بســم اللّـه الرّحمـن الرّحيــم

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސް އޮނަރަބްލް އިބްރާހީމް ޙުސައިން ޒަކީ، ޕާޓީގެ ޗެއަރޕަރސަން އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ދައުލަތުގެ ވެރިންނާއި އަދި ވަކިން ޚާއްޞަކޮށް ވަޑައިގެން ތިއްބެވި މިލަންދޫގެ ލޮބުވެތި ރައްޔިތުން.

السّـلام عليـكم

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ، މިރާއްޖޭގެ ވެރިކަން ކުރުމަށް ނުކުތީ ރާއްޖޭގެ ތަރައްޤީގެ ތަޞައްވުރަކާ އެކުގައި. މިރާއްޖެ ބަދަލު ކުރުމަށް ކުރާން ހުރި ކަންކަމަކީ ކޮބައިކަން އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެނގިގެން. ރާއްޖެ ބަދަލުވާންވެއްޖެ ކަމާއި، ވާންޖެހޭނީ ކޮން ބަދަލެއް ކަމާއި، އެބަދަލު ގެނައުމަށް ކުރާން ޖެހެނީ ކޮން ކަމެއްކަން މި އެންމެ ކަންކަމީ، އަޅުގަނޑުމެންނަށް މާކުރީއްސުރެ ސާފުވެފައި އޮތް ޙަޤީޤަތްތަކެއް. މިޕާޓީގެ ފަރާތުން ރާއްޖޭގެ ރައްޔިތުންގެ އަޑު އެހި. މި މިލަންދޫގައިވެސް އަޅުގަނޑުމެންގެ ޕާޓީގެ ފަރާތުން ދޮރުން ދޮރަށް، ގެއިން ގެއަށް، އެކެއް ކައިރިން އަނެކެއް ކައިރިން ހިނގި އަދަދު، އަޅުގަނޑު ހިތުން އަޅުގަނޑުމެންނަށް މިހާރު ގުނާކަށް ނޭނގޭނެ. އަޅުގަނޑުމެން އަބަދުވެސް މިރަށަށް އަންނަން. އަބަދުވެސް އަޅުގަނޑު މިރަށަށް އަންނަ ހިތްވާނެ، ވޭ. އަދި ކުރިއަށްއޮތް ތަނުގައިވެސް އިރާދަކުރެއްވިއްޔާ މިރަށަށް އަޅުގަނޑު އަންނާނަން.

އަޅުގަނޑުމެންގެ އޮންނަނީ އެންމެ އަމާޒެއް. އެއީ، މި ރާއްޖޭގެ ތަރައްޤީ. އަޅުގަނޑުމެންގެ އޮންނަނީ އެންމެ ބޭނުމެއް. އެއީ، މިލަންދޫ މީހުން މުއްސަނދިވުން. މިލަންދޫ މީހުން ތަނަވަސްވުން. އެމީހުންގެ ޙާލަތު ބަދަލުވުން. މިޕާޓީގެ ފަރާތުން މިރަށުގައި ހިނގި ހިނގުމާއި، ބެލި ބެލުމުން މިޕާޓީއަށާއި މިސަރުކާރަށް ފާހަގަވި އެންމެ މުހިންމު އެއް ނުކުތާއަކީ، މިރަށުގެ ރައްޔިތުންގެ ތެރެއިން ކޮންމެ ތިންމީހަކުންކުރެ އެކަކީ ނިކަމެއްޗެއްކަން. އަޅުގަނޑުމެން ހިތައި އުޅެނީ ވަރަށް ތަނަވަސް ރަށެއް ކަމަށް. އަޅުގަނޑުމެން ހީކޮށް ތިބެނީ ކޮންޓްރެކްޓް މަސައްކަތަށް ލިބޭ ފައިސާއިން މުޅި މިރަށަށް އާމްދަނީ ފެތުރިފައި އޮންނަ ކަމަށް. އެހެންނަމަވެސް، އަޞްލު ޙަޤީޤަތަކީ މިރަށުގެ ކޮންމެ ތިންމީހަކުން ކުރެ އެކަކީ، އޭނާއަށް ރެޔާއި ދުވާލަށް އާމްދަނީގެ ގޮތުގައި ވިހި، ފަނަރަ ރުފިޔާ ނުލިބޭ މީހުން. އޭނާގެ ބޭސްފަރުވާއަށް ޑޮކްޓަރަށް ދެއްކިގެން ބޭސްސިޓީއެއް ލިބުނު ނަމަވެސް އެސިޓީއަށް ބޭސްނެގޭނެ ގޮތެއް ނެތް މީހުން. އޭނާގެ ދަރިން މަދަރުސާއަށް ފޮނުވި ނަމަވެސް ދަރިންގެ ފޮތް، ފަންސުރު، ގަލަން، ބޫޓާއި ޔުނިފޯމް ގަންނާނެ ފައިސާ ފުރިހަމައަށް ނެތް މީހުން. އަދި ކިތަންމެ ފަހަރަކު ހަމައަށް ކެވުނު ކަމުގައިވިޔަސްވެސް ތަނަވަސް ރަނގަޅު ދިރިއުޅުމެއް، ރީތި ރަނގަޅު ބޯހިޔާވަހިކަމަކާ އެކީގައި ހާސްކަމެއްނެތި އުޅެވޭނެ ގޮތް ނެތް މީހުން މިރަށުގައިވެސް އަދިވެސް ބައިވަރު. މިލަންދޫ ތަރައްޤީ ކުރަން އަޅުގަނޑުމެން ބޭނުމިއްޔާ ތަރައްޤީ ކުރަން މިޖެހެނީ މިރަށު މީހާ. މިލަންދޫ މީހާ. އަޅުގަނޑުމެންނަކަށް މިރަށް ތަރައްޤީކޮށްގެނެއް މިރަށުގެ މީހާ އަދި ތަރައްޤީއެއް ނުވޭ. މިރަށުމީހާ ތަރައްޤީވުމަށްޓަކައި އެމީހާއަށް އިޖްތިމާޢީ ރައްކާތެރިކަމެއް ފޯރުކޮށްދިނުމަކީ ކޮންމެހެން ބޭނުންތެރިކަމެއް.

