ނިއުޒީލެންޑްގެ ކްރައިސްޓްޗަރޗަށް މިއަދު އައި ބާރުގަދަ ބިންހެލުމެއްގައި، ގިނަ ބަޔަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވެ، މުދަލަށާއި، އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، ނިއުޒީލެންޑްގެ ބޮޑުވަޒީރު ޖޯން ކީ އަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހަމްދަރުދީ ފޮނުއްވައިފިއެވެ.

ބޮޑުވަޒީރު ޖޯން ކީ އަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ހަމްދަރުދީގެ މެސެޖްގައި، ހިތާމައިގެ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ނިއުޒީލެންޑް ސަރުކާރަށާއި، ރައްޔިތުންނަށާއި، ބޮޑުވަޒީރު ކީ އަށާއި އަދި މި ހާދިސާގައި ގެއްލުން ލިބުނު މީހުންނަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ.

އަދި، މި ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި އެދިވަޑައިގެންފައިވެއެވެ.