މާދަމާ އަޅުގަނޑުމެން މިއަޅާ ފިޔަވަޅަކީ، ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުމަށް ކުރަމުންގެންދާ މަސައްކަތުގެ މުހިންމު އަދި ތާރީޚީ ފިޔަވަޅެއް ކަމަށާއި، އެހެންކަމުން، މިކަމުގައި ހުރިހާ ރައްޔިތުން ޤައުމީ ރޫޙުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އެދިވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގަތީ، މިއަދު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުން ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންތިޚާބުވީ ކައުންސިލަރުން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު މުޅި ރާއްޖޭގައި މާދަމާ ބާއްވަވާ ގޮތަށް ހަމަޖެހިފައިވުމާއެކު، މި ތާރީޚީ ދުވަހަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ، އިންޑިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އުޅުއްވަމުން، މިއަދު ދެއްވި ރޭޑިޔޯ ޚިޠާބުގައި، ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު، ހުރިހާ ކަންކޮޅުތަކެއްގައިވެސް އެއް އުސޫލަކުން ވަރަށް ރަނގަޅަށް ގެންދެވުމަށްކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، މި މުހިންމު ޤައުމީ ވާޖިބު އަދާކުރެއްވުމަށް މާދަމާ ނުކުމެވަޑައިގަންނަވާ ހުރިހާ ކައުންސެލަރުންވެސް، ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. ކައުންސިލަކީ ސަރުކާރުގެ އެގްޒެކެޓިވްގެ ބައެއްކަމަށްވާއިރު، ސަރުކާރާ ގުޅިވަޑައިގެން ސަރުކާރަށް އެއްބާރުލެއްވުން ދެއްވައިގެން މަސައްކަތް ކުރެއްވުމަކީ، އަޅުގަނޑުމެން މި ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލުވެގެންދާނޭ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ކައުންސެލަރުންގެ މަސައްކަތަށް ވެދެއްވެން އޮތް އެހީތެރިކަމެއް ސަރުކާރުން ވެދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

މިފަދަ ބޮޑު ބަދަލެއް ގެންނައިރު ކުރިމަތިވާ ގިނަ ގޮންޖެހުންތަކެއް ހުންނާނެކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވަމުން، ސިޔާސީ ޕާޓީތަކާއި ސަރުކާރުގެ މުއައްސަސާތަކާއި އިންތިޚާބުވެފައިވާ ކައުންސިލަރުން ގުޅިވަޑައިގެން ޤައުމީ ރޫޙުގައި މަސައްކަތް ކުރައްވައިފިނަމަ މިކަންތައްތައް ވަރަށް ރަނގަޅަށް ޙައްލުކުރެވޭނެކަމުގެ ޔަޤީންކަން ލިބިވަޑައިގެންފައިވާކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، އެމަނިކުފާނު އިންޑިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ މައްޗަށް ބައްލަވާލައްވަމުން، މި ދަތުރުފުޅުގައި ސަސެޕްގެ ވާރލްޑް ކޮންފަރެންސް އޮން ސައުތު އޭޝިޔާ ހުޅުވުމުގެ ރަސްމިއްޔާތުގައި އިއްޔެ ތަޤްރީރު ކުރެއްވުމުގެ އިތުރުން، އިންޑިޔާގެ އެކިއެކި މިނިސްޓަރުންނާއި، އެކިއެކި ވެރިންނާ ބައްދަލުކުރައްވަމުން އެބަ ގެންދަވާ ކަމަށް ވިދާޅުވިއެވެ. އަދި އިންޑިޔާއިން ދިވެހިރާއްޖޭގެ ތަރައްޤީއަށް ވެދެވެންހުރި އެހީތަކާގުޅޭގޮތުން މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށާއި، އިންޑިޔާގެ އެހީތެރިކަމާއެކު، ރާއްޖޭގެ ތަރައްޤީއަށް މިހާރަށްވުރެ އަދި މާބޮޑު ހަލުވިކަމެއް ގެނެވިދާނެކަމަށް ފެނިވަޑައިގަންނަވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.