައްކަތް ކުރުމުގައި ދެމިތިބުމުގެ ހުރިހާ ޖޯޝެއް އަންނަނީ އަޅުގަނޑުމެންނަށް ލިބެމުންދާ ކާމިޔާބު، އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުންނަށް ލިބެމުންދާ ކާމިޔާބު، ދުވަހެއް ދުވަހަކަށް އަޅުގަނޑުމެންނަށް ފާހަގަވަމުން އަންނަތަނުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރުގެ ތިން އަހަރު ނިމޭއިރުގައި މަދަނައިގައި މިރަށުގެ ހުރިހާ ރައްޔިތުން ރަޖިސްޓަރީވެގެންދާނެ.

ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުން ޕާޓީ ހިނގަމުން ދިޔައިރުގައި ޕާޓީއަށް ފާހަގަވި ނުކުތާތައް ނުހަނު ގިނަ. ޢުމުރުން ދުވަސްވީ މީހުން އުޅެމުން ގެންދިޔަ ބިކަހާލު އަޅުގަނޑުމެން ދުށީމު. ގޮނޑުދޮށްތަކުގަޔާއި ރުއްރުއްދަށުގަޔާއި ހޮޅުއަށިތަކުގައި، މާލޭގައިވެސް ގޯތިތައް ބަހަމުން ފޮތިކުރަމުން އައިސް އެންމެފަހުން ކުރީގައި ބަދިގެ ހުރިތަނުގައި ހުރި ކޮޅުފިލާ ގޮނޑިއެއްގައި ހުއްޓިފައި، ވެއްޓިފައި އޮތީ ކާފަ ނުވަތަ މާމަ. އަޅުގަނޑުމެންގެ ބޭނުމަކަށްވީ ރާއްޖޭގެ ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުން. މި ރާއްޖެ އަޅުގަނޑުމެންނަށް މިގޮތަށް ލިބިފައި މިއޮތީ، ރާއްޖޭގެ މިއަދުގެ ދޮށީ ޢުމުރުގެ މީހުން ނުހަނު ގިނަ މަސައްކަތް ކުރީތީވެ. އެމީހުން މަހަށް ފަރަށް ދިޔައީތީވެ. އެމީހުން ރުކަށް ވަލަށް ވަނީތީވެ. އޮޑިދޯނިފަހަރު ބަނީތީވެ. ވަޑާން ކުރީތީވެ. އަތްކަންކުރީތީވެ. އެމީހުން ގިނަގިނަ މަސައްކަތް ކުރީތީވެ. އަންހެނުންވެސް ގޭގައި މަސް ކެއްކުމާއި އަދި އެހެންވެސް އެކިއެކި ޞިނާޢީ މަސައްކަތްތަކާއި، ޢާއިލާތައް ބޮޑެތި ކުރުމާއި، އަޅުގަނޑުމެން މީހުންނަށް ހަދައި، މިރާއްޖެއަށް މިޤައުމަށް އެ އަންހެންވެރިން ނެރެދިނީތީވެ.

އަޅުގަނޑުމެން މިއަދު ހަމަގައިމުވެސް އަޅުގަނޑު ނިސްބަތްވާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ ގަބޫލުކުރާ ފަލްސަފާއެއްނޫން އެއީ، މި ރާއްޖޭގައި ޕެންޝަނެއް ޙައްޤުވަނީ ހަމައެކަނި ސަރުކާރު މުވައްޒަފުންނަށްކަމަށް ދެކެވޭ ދެކުން. ޕާޓީގެ ފަރާތުން ވަޢުދުވީ 65 އަހަރުން މަތީގެ ކޮންމެ މީހަކަށް، އަންހެނަކަސް، ފިރިހެނަކަސް، އާމްދަނީ މަދުނަމަ ޕާޓީގެ ސަރުކާރެއްގައި ދެހާސް ރުފިޔާގެ ޕެންޝަނެއް ދޭނެކަމަށް. ފީއަލީ ރައްޔިތުން ވަރަށް ރަނގަޅަށް ހަނދާން ހުންނާނެ، އަޅުގަނޑު ހަނދާންވާ ގޮތުގައި މިވާހަކަ އަޅުގަނޑު އެންމެ ފުރަތަމަ ދެއްކި އެއްރަށަކީ މިއީ. އަޅުގަނޑުމެން މިވާހަކަ ދައްކަމުން އައިސްފިން 2004، 2005، 2006، 2007، 2008 ގައި. އަޅުގަނޑަށް މިއަދު ހިތްހަމަޖެހުން ލިބެނީ، މި ފީއަލީގެ 28 ރައްޔިތަކަށް ކޮންމެ މަހަކު 2000 ރުފިޔާ ލިބެމުން އަންނަތާ މިވީ ދެއަހަރު. އަޅުގަނޑުމެންނަށް އުފާވެރިކަން ލިބެނީ، މި ފީއައްޔަށް ކޮންމެ މަހަކު އުމުރުން ދުވަސްވީ މީހުންނަށް ދެވޭ ޕެންޝަންގެ ގޮތުގައި ފަންސާސް ހަހާސް ރުފިޔާ ޚަރަދު ކުރެވޭކަމުން. އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ އަމާޒަކީ، މިރަށްރަށުގެ ތަރައްޤީ. ތަރައްޤީއެއް އަޅުގަނޑުމެންނަކަށެއް ނުހޯދޭނެ، ފީއަލީގެ ގިނަ ރައްޔިތުންނަކީ ނިކަމެތިންގެ ގޮތުގައި ތިބިހާ ހިނދަކު. އަޅުގަނޑުމެންގެ ފުރަތަމަ އަމާޒަކަށްވާންޖެހޭނީ، ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުން. އަޅުގަނޑުމެންގެ އެންމެބޮޑު ބޭނުމަކަށް ވާންޖެހޭނީ، ނިކަމެތިންނަށް އެހީތެރިވެދެވޭނޭ އިންތިޒާމެއް ނިޒާމެއް އަޅުގަނޑުމެން ހަމަޖެއްސުން. އެކަނިވެރި މައިންނާއި ޔަތީމު ކުދިންނަށް ދެވޭ އެހީތެރިކަމުގެ ދަށުގައި މިރަށުގެ 15 ފަރާތަކަށް އެ އެހީތެރިކަން ފޯރުކޮށްދެވޭކަމީ މި ސަރުކާރަށް ހިތްވަރު ލިބޭ ކަމެއް. މިދިޔަ އަހަރުގެ ހަމަސް ދުވަހުގެ ތެރޭގައި އެފަރާތްތަކަށް އަށްޑިހަ ހަހާސް ރުފިޔާ ޚަރަދު ކުރުމުގެ ފުރުސަތު ސަރުކާރަށް ލިބިފައި އޮތްކަމީ، މި ސަރުކާރަށް ނުހަނު ހިތްހަމަޖެހުން ލިބޭ ކަމެއް. އަޅުގަނޑުމެންނަށް އުފާވެރިކަން ލިބޭ ކަމެއް.