ޕާޓީގެ ފަރާތުން ވަޢުދުވީ، ޕާޓީގެ ތާޒާ ބަހުރުވައިން މި ރާއްޖޭގެ ހުރިހާ ރައްޔިތުން ބޭސްސިޓީއަށް ސަލާންޖަހާ ޖެހުން، އިރާދަކުރެއްވިއްޔާ ޕާޓީގެ ސަރުކާރެއްގައި އަޅުގަނޑުމެން ނައްތާލަދޭނަމޭ. މި ސަރުކާރަށްވެސް މިޕާޓީއަށްވެސް ވަރަށް ސާފުކޮށް އެނގޭ، މިރާއްޖޭގައި، މި މިލަންދޫގައި ދެވޭ ކިތަންމެ ޚިދްމަތަކީ އަދި އެންމެ އެކަށީގެންވާ ގޮތަށް، ފެންވަރަށް ދެވޭ ޚިދްމަތް ނޫންކަން. އެހެންނަމަވެސް، އަޅުގަނޑުމެންނަށް ސާފުވާ ދެވަނަ ޙަޤީޤަތަކީ މިދެންނެވި އެކަށީގެންނުވާ ޚިދްމަތްތަކަށްވެސް މިރަށުގެ ރައްޔތުންގެ ތެރެއިން ވަރަށްގިނަ މީހުންނަށް އަތެއް ނުފޯރައޭ. އެމީހުންގެ އާމްދަނީ މާމަދޭ. ޕާޓީން ވަޢުދުވި ވަޢުދު ފުއްދުމަށްޓަކައި ސަރުކާރުން ޤައުމީ ތަރައްޤީގެ އޮނިގަނޑު އެކުލަވާލި. ސަރުކާރުގެ ސިޔާސަތު އެއޮނިގަނޑާ އެއްގޮތަށް ހަމަޖެހުނީ. އެސިޔާސަތު ތަންފީޒު ކުރުމަށްޓަކައި މިހާރު މިވަނީ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރެވިފައި.

އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ އަމާޒަކީ، ފުރަތަމައަށް މިރަށްރަށުގެ ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުން. މަދަނައިގެ ވިއުގަ އުފެދިގެން އައީ މިދެންނެވި ހިސާބުން. އަޅުގަނޑު މިއަދު ހިތްހަމަޖެހެނީ، މިޕާޓީއަށް މިއަދު ހިތްވަރު ލިބެނީ، މިސަރުކާރަށް މިއަދު އުފާވެރިކަން އަންނަނީ، މިމިލަންދޫގެ ރައްޔިތުންގެ ތެރެއިން 216 މީހަކު މަދަނައިގައި ރަޖިސްޓަރީވެފައިވާތީވެ. އަދި މިދިޔަ އަހަރު މިރަށު ރައްޔިތުންނަށް މަދަނައިގައި ރަޖިސްޓަރީވެފައި ތިބި މިރަށު ރައްޔިތުންނަށް، ބޭސްފަރުވާ ކުރުމަށްޓަކައި ހަތަރުލައްކަ އަށްޑިހަ ހަތްހާސް ރުފިޔާ ޚަރަދު ކުރެވިފައި އޮތީތީވެ. މިދެންނެވި ފައިސާ ޚަރަދު ކުރެވުނީކީއެއް އެހެން އިތުރު އެއްވެސް ކަމަކަށެއް ނޫން. ހަމަ ސީދާ ބޭސްސިޓީއަށް ބޭސް ފަރުވާ ދިނުމަށްޓަކައި. ނިކަމެތި މީހާއަށް އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުމަށްޓަކައި.

