ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ ދަށުން، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމަށްޓަކައި، އެ ޤާނޫނުގެ ދަށުން އުފައްދަވާފައިވާ އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކުގެ ވާޖިބުތައް އަދާކުރުމަށް އެހީތެރިވެދީ، އިދާރީ ކަންކަން ކުރުމަށްޓަކައި، އެ ޤާނޫނުގެ 127 ވަނަ މާއްދާގައި ބަޔާންކުރާ ކައުންސިލްތަކުގެ އިދާރާތައް، އެ ޤާނޫނުގައިވާ ގޮތުގެ މަތީން ރައީސުލްޖުމްހޫރިއްޔާ މިއަދު އުފައްދަވައިފިއެވެ.

އަތޮޅު ކައުންސިލްތަކުގެ އިދާރާތަކާއި، ރަށު ކައުންސިލްތަކުގެ އިދާރާތައް އުފެއްދެވުމާ ގުޅިގެން، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުން، އަތޮޅު ކައުންސިލްތައް ނިސްބަތްވާ އިދާރީ ދާއިރާތަކުގައި އަތޮޅު އޮފީހުގެ ނަމުގައި ހިނގަމުންދާ އޮފީސްތައް ހިނގަމުންދާނީ އަތޮޅު ކައުންސިލްތަކުގެ އިދާރާތަކުގެ ނަމުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާވަނީ ހަމަޖައްސަވާފައެވެ. އަދި، ރަށު ކައުންސިލްތައް ނިސްބަތްވާ އިދާރީ ދާއިރާތަކުގައި ރަށު އޮފީހުގެ ނަމުގައި ހިނގަމުންދާ އޮފީސްތައް ހިނގަމުންދާނީ ރަށު ކައުންސިލްތަކުގެ އިދާރާތަކުގެ ނަމުގައި ކަމަށްވެސްވަނީ ހަމަޖައްސަވާފައެވެ.

މިގޮތަށް ހަމަޖެއްސެވުމުން، އެއް ރަށު އޮފީހަށްވުރެ ގިނަ ރަށު އޮފީސްތައް ހުރި ރަށްރަށުގެ ރަށުއޮފީސްތަކަކީ، އެ ރަށެއް ނިސްބަތްވާ ރަށު ކައުންސިލްގެ އިދާރާގެ ބައެއްކަމުގައިވަނީ ނިންމަވާފައެވެ. އަދި ފުވައްމުލަކުގެ 8 އަވަށުން އިންތިޚާބުކޮށްފައިވާ ރަށު ކައުންސިލްތަކުގެ އިދާރާއަކީ މިހާރު ފުވައްމުލަކުގައި ހުރި، ފުވައްމުލަކު ރަށުއޮފީސް ކަމަށްވެސްވަނީ ކަނޑައަޅުއްވާފައެވެ.
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ އުފެއްދުމުން، އައްޑުއަތޮޅު އަތޮޅުއޮފީހުގެ ނަމުގައި ހިނގަމުންދާ އޮފީސް ހިނގަމުންދާނީ އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ނަމުގައި ކަމަށްވެސްވަނީ ހަމަޖައްސަވާފައެވެ. އަދި، އައްޑުއަތޮޅުގެ ރަށުއޮފީސްތަކުގެ ނަމުގައި ހިނގަމުންދާ، ސ. ހުޅުދޫ އޮފީހާއި، ސ. މީދޫ އޮފީހާއި، ސ. ހިތަދޫ އޮފީހާއި، ސ. މަރަދޫ އޮފީހާއި، ސ. މަރަދޫފޭދޫ އޮފީހާއި، ސ. ފޭދޫ އޮފީހަކީ، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ބައެއްގެ ގޮތުގައިވެސް ވަނީ ހަމަޖައްސަވާފައެވެ.

މާލޭ ސިޓީ ކައުންސިލްގެ އިދާރާ އުފެއްދެވުމާ ގުޅިގެން، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުން، މާލޭ މުނިސިޕަލްޓީ ހިނގަމުންދާނީ، މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ނަމުގައިކަމަށްވާތީ، މާލޭ މުނިސިޕަލްޓީގެ ދަށުން ހިނގަމުންދާ އަވަށު އޮފީސްތަކަކީ، މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ބައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާވަނީ ކަނޑައަޅުއްވާފައެވެ.