އަޅުގަނޑު މިދެންނެވި ވާހަކަތަކަކީ، މި ރަށްރަށުގައި އަޑުގަދަކޮށް އިވޭ ވާހަކަތަކެއް ނޫން. އަޑުގަދަވާނީ ބައެއް ބާވަތުގެ ބޭފުޅުން. ބައެއް ބާވަތުގެ ރައްޔިތުން. ސީދާ މިރަށުގެ ޔަތީމު ކުއްޖާއަށް، ސީދާ މިރަށުގެ އެކަނިވެރި މަންމައަށް، ސީދާ މިރަށުގެ 65 އަހަރުން މަތީގެ 28 މީހުންނަށް، އަދި މިރަށުގައި މަދަނައިގައި ބައިވެރިވެ ބޭސްފަރުވާ ލިބުނު ހުރިހާ އެންމެންނަށް އަޅުގަނޑު މިދަންނަވާ ވާހަކަ ވަރަށް ސާފުކޮށް ފިލާނެ. އަޅުގަނޑެއް ބޭނުމެއް ނުވޭ، އަޅުގަނޑުމެން ނުޖެހޭ ނަމެއްގައި އެޅޭކަށް. އަޅުގަނޑުމެނެއް ނުޖެހޭ، އަޅުގަނޑުމެނޭ މިވެނި ކަމެއް ފެށީ، އަޅުގަނޑުމެނޭ އެވެނި ކަމެއް ފެށީ. އަޅުގަނޑުމެންނަކީ ނަން އެޅެން ބޭނުންވާ މީހުންނެއް ނޫން. އަޅުގަނޑުމެންނަކީ ކަން ކުރަން ބޭނުންވާ ބައެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މަސައްކަތް މެދުނުކެނޑި އަޅުގަނޑުމެން ކުރިއަށް ގެންދާނަން. އަޅުގަނޑުމެންނާ ނިސްބަތްކޮށް، އަޅުގަނޑުމެންނަށް ނުހަނު ގިނަ ފާޑުކިޔުން އަންނާނެ. އަޅުގަނޑުމެންނާ ގުޅޭގޮތުން ނުހަނު ގިނަ ވާހަކަތައް ފަރާތްތަކުން ދައްކާނެ. މިއިން އެއްވެސް ކަމަކުން އަޅުގަނޑުގެ ޢަޒުމަކަށް، އަޅުގަނޑުގެ އަމާޒަކަށް، އަޅުގަނޑުގެ މަޤްޞަދަކަށް ގުޑުމެއް އިރާދަކުރެއްވިއްޔާ ނާންނާނެ. އަޅުގަނޑުމެންނަކީ އެކެއް އަނެކެއްގެ ކިބައިން ހިތްވަރު ހޯދައި ބިން ފަނަޅައިގޮސް މި ރާއްޖޭގެ ރައްޔިތުންނަށް މިނިވަންކަން ހޯދުމަށްޓަކައި ގުޅިގެން މަސައްކަތް ކުރި ޕާޓީއެއް. އަޅުގަނޑުމެންނަށް މިއަދު ކުރިމަތިވާނެ ވަކި ބޮޑު މުސީބާތެއް، އުނދަގުލެއް އިރާދަކުރެއްވިއްޔަކާއެއް ނޯންނާނެ. އަޅުގަނޑުމެންގެ ޕްރޮގްރާމް، ނުގުޑާތިބެ އަޅުގަނޑުމެން ގެންދާނީ ކުރިއަށް.

އަޅުގަނޑުމެންގެ ބޭނުމަކީ ފީއަލީގެ ތަރައްޤީ. ފީއަލީ ތަރައްޤީ ކުރުމަށްޓަކައި އަޅުގަނޑުމެން ހިންގަންޖެހޭ މަސައްކަތްތަކަކީ ވަކި ޚާއްޞަ ކަންތައްތަކެއް، ވަކި އިރެއްގައި، ވަކި ގޮތަކަށް ކޮށްގެން ނޫނިއްޔާ ނުކުރެވޭނެ ކަމެއް. އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ އަމާޒަކީ، ފީއަލީ ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން. ގަބޫލުފުޅު ކުރައްވާ ފީއަލީ ރައްޔިތުން، ތަރައްޤީއަކީ ބޮލިހިލާ އެއްޗެއް ނޫން. ތަރައްޤީއަކީ އެއްގަމު ތޮއްޓެއްވެސް ނޫން. ތަރައްޤީއަކީ ސަހަރާގެ ވަށާ ފާރެއް ނޫން. ތަރައްޤީއަކީ ކޮންކްރީޓުން މިނާ އެއްޗެއް ނޫން. ތަރައްޤީވާން މިޖެހެނީ ފީއަލީ މީހާ. ތަންދޮރު އޮޅުންފިލާން މިޖެހެނީ ފީއަލީ މީހާއަށް. އޭނާ ނުކުމެ ރަށުގެ ތަރައްޤީ މި ހޯދަން ޖެހެނީ. އޭނާއަކީ ބިކަހާލުގައި، އޭނާއަކީ ނިކަމެތިކަންމަތީގައި، ފަޤީރުކަންމަތީގައި ހުރި މީހެއް ކަމަށްވަންޏާ ދެން އަޅުގަނޑުމެން މިއެދޭ ބަދަލު، ދެން އަޅުގަނޑުމެން މިއެދޭ ތަރައްޤީ މިރަށްރަށަކުންނެއް ނުހޯދޭނެ. އަޅުގަނޑުމެން ބޭނުން ތަރައްޤީ އަޅުގަނޑުމެން ހޯދުމަށްޓަކައި އަޅުގަނޑުމެންގެ ރައްޔިތުން ސަލާމަތް ކުރަން އަޅުގަނޑުމެން އެބަޖެހޭ.

