ރާއްޖޭގެ ބާޒާރުގައި ބޭރު ފައިސާ ލިބުން ދަތިވެފައިވާތީ، އެކަމަށް ޙައްލެއް ހޯއްދެވުމާބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރައްވައިފިއެވެ. މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި، މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ބޭރު ފައިސާ ލިބުމުގެ ދަތިކަން ދިގު މުއްދަތަކަށް ދެމިގެންގޮސްފައިވާއިރު، މިކަމާމެދު އެކަށީގެންވާ ފިޔަވަޅުތަކެއް އަވަހަށް އެޅުމަކީ، ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރެއްވިއެވެ. މިކަމާބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު، ބޭރު ފައިސާއާބެހޭ ގަވާއިދުތައް ތަންފީޒު ކުރުމުގެ ކަންކަން މިހާރަށްވުރެ ހަރުދަނާ ކުރައްވައި، ބޭރު ފައިސާ، ފަސޭހައިން ގަންނަން ލިބޭނެ އިންތިޒާމުތަކެއް ވީހާވެސް އަވަހަކަށް ހަމަޖެއްސެވުމަށް އެޅުއްވެން ހުރި ފިޔަވަޅުތައް ކަނޑައަޅުއްވައި، އެފިޔަވަޅުތައް އެޅުއްވުމަށް ނިންމެވިއެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އިންޓަރނޭޝަނަލް އެންޓި-ކޮރަޕްޝަން އެކަޑަމީ، (އައި.އޭ.ސީ.އޭ.) ގައި ރާއްޖެއިން ބައިވެރިވުމަށް ނިންމެވިއެވެ. އައި.އޭ.ސީ.އޭ.އަކީ، އ.ދ.އާ ގުޅިގެން އޮސްޓްރިއާއިން އުފައްދާފައިވާ ޖަމްޢިއްޔާއެކެވެ. މިއަހަރު މަސައްކަތްތައް ފެށުމަށް ކަނޑައަޅާފައިވާ މިޖަމްޢިއްޔާގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ކޮރަޕްޝަން ނައްތާލުމަށް މަސައްކަތް ކުރާ ޖަމްޢިއްޔާތަކަށް އެހީތެރިކަން ފޯރުވައިދިނުމާއި، ކޮރަޕްޝަން ނައްތާލެވޭނެ ގޮތްތައް ދެނެގަތުމާއި، މިކަމާބެހޭގޮތުން ތަމްރީނުތައް ދިނުން ހިމެނެއެވެ.

ވަޒީރުންގެ މަޖިލީހުގެ މެންބަރުން ދެއްކެވި ވާހަކަފުޅުގައި، މިފަދަ ޖަމްޢިއްޔާއެއްގައި ރާއްޖެ ބައިވެރިވުމަކީ، ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ލިބޭނެ އިތުރު ހިތްވަރެއްކަމަށް ވިދާޅުވިއެވެ. އަދި ކޮރަޕްޝަން އިންޑެކްސްގައި މިދިޔަ އަހަރު ރާޢްޖެ ދަށަށްގޮސްފައިވުމާއެކު، އެކަމުގެ އަޞްލަކީ، ރިޕޯޓުކުރަންޖެހޭ ކަންކަން، ރިޕޯޓު ނުކުރެވިދިޔުންކަމާއި، މިހާރު ރިޕޯޓު ކުރެވެމުންދާތީ، އެކަން އިންޑެކްސްއިން ދައްކަނީކަން މެންބަރުން ފާހަގަކުރެއްވިއެވެ. އަދި މިހާރު ކަންކަން ބެލި، ފިޔަވަޅު އަޅަމުން ގެންދެވޭތީ، ކުރިމަގުގައި ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެ މައްޗަށްދާނެ ކަމަށް ފެނިވަޑައިގަންނަވާކަމަށް މެންބަރުން ވިދާޅުވިއެވެ.