ޕާޓީއަށް ފާހަގަވި ޙަޤީޤަތްތަކުގެ ތެރޭގައި، މި މިލަންދޫގައިވެސް އުމުރުން ދުވަސްވީ މީހުން އުޅެމުންދިޔަ ހާލު އަޅުގަނޑުމެން ދުށިން. އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް ސާފުވެގެންދިޔަ ރުއްރުއް ދޮށުގަޔާއި، ގޮނޑުދޮށްތަކުގަޔާއި، ހޮޅުއަށިތަކުގައި ބިކަހާލުގައި އެމީހުން އުޅެމުން ދިޔަ ތަން. އަތްފައިގައި ބާރުނެތި އެމީހުން އާމްދަނީއެއް ހޯދުމަށް އަމިއްލަ މަސައްކަތް ކުރެވޭނެ ގޮތް ނެތުމުން ބާކީވެ، މާޔޫސްވެ، ނިކަމެތިކަންމަތީގައި ދުނިޔޭގައި ހަޔާތުގެ ފަހު ދުވަސްކޮޅު ހިތާމައިގައި ހޭދަކުރަމުން ދިޔަތަން އަޅުގަނޑުމެން އެންމެންވެސް ދުށީމު. ޕާޓިން ވަޢުދުވީ އުމުރުން 65 އަހަރުން މަތީގެ އާމްދަނީ މަދު ކޮންމެ މީހަކަށް ދެހާސް ރުފިޔާގެ ޕެންޝަނެއް ޕާޓީގެ ސަރުކާރުގައި ދޭނެކަމަށް. އަޅުގަނޑުމެންނަށް މިއަދު އުފާވެރިކަން ލިބެނީ، އަޅުގަނޑުމެންނަށް މިއަދު ހިތްހަމަޖެހުން ލިބެނީ، މިރަށުގެ 90 ރައްޔިތަކަށް، 65 އަހަރުން މަތީގެ މީހުންނަށް ދެވޭ އަސާސީ ޕެންޝަން ގަވާއިދުން ދެމުންދޭތާ މިއަދަށް މިވީ 2 އަހަރު. އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، މިރަށަށް ކޮންމެ މަހަކު އެއްލައްކަ އަށްޑިހަ ހާސް ރުފިޔާ ޕެންޝަންގެ ގޮތުގައި ޚަރަދު ކުރުމުގެ ފުރުސަތު ސަރުކާރަށް ލިބިފައިވާތީ.

މި ސަރުކާރުގެ ބޭނުމަކީ އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުން. އެކަނިވެރި މައިންނާއި ޔަތީމު ކުދިންނާއި އަދި އެނޫންވެސް ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ މިޕާޓީ ވަޢުދުވެފައިވާ ވަޢުދެއް. އަޅުގަނޑު މިއަދު ހިތްހަމަޖެހެނީ، މިރަށުގެ 11 ފަރާތަކަށް މިދިޔަ އަހަރު 95 ހާސް ރުފިޔާ، އެކަނިވެރި މައިންނަށް ދެވޭ އެހީގެ ގޮތުގައި ދެވިފައިވާތީ. އެފައިސާ ޚަރަދު ކުރުމުގެ ފުރުސަތު އަޅުގަނޑުމެންނަށް ލިބިފައިވާތީވެ.

ރަށެއް ތަރައްޤީ ކުރެވޭނީ، އެރަށެއްގެ ރައްޔިތުންނަށް ފަޤީރުކަމުން ސަލާމަތްވެވިގެން. ފަޤީރުކަމުން ނެއްޓޭނޭ ގޮތެއް ހޯދައިދެވިގެން. އަޅުގަނޑު ކިތަންމެ ތަނަވަހަކަސް، އަދި ތީގެ ތެރެއިން ބައެއް ބޭފުޅުން ކިތަންމެ ތަނަވަހަކަސް ކޮބައިތޯ ތަނަވަސްކަމުގެ ބޭނުމަކީ. ކޮބައިތޯ އޭގެން ކުރާނެ ފައިދާއަކީ، ޖެހިގެން ހުރި ގޭމީހާ އުޅެނީ ހަމައަށް ތިންއިރު ނުކައި ކަމަށްވަންޏާ. އޭނާގެ ދަރިން މަދަރުސާއަށް ދެވޭނެ ގޮތެއް ނެތިއްޔާ، އޭނާގެ މައިންބަފައިންނަށް އެހީތެރިވެވޭނެ ގޮތެއް ނެތިއްޔާ، އޭނާއަށް ރައްކާތެރކަމެއް ނެތްހާ އިރަކު އަޅުގަނޑުމެންނަކަށް މިރަށެއް ތަރައްޤީއެއް ނުކުރެވޭނެ. އަޅާބޮޑު ބިނާއަކުން ކުރާ ބޮޑު ޢިމާރާތަކުން އަޅުގަނޑުމެން މިއެދޭ ތަރައްޤީއެއް އަޅުގަނޑުމެންނަކަށެއް ނުލިބޭނެ. ތަރައްޤީއަކީ މިރަށު މީހާ ތަރައްޤީވުން. މިރަށު މީހާ ކުރިއަރާ ދިޔުން. އޭނާގެ ޢާންމު ޙާލަތު ބަދަލުކުރުން. އަޅުގަނޑުމެންގެ އަމާޒަކީ، މިރަށު ރައްޔިތުން މުއްސަނދި ކޮށްދިނުން. އެމުއްސަނދިކަމަށްޓަކައި ފުރަތަމަ ޖެހިގެން ހުރިމީހާއާ އަޅާލަން މިޖެހެނީ. ތަރައްޤީއަށްޓަކައި ކުރާން މިޖެހެނީ ވަކި ޚާއްޞަ ކަންތައްތަކެއް، ވަކި އިރެއްގައި، ވަކި ގޮތަކަށް. އަޅުގަނޑުމެން އެދޭ ބަދަލު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ހޯދޭނެ.

މިރަށުގެ ތަރައްޤީގެ އެހެންވީމާ، އެންމެ މުހިންމު ބިންގަލަކީ، ނާރެސްއަކީ މިރަށުގެ މަދަރުސާ. މިރަށް ރާއްޖޭގެ އެހެން ރަށްރަށަށް ވުރެ ތަނަވަސްވެ، އެހެން ރަށްރަށަށްވުރެ ކުރިއަރައި ދާ ކިތަންމެ ސަބަބެއް އެބަވޭ. އެހެންނަމަވެސް ޚިޔާލަކީ ތަޢްލީމު. މިރަށުގައި އޮންނަނީ މިރާއްޖޭގައި ކިޔަވައިދޭ މަދަރުސާތަކުގެ ތެރެއިން މިހާރު އެންމެ ރަނގަޅަށް ކިޔަވައިދޭ އެއް މަދަރުސާ. މިރަށު ދަރިވަރުންނަށް ފޮތް، ފަންސުރު، ގަލަން ހޯދައިދިނުމަށްޓަކައި ދެލައްކަ ނުވަދިހަ ފަސްހާހަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރެވިފައި އޮތްކަމީ، މި ސަރުކާރަށް އުފާވެރިކަން ލިބޭ ކަމެއް. މިރަށު ދަރިވަރުން އޯ ލެވެލް އިމްތިޙާނުގައި ބައިވެރިވުމަށް އަދި އެކުދިންގެ އިމްތިޙާނުގެ ފީ ދެއްކުމަށްޓަކައި ނުވަދިހަފަސްހާސްރުފިޔާ ޚަރަދު ކުރެވިފައި އޮތްކަމީ، މި ސަރުކާރަށް އުފާވެރިކަން ލިބޭ ކަމެއް. އަދި އެހެންކަމުން އެނގިވަޑައިގަންނަވާނެ، މިހާރު މިރަށުގެ ސްކޫލަކީ އެއްދަންފަޅިއަށް ކިޔަވާދޭ ސްކޫލެއް. މިދިޔަ އަހަރުވަނީ 8 ކްލާސްރޫމް ބިނާކުރެވި، މިރަށުގެ ސްކޫލް އެއްދަންފަޅިއަށް ބަދަލުކުރެވިފައި. މިރަށުގައި ވަށާޖެހޭ ތަޢުލީމަކާއި ރަނގަޅު ތަރުބިއްޔަތެއް މިރަށު ދަރިންނަށް ދިނުމަކީ ކޮންމެހެން ބޭނުންތެރިކަމެއް.