ތަނެއްދޮރެއް ނޭނގުނީމާ، ވާނުވާ ނުފިލީމާ އަޅުގަނޑުމެންނަށް ދެކެވޭ ވާހަކަވެސް އޮޅޭނެ. ކުރެވޭ ކަންތައްވެސް އޮޅޭނެ. އެކަމުގެ ކުށްވެރިންނަކީ، އެކަންކަން ކުރާ މީހުނެއް ނޫން. އެކަމުގެ ކުށްވެރިންނަކީ، ދެކެވޭ ވާހަކަ ނޭނގޭ މީހުނެއް ނޫން. އެކަމުގެ ކުށްވެރިންނަކީ، އަޚްލާޤް ދަށްވެ ތިބި ޒުވާނުންނެއް ނޫން. އަޅުގަނޑު އެގޮތަކަށް މިކަމެއް ގަބޫލެއް ނުކުރާނަން. އެޒުވާނުންނަށް އަޅުގަނޑުމެން އަބަދުވެސް އެހީތެރިވަމުންދާނަން. އެމީހުންނާ ގުޅޭކަންކަން އަޅުގަނޑުމެންނަށް ހަމަނުޖެއްސޭނަމަ އަޅުގަނޑުމެންނަކަށް މިޤައުމު ތަރައްޤީއެއް ނުކުރެވޭނެ. އެހެންވީމާ، ތަރައްޤީގެ ނާރެސްއަކަށް އަބަދުވެސް ވަނީ މިރަށުގެ މަދަރުސާ. ދަރިންނަށް ރަނގަޅު ތަޢްލީމެއް ދިނުމަކީ ކޮންމެހެން ބޭނުންތެރިކަމެއް. އެކުދިން ރޯފިލުވާފައި ނޫނިއްޔާ މަގު މައްޗަށް ނެރުން، ރަށު ތެރެއަށް ނެރުން، އެއީކީއެއް ބުއްދިވެރި ކަމެއް ނޫން. އަޅުގަނޑުމެންނަށް ތަރައްޤީ ހޯދޭނެ ގޮތެއް ނޫން. މިރަށު މަދަރުސާ ވާންޖެހޭނެ އަބަދުވެސް މިރަށުގެ ތަރައްޤީގެ ނާރެސްއަށް.

މިދިޔަ އަހަރު 2010ވަނަ އަހަރު ފީއަލީ ދަރިވަރުންގެ ފޮތް، ފަންސުރު، ގަލަން ހޯދުމަށްޓަކައި އެއްލައްކަ ފަންސާސް ހަހާސް ރުފިޔާ ޚަރަދު ކުރެވިފައި އޮތްކަމީ މިސަރުކާރަށް ހިތްހަމަޖެހުން ލިބޭ ކަމެއް. ފީއަލީ ދަރިވަރުންނަށްޓަކައި ފޮތް، ފަންސުރު، ގަލަން ގަތުމަށްޓަކައި، ޔުނީފޯމް ގަތުމަށްޓަކައި އަދި ބޫޓާއި ސާމާނު ގަތުމަށްޓަކައި އެއްލައްކަ ފަންސާސްހާސްރުފިޔާ މިރަށުގެ ރައްޔިތުންނަށް ޚަރަދު ކުރެވިފައި އޮތްކަމީ މިރަށުގެ ގިނަ ބައިވަރު ރައްޔިތުންނަށް، މިރަށުގެ ގިނަ ބައިވަރު ދަރިވަރުންނަށް މަދަރުސާއަށް ދެވޭ ކަމުގެ ފުރިހަމަ ލާމަސީލު މިސާލެއް. އަޅުގަނޑުމެންގެ އަމާޒަކީ، ފީއަލީ ދަރިވަރުންނަށް ތަންދޮރު އޮޅުންފިލުވައި ދިނުން. އަޅުގަނޑުމެންގެ ބޭނުމަކީ، ފީއަލީ ދަރިންނަކީ އޮޅުންފިލާފައިވާ ބަޔަކަށް ހެދުން. ފީއަލީ ޒުވާނުންނަކީ ހަރުދަނާ މުސްތަޤްބަލެއް ބިނާކުރެވޭނޭ ޒުވާނުންނަށް ހެދުން. އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބޭ އަދި އުފާވެރިކަން ލިބޭ، ހިތްވަރު ލިބޭ، މިދިޔަ އަހަރު ފީއަލީ ދަރިވަރުންގެ އިމްތިޙާނު ފީގެ ގޮތުގައި އެއްތިރީސްހާސްރުފިޔާއަށްވުރެ ގިނަ ފައިސާ ޚަރަދު ކުރުމުގެ ފުރުސަތު ސަރުކާރަށް ލިބުނުކަމީ މި ސަރުކާރަށް ހިތްހަމަޖެހުން ލިބޭ ކަމެއް. އަޅުގަނޑުމެންނަށް އުފާވެރިކަން ލިބޭ ކަމެއް.

2010 ވަނަ އަހަރު ފީއަލީ މަދަރުސާއަށްވާނީ ކްލާސްރޫމް އިތުރު ކުރެވިފައި. މިހާރު ފީއަލީ މަދަރުސާއަކީ އެއްދަންފަޅިއަށް ކިޔަވާދޭ މަދަރުސާއެއް. މިހާރު ފީއަލީ މަދަރުސާއަކީ ވަށާޖެހޭ ތަޢްލީމު ދޭން ފަށާފައިވާ މަދަރުސާއެއް. އަޅުގަނޑުމެންނަށް ކުރެވުނު ކަންތަކުގެ ނަތީޖާ ނުހަނުވެސް ފޮނި. އަޅުގަނޑު އެކަމާ ފީއަލީ އެންމެ ރައްޔިތުންނަށް މަރްޙަބާއާއި މުބާރަކްބާދީ ދަންނަވަން. ސަރުކާރުގެ އަމާޒަކީ، އޯލެވެލް އިމްތިޙާނުގައި ބައިވެރިވާ ކުދިންގެ ތެރެއިން 60 ޕަސެންޓް ކުދިންނަކީ ފަސް މާއްދާއިން ފާސްވާ ކުދިންނަށް ހެދުން. މިދިޔަ އަހަރު މިރަށުން އޯލެވެލް އިމްތިޙާނުގައި ބައިވެރިވި ކުދިންނަށް މިދެންނެވި 60 ޕަސެންޓާ ހަމައަށް ނުދެވުނުނަމަވެސް ކުރީ އަހަރާ އަޅާ ބަލާއިރު ތިޔަބޭފުޅުން 18 ޕަސެންޓް އިތުރުކޮށްފައި އެބަވޭ. ނަތީޖާ ރަނގަޅު ކޮށްފައި އެބަވޭ. ފީއައްޔަކީ އަޅުގަނޑުމެންނަށް ނަތީޖާ ނެރެވޭ އެއް ރަށް. އަޅުގަނޑުމެން ނަތީޖާ ނެރުނު ވަރަކަށް ވާދަވެރި ފަރާތްތަކުން އަޅުގަނޑުމެންނާ ނަފްރަތު ކުރުން ބޮޑުވާނެ. އެއީ، އަޅުގަނޑުމެންނަށް އަބަދުވެސް ހިތްވަރު ލިބޭ ސަބަބަކީ. ހިތްވަރު ލިބޭ ކަމަކީ.

