ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އިންޑިޔާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް އެންޑް ފޮރެސްޓްސް ޖައިރާމް ރަމޭޝްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިދިޔަ އަހަރު މެކްސިކޯގެ ކަންކުންގައި ބޭއްވުނު އ.ދ.ގެ މޫސުމާބެހޭ ބައްދަލުވުމުގައި، ޖައިރާމް ރަމޭޝް އަދާކުރެއްވި ދައުރު ފާހަގަކުރައްވައި، އެ މަނިކުފާނުގެ މަސައްކަތްޕުޅުތަކަށް ޝުކުރުއަދާކުރެއްވިއެވެ. މޫސުމަށް އަންނަ ބަދަލުތަކާބެހޭގޮތުން ކަންކުން ސަމިޓްގައި އެއްބަސްވުމަކާ ހަމައަށް އައުމުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި، މިކަމުގައި އިންޑިޔާގެ ދައުރު، ވަކިން ޚާއްޞަގޮތެއްގައި ޖައިރާމް ރަމޭޝްގެ ވަރަށް މުހިންމު ދައުރެއް ހިމެނޭ ކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، އިންޑިޔާގެ ތިމާވެށްޓާބެހޭ ވަޒީރު ދެއްކެވި ވާހަކަފުޅުގައި، އިންޑިޔާއިން އަބަދުވެސް ރާއްޖެއަށް އެއްބާރުލުން ދެމުން ގެންދާނެ ކަމަށް ވިދާޅުވެ، އިންޑިޔާގެ ފުރިހަމަ ތާއީދު ރާއްޖެއަށް އޮންނާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ. އަދި ރާއްޖެއަށް އެހީތެރިވުމަކީ، އިންޑިޔާއިން އަބަދުވެސް އެންމެ އިސްކަމެއްދޭނެ ކަންތައް ކަމުގައި ޖައިރާމް ރަމޭޝް ވިދާޅުވިއެވެ.