އަޅުގަނޑުމެންގެ ދަރިން ޖާހިލުކަންމަތީގައި ތިބިހާ ހިނދަކު އަޅުގަނޑުމެންގެ ރަށެއް ކުރިއަރައެއް ނުދާނެ. އަޅުގަނޑުމެންނަށް ތަންދޮރު އޮޅުންފިލީމާ ނޫނިއްޔާ އަޅުގަނޑުމެން މިއެދޭ ބަދަލު އަޅުގަނޑުމެންނަކަށެއް ނުގެނެވޭނެ. އަޅުގަނޑު އަބަދުވެސް ދަންނަވަން، އިއްޔެ ނިމިއްޖެއޭ، މިއަދު އިރު މިއޮއްސެނިއްޔޭ، އަޅުގަނޑުމެންނަށް ޙަޤީޤަތުގައި ހޯދޭންއޮތީ މާދަމާ އެކަނި. އަޅުގަނޑުމެންގެ ދަރިން. އަޅުގަނޑުމެންގެ މުސްތަޤްބަލް. އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަންޖެހެނީ މިދެންނެވި މުސްތަޤްބަލަށްޓަކައި. މިސަރުކާރުގެ އަބަދުވެސް އަމާޒަކަށްވާނީ މުސްތަޤްބަލް. އަޅުގަނޑުމެންނަކީ ނަމެއް ހޯދަންވެގެން އުޅޭ ބައެއް ނޫން. ކަމެއް ކުރަންވެގެން އުޅޭ ބައެއް. އަޅުގަނޑަށް އެބަ އަޑުއިވޭ، ވާދަވެރި ފަރާތްތަކުން އަޅުގަނޑުމެން ވަޢުދު ނުފުއްދާ ވާހަކަ. އަޅުގަނޑު ދަންނަވާލަން އޮތީ، އެބޭފުޅުން ވަޢުދެއްވާންވީނޫންހޭ އިހަށް. ރައްޔިތުންނަށް ވަޢުދުނުވެ ވެރިކަމަށް އައުމުގެ މާނައަކީ، ވެރިކަމަށްޓަކައި ވެރިކަމަށް އައުން. ވެރިކަމުގެ އަރާމާއި ވެރިކަމުގެ ލައްޒަތާއި ވެރިކަމުގެ ޖާހަތަށްޓަކައި ވެރިކަމަށް އައުން. އަޅުގަނޑުމެން ވެރިކަމަށް އައީ، ރައްޔިތުންނަށް ވަޢުދުވެ، އެވަޢުދު ފުއްދުމަށްޓަކައި.

އަޅުގަނޑު ވާދަވެރި ފަރާތްތަކުގައި މިއަދު ދަންނަވާލަން ބޭނުމީ، އަޅުގަނޑުމެންގެ ވަޢުދުތަކާ ބެހޭގޮތުން ވާހަކަދައްކަން ފެށުމުގެ ކުރީގައި، ވަޢުދު ސިޔާސީ ކަންކަމާ ގުޅުވައިގެން މިބަސް ތަޢާރުފު ކުރީވެސް އަޅުގަނޑުމެން. ވަޢުދަކީ ކޮބައިކަމާއި، ރައްޔިތުންނާއެކުގައި މިއުފެއްދޭ ކޮންޓްރެކްޓް އަޅުގަނޑުމެން ފުރިހަމަ ކުރުމަށް އަޅުގަނޑުމެން މިހުށަހަޅާ މެނިފެސްޓޯއާއި، އަޅުގަނޑުމެން މިހުށަހަޅާ ސިޔާސަތުތަކާއި، އެސިޔާސަތުތައް ތަންފީޒު ކުރުމާއި މިކަންކަމަކީ، ޑިމޮކްރަސީގެ ރޫޙުގައި ހިނގާ ކަމެއް. ރައްޔިތަކު ހިފަހައްޓާ، ރައްޔިތަކު އޮބަހައްޓާ، އެމީހުން ބިރު ގެންނެވީމާ، ޤައުމެއް ތަރައްޤީއެއް ނުވާނެ. ރަށެއް ތަރައްޤީއެއް ނުވާނެ. ރައްޔިތުން ދޫކޮށްލީމާ އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ރަށް ތަރައްޤީ ކުރެވޭނީ. ރަށް ތަރައްޤީ ކުރަން ތިބި ބަޔަކީ ރައްޔިތުން. އެރައްޔިތުން ބިރުގެންނެވީމާ އެރައްޔިތުންގެ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމުން އެރައްޔިތުން މަޙުރޫމް ކޮށްފިނަމަ، ދެން އަޅުގަނޑުމެންނަކަށް އަޑެއް ނީވޭނެ.

މިރަށުގައި ތިޔަބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ވަރަށް ޤާބިލު ބޭފުޅެއް އެބަހުންނެވި. އަދި އަބަދުމެ މިރަށައިގެން މަސައްކަތްކޮށް ވާހަކަ ދައްކަވާ ވަކާލާތު ކުރައްވާ ބޭފުޅެއް. އަޅުގަނޑު ގާތުގައި ރިޒާ ހަފްތާއެއް ނުދާނެ ދެތިން ފަހަރު މިރަށާގުޅޭ އެވެނި ވާހަކައެއް މިވެނި ވާހަކައެއް ނުބުނުއްވާ. އަބަދުވެސް މިރަށުގެ ރައްޔިތުންގެ ފަރާތުން، މިދާއިރާގެ ރައްޔިތުންގެ ފަރާތުން ރިޒާ ގެންދަވަނީ ވަކާލާތު ކުރައްވަމުން. އެބޭފުޅާއަކީ މިޒަމާން ދުށް ޑިމޮކްރަސީގެ އާ ފަހުލަވާނުންގެ ތެރެއިން ހަމަ ވަރަށް ކުޅަދާނަ އެއް ޝަޚްސިއްޔަތު. އަޅުގަނޑު މިއަދު މިލަންދޫ ރައްޔިތެއްގެ ގޮތުގައި ހުރެ، ނުވަތަ ބައްޕަގެ ގޮތުގައި ހުރެ އެބޭފުޅާއަށް ޝުކުރު ދަންނަވަން ބޭނުން. އެބޭފުޅާ ތިޔަބޭފުޅުންގެ މަސައްކަތަށްޓަކައި ވަކާލާތު ކުރައްވާ މިންވަރާއި ވާހަކަ ދައްކާދެކުން.

އަޅުގަނޑު އަނެއްކާވެސް މިރަށު ރައްޔިތުންގެ ކިބައިން މިއެދެނީ ޙަޤީޤަތުގައި ދަންނަވަންތޯ މިފަހަރު ނޫނިއްޔާ ތިޔަބޭފުޅުން އަޅުގަނޑު އެދޭ އެދުމަކަށް އަދި ވޯޓެއް ނުދެއްވާ. އަޅުގަނޑު މިހާރު މިއެދެނީ، ތިޔަބޭފުޅުން އެމް.ޑީ.ޕީ.އަށް ވޯޓެއް ދެއްވުމަށް. އަދި ތިޔަބޭފުޅުންނެއް ނުދެއްވާ އެވޯޓެއް. ތިޔަބޭފުޅުންނަށް އެކަން ސާފުކޮށް އެނގިވަޑައިގަންނަވާނީ. އަޅުގަނޑު މިއަދު މިއެދެނީ، ތިޔަބޭފުޅުން އެމް.ޑީ.ޕީ.އަށް އަޅުގަނޑަށް އެނގޭ، ތިޔަހުރިހާ ބޭފުޅުންނަކީ މިއަދު އެމް.ޑީ.ޕީ. މެންބަރުންކަން. އަދި ނުހަނު އިޚްލާޞްތެރިކަމާއި ލޯތްބާއެކީގައި ޕާޓީއާއެކީގައި ކުރިއަށްދާން ތިއްބެވި ބޭފުޅުންކަން. އަޅުގަނޑު ދެން ދެކެލަން ބޭނުންވަނީ މިރަށުގެ ކައުންސިލްގެ ހުރިހާ ގޮނޑިއެއް ތިޔަބޭފުޅުން ތިލަފަތަށް ޖެހުމަށް. އަޅުގަނޑު މިދަންނަވަނީ ތިޔަބޭފުޅުންގެ ވޯޓު ތިލަފަތަށް ޖަހާށޭ. އިތުރުގޮތެއް ހައްދަވަން ނޫޅުއްވާށޭ. ހުރިހާ އެއްޗެއް ތިލަފަތަށް ޖަހާށޭ. އަޅުގަނޑުގެ އަބަދުވެސް އެދުމަކީ، ހުރިހާ އެއްޗެއް ތިޔަބޭފުޅުން ތިލަފަތަށް ޖައްސަވާށޭ. އަޅުގަނޑުމެންގެ އަބަދުވެސް އަމާޒަކީ، ރާއްޖޭގެ ތަރައްޤީ.