އަޅުގަނޑުމެންނަށް ފީއަލީގައި އަބަދުވެސް ދަރިންނަށް ކިޔަވާ ދިނުމުގެ ކަންތަކަށް ޚާއްޞަ އަހަންމިއްޔަތުކަން ދޭންޖެހޭނެ. އަޅުގަނޑު ވަރަށް ބޮޑަށް އެދެން، ފީއަލީ އެންމެ ރައްޔިތުން ކިބައިން، އޮޑިވެރިންގެ ކިބައިންވެސް، ކެޔޮޅުންގެ ކިބައިންވެސް، ކަތީބުންނާއި، މެޖިސްޓްރޭޓުންނާއި، މުދިމުންނާއި، ރަށްރަށުގެ އެންމެ ރައްޔިތުންވެސް އަޅުގަނޑުމެންގެ ދަރިންނަށް ތަންދޮރު އޮޅުންފިލުވާ ދިނުމަށް މަސައްކަތް ކޮށްދިނުމަށް. އަޅުގަނޑުމެންނަށް އެކުދިންނަށް ވާނުވާ އަންގާނުދެވިއްޖެނަމަ، އަޅުގަނޑުމެންނަށް އެކުދިންނަށް ރަނގަޅު ތަޢްލީމެއް ނުދެވިއްޖެނަމަ، އަޅުގަނޑުމެންގެ މުސްތަޤްބަލެއް ނޯންނާނެ. އަޅުގަނޑު ދަންނަވަމުން މިއަންނަނީ އިއްޔެ ނިމިއްޖެޔޭ. މިއަދު މިއޮތީ ރޭ ވެފައޭ. ދެން އަޅުގަނޑުމެންނަށް ހޯދޭނީ މާދަމައޭ. އަޅުގަނޑުމެންގެ މުސްތަޤްބަލޭ. އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަންޖެހޭނީ މުސްތަޤްބަލަށްޓަކައި. އަޅުގަނޑުމެންގެ ދަރިންނަށްޓަކައި. އަޅުގަނޑުމެން ކުރާ ހުރިހާ ކަމެއް އަޅުގަނޑުމެން މިކުރަނީ ދަރިންނަށް ކިޔަވާ ދިނުމަށް. އަޅުގަނޑު ފީއަލީ ރައްޔިތުންނަށް އަނެއްކާވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ދަންނަވާނީ، މިދިޔަ އަހަރު ތިޔަބޭފުޅުން ކުރެއްވި މަސައްކަތުގެ ދެގުނަ މަސައްކަތް މިއަހަރު އަނެއްކާ ކޮށްދެއްވާށޭ. އަޅުގަނޑުމެންގެ އަމާޒަށް، އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެންނަށް ދެވޭނެކަން. އަޅުގަނޑުމެންގެ ދަރިން ފަސް މާއްދާއިން ފާސްކޮށް އެމީހުންނަކީ ރޯފިލާފައި ތިބި ބަޔަކަށް ހަދައި، ރަނގަޅު ހަރުދަނާ ޒުވާނުންނަށް ހެދުމަކީ އަޅުގަނޑުމެންގެ އަމާޒު. އަޅުގަނޑުމެންގެ މަޤްޞަދު. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެކަން ހާސިލުވާނެ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެކަމުގައި ކުރިއަށް ދެވޭނެ.

މި ސަރުކާރަކީ ބަނދަރު ހަދާ ސަރުކާރެއް ނޫން. މި ސަރުކާރަކީ ކޮންކްރީޓް އަޅަމުންދާ ސަރުކާރެއް ނޫން. މި ސަރުކާރަކީ ތަރައްޤީއަކީ ހަމައެކަނި ކޮންކްރީޓް ކަމަށް ދެކި، ޢުމްރާނީ ތަރައްޤީ ކަމަށްދެކި، ރައްޔިތުންގެ މޫނުމައްޗަށް މިދެންނެވި ތަރައްޤީ ދައްކަމުން ހިނގާ ބައެއް ނޫން. އަޅުގަނޑަށް އަބަދުވެސް ފީއަލިން ވަފުދު އަންނަތަން ފެނޭ. އަޅުގަނޑު ގާތަށް އަބަދުވެސް ފީއަލީ ރައްޔިތުން އައިސް ބަނދަރުގެ ބޭރު ތޮއްޓާއި އެއްގަމު ތޮއްޓާ މިވާހަކަތައް އަޅުގަނޑަށް އަބަދު ތަކުރާރުކޮށް އަޑުއިވެމުންދޭ. ފީއަލީ ރައްޔިތުންގެ ފަރާތުންވެސް އަޑުއިވެމުންދޭ. އަޅުގަނޑު މިދަންނަވާ ވާހަކައަކީ، އަޅުގަނޑު މިފާހަގަކުރާ ނުކުތާއަކީ، އަޅުގަނޑު ދެރަވާ ސަބަބަކީ، ތިޔަބޭފުޅުން ތިޔަބޭފުޅުންގެ މަދަރުސާއާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް. މައްސަލައެއް ހިއްޕަވައިގެން ވަޑައިނުގަންނަވާށޭ. މަދަރުސާގެ ކިޔެވުން ރަނގަޅު ކުރުމަށްޓަކައި އަޅުގަނޑުމެން އެންމެން މަސައްކަތް ކުރެވިގެން ނޫނިއްޔާ އަޅުގަނޑުމެން މިއެދޭ ބަދަލު އަޅުގަނޑުމެންނަކަށެއް ނުގެނެވޭނެ. ބަދަލެއް ހޯދަން އަޅުގަނޑުމެން މަސައްކަތް މިކުރާއިރުގައި އަޅުގަނޑުމެންނަކަށް އެބަދަލެއް ނުގެނެވޭނެ ރާއްޖޭގެ ރައްޔިތުން ހިފާ ހައްޔަރުކޮށް ބައިތިއްބައިގެނެއް. ރައްޔިތުން ދޫކޮށްލުމަކީ ތަރައްޤީއަށް ކޮންމެހެން ބޭނުންތެރި ކަމެއް. ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި، ޞުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގުމުގެ މިނިވަންކަމަކީ ތަރައްޤީއަށްޓަކައި ކޮންމެހެން ބޭނުންތެރިކަމެއް. އެހެންވީމާ، މިސަރުކާރުގެ އަބަދުވެސް އެންމެ މުހިންމު މަޝްރޫޢަކަށްވާނީ ޑިމޮކްރަސީ.

