ދިވެހި އަދަބިއްޔާތަށް، ޚާއްޞަކޮށް ރާއްޖޭގެ ޅެންވެރިކަމަށް ވަރަށް އަގުހުރި ޚިދްމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށްވާ ގަލޮޅު ޑޭޒީމާގޭ އާމިނަތު ފާއިޒާ އަވަހާރަވުމާ ގުޅިގެން، އެ ޢާއިލާގެ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

އާމިނަތު ފާއިޒާ އަވަހާރަވީ، ސްޓްރޯކެއް ޖެހިވަޑައިގެން ހާލުކޮޅު ވަރަށް ބޮޑުވެ، އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ އައި.ސީ.ޔޫ.ގައި، ފަރުވާދެމުން ދަނިކޮށް، މިއަދު ހެނދުނު 6.05 ގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 86 އަހަރެވެ.

ދިވެހި ޅެންވެރިކަމުގެ ދުނިޔޭގައި ޑޭޒީމަލުގެ ނަމުން މަޝްހޫރުވެވަޑައިގެންފައިވާ އާމިނަތު ފާއިޒާއަކީ، ސުމުއްވުލްއަމީރު މުޙަންމަދު އަމީންދީދީ އުފެއްދެވި ދިވެހި ޅެންވެރިކަމުގެ ބަގީޗާގެ ތެރެއިން ނުކުމެވަޑައިގެންނެވި އަދި ރާއްޖޭގައި އުފެދުނު ޅެންވެރިންގެ ތެރެއިން ވަރަށް ކުރީ ސަފުގައި ހިމެނިވަޑައިގެންނެވި ވަރަށް ކުޅަދާނަ ޅެންވެރިއެކެވެ. ތަފާތު އެތައް މައުޟޫޢުތަކަކަށް ފާއިޒާވަނީ ޅެން ހައްދަވާފައެވެ. އަދި ގިނަ އަދަދެއްގެ ޅެންފޮތްތައްވަނީ ދިވެހި ވުޖޫދަށް ނެރުއްވާފައެވެ. މިގޮތުން ދީނީ ނަސޭހަތުގެ ޅެމާއި، ޤައުމީ ގޮތުން ފާހަގަކުރާއެކިއެކި މުނާސަބަތާ ގުޅުވައިގެން ހައްދަވާފައިވާ ޅެންތަކާއި، ޢިޝްޤީ ޅެންތައް ޚާއްޞަ ގޮތެއްގައި ފާހަގަކުރެވެއެވެ. އާމިނަތު ފާއިޒާއަކީ، ޅެންވެރިކަމުގެ ރޮނގުން ދިވެހި އަދަބީ ޖައްވުން ފަޑުވެގެންނުދާ، އެންމެފަހު ވަގުތާ ހަމައަށްވެސް މި ރޮނގުގައި ދެމިހުންނެވި ބޭފުޅެކެވެ. ފަސޭހަކަމާއެކު، މާނަފުން، ރީތި ޅެންތަކެއް ދިވެހި ޅެންވެރިކަމުގެ ބަގީޗާއަށް ދޫކުރެއްވި ބޭފުޅެކެވެ. ފާއިޒާ ހައްދަވާފައިވާ ލަވަތައް ދިވެހި ބައެއް ފިލްމުތަކުގަޔާއި ބައެއް ލަވައަލްބަމްތަކުގައިވެސްވަނީ ހިމެނިފައެވެ. ޅެންވެރިކަމުގެ އިތުރުން، ތަފާތު މަޒުމޫނުތަކާއި، އަދަބީ އެތައް ލިޔުއްވުންތަކެއްވެސް އޭނާވަނީ ލިޔުއްވާފައެވެ.

އާމިނަތު ފާއިޒާ، ދިވެހި ޅެންވެރިކަމަށް ކުރައްވާފައިވާ ޚިދްމަތްތަކުގެ އަގު ވަޒަން ކުރައްވައި 1980 ވަނަ އަހަރު ޅެންވެރިކަމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު އަދި 1996 ވަނަ އަހަރު އެ ރޮނގުން ޝަރަފުވެރިކަމުގެ އިނާމުވަނީ ސަރުކާރުން ދެއްވާފައެވެ. އަމީނިއްޔާ ސްކޫލަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި، 1994 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 28 ވަނަ ދުވަހުގެ ރޭ ބޭއްވެވި ޖަލްސާގައި ދެއްވި ޚިދުމަތުގެ ތަރިއާއި ހަނދާނީ ލިޔުން ލިބިވަޑައިގެންނެވި 50 ބޭފުޅުންގެ ތެރޭގައިވެސް ފާއިޒާ ހިމެނިވަޑައިގެންނެވިއެވެ.

ފާއިޒާއަކީ، ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ސިޔާސީ ޕާޓީކަމަށްވާ މުތަޤައްދިމް ޕާޓީގެ އިސްތިޝާރީ ކޮމިޓީގެ މެންބަރުކަން ކުރެއްވި ބޭފުޅެކެވެ. އަދި ސަރުކާރަށްވެސް ވަރަށް ދިގު މުއްދަތެއްގައި މުހިންމު ޚިދްމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. މަދަރުސަތުލް ސަނިއްޔާގެ ނާޒިރާގެ ނައިބުކަމާއި، ސަނިއްޔާގެ މުދައްރިސްކަން ކުރައްވާފައިވެއެވެ. އެންމެ ދިގު މުއްދަތެއްގައި ޚިދްމަތް ކުރައްވާފައިވަނީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަރުކަޒުގައެވެ. 27 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދްމަތް ކުރެއްވިއިރު، އެ މަރުކަޒުގެ އެހީތެރިޔާ ކަމުގެ މަގާމާއި، އިސް އެހީތެރިޔާކަމުގެ މަގާމާއި، އެސިސްޓެންޓް ޑިރެކްޓަރ ކަމުގެ މަގާމުވަނީ ފުރުއްވާފައެވެ. އެ މަރުކަޒުގެ މި ދެންނެވި މަގާމުތަކުގައި ހުންނަވައިގެންވެސް ދިވެހި އަދަބިއްޔާތަށް ފާއިޒާވަނީ ވަރަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކުރައްވާފައެވެ.

މަރްޙޫމާ އާމިނަތު ފާއިޒާގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ، މިއަދުގެ ހުކުރު ނަމާދަށްފަހު، މަސްޖިދުއްސުލްޠާން މުޙަންމަދު ތަކުރުފާނުލްއަޢުޒަމްގައެވެ. މަރްޙޫމާ އާމިނަތު ފާއިޒާއަށް ލިބިވަޑައިގަތީ ތިން ބޭފުޅުންނެވެ. އެއީ، އަޙްމަދު ޢައްބާހާއި، އާމިނަތު ޢައްބާހާއި މުޙަންމަދު ޙިލްމީއެވެ. މި 3 ބޭފުޅުންނަކީވެސް އެބޭފުޅުންގެ ދާއިރާއިން ރާއްޖެއަށް މިހާރުވެސް އިޚްލާޞްތެރި ޚިދްމަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅުންނެވެ.