ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އިންޑިޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އިންޑިޔާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް އެސް. އެމް. ކްރިޝްނާއާއި، ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ޝިވްޝަންކަރ މެނަން އާ މިއަދު ބައްދަލުކުރައްވައިފިއެވެ. މީގެއިތުރުން، އިންޑިޔާގެ ވެރިކަން ހިންގާ ޔުނައިޓެޑް ޕްރޮގްރެސިވް އެލައަންސްގެ ޗެއަރޕަރސަން އަދި ކޮންގްރެސް ޕާޓީގެ ރައީސާ ސޯނިޔާ ގާންދީއާއި، އިންޑިޔާގެ ފޮރިން ސެކްރެޓަރީ ނިރުޕަމާ ރާއޯ އާވެސް ރައީސުލްޖުމްހޫރިއްޔާ މިއަދު ބައްދަލުކުރެއްވިއެވެ.

މި ބައްދަލުކުރެއްވުންތަކުގައި، މައިގަނޑުގޮތެއްގައި މަޝްވަރާ ކުރެއްވީ، ރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައި އޮންނަ ގުޅުމާއި، މި ގުޅުން އިތުރަށް ބަދަހިކުރައްވައި، ފުޅާ ކުރެއްވުމާ ބެހޭގޮތުންނެވެ.

ރައީސުލްޖުމްހޫރިއްޔާ، އިންޑިޔާގެ ޚާރިޖީ ވަޒީރު، އެސް. އެމް. ކްރިޝްނާއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، އިންޑިޔާ ސަރުކާރުން ރާއްޖެއާ ދޭތެރޭ ބާއްވަވާ ގާތް ގުޅުމާއި، ދެއްވަމުން ގެންދަވާ އެހީތެރިކަމަށ ޓަކައި އިންޑިޔާ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.

އިންޑިޔާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ޝިވްޝަންކަރ މެނަންއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، މިއަހަރު ފަހުކޮޅު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާކް ސަމިޓާއި، މި ސަމިޓަށްޓަކައި ރާއްޖެއިން ވަމުންދާ ތައްޔާރީތަކާބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ މަޝްވަރާ ކުރެއްވިއެވެ. މީގެއިތުރުން، ސާކްގެ ހިންގުމުގައި، ސާކްގެ ސެކްރެޓަރީ ޖެނެރަލާއި، ސާކް ސެކްރެޓޭރިއަޓްގެ ދައުރު މިހާރަށްވުރެ ފުޅާ ކުރެއްވުމާ ބެހޭގޮތުންވެސް ވާހަކަފުޅު ދެއްކެވިއެވެ. އަދި ސަރަޙައްދީ އެއްބާރުލުން އިތުރުކުރެއްވުމާއި، ކަނޑުފޭރޭ މީހުންގެ ނުރައްކާ، މި ސަރަޙައްދުގައި އިތުރުވެފައިވާ މިންވަރާއި، މިކަމުގެ ސަބަބުން ކުރިމަތިވާ ނުރައްކާ ކުޑަކުރުމަށް ދެޤައުމުން ގުޅިގެން ކުރެވިދާނެ ކަންކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާއާއި، އިންޑިޔާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، އިންޑިޔާގެ ފޮރިން ސެކްރެޓަރީ ނިރުޕަމާ ރާއޯއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ، މެދުއިރުމަތީގެ، ޚާއްޞަ ގޮތެއްގައި ލީބިޔާގެ މިހާރުގެ ހާލަތާ ބެހޭގޮތުންނެވެ.

ރައީސުލްޖުމްހޫރިއްޔާ، އިންޑިޔާގެ ޔުނައިޓެޑް ޕްރޮގްރެސިވް އެލައަންސްގެ ޗެއަރޕަރސަން ސޯނިޔާ ގާންދީއާ ބައްދަލުކުރައްވައި، ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވުމަށް އެކަމަނާއަށް ދަޢުވަތު ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ރިސަރޗް އެންޑް އިންފޮރމޭޝަން ސިސްޓަމް ފޮރ ޑިވެލޮޕިންގ ކަންޓްރީޒްގެ ޗެއަރމަން އެމްބެސެޑަރ ޝިޔަމް ސަރަންއާވެސް މިއަދު ބައްދަލުކުރެއްވިއެވެ.

މި ހުރިހާ ބައްދަލުކުރެއްވުންތަކެއްގައިވެސް، ރާއްޖޭގައި ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރައްވައި، ހުރިހާ ބޭފުޅުންވެސް ރައީސުލްޖުމްހޫރިއްޔާއަށް ތަހުނިޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިޔާއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ، "ވާރލްޑް ކޮންފަރެންސް އޮން ރިކްރިއޭޓިން ސައުތު އޭޝިޔާ: ޑިމޮކްރަސީ، ސޯޝަލް ޖަސްޓިސް، އެންޑް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް"ގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މިގޮތުން، އެމަނިކުފާނު ވަނީ، މި ކޮންފަރެންސް ހުޅުވުމުގެ ޖަލްސާގައި މިއަދު ތަޤްރީރު ކުރައްވާފައެވެ.