އަޅުގަނޑުމެން ބޭނުން، ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ސަލާމަތް ކޮށްދޭން. ތިޔަބޭފުޅުންނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ، މީގެކުރީގައި މި ރާއްޖޭގައި ކަންހިނގާ ދިޔަގޮތް. ބަހެއް ބުނާ ތަނުން ގެންގޮސް އަނދަގޮނޑި ޖަހާ، ޗޭންޖަހާ، އެންގަލަށް ނަގައި، ނިޔަފަތި އުފުރާ، ނެސްޕްރޭ ދަޅުމަތީ ބައިންދާ، މަރާލުމަކީ މިރާއްޖޭގައި މީގެ ކުރީގައި ޢާންމުވެފައި އޮތް ކަމެއް. އެކަމުގެ ބިރުވެރިކަމުގައި ފީއަލީ ރައްޔިތުން ތިބެ، އަނގައިން ބަހެއް ނުބުނެ ކިތައް އަހަރުތޯ، ކިތައްކިތައް އަހަރުތޯ ހޭދަކޮށް ނިންމީ އަޅުގަނޑުމެން މިޙާލުގައި ތިބެ. ރާއްޖެ މިއަދު 2011 ވަނަ އަހަރާ ހަމައަށް އާދެވުނުއިރުގައި ރާއްޖޭގެ ރަށްތައް ދެކެވަޑައިގަންނަވާނެ. މި ސަރުކާރު ބަދަލުވިއިރުގައި މިރާއްޖޭގައި އޮތީ ނަރުދަމާ ހެދިފައި އޮތް ހަތަރު ރަށް. މި ސަރުކާރު ބަދަލުވީއިރުގައި ރާއްޖޭގައި އޮތް 60 ރަށުގެ ބަނދަރު ހަދާދޭން ބުނެ، އެއާގުޅޭ އެއްވެސް ފައިސާއެއް، އެއްވެސް ތަނެއްގައި ނުހިމަނާ. ރާއްޖޭގައި ހެދިފައި ހުރި ބަނދަރު ތަކުގެ އަދަދު އެހާ މަދު. އަޅުގަނޑުމެންނަށް އޭރުގައި ދެއްކެމުން ދިޔަ ވާހަކަތައް މިއަދު އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެބަ އެނގޭ. ވާހަކަ ދައްކަވަމުން ގެންދެވީ އަހަރަކު ބަނދަރެކޭ ސަރުކާރުން ހެދޭނީ. އަޅުގަނޑު އޭރުގައި ހިތަށް އަރަމުންދިޔަ 200 އަހަރު ފަހުންބާއޭ ފީއަލީ ބަނދަރު ހެދޭނީ. އަހަރަކު ބަނދަރެއް ސަރުކާރުން ހައްދަވަމުން ގެންދަވާއިރުގައި ހަމަގައިމު މިއިން ރަށެއްގެ ބަނދަރު ހަދާ ނިންމޭނީ 200 އަހަރު ފަހުންކަން ވަރަށް ބޮޑަށް ސާފުވެދިޔަ. އަޅުގަނޑުމެންނަށްވެސް އެނގޭ، އަޅުގަނޑުމެންނަށްވެސް ސާފު މިރާއްޖޭގެ ރައްޔިތުންގެ އިޙްސާސްތަކާއި، އުންމީދުތައް މައްޗަށް އަރާ އަދި ބޭނުންވެ، އެ އުންމީދުތައް ޙަޤީޤަތަކަށް ހެދުމުގެ ހުރިހާވެސް ބޭނުމެއް މިރަށު ރައްޔިތުންގެ ކިބައިގައިވެސްވާނެ. އަޅުގަނޑުމެންގެ އަމާޒަކަށްވީ، ރާއްޖެއަށް އަވަސް ތަރައްޤީ ގެނައުން. އަޅުގަނޑުމެންގެ ބޭނުމަކަށްވީ، އެއްފަހަރާ އަޅުގަނޑުމެންނަށް ކުރެވެން ހުރި މަސައްކަތެއް ކުރުން.

އެނގިވަޑައިގަންނަވާނެ މިދިޔަ އަހަރުގެ ތެރޭގައި 43 ރަށުގެ ބަނދަރު ހަދާ މި ސަރުކާރުންވާނީ ނިންމާފައި. އެނގިވަޑައިގަންނަވާނެ މިދިޔަ އަހަރުގެ ތެރޭގައި 17 ރަށުގެ ނަރުދަމާ މި ސަރުކާރުން ވާނީ ހަދައި ނިންމާފައި. އެނގިވަޑައިގަންނަވާނެ މިދިޔަ އަހަރުގެ ތެރޭގައި 7 ރަށަށް ފެންދީ މި ސަރުކާރުން ވާނީ ނިންމާފައި. އަޅުގަނޑަށް ފީއައްޔަށް މިއަދު އާދެވުނުއިރު ތިޔަބޭފުޅުންގެ ތެރެއިން ރައްޔިތުންގެ މަޖިލިސް އަޑުއައްސަވާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މިއަހަރުގެ ބަޖެޓުގައި ފީއަލީގެ ތޮށި މަރާމާތު ކުރުމަށް ބޭނުންވާ ފައިސާ ހިމެނި، އެބަޖެޓު އެއޮތީ އިރާދަކުރެއްވިއްޔާ ފާސްވެފައި. މިއަހަރުގެ ތެރޭގައި ފީއަލީގެ ބަނދަރުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ފެށޭނެ. އަދި އިރާދަކުރެއްވިއްޔާ މިއަހަރު އަޅުގަނޑުމެންނަށް އެބަނދަރު ނިންމޭނެ. އެހެންނަމަވެސް، އަޅުގަނޑު އަނެއްކާވެސް ތަކުރާރުކޮށް ދަންނަވަން، މި ސަރުކާރަކީ ބަނދަރު ހަދާ ބައެއް ނޫން. އަޅުގަނޑުމެންނަކީ ބަނދަރު ހަދާ ސަރުކާރެއް ނޫން. އަޅުގަނޑުމެންނަކީ ތަރައްޤީގެ ނާރެސްތަކެއް އުފައްދާ ސަރުކާރެއް. ބަނދަރެއްގެ ބޭނުމަކީ އެބަނދަރާއި އެއްރަށާއި އަނެއްރަށާ ގުޅާލުން. އޮތް ބަނދަރެއްގެ ބޭނުމެއް އަޅުގަނޑުމެންނަކަށެއް ނުހިފޭނެ، ބަނދަރުގެ ބޭނުމަށްޓަކައި ހަމައެކަނި ބަނދަރެއް ހެދޭހާ ހިނދަކު. ބަނދަރެއްގެ ބޭނުމަކީ، އެބަނދަރެއް ބޭނުން ކުރުން. އަދި އެބަނދަރެއްގެ ބޭނުމަކީ، އެއްރަށާއި ދެން ގާތުގައި ހުރި ރަށްތައް ބަނދަރު ބޭނުންކޮށްގެން ގުޅުވާލުން. އަޅުގަނޑުމެންގެ އަމާޒަކީ، ބާޒާރުމަތީ ބަނދަރު މައްޗާއެކު މި ފީއަލީ ބަނދަރުވެސް ތަރައްޤީ ކުރުން. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، އަޅުގަނޑުމެންގެ 3 އަހަރުގެ ތެރޭގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ފީއަލީ ބަދަލުކޮށްދޭނަން. އަޅުގަނޑުމެން ތިޔަބޭފުޅުން ތަރައްޤީގެ މަގަށް ގެނެސް އިރާދަކުރެއްވިއްޔާ ލައިދޭނަން.

އަޅުގަނޑުމެންގެ އަބަދުވެސް އަމާޒަކީ، ތިޔަބޭފުޅުންގެ ތަރައްޤީ. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، މިހުރި ފައިސާއަކީ ތިޔަބޭފުޅުންގެ ފައިސާ. މި ރާއްޖޭގެ ޚަޒާނާގައިވާ ހުރިހާ އެއްޗަކީވެސް އަޅުގަނޑުމެން ރައްޔިތުންގެ ފައިސާއޭ. ރައްޔިތުން މިވަނީ އަމާނާތެއްގެ ގޮތުގައި އަޅުގަނޑާ އެފައިސާ ހަވާލުކޮށްފައި. އަމާނާތްތެރިކަމާއެކީގައި، ޚިޔާނާތްތެރިނުވެ އެފައިސާ އިންސާފުވެރި ގޮތުގައި ޚަރަދު ކުރަމުން ގެންދިޔުން. އަޅުގަނޑު އިރާދަކުރެއްވިއްޔާ އެކަން ކުރަމުން ގެންދާނީ އިންސާފުވެރި ގޮތުގައި. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، އަޅުގަނޑު ތިޔަބޭފުޅުންގެ ފައިސާގެ ލޯލާރިއެއްގައިވެސް އިރާދަކުރެއްވިއްޔާ ނުޖެހޭނަން.

މީގެކުރީގައިވެސް އަދި މިހާރުވެސް މީގެފަހުންވެސް އަޅުގަނޑުމެން މަސައްކަތް ކުރަމުން މިއަންނަނީ ވެރިކަމުގެ އަރާމަށްޓަކައެއް ނޫން. އަޅުގަނޑުމެންގެ ބޭނުމަކީ، ވެރިކަމުގެ ޢިއްޒަތާއި ވެރިކަމުގެ ޤަދަރާއި، ވެރިކަމުގެ ޝަހެންޝާހް ހިފެހެއްޓުމެއް ނޫން. އަޅުގަނޑުމެންގެ ހަމައެކަނި އަމާޒަކީ، އަޅުގަނޑުމެންގެ ވަޢުދު ފުއްދުން. އަޅުގަނޑުމެންގެ ހަމައެކަނި ބޭނުމަކީ، ރައްޔިތުންނަށް ޚިދްމަތްކުރުން. އިރާދަކުރެއްވިއްޔާ އަޅުގަނޑު ތިޔަބޭފުޅުންނަށްޓަކައި 10 ގަޑިއިރު މަސައްކަތް ނުކުރާ އެންމެ ދުވަހެއްވެސް ދޫކޮށްނުލާނަން. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، އަޅުގަނޑުމެންނަށް ފީއަލީ ތަރައްޤީގެ މަގަށް ގެންދެވޭނެ. އަޅުގަނޑުމެން މިހާރު ދަތުރު ކުރަމުން މިދަނީ އެމަގުގައި.

އަޅުގަނޑުމެން އަބަދުވެސް ދަންނަވަމުން ގެންދިޔައިން ލާމެހިފައިވާ ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން ނޫނިއްޔާ އަޅުގަނޑުމެން ބޭނުންވާ ތަރައްޤީ އަޅުގަނޑުމެންނަކަށް ނުހޯދޭނެއޭ. ތިޔަބޭފުޅުންނަށް ތޔަބޭފުޅުންގެ ރަށުގައި ހުރި ޚިދްމަތްތަކާއި އަދި ޖެހިގެން ހުރި ރަށުގައި ހުރި ޚިދްމަތްތައް ތިޔަބޭފުޅުންނަށް ފަހިވާގޮތަށް ރާއްޖޭގައި ދަތުރުފަތުރ ކުރުމުގެ ނިޒާމެއް ޤާއިމުކޮށް ދިނުމަށް ޕާޓީގެ ފަރާތުން ވަޢުދުވި. އެނގިވަޑައިގަންނަވާނެ ޕާޓީގެ ވަޢުދަކީ 7 އަހަރު ދުވަހުގެ ތެރޭގައި އެނިޒާމު ޤާއިމުކޮށް ނިންމުން. ފުރަތަމަ ދެއަހަރު ތެރޭގައި އޭގެ އަސާސީ ޚިދްމަތްތައް ދޭން ފެށުން. އަޅުގަނޑުމެންނަށް މިހާރު ހިތްހަމަޖެހުން ލިބެނީ، އަޅުގަނޑުމެންނަށް މި ފީއަލިން ފުރައިގެން ފީއަލީ ރައްޔިތުންނަށް ފަސޭހަކަމާއެކީގައި އަތޮޅުގައި ދަތުރު ކުރެވޭނޭ އިންތިޒާމުތައް ހަމަޖެހެމުން އަންނާތީވެ. އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ އަމާޒަކީ، އެންމެ އަމާޒެއް. ފީއަލީ ރައްޔިތުން މުއްސަނދި ކުރުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފީއަލީ ރައްޔިތުންގެ ޖީބަށް ފައިސާ ލާނަން. އަޅުގަނޑުމެން ފީއަލީ ރައްޔިތުން މުއްސަނދިކުރާނަން.