ބަނދަރު މި ރަށުގައި ހަދަނީކީއެއް އަޅުގަނޑެއް ނޫން. ނަރުދަމާ މިރަށުގައި އަޅަނީކީއެއް އަޅުގަނޑެއް ނޫން. މަލްޓިޕަރޕަސް ކޮމްޕްލެކްސް މިރަށުގައި އަޅަނީކީ އަޅުގަނޑެއް ނޫން. މިރަށުގެ މަދަރުސާ ހޯލު އަޅަނީކީއެއް އަޅުގަނޑެއް ނޫން. މިރަށުގެ މަގު ހަދަން މިއުޅެނީކީއެއް އަޅުގަނޑެއް ނޫން. މިރަށުގެ ބަނދަރުމަތި ތަރައްޤީ ކުރަން މިއުޅެނީކީ އަޅުގަނޑެއް ނޫން. މިރަށު ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދޭން މިއުޅެނީކީއެއް، ހޭދަމިކުރަނީކީއެއް އަޅުގަނޑެއް ނޫން. އެއީ، ތިޔަބޭފުޅުން ކުރައްވާ ކަމެއް. އެއީ، ތިޔަބޭފުޅުންގެ ފައިސާއިން ތިޔަބޭފުޅުން އަޅުގަނޑާ ހަވާލުކޮށްފައިވާ އަމާނާތެއް، ތިޔަބޭފުޅުންގެ ޚަޒާނާއިން. އެ ނަގާފައި އިންސާފުވެރިކަމާއި، ޢަދުލުވެރިކަމާއި، އަމާނާތްތެރިކަމާއެކީގައި ބެލެހެއްޓުމަކީ އަޅުގަނޑުގެ ވާޖިބެއް.

އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، ތިޔަބޭފުޅުންގެ ފައިސާއިން ލޯލާރިއެއްގައިވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑު ނުޖެހޭނަން. އަޅުގަނޑު ތިޔަބޭފުޅުންނަށްޓަކައި މަސައްކަތް ނުކުރާ އެންމެ ދުވަހެއްވެސް ނުބާއްވާނަން. ކޮންމެ ދުވަހަކުވެސް ދިހަ ގަޑިއިރަށްވުރެ ގިނައިރު މަސައްކަތް ކުރާނަން. އަޅުގަނޑުމެން މިއެދޭ ބަދަލު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހޯދާނަން.

އަޅުގަނޑަށް އެބަ އަޑުއިވޭ، ވާދަވެރި ފަރާތްތަކުން ވިދާޅުވާ އަޑު، މިވެނި އެވެނި ކަމެއް ކުރީ ތިމަންނާމެންނޭ. އާދެ އެބޭފުޅުން، އަޅުގަނޑުގެ މައްސަލައެއްނެތް. ސާކް ސަމިޓުވެސް އެއީ، އެބޭފުޅުންގެ ފިކުރެއް. ކުޅުދުއްފުށްޓާއި، ދިއްދޫއާއި، ތުޅާދުއާއި، ހިންނަވަރާއި، ތިމަރަފުށްޓާއި އަދި ދެންވެސް އެހުރި ހުރިހާ ރަށެއް ހިއްކީވެސް ހަމަ އެބޭފުޅުން. އަޅުގަނޑުމެންގެ މައްސަލައެއް ނެތް. އިޖްތިމާޢީ ރައްކާތެރިކަން ހޯދާދެނީވެސް ހަމަ އެބޭފުޅުން. އަޅުގަނޑުމެންގެ މައްސަލައެއް ނެތް. އަޅުގަނޑުމެން ނޫޅެން ކަމެއްގެ ނަން އެޅޭކަށް.

