ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ލީބިޔާގެ މިހާރުގެ ޙާލަތާމެދު ކަންބޮޑުވުން ފާޅުކުރައްވައި، އެ ޤައުމުގެ ރައްޔިތުންގެ އެދޭ ބަދަލު، އެ ޤައުމަށް ގެނެސްދިނުމަށް، ބޭނުންވާ ފިޔަވަޅުތައް އެޅުމަށް، ބައިނަލްއަޤްވާމީ މުޖްތަމަޢަށް ގޮވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާގޮތުގައި، ލީބިޔާގައި ޑިމޮކްރަސީ ޤާއިމްކުރުމަށް ގޮވާލައި، އެ ޤައުމުގެ ރައްޔިތުން ހިންގަމުންގެންދާ ޙަރަކާތްތަކަށް، ރާއްޖެއިން ތާއީދު ކުރެއެވެ. އަދި ލީބިޔާގައި ޑިމޮކްރަސީއަށް ގޮވާލައި، އެ ޤައުމުގެ ރައްޔިތުން ހިންގަމުންގެންދާ ހަރަކާތްތައް ހުއްޓުވުމަށް، އެ ޤައުމުގެ ސަރުކާރުން ހިންގާ އަނިޔާވެރި ޢަމަލުތައް ވަގުތުން ހުއްޓުވުމަށް އެ ޤައުމުގެ ސަރުކާރަށް ބާރުއެޅުމަށް، ހުޅަނގުގެ ޤައުމުތަކަށާއި، އެފްރިކާއަށާއި އަދި ޢަރަބި ޤައުމުތަކަށާއި، އެފްރިކަން ޔޫނިއަންއަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައެވެ.

ލީބިޔާގައި ޑިމޮކްރަސީއަށް ގޮވާލައި ކުރަމުންދާ މުޒާހަރާތައް ހުއްޓުވުމަށް އެ ޤައުމުގެ ސަރުކާރުން ބާރުގެ ބޭނުން ކުރުމުގެ ސަބަބުން، ވޭތުވެ ދިޔަ ހަތަރު ދުވަހުގެ ތެރޭގައި، މަދުވެގެން 233 މަރާލާފައިވާކަމަށް ހިއުމަން ރައިޓްސް ވޮޗުން ބުނެއެވެ.

މިޞުރުގައި، ޑިމޮކްރަސީއަށް ގޮވާލައި ހިނގާދިޔަ އެއްވުންތަކާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ވިދާޅުވުން މި ދަނޑިވަޅުގައިވެސް އެމަނިކުފާނު ތަކުރާރު ކުރައްވައެވެ. މިގޮތުން، އަނިޔާ ނުލިބި ދިރިއުޅުމުގެ ޙައްޤާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ރައްޔިތުންނަށް އެމީހުން ބޭނުންވާ ސަރުކާރެއް ހޮވުމުގެ މިނިވަންކަމަކީ، ހަމައެކަނި ހުޅަނގުގެ ޤައުމުތަކުގައި ލިބިދޭންޖެހޭ ޙައްޤުތަކެއް ނޫންކަމާއި، މިއީ މުޅިދުނިޔޭގެ ހުރިހާ ރައްޔިތުން ބޭނުންވާ ޙައްޤުތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވައެވެ.

އަސާސީ ޙައްޤުތަކާއި، މިނިވަންކަމަކީ، ދުނިޔޭގެ ހުރިހާ ރައްޔިތުންވެސް ބޭނުންވާ ކަންކަން ކަމަށާއި، ލީބިޔާއާއި، މެދުއިރުމަތީގެ ގިނަ ޤައުމުތަކެއްގެ މަގުތަކުން މިހާރު ފެންނަމުން އެދަނީ، މި ކަންކަން ހޯދުމަށް ރައްޔިތުންވާ ޤުރުބާނީކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރައްވައެވެ. އަދި، ލީބިޔާއާއި، އިސްލާމީ ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި، ޑިމޮކްރަސީއަށް ގޮވާލެވޭ ގޮވާލުންތަކާމެދު ޖެހިލުންވެވަޑައިނުގެން، މި ޤައުމުތަކުގައި ޑިމޮކްރަސީއަށް ގޮވާލާ ރައްޔިތުންނަށް ތާއީދު ކުރެއްވުމަށް، ހުޅަނގުގެ ޤައުމުތަކުގެ ވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވާފައިވާ ގޮވާލެއްވުން، މިދަނޑިވަޅުގައިވެސް އެމަނިކުފާނު ތަކުރާރު ކުރައްވައެވެ.