2008ވަނަ އަހަރު ކަޅުބިލަމަސް ކިލޯއެއް ތިޔަބޭފުޅުން ކިރި އަގު ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ކިލޯ ހަމަނުވާ މަހެއް ދެރުފިޔާ ފަންސާސް ލާރިއަށް ނުވަތަ ފަސް ރުފިޔާއަށް. މިއަދު ތިޔަބޭފުޅުން މަސް ކިލޯއެއް ކަޅުބިލަމަސް ކިލޯއެއް، އައިސްއާ އެކީގައި ބާރަ ރުފިޔާ ފަންސަވީސް ލާރިއަށް ކިރަމުން ތިޔަ ގެންދަވަނީ ތިޔަބޭފުޅުން 2008 ވަނަ އަހަރު ބޭނި ފަނަރަ ޓަނު މަހޭ މިހާރު ބާނާ ފަސްޓަނު މަހޭ އާމްދަނީގައި އެއްވަރުވަނީ. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، 2008 ވަނަ އަހަރު ތިޔަބޭފުޅުން ކަންނެލި ކިލޯއެއް ކިރަމުން ގެންދިޔައީ ގިނަވެގެން 60 ރުފިޔާއަށް، 40 ރުފިޔާއަށް. މިއަދު ތިޔަބޭފުޅުން ކަންނެލި ކިލޯއެއް ކިރުއްވީ 110 ރުފިޔާއަށް. އެއީ، ސަރުކާރުގެ ސިޔާސަތަށް ގެނެވުނު ބަދަލާއި އަދި ވަކި ބައެއްގެ އަތްމަތީގައި އެކަނި މަސްވެރިކަމުގެ ޞިނާޢަތު ހައްޔަރު ކޮށްފައި ނުބޭއްވުމުގެ ސަބަބުން ރައްޔިތުންނަށް، މަސްވެރިންނަށް ލިބެމުން އަންނަ ފައިދާއަކީ. އަޅުގަނޑުމެންނަށް އެބަ އެނގޭ، ދިވެހިރާއްޖެ ބަދަލު ކުރުމަށް، އަޅުގަނޑުމެންގެ ރާއްޖެ ތަރައްޤީ ކުރުމަށް އަޅުގަނޑުމެން ކުރަން ހުރި މަސައްކަތް. އަޅުގަނޑު މިދަނީ އެމަސައްކަތްތައް ކުރަމުން. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަނީ އަޅުގަނޑުމެންގެ 3 އަހަރު ނިމޭއިރުގައި ފީއަލީ ރައްޔިތުންގެ ޖީބަށް އަޅުގަނޑުމެން މިއުންމީދު ކުރި ވަރަށް ފައިސާ ލައިދެވޭނެކަމީ އަޅުގަނޑުމެންގެ ހިތްތަކުގައި މިއަދު ޝައްކު ހިނގާ ކަމެއްނޫން.

ފެބްރުއަރީ 5 ވަނަ ދުވަހު މިރަށުގައި މި ބިންގާ އެޅެނީ މިރަށުގެ ތަރައްޤީއަށްޓަކައި ބިންގާ އެޅޭ އެންމެ މުހިންމު މުއައްސަސާ. އެ ރަށު ކައުންސިލްގެ އިންތިޚާބު ތިޔަބޭފުޅުން މިރަށުގައި ބާއްވާއިރުގައި ޤާއިމު އެކުރެވެނީ މިރަށުގެ ތަރައްޤީގެ އެންމެ މުހިންމު އެއް މަރުކަޒު. ތިޔަބޭފުޅުންނަށް ޕާޓީގެ ނިޒާމުގެ ތެރެއިން އެމަރުކަޒު ޤާއިމު ނުކުރެވޭނަމަ، ޕާޓީގެ ނިޒާމުގެ ތެރެއިން ތިޔަބޭފުޅުންނަށް މިރަށުގެ ރަށު ކައުންސިލް ނުއުފެއްދެންޏާ އަޅުގަނޑު ދަންނަވާނީ އަނެއްކާވެސް ފީއައްޔަށް އެދެވުނީ ފަހަތަށޭ. އަޅުގަނޑުމެންގެ މިހުރިހާ މިނިވަންކަމެއް، ޚިޔާލުފާޅުކުރުމުގެ މިނިވަންކަންވެސް، އެއްވެ އުޅުމުގެ މިނިވަންކަންވެސް އަދި އަޅުގަނޑާ ދިމާއަށް ދެތިން އެއްޗެއް ގޮވާލުމުގެ ހިތްހަމަޖެހުން ކުދިންނަށް ލިބޭ ލިބުން، މިހުރިހާ ކަމެއް އަޅުގަނޑުމެން ރައްކާތެރިކޮށްދީފައި މިބާއްވަނީ އެންމެ ސަބަބަކަށްޓަކައި. ޤާނޫނުއަސާސީގައި އެވާހަކަތައް ލިޔެގެނެއް ނޫން. މީގެކުރީގައި އޮތް ނޫ ޤާނޫނުއަސާސީގައިވެސް އެވާހަކަތައް ލިޔެވިފައި ހުރި. އޭގެ 16 ވަނަ މާއްދާގައި ކުށުގެ ތުހުމަތުން ބަރީޢަވުމަށް ޤާނޫނީ ވަކީލުންގެ އެހީތެރިކަން ބޭނުންކުރެވޭނެ ކަމަށް ވަރަށް ޞަރީޙަ ޢިބާރާތުން ލިޔެފައި އޮތް. އޭގެ 26 ވަނަ މާއްދާއާއި 27 ވަނަ މާއްދާގައި އެއްވެ އުޅުމުގެ މިނިވަންކަން ނުހަނު ފުރިހަމައަށް ދީފައި އޮތް. އެހެންނަމަވެސް، ހަމަ ޢަމަލުކުރަމުންދިޔަ ޤާނޫނުލްއުޤޫބާތާއި އަދި ސަރުކާރު ހިންގާންވެގެން އޭރުގެ ސަރުކާރުން ބޭނުންވި ގޮތުގެ ސަބަބުން ރައްޔިތުން ހިފައި ހައްޔަރު ކުރަމުން ގެންދިޔައީ. މިއަދު އައިސްފައިމިވާ ބަދަލަކީ، ސިޔާސީ ޕާޓީ އަޅުގަނޑުމެންގެ ތެރެއަށް ޤާއިމުވެފައިވާކަން. ސިޔާސީ ޕާޓީ ތަރައްޤީ ކުރެވިގެން މެނުވީ އަޅުގަނޑުމެންގެ ޙައްޤުތައް، އަޅުގަނޑުމެންގެ މިނިވަންކަން އަޅުގަނޑުމެންނަކަށް ސަލާމަތެއް ނުކުރެވޭނެ.