އަޅުގަނޑު މިވާހަކަތައް ދައްކަމުންދާއިރު އަޅުގަނޑު ކަންބޮޑުވާ އެކަމު އެހެން މައްސަލައެއް އެބައޮތް. އަޅުގަނޑު ގާތުގައި ހޯރަފުށީ ޢިއްޒަތްތެރި މެންބަރު ވިދާޅުވެއްޖެ، ރައީސޭ އަޅުގަނޑުގެ ތިން ދަރިންވެސް ވިހެއީ މިދިޔަ ދައުރުގައޭ، އެއީ އަނެއްކާ ކާކުގެ ކަމެއްބާއޭ. އަޅުގަނޑުމެނެއް ނޫޅެން، ނަން އެޅޭކަށް. އަޅުގަނޑަށް އެނގޭ އެއްޗަކީ، މިރަށުގައި 65 އަހަރުންމަތީގައި ހުރި މީހާއަށް، އޭނާއަށް ސާފުވާނެ އޭނާއަށް އެހީއެއްވެދިނީ ކޮން އިރެއްގައިކަން. އޭނާއަށް އޮޅުންފިލާނެ. އޭނާއަކަށް އޮޅުވައެއް ނުލެވޭނެ. އޭނާއަކީ އޮޑިވެރިއެއް ނޫން. އެހެންވީމާ، އޭނާގެ އަޑެއް ގަދައެއް ނުވާނެ. އޭނާގެ ރުއް ގިނައެއް ނޫން. އެހެންވީމާ އޭނާގެ އަޑެއް ގަދައެއް ނުވާނެ. އޭނާއަކީ ނިކަމެއްޗެއް. އަޅުގަނޑަށް ޔަޤީން، މިރަށުގެ އެކަނިވެރި މައިންނަށް އެނގޭނެކަން ކޮންއިރަކު ކޮންކަމެއްކަން ވާން ފެށީ. އަޅުގަނޑެއް ނެތިން މަދަނައިން ބޭސް ލިބުނު ބޭފުޅުންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ ކޮންކަމެއް، ކާކަށްކަން ހިނގައިދިޔައީ. އަޅުގަނޑުމެނެއް ނުޖެހޭނެ އިސްތިހާރު ކުރާކަށް. އަޅުގަނޑުމެންނެއް ނުޖެހޭ މިލްކިއްޔާތަށް ދަޢުވާ ކުރަން ނުކުންނާކަން. އަޅުގަނޑުމެންގެ އޮތީ ހަމަ އެންމެ ބޭނުމެއް. އެއީ، މިރާއްޖޭގެ ތަރައްޤީ. މިރަށުގެ ތަރައްޤީ.

އަޅުގަނޑުމެން ބުނީމު، ގިނަދުވަހު ފައިސާ ދައްކާ ޚަލާޞްކުރާ އުޞޫލުން ބޯހިޔާވަހިކަން މިރަށުގައި ފޯރުކޮށްދޭނަމޭ. މިރަށުގައި އަޅާ ފްލެޓް އެވާނީ އެހެން ބައެއް އެޅި އެއްޗަކަށް. އެއީ، އަޅުގަނޑުމެންގެ ކަމެއް ނޫން ކަމަށްވާނީ. އަޅުގަނޑުމެން ބުނީމު މިރަށުގެ ބަނދަރު ހަދާނަމޭ. މިހާރު އެހަދާ ބަނދަރު އެވާނީ އެހެން ބައެއްގެ ކަމެއް ކަމަށް. އަޅުގަނޑުމެންގެ ކަމެއް ނޫން ކަމަށްވާނީ. އަޅުގަނޑުމެނެއް އެއިން އެއްވެސް ކަމެއްގެ ނަމެއް ހޯދާކަށެއް ނުމެ އުޅެން. އަޅުގަނޑުގެ އޮންނަނީ ހަމަ އެންމެ މަސައްކަތެއް. ތިޔަބޭފުޅުން އަޅުގަނޑާ ހަވާލުކޮށްފައިވާ އަމާނާތް. ވެރިކަން އިންސާފުވެރިކަމާއެކީގައި ކުރުން. އަޅުގަނޑަށް އެނގޭ، އަޅުގަނޑު ކުރާ އެންމެ ފާފައެއް މާބޮޑުވާނެކަން ތީގެން ހުރިހާ ބޭފުޅުން އެއްކޮށް ކުރާ ހުރިހާ ފާފައަކަށްވުރެ. އަޅުގަނޑަށް އެނގޭ، އަޅުގަނޑު ބޭއިންސާފުން ކުރާ ކޮންމެ ކަމެއް ގޮސް ނިމިދާނީ ފިސާރި ހިތިމަގަށްކަން. ޒައްޤޫމުގެ އަލިފާނަށްކަން. އަޅުގަނޑަށް އެނގޭ، އަޅުގަނޑުމެން އިޚްލާޞްތެރިކަމާއެކީގައި ތިޔަބޭފުޅުންނަށް މަސައްކަތް ކޮށްދޭން ޖެހޭކަން.

އަޅުގަނޑުގެ ހައްތަހާވެސް އެދުމަކީ އަޅުގަނޑުމެންނަށް މިނޫން ދުވަހެއް ފެނުން. އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންގެ ކުރިމަތީގައި މިއޮތީ އުފާވާނޭ ޒަމާނޭ، އުފާވާނޭ ޒަމާނޭ، ހިތާއޭ އަހާށޭ، އުފާވެރިވި މި ރާގޭ.

والحَمْـدُ لِلّـهِ. والســّلام عليــكم.
_______________________