އަޅުގަނޑު، ފީއަލީ ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ ކަންބޮޑުވެނުލައްވާށޭ. އަޅުގަނޑަށް އެބައެނގޭ، މިތަނުން ދެތިން ވިޔާނުދާ ކުއްޖެއް އަޑުލައްވާލީމާ ތިޔަބޭފުޅުން ދެރަވާކަން. އެހެން ނުހައްދަވާށޭ. އަޅުގަނޑެއް ދެރައެއް ނުވާނެ. އަޅުގަނޑު ހަމައެކަނި ކަންބޮޑުވާ ކަމަކީ، ފީއަލީ ރައްޔިތުން އެކަމާ އެއްޗެއް ހިތާފާނެތީވެ. އަޅުގަނޑަކީ ބަޔަކު އެހެން ބުނެލާ ދެތިން އެއްޗަކަށް ގުޑާނެ މީހެއް ނޫންކަން ތިޔަބޭފުޅުންނަށް މާ ސާފުކޮށް އެނގިވަޑައިގަންނަވާނެ. އަޅުގަނޑު ފީއަލީ ރައްޔިތުން ދެކެ ވާ ލޯތްބާއި، އަޅުގަނޑު މިރަށަށް އަންނަން ބޭނުންވާ މިންވަރާއި، އަޅުގަނޑު މިރަށާއެކީގައި އުޅެން ބޭނުންވާ މިންވަރަކަށް ކުޑަވެސް ބަދަލެއް ނާންނާނެ، މިރަށުގެ ދެކުއްޖަކު ގޮވާލާ އެއްޗަކުން. ތިޔަބޭފުޅުން އެކަމާ ކަންބޮޑުވެލައްވާނެ ކަމެއް ނެތް. އަޅުގަނޑުވެސް ތިޔަބޭފުޅުންނާ އެކީގައި ދެރަވޭ. އަޅުގަނޑުވެސް ތިޔަބޭފުޅުންނާއެކީގައި ކަންބޮޑުވޭ، އަޚްލާޤެއް ނެތް ކުދިން ބޮޑުވާތީ. އަޅުގަނޑުމެން އެކަމަށްޓަކައި ކުރަންވީ މަސައްކަތަކީ، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީ މިދަންނަވަނީ އެކުދިން ހައްޔަރު ކުރުމެއް ނޫން. އަދި އެކުދިންނާ ދިމާއަށް އެއްޗެއް ބުނުމެއްވެސް ނޫން. އެކުދިންނަށް ކޮންމެވެސް މީހަކު ލާރިކޮޅެއް ދީ ނުވަތަ ކޮންމެވެސް ކަމެއް ކުރީމާ، އެކުދިން ނުކުމެ އެކައްޗެއް ދޭއްޗެއް ގޮވާލަނީ. އަޅުގަނޑުމެން ކަންކުރަންވީ ގޮތަކީ މަދަރުސާތަކުގައި އެކުދިންނަށް ތަންދޮރު އެނގެންދެން ކިޔަވާދޭންވީ. އަޅުގަނޑުމެން ކަންކުރަންވީ ގޮތަކީ އެކުދިންނަށް ލޯބިދޭންވީ. އަޅުގަނޑުމެން ދޭންވީ އެކުދިންނަށް ލޯބި. އަޅުގަނޑުމެން ކުރަންވީ އެކުދިންނަށް އިޙްތިރާމް. އަޅުގަނޑުމެން އެކުދިންނަށް އިޙްތިރާމް ނުކުރާނަމަ، ދެން އެކުދިންނަކަށްވެސް ނޭނގޭނެ އެހެން ބަޔަކަށް އިޙްތިރާމް ކުރާކަށް.

އަޅުގަނޑުމެން ރާއްޖޭގައި ކަންހިނގާފައިވާ ގޮތުގެ ސަބަބުން، މިދިގު 30 އަހަރު ކަންތައް ގޮސްފައިވާ އޮތް ސަބަބުން، އަޅުގަނޑުމެންނަށް ލިބިފައިމިވާ ޒުވާން ޖީލަށް އެއޮތީ ވަރަށް ބޮޑެތި ގެއްލުން ލިބިފައި. އަޅުގަނޑުމެން ދެން އެކުދިންނަށް ލޯބި ދިން ވަރަކުން ނޫނިއްޔާ އަޅުގަނޑުމެންނަކަށް އެކުދިން ސަލާމަތެއް ނުކުރެވޭނެ. އަޅުގަނޑު ފީއަލީ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ދަންނަވަން، މިރޭ އެކުދިންނާ ދިމާއަށް އެއްވެސް ބޭފުޅަކު އެއްޗެއް ނުބުނުއްވައްޗޭ. އަޅުގަނޑުގެ ކާމޭޒުން އަބަދުވެސް އެކުދިންނަށް ޖާގަ އޮންނާނެ. އަޅުގަނޑުގެ ތަށިމަތިން އަބަދުވެސް އަޅުގަނޑު ކާއެއްޗެއް އެކުދިންނަށް ކާން ލިބޭނެ. އެކުދިންނަކީ އަޅުގަނޑުމެންގެ އެކުވެރިން. އެކުދިންނަކީ އަޅުގަނޑުމެންގެ ކުދިން.

އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ބާއްޖަވެރި މާދަމައެއް ލިބުން. އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންގެ ކުރިމަތީގައި މިއޮތީ އުފާވާނޭ ޒަމާނޭ. އުފާވާނޭ ޒަމާނޭ ހިތާއޭ އަހާށޭ. އުފާވެރިވި މިރާގޭ.

والحَمْـدُ لِلّـهِ. والســّلام عليــكم.
_______________________